ޔާމީން ޕީއެންއެފް އޮފީހަށް، ކަރެކްޝަންސްއިން މައްސަލަ ބަލަނީ

ރައީސް ޔާމީން ހުރަފާގޭގައި-- ފޮޓޯ: ޓްވިޓާ/ މަލީހު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް މިރޭ ވަޑައިގަތުމުން، އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ހ. ހުރަފާގޭގައި ހުންނަ އެ އޮފީހަށް ރައީސް ޔާމީން ވަޑައިގަތީ, ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، އެ ގޭގެ ތިން ވަނަ ފަންގިފިލާގައި ކުރިއަށްދަނިކޮށެވެ.

ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން އެ އޮފީހުގައި ހުންނެވި ކަމަށް ވިދާޅުވެ، ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ އެކްސްގައި ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.

ސިޔާސީ ގޮތުން އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހު، ޔާމީން ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމުން އެ މަނިކުފާނު އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

ރައީސް ޔާމީން މީގެ ކުރިން ލީޑަރަކަށް ހުންނެވި ޕީޕީއެމްގެ މައި ޖަގަހައަކީ ހުރަފާގެއެވެ. ނަމަވެސް އެތަނުގެ ވެރިފަރާތުން އެތަން ހުސްކުރުމަށް އަންގާފައިވުމުން، އެ ޕާޓީން އަންނަނީ ތަން ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

https://sun.mv/185271

ޔާމީން އެތަނަށް ވަޑައިގަތުމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ކަރެކްޝަންސް އިން ބުނީ އެކަން ބަލަމުންދާ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ވަނީ ދީފައެވެ.

ނަމަވެސް އެ ހުއްދައިގެ ދަށުން ޔާމީން ވަނީ ސިޔާސީ ހަރަކާތްތައް ހިންގަވާފައެވެ. އެގޮތުން އެ މަނިކުފާނު މީގެ ކުރިން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން، ޕާޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.

އެއާއެކު ކަރެކްޝަންސްއިން ވަނީ އެއްބަސްވުމާ ޚިލާފަށް އަމަލުތައް ތަކުރާރުކުރައްވާނަމަ އިގުރާރު ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ސިޔާސީ ކަންކަމުގައި ބައިވެެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ޔާމީން ގާނޫނަށް ތަބާނުވާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.

comment ކޮމެންޓް