އުފެދުމުގައި ދެރަހިމު ހުރި އަންހެނަކު އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުވެއްޖެ

އުފެދުމުގައި ދެރަހިމު ހުރި އަންހެނަކު އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުވެއްޖެއެވެ.

އެމެރިކާގެ އެލަބާމާއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ 32 އަހަރުގެ ކިސްލޭ ހެޗާ ބަނޑުބޮޑުވެފައި ވަނީ ދެ ރަހިމުގައި ދެކުދިން ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.

އޭނާއަށް އެއް މާބަނޑު ދެ ކުދިން ލިބެން އުޅޭކަން އެނގުނީ ފުރަތަމަ ސްކޭނުން ކަމަށާއި، ސްކޭން ކުރަމުންދިޔައިރު ދެރަހިމުގައި ދެކުދިން ދަރިމައިވެފައިވާކަން އެނގުމުން އޭނާއަށްވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ ކަމަށް ކިސްލޭ ހެޗާ ބުނެފައިވެއެވެ. އަދި ފިރިމީހާއަށް މި ޚަބަރު ދިނުމުން އޭނާއަށް ވެސް މިކަން ފުރަތަމަ ޤަބޫލުނުކުރެވުނު ކަމަށް ހެޗާ ހާމަކުރިއެވެ.

މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ޙާލަތެއް ކަމަށާއި، އަދި މިއީ ވަރަށް ނުރައްކާތެރި ރިސްކް ބޮޑު ހާލަތެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. އެއީ ދެ ކުދިން ވިހެއުމުގައި ރަހިމުގައި ކޮންޓްރެޝަންސް ފެށޭނީ ދެރަހިމުގައި ދެވަގުތެއްގައި ކަމަށް ބެލެވޭތީ، އެއް ކުއްޖަކު ވިހާފައި ގަޑިތަކެއް ނޫނީ ދުވަސްތަކެއްވެސް އަނެއް ކުއްޖަކާ ވިހެއުމާއި ދޭތެރޭ ހޭދަވެދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި މި ހާލަތުގައި ސިޒޭރިއަން ހެދުމަކީވެސް ރިސްކު ބޮޑު ކަމެއް ކަމަށާއި، އެއީ ދެ ރަހިމުގައި ވަކި ވަކިން ސިޒޭރިއަން ހެދުމަކީ ގިނަ ލޭ ބޭރުވެގެންދާނެ ކަމަކަށްވާތީ ކަމަށް އަލަބާމާ ހޮސްޕިޓަލުގެ އަންހެނުންނާ ބެހޭ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓާ ރިޗާޑް ޑޭވިސް ހާމަކުރެއެވެ.

ދެރަހިމު ހުރި އަންހެނުން އޭނާ ވަރަށް ގިނައިން ވިއްސާފައިވާނެ ކަމަށާއި، އެހެންނަމަވެސް ދެރަހިމުގައި ދަރިމައިވެފައިވާ އެއްމާބަނޑު ދެކުދިން ވިއްސުމަކީ މިއީ، އޭނާ ތަޖްރިބާކުރާ މިފަދަ ފުރަތަމަ ކޭސް ކަމަށް ވެސް ޑޮކްޓަރު ރިޗާޑް ބުނެފައިވެއެވެ. އެއް މާބަނޑު ދެ އަންހެން ކުދިންނަށް ބަނޑުބޮޑުވެފައި އިން ކިސްލޭ ހެޗާގެ މިހާރުވެސް ތިން ކުދިން ތިބެއެވެ.

comment ކޮމެންޓް