19:00
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ދައުލަތުން ދައުވާކުރި ނަމަވެސް އެ މައްސަލަ ސާބިތުނުވި ހ. ރީނދޫގޭ، އާދަމް ނަސީރުގެ ބޭންކް އެކައުންޓްތައް ދޫކޮށްލަން ޖިނާއީ ކޯޓުން ފުލުހުންނަށް އަމުރެއް ނެރެފި އެވެ.
ޖިނާއީ ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައިގައި އާދަމް ނަސީރު މައްޗަށް ހެކި ނެތިގެން ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރުމާ ގުޅިގެން، ފްރީޒްކޮށްފައިވާ އޭނާގެ ހުރިހާ ބޭންކް އެކައުންޓްތައް ދޫކޮށްލަން ފުލުހުންނަށް މިއަދު އަމުރު ނެރެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭންކުތަކެއްގައި ހުރި ކިތައް އެކައުންޓް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ކޯޓުން އެގޮތަށް އަމުރުކުރި ނަމަވެސް އެ މައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވާތީ އެކަން އެގޮތަށް ބޭއްވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ޖިނާއީ ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވެފައި ވަނީ، ސި. ހިތަދޫގައި އާދަމް ނަސީރު ދިރިއުޅޭ ލައިޓް ޝެޑޯ އިން ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަން ސާބިތުވާ ވަރުގެ ކާފީ ހެކި ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން އޭނާގެ މައްޗަށް ކުރި، ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށާއި ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނަކަށް މެނުވީ ބޭހުގެ ގޮތުގައި ބޭނުން ނުކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ލައިޓް ޝެޑޯ ގެއިންނާއި އޭނާ މާލޭގައި ދިރިއުޅޭ ހ. ރީނދޫގެއިން ފެނުނު ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.