ތަފާތު އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ކިޔައިދޭ އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ"ގެ ވަދާއީ ޝޯތައް ދެއްކުމަށް ތައްޔާރުވެއްޖެއެވެ.
މި މަހުގެ ފަހެއްގައި ޕްރިމިއާ ކުރި ފިލްމު ފްރީ ޑެލިވަރީއަށް ވަނީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެެއް ލިބިފައެވެ.
މި ފިލްމު މިހާރު އޮލިމްޕަހުން ނެގުމަށް ހަމަޖެހިފައިވާއިރު ވަދާއީ ހަތަރު ޝޯއެއް އެޅުވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ބުދަ ދުވަހު ވަދާއީ ޝޯތައް ދައްކަން ފަށާއިރު ފަހު ޝޯ ދައްކާނީ ހޮނިހިރު ދުވަހުގެ ރެއެވެ. މި ހުރިހާ ޝޯއެއް ވެސް ފަށާނީ 20:30 ގައެވެ.
ފްރީ ޑެލިވަރީ އަކީ އިއްލެގެ ފުރަތަމަ ކޮމެޑީ ފިލްމެވެ. މިއީ ކަޒްމިކް އިންޓަނޭޝަނަލް ޕްރޮޑަކްޝަނާ އެކު ތައްޔާރުު ކޮށްފައިވާ ފިލްމެކެވެ. ފްރީ ޑެލިވަރީ އަކީ ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފިލްމެވެ.
އިއްލެ އަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ ޑައިރެކްޓަކަށް ވެފައި މީގެ ކުރީން ނެރުނު ފިލްމަކީ އިޖުތިމާއީ ބައެއް މައްސަލަތަކަށް އަލިއަޅުވާލާ ފިލްމެވެ. އެގޮތުން އިއްލެގެ ދެ ފިލްމު މީގެ ކުރީން ނެރެފައިވާއިރު ދެ ފިލްމަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ
މި ފަހަރު އިއްލެ ލިޔެ ޑައިރެކްޓު ކުރަނީ އޭނާއަށް ތަފާތު އުފެއްދުމެކެވެ. މިއީ އިއްލެ ލިޔެ އަދި ޑައިރެކްޓް ކުރާ ފުރަތަމަ ކޮމެޑީ ފިލްމެވެ.
ފިލްމުގެ ލީޑު ކާސްޓުން ފެންނާނީ އައިޝާ އަލީ އާއި ރައުފަތު ސޯދިގުގެ އިތުރުން ތާތި އާދަމްއެވެ. މި ފިލްމުގެ ކާސްޓު ބޮޑުއިރު އިތުރު ރޯލުތަކުން ފެނިގެންދާނީ އަހްމަދު ޝާރިފާއި ވާޝިޔާ މުހައްމަދުގެ އިތުރުން ހާފިޒް މުހައްމަދާއި ފާޒިލް ފަޔާޒް އާއި ފާތިމަތު ލަތީފާ އަދި މަރިޔަމް ވަހީދާއެވެ.