'ގާލްސް ކޭން' ކެމްޕޭންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނެޓްފިޓް ނެޓްބޯލްއިން ކުރިއަށް ގެންދާ 'ގާލްސް ކޭން' ކެމްޕޭންގައި ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން --- ފޮޓޯ/ ދިރާގު

އޮސްޓްރޭލިއާގެ 'ނެޓްފިޓް'އިން ކުރިއަށްގެންދާ 'ގާލްސް ކޭން' ކެމްޕޭންގެ ޑިޖިޓަލް ޕާޓްނަރަކަށް މިއަދު ދިރާގު ހަމަޖައްސައިފިއެވެ.

އޮސްޓްރޭލިއާގެ ނެޓްފިޓް ނެޓްބޯލް، ގްރީން ސްޓްރީޓްސް ނެޓްބޯލް އަދި އެމްވީ ނެޓާސްއާ ގުޅިގެން ކުރިއަށް ގެންދާ 'ގާލްސް ކޭން' ކެމްޕޭންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިއަދެވެ.

ނެޓްފިޓް ނެޓްބޯލްއަކީ އެއް ލައްކައަށް ވުރެ ގިނަ މެންބަރުންނާ އެކު ދުނިޔޭގެ އެއްވަނަ ނެޓްބޯޅަ ޑިޖިޓަލް ޕްރޮގްރާމެވެ. އެ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ކުޅިވަރުގެ ޒަރިއްޔާއިން އަންހެން ކުދިން ބާރުވެރިކުރުވުމެވެ.

ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އޮސްޓްރޭލިއާގެ އެލީޓް ނެޓްބޯޅަ ކުޅުންތެރިން ކަމަށްވާ ނެޓްފިޓްގެ ސީއީއޯ ސާރާ ވޯލްގެ އިތުރުން ޝާނީ ނޮޑާ ރާއްޖޭގައި އޮންސައިޓް ޓްރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ސްކޫލުތަކަށް އަމާޒުކޮށްގެން ޒުވާން ކުޅުންތެރިންނަށް މާސް ކްލާސްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ކްލާސްތަކުގެ ޒަރިއްޔާއިން ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން، ޒުވާނުން ބާރުވެރިކުރުވައި އެ ފަރާތްތަކަށް އެކި ފުރުސަތުތައް މަގުފަހިކޮށްދެއެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް، ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

މި އަހަރު ތެރޭގައި ވެސް ދިރާގު ރޯޑް ރޭސް، އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އިތުރުން ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް