ބާސެލޯނާ އާއި ރަޔޯ ވަޔަކަނޯގެ މެޗު އެއްވަރު

ބާސެލޯނާއިން އެއްވަރު ކުރި ލަނޑު ވަޔަކާނޯ ގޯލަށް ވަންނަނީ / ފޮޓޯ: އެފްސީ ބާސެލޯނާ ނޮޓިސިއާސް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރަޔޯ ވަޔަކާނޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ވަޔަކާނޯގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް މިއާއެކުވެސް ބާސާއަށް ވަޔަކާނޯގެ ޑިފެންސް ފޫއަޅުވާލުން މިމެޗުގައިވީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި ވަޔެކާނޯގެ ޑިފެންސް ފެނުނީ ހީކުރިވަރަށް ވުރެ ވަރުގަދަ ކޮށެވެ.

މިމެޗަށް ބާސާ ޓީމް ނެރެފައިވަނީ އެންމެ ފަހުން އަލަވޭޒްއާ ބައްދަލުކޮށް ފަހަތުން އަރާ މޮޅުވި މެޗުގައި ކުޅުނު ޓީމަށް ހަ ބަދަލެއް ގެނެސްގެންނެވެ. އަދި ކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގެންއަށް އަނިޔާ ވެފައިވުމުގެ ސަބަބުން ބާސާގެ ގޯލް ބެލެހެއްޓީ އިނާކީ ޕެނާއެވެ.

ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފާވަނީ ވަޔަކާނޯއިންނެވެ. މެޗުގެ 39 ވަނަ މިނެޓްގައި ވަޔެކާނޯއަށް މިލަނޑު ޖަހައިދިނީ އުނައި ލޯޕޭޒްއެވެ. ފުރަތަމަ ހާފްގައި ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހި ބާސާގެ ކޯޗް ދެވަނަ ހާފަށް ނުކުތީ އިލްކައި ގުންޑޮގާން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރުވައިގެންނެވެ.

ނަތީޖާއަކަށްވީ އެޓީމްގެ ކުޅުން ފުރަތަމަ ހާފަށްވުރެ ރަނގަޅު ވުމެވެ. ނަމަވެސް މިއާއެކުވެސް ބާސާއަށް ލަނޑެއް ޖެހޭގޮތް ނުވެ މެޗު ނިމެން ގާތްވެފައިވަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަވީ ވަޔެކާނޯގެ ފްލޮރިއަން ލެހެއުނޭ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެެވެ. މިލަނޑު ލެހެއުނޭ އަތުން ބައިކޮޅަށް ވަނުމުގައި ބާސާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީގެ ފަރާތުން ކުރިމަތިވި ޕްރެޝަރު ފާހަގަވިއެވެ.

މިމެޗު އެއްވަރު ވުމުން ބާސާ މިހާރު ވަނީ ތާވަލްގެ ހަތަރު ވަނައަށް ފަހަތަށް ޖެހިލާފައެވެ. އެއީ 14 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކުއެވެ. އަދި ރަޔޯ ވަޔަކާނޯ އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.

comment ކޮމެންޓް