ހިތުގެ އެދުމޭ ތީ... 31 (ފަހުބައި)

"އައި ލަވް ޔޫ ޓޫ... ދެން ދުވަހަކުވެސް މިކުއްޖާ ދޫކޮށެއް ނުލާނަން... އައި ޕްރޮމިސް..." ޒައިލް ދެލޯ މަރައިލިއެވެ.

********

ދެން ހޭދަވެގެން ދިޔައީ އެތައް ދުވަހަކަށްފަހު، ދެމީހުންގެ ހަޔާތަށް އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. އެކަކު އަނެކަކު ދޫކޮށް ނުލުމަށް ވައުދުވަމުން، އެކަކު އަނެކެއްގެ އަތުގެ ފުރިހަމަ ހިމާޔަތް ހޯދިއެވެ. ވައުދާއި އަހުދުތަކުން ދެމީހުންގެ ހިތަށްވެސް އުފާވެރިކަން ގެނެސްދިނެވެ. އެތައް ދުވަހެއްގެ ހުވަފެންތަކުގައި ކުލަޖެހުމުން، ދެމީހުންގެ ނަފުސަށްވެސް ހަމަޖެހުން ލިބުނެވެ. އެކަކު އަނެކެއްގެ އަތްމައްޗަށް ހަޔާތުގެ ލަގަން ދޫކޮށްލީ، މާޒީގައި ހެދުނު ގޯހުން އިބުރަތް ލިބިގަނެ، އެކަން ތަކުރާރު ނުކުރުމަށް އަޒުމުކަނޑައަޅައިގެންނެވެ.

4 އަހަރު ފަސް

ނިޔަމްއާއި ޒައިލް ތިބީ ކްރިޒް ރެސްޓޯރެންޓްގެ އެންމެ ހިތްގައިމު މާހައުލުގައެވެ. ރޭގަނޑުގެ ވަގުތު ތަނުގައި ވީ އޮރެންޖު އަލިކަމެވެ. ހާމައަށް ފެންނަން އޮތް އުޑުގައި ބުރުހަމަ ހަނދު ރަސްކަން ކުރަމުން ދިޔައެވެ. ނިޔަމްގެ ނަޒަރު ހުއްޓިފައިވީ ހަނދަށެވެ. ފަލަކުގައި ރަސްކަން ކުރަމުން ހަނދު އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރެއެވެ. ކައިރީގައި ސަނާކިޔަންތިބި ތަރިތައް ހަނދަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

"ހާދަ ރީތި ހަނދުވަރެކޭ..." ނިޔަމް އިނީ ހިޔާލީ ހުވަފެނެއްގެ ތެރޭގައެވެ.

"އަހަރެންގެ އަންހެނުން އެ ހަނދަށްވުރެ މާ ރީތި..." އާދައިގެމަތިން ޒައިލް ނިޔަމްއަށް ތައުރީފުކޮށްލިއެވެ. "ކަޅު ޝޯލްގެ ތެރެއިން މިދޮން، ވަށް މޫނުކޮޅު ދިއްލިލާފަ މީނީ، އެ ހަނދަށްވުރެ މާ ފުރިހަމައަށް..."

ޒައިލްގެ އަތުގެ ބީހިލުން ނިޔަމްގެ އޮމާން މޫނަށް އިހުސާސްކުރެވިގެން ދިޔައެވެ. އެ ލާނެތް ސަމާސާތަކަކީ ނިޔަމް ފޫހިކަމެއްނެތި ކޮންމެ ދުވަހަކު އަޑުއަހާ، އިހުސާސްކުރަންޖެހޭ ސަމާސާތަކެކެވެ. ކިތަންމެ ދުވަހެއް ވިޔަސް، އެފަދަ ސަމާސާތަކުން ނިޔަމްގެ މޫނު ލަދުން ރަތްވެއެވެ. ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ދެމީހުންގެ މެދުގައި އޮތް ލޯބި އިތުރުވެގެންދެއެވެ. ގޭގައިނަމަ، ޒައިލްގެ ސަމާސާކުރުންތައއް ދެގުނައަށް އިތުރުވެއެވެ. އެ އަމަލުތަކުން ޒައިލް ހާމަކޮށްދެނީ އޭނާ ނިޔަމްދެކެވާ ލޯތްބެވެ.

"މީހުން ބަލާފާނެ..." ނިޔަމް ލަދުން، ވަށައިގެން ނަޒަރު ހިންގައިލިއެވެ.

"އަހަރެން މި ސަމާސާ ކުރަނީ އަހަރެންގެ ވައިފްއާ..." ޒައިލް އިތުރަށް ނިޔަމްއާއި ގާތްވިއެވެ.

"ދެން، ނޫން ޒެލް..." ޒައިލްގެ ކޮނޑުގައި ހިފައި ކުޑަކޮށް ދުރުކޮށްލަމުން ނިޔަމް ބުންޏެވެ.

ޒައިލް ހީގަނެފައި ނިޔަމްއާއި ދުރަށްޖެހުނެވެ. ނިޔަމް ހާސްވުމުން އެކުއްޖާ ވަކީން ރީއްޗެވެ.

"ވައިގަދަވާހެން ހިއެއް ނުވޭތަ؟..." ވަށައިގެން ނަޒަރު ހިންގައިލަމުން ނިޔަމް ބުނެލިއެވެ.

"އާނ... ވާރޭވެހެން އުޅޭހެން އެބަ ހީވޭ.... ކަޅުވިލާ އެބަ ހުއްޓެއްނު... އެމީހުން ހާދަ ލަސްވެއްޖެއޭ...." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ޒައިލް ބުންޏެވެ.

އެތެރެއަށް ވަދެގެން އައި އަރުޝާއާއި ޝަރަފަށް އަތުން ހަނާއަޅައިލީ ނިޔަމްއެވެ. ނުވަމަހުގެ ބޮޑު ބަނޑާއިއެކު، އަރުޝާ ހުރީ ހިނގަންވެސް އުނދަގޫވެފައެވެ. އަރުޝާ އިށީނުމަށް ޝަރަފް ގޮނޑި ދަމާލަދީ ކައިރިކޮށްދީ ހެދިއެވެ.

"ހާދަ ލޯބިވާ ދެކުދިންނޭ..." ނިޔަމް ތައުރީފުކޮށްލިއެވެ.

"ކައިވެންޏަށް ހަތަރު އަހަރުވީއިރު، އަހަރެންވެސް މިކަންކަން ކޮށްދެމޭ..." ޒައިލް ފަހުރުވެރިވެލާފައި ބުންޏެވެ.

"ދެން ތިބުނަނީ ހަތަރު އަހަރުވާއިރު، އަހަރެން ނުކުރާނެއޭތަ؟... ބޭބީ... ހީވޭތަ ގިނަދުވަސްވާ ވަރަކަށް އަހަރެން މި ތެދުވެރިކަންމަތީ ނުހުރެދާނެހެން؟..." އަރުޝާގެ އަތުގައި ހިފައިލަމުން، ކުޑަކުއްޖެއްހެން ޝަރަފް ބުނެލިއެވެ.

"އެއްކަލަ ދެ ބޭބީ..." ޒައިލްއަށާއި ޝަރަފަށް ބަލައިލަމުން އަރުޝާ ބުންޏެވެ. "ދެމީހުން އެއްތަންވެއްޖެއްޔާ އަބަދު އެކަކަށްވުރެ އަނެކަކު މޮޅުވާން... ދެމީހުން ރޭހެއް ޖަހަންވީނު..."

"ބަނޑުބޮޑު ކުދިން ތިބޭ ތަންތާ މާ އިމޯޝަނަލް ވާހަކަ ނުދައްކައްޗޭ!..." އިންޒާރެއް ދޭފަދައިން ނިޔަމް ބުންޏެވެ.

ޝަރަފް ގޮނޑީގައި މަޑުވިގޮތުން، އެންމެން އެއްފަހަރާ ހީގަތެވެ.

"ކޮބާ ދާން؟... ނުގެންނަންތަ؟..." އަރުޝާ ވަށައިގެން ހޯދައިލިއެވެ. "އެކުއްޖާފުޅު ދެކިލާހިތުން..."

"ދާން ކިޔަވާ ގަޑިވީމަ ނުގެނައީ... އަރުއްތަގެ ބަނޑު ދެކިލާހިތުން އުޅުނު... ތިންމަސްވީނު ނުފެންނަތާ..." ނިޔަމް ތަފްސީލް ދިނެވެ.

އާދައިގެމަތިން ހަތަރުމީހުންގެ ސަމާސާ ފެށުނެވެ. ބަނޑުގައި ރިއްސައިގަނެފާނެތީ އަރުޝާ އިނީ ހީލަންވެސް ނުކެރިފައެވެ.

"ދެން ބުނެބަލަ، މާލެ އައިގޮތަށް ކީއްކުރަން ކުއްލިއަކަށް މިތަނަށް އަންނަން ބުނީ؟..." އަރުޝާއަށް ބަލައިލަމުން ނިޔަމް ބުންޏެވެ.

"އެއީ އަހަރެން ބުނެގެން..." ލޫކްގެ އަޑު އައީ ނިޔަމްގެ ފުރަގަހުންނެވެ.

ނިޔަމް ހައިރާންވެފައި ކޮޅަށް ތެދުވިއެވެ. ފަހަތް ބަލައިލުމުން އޭނާއަށް މާބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ލޫކާއިއެކު ހުރީ ފެނިދާނެކަމަށް ނިޔަމް ކުޑަކޮށްވެސް އުއްމީދުކުރި ސޫރައެއް ނޫނެވެ.

"އާޔާ؟..." އާޔަތު ފެނުމުން، ނިޔަމްއަށް ލިބުނީ ހައިރާންކަމެވެ.

އާޔަތު ހުރީ ކަޅުކުލައިގެ އަބާޔާ ހެދުމަކާއި، ކަޅު ބުރުގާއެއް އަޅާފައެވެ. އާޔަތުކަން އެނގުނީވެސް އިރުކޮޅަކު އެމޫނަށް ބެލި ފަހުންނެވެ. އާޔަތަށް އެހާ ބޮޑު ބަދަލެއް އައިސްފައި ހުރުމުން ގަބޫލުކުރަން ނިޔަމްއަށް އުނދަގޫވީއެވެ.

"ތިއްތާ!..." އާޔަތު ކުރިއަށްޖެހިލައި ނިޔަމްގެ އަތުގައި ހިފައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ނިޔަމްގެ ގައިގައި ބައްދައިލިއެވެ. ކުރީގެ ބޮޑާކަމާއި ކިބުރުވެރިކަން މިއަދު އާޔަތުގެ ކިބައިން ނިޔަމްއަކަށް ނުފެނުނެވެ.

ދެމީހުން އެކަނި ވާހަކަ ދައްކަން ފުރުސަތު ދީފައި ދެންތިބި މީހުން ދުރަށް ދިޔައެވެ.

"އަހަންނަށް އެނގޭ ތިއްތަ އަހަރެންދެކެ..." އާޔަތުގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ނިޔަމް އާޔަތުގެ އަތްމަތީގައި އަތް ބޭއްވިއެވެ.

"އާޔާގެ ވާހަކަ ލޫކް ބުނީމަ ތިއްތަ ވަރަށް އުފާވި..." ނިޔަމް ހިނިތުންވެލިއެވެ. "ލޫކް ބުންޏަސް، ތިއްތަ ހިއެއް ނުކުރަން އާޔާއަށް ތިހާ ބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް..."

"އަހަރެން މިއަދު އުފާކުރަން ކުރެވުނު ކުށަށް އަދަބު ލިބިގަނެވުނީމަ... ޖަލުން މިނިވަންވިހާ އަވަހަށް މިއައީ ތިއްތަޔާ ބައްދަލުކުރަން... ތިއްތަ އެދުވަހު އަހަރެން ސަލާމަތްކުރިނަމަ، މިއަދު އަހަރެން އުޅޭނީ ކޮންކަހަލަ ދިރިއުޅުމެއް ކަމެއް ނޭނގޭ... އަހަންނާ ބައްދަލުކުރަން އަންނަ ކޮންމެ ދުވަހަކު ލޫކް ތިއްތަގެ ވާހަކަ ދައްކާނެ... ތިއްތަ އަހަރެންދެކެ ލޯބިވާވަރު ބުނެދޭ..." އާޔަތު އިނީ ނިޔަމްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުން ފެންނަމުންދިޔަ ކުލުނާއި އޯގާވެރިކަން ފެނި، އާޔަތުގެ ދެލޯ ކަރުނުން ފުރުނެވެ.

"ތިއްތަވެސް ބޭނުންވިއޭ އާޔާއާ މީޓުކުރަން..." ނިޔަމްއަށް ވާހަކަ ދައްކަން އުނދަގޫވީ އަރުތެރެ ބެދުމުންނެވެ.

ނުޒުހަތު ނިޔާވުމުން، އާޔަތަށް އެހީވާން ނިޔަމް ބޭނުންވިއެވެ. އެހެނަސް، އާޔަތު އެފުރުސަތު ނުދޭތީ، ނިޔަމް ޖެހުނީ ދުރުގައި ހުންނާށެވެ.

"ތިއްތަ ތިހާ ރަނގަޅުއިރުވެސް އަހަންނަށް ތިއްތައާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް... އަހަރެން ތިއްތައާ ބައްދަލުކުރަން ދެކޮޅުހެދީ ތިއްތަދެކެ ރުޅިއައިސްގެން ނޫން... އަހަރެން ފެނިގެން ތިއްތަ އަހަރެން ސަލާމަތްކުރަން އުޅެފާނެތީ..." އާޔަތު ދެން ބުނި ޖުމުލައިން ނިޔަމްއަށް ހައިރާންކަމެއް ލިބުނެވެ.

"ދެން އެވާހަކަ ނުދައްކާ..." އާޔަތުގެ ވާހަކަ ހުއްޓުވަމުން ނިޔަމް ބުންޏެވެ. "ތިއްތަ މިއަދު ވަރަށް އުފާވެއްޖެ..."

ދެމީހުން އެކި ވާހަކަ ދެއްކިއެވެ. ހަޔާތުގެ ދަތުރުގައި ދިމާވި އެތައް ހާދިސާއެއް ހިއްސާކުރިއެވެ. ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ގުރުޢާނުގެ ބޮޑުބައެއް ހިތުދަސްކުރިކަމަށް އާޔަތު ބުންޏެވެ.

"ތިއްތާ!... އަހަރެން މިއުޅެނީ މެރީކުރަން..." އާޔަތު އިނީ ނިޔަމްގެ މޫނަށް ބަލާށެވެ. ނިޔަމް ބަލައިލުމުން، އަވަހަށް އިސްޖަހައިލިއެވެ.

"ކާކާ؟..." ނިޔަމްގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. ޖަލުން މިނިވަންވެގެން އައިސް އާޔަތު ކުއްލިއަކަށް މީހަކާ އިންނަ ވާހަކަ ބުނުމުންނެވެ.

"ލޫކް..." ވަރަށް ނުކެރި އިނދެފައި އާޔަތު ބުންޏެވެ. "ބައްޕަވެސް ގަބޫލު... ތިއްތަ ގަބޫލުތަ؟..."

"ކީއްވެ ގަބޫލުނުވާންވީ... ތި އެދުނީ ގޯސްކަމަކު ނޫނެއްނު... އަހަރެމެން އެންމެންވެސް ގަބޫލު..." ޒައިލްގެ އަޑަށް އާޔަތު ސިހުނެވެ.

ޒައިލްއާއި ލޫކްގެ އިތުރުން އަރުޝާ އާއި ޝަރަފްވެސް ވަރަށް ހިނި އައިސްފައި އާޔަތަށް ބަލަން ތިއްބެވެ. އެކަކުގެ މޫނުންވެސް ހިތްހަމަނުޖެހުމުގެ އަސަރެއް ނުފެނެއެވެ. އާޔަތުގެ ހިތުން ބޮޑު ބުރައެއް ނެގުނުކަމުގެ އިހުސާސް ކުރެވުނެވެ.

"ލޫކްއަކީ އަންހެންކުއްޖަކަށް ލިބޭނެ އެންމެ ރަނގަޅު ޕާޓްނަރަށް ވާނެ... ދޯ ޔަމް؟..." އަރުޝާ ނިޔަމްއަށް ބަލައިލިއެވެ.

ނިޔަމްއަށް ބަލައިލެވުނީ ޒައިލްއަށެވެ. ޒައިލް ދެލޯ އަޅައިލިގޮތުން އެންމެން ހީގަތެވެ.

"އަދިވެސް ޖެލަސްވޭތަ؟..." ޒައިލްގެ ކޮނޑުގައި ބޮނޑިއެއް އަޅައިލަމުން އަރުޝާ ބުންޏެވެ.

"އަހަރެންގެ ލޯބިވާ އަނބިމީހާއަށް އަހަރެންވަރުގެ ފިރިއެއް ނުލިބޭނެ... ދޯ ޏަމް؟..." ނިޔަމްގެ ދެކޮނޑުގައި އަތް އަޅުވައިލަމުން ޒައިލް ބުންޏެވެ. ނިޔަމް ވަގުތުން ބޯ ޖަހައިލިއެވެ.

"ދެން ބުނެބަލަ... ކިހިނެއް ތި ދެމީހުން ތިހާ ކުރިއަށް ޖައްސާލީ؟..." އަރުޝާ ލޫކާއި ދިމާކުރަން ފެށިއެވެ.

"ފުރަތަމަ ލައިކްވީ އަހަރެން..." އާޔަތު ވަރަށް ލަދުން އިނދެފައި ބުންޏެވެ. "މަންމަ ނިޔާވި ދުވަހުން ފެށިގެން ވިޒިޓް ކުރެވޭ ކޮންމެ ދުވަހަކު ލޫކް އަހަންނާ ބައްދަލުކުރަން އާދޭ... އެންމެ ދުވަހެއްވެސް މިސްކޮށްނުލާ... އެދުވަސްތަކަށް އަހަންނަށް އިންތާޒުކުރެވެން ފެށީ އަމިއްލަ އިހުތިޔާރެއް ނެތި... ލޫކްގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ..."

ގެއަށް އައިގޮތަށް ނިޔަމް ހަދީޖާއަށް ގުޅާފައި ހުރިހާ ހަބަރެއް ދިނެވެ. ލޫކްމެންގެ ކައިވެންޏަށް ހަދީޖާ މާލެ ގެންނަން ބޭނުންވާކަމަށް ބުންޏެވެ.

"މިއަދު މާމަ ބަލާ އަޔަސް ދާގޮތަށް މިހުރީ..." ހަދީޖާ ވަރަށް އުފާވެފައި ބުންޏެވެ.

ހަދީޖާ ދެކެން ބޭނުންވީ އެފަދަ އުފާވެރި ދުވަހެކެވެ. ނިޔަމްގެ އުފާވެރިކަމާއި، ފުރިހަމަ އާއިލާއެއް އެ ދަރިފުޅަށް ލިބުމެވެ. އެމަންޒަރު އޭނާއަށް ފެނިއްޖެއެވެ. ހަދީޖާއަށް ހިތާއިހިތުން މާތްﷲއަށް ޝުކުރު ދެންނެވުނެވެ.

ފޯނުކޯލު ނިންމާފައި ނިޔަމް ކޮޓަރިން ނުކުތެވެ. ސިޓިންގްރޫމު ސޯފާގައި ޒައިލްއާއި ދާވިއަން ތިބީ ޓީވީ ބަލާށެވެ. ޒައިލް އިނީ ދާވިއަންގެ ކޮނޑުގައި އަތް އަޅުވާލައިގެންނެވެ. ބޮޑުވަމުން އަންނަ ވަރަކަށް ދާވިއަން ޒައިލްއާއި އިތުރަށް ވައްތަރެވެ. އިސްކޮޅުން ދިގެވެ. ނިޔަމް ގޮސް ދާވިއަން އިން ދިމާ ނޫން އަނެއް ފަރާތުން ޒައިލްގެ ކައިރީގައި އިށީނެވެ.

"މައި ލަވް..." ނިޔަމްގެ ކޮނޑުގައި އަތް އަޅުވައި ގާތަށް ދަމައިލަމުން ޒައިލް ބުންޏެވެ.

ކޮންމެ ކަމެއްގައި އިނަސް، ނިޔަމް އައިސްފިނަމަ، ޒައިލް އެންމެ އިސްކަމެއް ދޭނީ ނިޔަމްއަށެވެ. ކޮންމެވެސް އަމަލަކުން ނިޔަމްގެ ހާއްސަކަން އަންގާލާނެއެވެ. އެއީ ނިޔަމް އެންމެ އުފާވާ ކަންތަކެވެ. ނިޔަމް ހިނިތުންވެލިއެވެ. އޭނާގެ އާއިލާ މިއަދު ފުރިހަމަވެއްޖެއެވެ. އުފާވެރިއެވެ. ހިތްސާފުކުރުމަކީ ބުނެދޭންނޭނގޭ އުފާވެރިކަމެއް ނަފުސަށް ގެނުވާ ކަމެކެވެ. ނިޔަމްގެ މުޅި އާއިލާ ރޫޅި، ހަލާކުވެގެން ދިޔައީ ކުރެވުނު ކުށްހީގެ ސަބަބުންނެވެ. ދުވަހަކުވެސް ކުށްހީއެއްގެ މައްޗަށް ގޮތް ނުނިންމަށް ނިޔަމް އަޒުމުކަނޑައެޅިއެވެ. އިވޭ އަޑުތަކާއި، ކުރެވޭ ހީއަކީ ކޮންމެ ފަހަރަކު ހަގީގަތަކަށް ވާނޭ އެއްޗެއް ނޫނެވެ.

(ނިމުނީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު