އެމެރިކާއިން އިސްރާއީލަށް އަދިވެސް ހަތިޔާރު ފޯރުކޮށްދެނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/ދަ ޓެލެގްރާފް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާގެ ސަބަބުން މުޅި ދުނިޔެ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރުވެސް، އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓެގަންއިން ބުނެފިއެވެ.

ޕެންޓަގަންއިން ނެރުނު ބަޔާނަކާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ބުނާ ގޮތުގައި އިސްރާއީލުގެ އެތެރޭގައި ހުންނަ އެމެރިކާގެ ބޭސްގެ ސްޓޮކްޕައިލްތަކުންނާއި އެހެން ތަންތަނުން އިސްރާއީލުގެ ސިފައިންނަށް އެމެރިކާއިން އަންނަނީ އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ.

އެމެރިކާއިން އިސްރާއީލަށް ކޮންމެ އަހަރަކު ދޭ 3.4 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ އިތުރުން 14.3 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި ވަނީ ވައުދުވެފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނައިރު، އެ ދުވަހުން ފެށިގެން އިސްރާއީލަށް އެމެރިކާއިން ފޯރުކޮށްދެމުން އަންނަ ސަލާމަތީ އަދި އަސްކަރީ އެހީތެރިކަން އިތުރުކޮށްފައިވާ ކަމަށް ކޮންގްރެސްގެ ރިސާޗް ސާވިސްގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. އެގޮތުން ކުދި ބޮމާއި، އިންޓަސެޕްޓާ މިސައިލް، ޖޮއިންޓް ޑައިރެކްޓް އެޓޭކް މުނިޝަން އަދި 155 އެމްއެމް އާޓިލަރީ ޝެލްސް ފޯރުކޮށްދީފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުން އަންނައިރު، އިސްރާއީލަށް ހަތިޔާރު ވިއްކުން މިހާރުން މިހާރަށް ހުއްޓައިލުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުހައްމަދު ބުން ސަލްމާން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވަނީ ގޮވައިލައްވައިފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންގެންދާތާ 47 ދުވަސްވެފައިވާއިރު، އެމެރިކާގެ ތާއީދާއެކު އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ މުޅި ޣައްޒާ ވަށާލާފައެވެ. ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 14،128 ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން 5،840 މީހުންނަކީ ކުޑަކުދިންނެވެ. ވީނުވީއެއް ނޭގި ގެއްލިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 6،800 ށް އަރައެވެ. އޭގެއިތުރުން 30،000 އަށް ވުރެ ގިނަ މީހުން ހަމާލާތަކުގައި ވަނީ ޒަހަމްކޮށްލާފައެވެ.

comment ކޮމެންޓް