ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އުދަބާނި"ގެ ދެވަނަ ބައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެއްކުމަށް އަމާޒު ހިފައިފިއެވެ.
އުދަބާނި ނަމުގައި ނެރުނު ވާހަކައަކަށް ބިނާކޮށް 2009ގައި ނެރުނު ބިރުވެރި ޑްރާމާ ފިލްމަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ.
ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އަމްޖޭ މިހާރު ރެޑީ ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރުމަށެވެ. ފިލްމުގެ ޝޫޓިން މިދިޔަ މަހުގައި ނިންމާލި ނަމަވެސްް ފިލްމުގެ ބައެއް އިތުރު މަންޒަރުތަކެއް ނަގަން ޖެހިފައިވާތީ ޓީމު މިހާރު އަނެއްކާ ވެސް ވަނީ ރ. އަތޮޅު މާކުރަތަށް ގޮސްފައެވެ.
މި ފިލްމުގެ އިތުރު މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ޕޯސްޓް ޕްރޮޑަކްޝަންގެ ބޮޑު ބައެއްގެ މަސައްކަތްތަކެއް ވެސް ވަނީ މިހާރު ކުރިއަށް ގެންގޮސްފައެވެ.
މި ހުރިހާ މަސައްކަތްތަކެއްކޮށް އަންނަ އަހަރުގެ ތެރޭގައި މިހާރު ފިލްމު އެޅުވުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން އަމްޖޭގެ ޓީމުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން ފިލްމު ދައްކަން ފެށުމަށެވެ.
އަމާޒު ހިފާފައިވާ ތާރީހުގައި ދައްކަން ފެށޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ. އެހެންވީމާ އަންނަ އަހަރު ވެސް ސިނަމާއިން ބިރުވެރި ފިލްމެއް ބަލާލަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ކޮލިޓީގެ ގޮތުން ދެވަނަ ފިލްމަކީ ވަރުގަދަ ފިލްމަކަށް ހެދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދެވަނަ ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.