އިސްރާއީލުން ކުރަނީ ހަނގުރާމައިގެ ކުށެއް: ދެކުނު އެފްރިކާ

ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ. ފޮޓޯ/އަހްރަމް އޮންލައިން

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަނީ ހަނގުރާމައިގެ ކުށެއް ކަމަށާއި، އިސްރާއީލުން މަސައްކަތް ކުރަނީ ނަސްލެއް ނައްތާލުމަށް ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވެއްޖެއެވެ.

ދެކުނު އެފްރިކާގެ ވެރިރަށް ޕްރޮޓޯރިއާގައި އަންގާރަ ދުވަހު ފެށިގެން ކުރިއަށްދާ ބްރިކްސް ސަމިޓުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ރަމަފޯސާއެވެ. ބްރިކްސް ގައުމުތަކަކީ ކުރިއަރަމުން އަންނަ އިގްތިސާދުތައް ހިމެނޭ ގައުމުތަކެވެ. ބްރިކްސް ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، އަދި ދެކުނު އެފްރިކާއެވެ.

"އިސްރާއީލުން ގާނޫނާ ހިލާފަށް ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ އާންމުންނަށް އަދަބު ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް. ޣައްޒާގެ ރައްޔިތުންނަށް ބޭހާއި ތެލާއި ކާނާ އަދި ފެން ފޯރުކޮށްދިނުމަށް ގަސްދުގައި އިންކާރު ކުރުމަކީ ނަސްލު ނައްތާލުމާ އެއްވަރުގެ ކަމެއް،" ރަމަފޯސާ ވިދާޅުވިއެވެ.

މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ވެސް ރަމަފޯސާ ވަނީ ގޮވައިލައްވައިފައެވެ.

ދެކުނު އެފްރިކާއަކީ ޒަމާނުއްސުރެ ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. އެ ގައުމުގެ ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ޕާޓީއަކީ ވެސް ފަލަސްތީނުގެ ފަދައިން އަމިއްލަ ހައްގުތައް ހޯދުމަށް މަސައްކަތްކުރި ޕާޓީއެކެވެ.

ރަމަފޯސާގެ އިތުރުން ބްރިކްސް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ފަލަސްތީނު މައްސަލައަށް އިންސާފުވެރި ހައްލެއް ނެތި މެދުއިރުމަތީގައި ސުލްހަ ގާއިމު ނުކުރެވޭނެއެވެ. އަދި، ބައިނަލްއަޤުވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް ޝީ ވަނީ ގޮވައިލައްވާފައެވެ. އިސްރާއީލު ފަލަސްތީނު މައްސަލައިގައި މީގެ ކުރިން ވެސް ފަލަސްތީނާ އެއްކޮޅަށް ވާހަކަ ދައްކާ ޗައިނާއިން ވަނީ "ޓޫ ސްޓޭޓް ސޮލިޔުޝަން" އަކަށް ދިއުމަށް މީގެ ކުރިން ވެސް ގޮވައިލާފައެވެ.

މަޝްވަރާތަކަށް ފަހު ބްރިކްސް ގްރޫޕުން ބަޔާނެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ބްރިކްސް ސަމިޓް ފެށިގެން ކުރިއަށްދާއިރު، ފަލަސްތީނު މައްސަލައަށް ހައްލެއް ހޯދުމަށް އަރަބި ލީގުން ވެސް ވަނީ މި ހަފުތާ ޗައިނާގައި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު، އަރަބި ލީގުގެ ވަޒީރުން މިހާރު އުޅުއްވަނީ ރަޝިއާގައެވެ.

comment ކޮމެންޓް