އިސްރާއީލުން މަސައްކަތްކުރަނީ ފަލަސްތީނުގެ ބިމުން އާންމުން ބޭލުމަށް

ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް މާލިކް. ފޮޓޯ/ހަންގޭރީ ޓުޑޭ

އިސްރާއީލުން މަސައްކަތް ކުރަނީ ފަލަސްތީނުގެ ބިމުން ފަލަސްތީނުގެ މުސްލިމުން ބޭލުމަށް ކަމަށް ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް މާލިކް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މާލިކް މިހެން ވިދާޅުވެފައި ވަނީ އަރަބި އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ ހާރިޖީ އޮފިޝަލުން ޗައިނާގެ ބެއިޖިންގައި ބައްދަލުކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ބާއްވާ މަޝްވަރާތަކަށް ފަލަސްތީނު އޮތޯރިޓީ، އިންޑޮނޭޝިއާ، މިސްރު، ސައުދީ އަރަބިއްޔާ އަދި އުރުދުންގެ ހާރިޖީ ވަޒީރުން އަންނަނީ ބެއިޖިންގައި ބައްދަލުކުރައްވަމުންނެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް ޗައިނާއިން ވައުދުވި މި ސަމިޓަކީ އެކަމުގައި ބައިނަލްއަގްވާމީ ދައުރު އިތުރަށް ވަރުގަދަ ކުރުމަށް ބެއިޖިން އިން ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ސަމިޓެކެވެ.

ފަލަސްތީނު ރައްޔިތުން އެ ބިމުން ބޭރުކޮށްލުމަކީ އެ ސަރަހައްދާއި މުޅި ދުނިޔޭގެ ސުލްހައާއި ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާނެ ކަމެއް ކަމަށް މާލިކްގެ އިތުރުން މިސްރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

ޣައްޒާއާއި މިސްރު ގުޅޭ ރަފަޙް ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ނަމަވެސް ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތަކީ ބޮން ގޮއްވުމާއި ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ބޭރުކޮށްލުމުގެ ސިޔާސަތު ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ޗައިނާއިންވެސް ތަކުރާރުކޮށްވަނީ ގޮވައިލާފައެވެ. އަދި "ޓޫ ސްޓޭޓް ސޮލިޔުޝަން" އަކަށް ދިއުމަށްވެސް ހަނގުރާމަ ފެށިތާ ކުރީކޮޅު ޗައިނާއިން ވަނީ ގޮވާލާފައެވެ.

އަރަބި ވަޒީރުން ޗައިނާގައި ބާއްވާ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، އެހެން ގައުމުތަކަށްވެސް ވަޑައިގަންނަވާނެއެވެ. ޣައްޒާގެ މައްސަލައާ ބެހޭގޮތުން މަޝްވަރާކުރުމަށް ސައުދީ އަރަބިއާގެ ރިޔާދުގައިވެސް އަރަބި ލީގުގެ ބައްދަލުވުމެއް މީގެކުރިން ވަނީ ބާއްވާފައެވެ.

comment ކޮމެންޓް