މަސްއޫލިއްޔަތަކާ ހަވާލުވާ މީހާ އޭނާގެ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓައި، އެ މީހުންގެ މުހުތާދުތައް ފުއްދައިދޭންވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"އަމާނާތްތެރިކަމާ މަސްއޫލިއްތު" މި މައުލޫގެ މައްޗަށް މިއަދުކީ ޚުތުބާގައި ބުނީ، މީސްތަކުންގެ ކަންކަން އިސްލާހުކޮށް ބަލަހައްޓައި، އެ މީހުންގެ ކަންކަން އޮޅުންބޮޅުންވެ، ފާލުން ނެއްޓިގެން ނުދިޔުމަށްޓަކައި މަސްއޫލުވެރިއަކު ހުންނަން ޖެހޭނެ ކަމަށެވެ. އަދި، ކޮންމެ މީހަކު އެ މީހެއްގެ ހަވާނަފުސާ އެއްގޮތަށް ކަންކަން ކުރަން ފަށައިފިނަމަ ކަންތައްތައް ބޮއްސުންލައިފާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
މަސްއޫލުވެރިއަކު ބޭނުން ވަނީ މި ސަބަބަށްޓަކައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށް، ޒާތީ މަސްލަހަތު އިސްކޮށް، ނަހަމަ ގޮތުގައި އޭނާގެ މަގާމު ބޭނުންކޮށްފި ނަމަ އަމާނަތައް ޚިޔާނާތްތެރި ވެއްޖެ ކަމަށެވެ.
ޚުތުބާގައި ބުނީ، ފަހު ޒަމާނުގައި މަސްއޫލިއްޔަތިތަކާ ހަވާލުވާ ބައެއް މީހުންގެ ކިބައިގައި، އެ މީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ނުހުންނާނެ ކަމަށް ރަސޫލާ ޚަބަރު ދެއްވާފައިވާ ކަމަށެވެ.
ގިޔާމަތްވާނި ކޮންއިރަކުންތޯ މީހަކު ރަސޫލާއަށް ސުވާލުކުރުމުން ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަމާނާތްތެރިކަން ނަގާލެވިއްޖެ ނަމަ، ޤިޔާމަތް ދުވަހަށް ތިބާ އިންތިޒާރު ކުރާށެވެ،" އަމާނާތްތެރިކަން ނަގާލެވޭނީ ކިހިނެއްތޯ އެ ހިނދު އޭނާ ސުވާލުކުރިއެވެ. ރަސޫލާ ހަދީޘް ކުރެއްވިއެވެ، "އެކަމުގެ ޤާބިލުކަމާއި އަހުލުވެރިކަން ނެތް މީހަކާ ކަންކަން ހަވާލު ކުރެވިއްޖެ ނަމަ، ތިބާ ޤިޔާމަތައް އިންތިޒަރު ކުރާށެވެ،"
އުންމަތުގެ ބޮޑެތި އިލްމުވެރިން ދޫކޮށް، އިލްމުވެރިކަން ކުޑަ ތަޖުރިބާ މަދު، އަމިއްލަ ރައުޔަށް ތައައްސުބުވާ ފަރާތްތަކުގެ ކިބައިން ތައުލީމު ހާސިލްކުރުމާއި، ދީން އުނގެނުމަކީ ގިޔާމަތުގެ އަލާމަތެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން، ޚުތުގައި ބުނީ މަސްއޫލިއްޔަތުގެ މަފްހޫމު ބައެއް މީހުންނަށް އޮޅިފައިވާ ކަމަށެވެ.
"އެ މީހުން ދެކޭގޮތުގައި އެއީ ފަހުރުވެރިކަމާއި ޝަރަފުވެރިކަމެވެ. އެއީ، ތިބާގެ ބާރާއި މުއްސަނދިކަން ދެއްކުމަށް ހުޅުވޭ ދޮރެކެވެ. އޭނާގެ އަމާޒަކީ، ފިނި ކޮޓަރީގައި ބިޔަ މޭޒު ދޮށުގައި، ބަޑު ގޮނޑީގައި އިނދެ ކަންކަމަށް އަމުރުކޮށް ކަންކަން މަނާކުރުމެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ވެރިކަމުގެ ޒިންމާ އަދާކޮށްފައިވާ ގޮތާ ބެހޭ ގޮތުން ސުވާލު ކުރައްވާނެ ކަމަށެވެ. އެކަމުގައި އިހުމާލުވެފައިވާ މީހާއަށް އެކަމުގެ ފާފަ ބަރުދާސްތުކުރަން ޖެހޭނެ ކަމަށެވެ.