''ތިޔަ ރީތި ސޫރަ'' ފެނިއްޖެ ތަ؟

ތަފާތު އެކި މިއުޒިކް ވީޑިއޯތައް އުފައްދާ މަނިކް އާޓްސް ސްޓޫޑިއޯގެ އާ މިއުޒިކް ވީޑިއޯ "ތިޔަ ރީތި ސޫރަ" ރިލީޒް ކޮށްފިއެވެ.

ކެމެރާ އާއި އެޑިޓިންގެ މަސައްކަތްކޮށް މަނިކް އާޓްސްއިން އާ މިއުޒިކް ވީޑިއޯ ޔޫޓިއުބް އަށް އާންމުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މީހަކަށް ކަމުގޮސް ދެ މީހުންގެ ގުޅުމެއް އުފެދިގެން އެކީގައި ލޯބިން އުޅޭ މަންޒަރުތައް ދައްކާލައި މި ލަވައަކީ އަމިއްލަ ރާގުގެ އޮރިޖިނަލް ލަވައެކެވެ. މި ލަވަ ކިޔާފައިވަނީ އަބްދުﷲ ޝާފިއު ޝާއެވެ. ޝާފިއު ލަވަ ކިޔާފައިވާއިރު މި ލަވައިގެ ލިރިކްސް އާއި މެލޮޑީގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ހަސަނެވެ.

ލަވައިގެ މަންޒަރުތައް ނަގާފައިވަނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ. މި ލަވައިގެ މިއުޒިކް ވީޑިއޯއިން ފެނިގެންދާނީ ސަމާ އާއި އަބުޅޯއެވެ. ސަމާ އަކީ ދިވެހިންނަށް އާ މޫނަކަށް ނުވާނެއެވެ. އާންމުކޮށް ސަޕޯޓިން ރޯލުތަކުން ފެނިފައިވާ ސަމާ މި ފަހަރު ފެންނާނީ މިއުޒިކް ވީޑިއޯގެ މައިގަނޑު ކެރެކްޓަރުގެ ރޯލުންނެވެ.

ޓީމުން ބުނާގޮތުގައި މި ލަވައަކީ އަޑު އަހައިލަން ފަސޭހަ އަދި ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ބެލެވޭ ލަވައެކެވެ. އަދި، އަމިއްލަ ރާގުގެ ލަވައަކަށް މި ލަވަ ވާތީ އެކަމާ ގުޅިގެން ލަވަ އިތުރަށް ހާއްސަވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މަނިކް އާޓްސްއިން ތަފާތު އެކި އާޓިސްޓުންނާއެކު މިއުޒިކް ވީޑިއޯ ހަދަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މިފަދަ ވީޑިއޯއެއް އާންމުކޮށްފައިވަނީ މީގެ ހަތް އަހަރު ކުރީން 2016 ވަނަ އަހަރުގައެވެ. އެ އަހަރު ނެރުނު "ހިތުގެ އަދުމޭ ތީ"އަށް ވަނީ ޔޫޓިއުބްގައި ވެސް ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ.

comment ކޮމެންޓް