ދަރަވަންދޫ ފުޓްސަލް މުބާރާތް މިރޭ ފަށަނީ

މިދިޔަ އަހަރުގެ ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި ބައިވެރިވި ޓީމްއެއް-- ފޮޓޯ/ދަރަވަންދޫ ކައުންސިލް

މި އަހަރުގެ ދަރަވަންދޫ ފުޓްސަލް ފިއެސްޓާ މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތުގެ މިއަހަރުގެ އެޑިޝަން ދަރަވަންދޫގައި ފެށުމަށް ނިންމާފައިވަނީ މިރޭ 08:30ގައެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއް ވާނީ ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙްއެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސުޕާ ކިންގްސް އާއި ޔުނައިޓް މަލަންމަގެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ފައިނަލް މެޗުގައި ވާދަކުރި ދެޓީމެވެ. އެއީ ތަށި ހޯދި ފެލްކަން ޔުނައިޓެޑާ މިދިޔަ އަހަރު އެ ޓީމާ އެންމެ ގާތުން ވާދަކުރި ކިންގްސް ޔުނައިޓެޑްއެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި މެޗްތައް ކުޅޭ މި މުބާރާތުގައި ޖުމްލަ ހަ ޓީމް ވާދަކުރާއިރު މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ.

ފައިނަލްގައި ލީގު ބުރުގެ އެއްވަނައަށްދާ ޓީމާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިން ވަނަ ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ދަރަވަންދޫ ޒުވާނުންނަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ދަރަވަންދޫ ކައުންސިލުން ބާއްވަމުންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ދެވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ރަށު ކައުންސިލްގެ ފަރާތުން ވަނީ ދިނުމަށް ނިންމައިފައެވެ.

ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި މި މުބާރާތް އެހާ ފޯރިއާއެކު ކޮންމެ އަހަރަކުވެސް ބޭއްވެނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުއެވެ. މިގޮތުން މިއަހަރުގެ މިބާރާތުގެ ސްޕޮންސަރުންނަކީ ކިހާ ބީޗް އެންޑް ސްޕާ، ބަގީޗާ ސްޓޭ، އެލްވީއައިއެސް ހޮޓެލްސް، ފެމިލީ ސްޓާ، ހަނިފަރު ޓްރާންސިޓް އިން އަދި ފައިމާ ފިޝިންލޮޖް އެވެ.

މިރޭގެ މެޗް އެސްއެސް ޓީވީގެ ފޭސްބުކް ޕޭޖުގެ އިތުރުން، ދަރަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވެސް ލައިވްކުރާނެވެ.

comment ކޮމެންޓް