ޝަރުމީލާ ސިފަކުރާ ގޮތުން ސާރާއަކީ މަސައްކަތަށް ލޯބިކުރާ ކުއްޖެއް

ޝަރުމީލާ މާމަ ދަރިފުޅު ސާރާ ޢަލީ ޚާން އާއެކު

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ ޢަލީ ޚާންއަކީ މަސައްކަތަށް ވަރަށް ލޯބިކުރާ، ބުރަކޮށް ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ކުއްޖެއް ކަމަށް ސާރާގެ މާމަ ސިފަކޮށްފިއެވެ.

ހިންދީ ސިނަމާގެ އެންމެ ހިތްގައިމު ބަތަލާގެ މަގާމު މީގެ އެތައް އަހަރެއް ކުރިން ހޯދާފައިވާ ޝަރުމީލާ ސިފަކުރާ ގޮތުން މާމަ ދަރިފުޅު ސާރާއަކީ ފިލްމީ މަސައްކަތަށް ވަރަށް ފަރުވާތެރި އެހާމެ އަހުލުވެރި ޒުވާނެކެވެ.

ސާރާއަކީ ޅެންވެރިކަމަށް ވަރަށް ލޯބިކުރާ ފަރާތެއް ކަމަށާއި ޝަރުމީލާއާ ބެހޭގޮތުން ސާރާ ތައްޔާރުކޮށްފައިވާ ޅެން ފަރިހިތައް ފުރިހަމަވިހާ އަވަހަކަށް ބޭނުން ވަނީ އެ ބަސްތައް ފްރޭމްކޮށްފައި ރައްކާކުރުމަށް ކަމަށް ކުރީގެ ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.

އިންޑިއާގެ ފިލްމުފެއާއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝަރުމީލާ ބުނީ ސާރާއަކީ ވަރަށް ވިސްނުން ތޫނު ކުއްޖެއް ކަމަށާއި ފިލްމީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގެ ލަފައާއި އިރުޝާދު ޝަރުމީލާގެ ފަރާތުން ވެސް ހޯދާ ކަމަށެވެ. ޝަރުމީލާގެ ދޮށީ ދަރިފުޅު އަދި އެކްޓަރު ސައިފް އަލީ ޚާނާއި ކުރީގެ ބަތަލާ އަމްރީތާ ސިންގްގެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ސާރާއަކީ ޝަރުމީލާގެ ފުރަތަމަ މާމަ ދަރިފުޅު ވެސް މެއެވެ.

ޝަރުމީލާ ޓޭގޯރް އާއިލާގެ ބައެއް މެންބަރުން އަދި މާމަ ކުދިންނާ އެކު --
ޝަރުމީލާއާ އެކު ފިލްމެއް ކުޅުމަކީ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ފަޚުރުކަމަށް ސާރާ ސިފަކޮށްފައިވާއިރު ދެ މީހުން އެކީގައި މިހާތަނަށް ފެނިފައި ވަނީ ހަމައެކަނި އިޝްތިހާރަކުންނެވެ. ދާދި ފަހުން ފިލްމު "ގުލްމޯހަރު"އިން ސިނަމާއަށް އެނބުރި އައިސްފައިވާ ޝަރުމީލާ ޓޭގޯރް އަކީ ހިންދީ ސިނަމާގެ ކުރީގެ ބަތަލާއިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ އެއް ބަތަލާއެވެ.

comment ކޮމެންޓް