ބޮލީވުޑްގެ ކަންކަމަށް ފާޑުކިޔުމާ ވަރަށް ދުރުގައި ހުންނަ ބަތަލާ ކްރިތީ ސެނޮން ހިންދީ ސިނަމާގެ ބައެއް ޕްރޮޑިއުސަރުންނަށް އަމާޒުކޮށް ވާހަކަ ދައްކައިފިއެވެ.
އިންޑިއާގެ ވޯގްއަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނީ ޕްރޮޑިއުސަރެއްގެ ނުފޫޒާ އެކު ބޮލީވުޑްގެ އެތެރޭން މީހަކު ލޯންޗުކޮށްފިނަމަ އެ މީހުންގެ ނުފޫޒު ނެތް އާއިލާއަކުން ހުނަރުވެރިއަކަށް ޖާގަ ދޭންވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
ފިލްމު "މިމީ"އިން ޤައުމީ އެވޯޑް ޙާސިލުކޮށްފައިވާ ބަތަލާ ބުނީ، ތަރިންނާއި ބޮޑެތި ނަންތަކަށް ވުރެ ބޮޑަށް މުޅި ދުނިޔެ ވެސް މިސްރާބު ޖަހަނީ ހުނަރުން ފުރިގެންވާ އެކްޓަރުންނަށް ކަމަށާއި އާދަޔާ ޚިލާފު މޮޅު ސްކްރިޕްޓްތައް ފަހަތުން ކަމަށެވެ. އެހެންކަމުން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ނުފޫޒު އޮންނަ ފިލްމީ ތަރިންނަށް ދޭ ފުރުސަތު ހަމަހަމަކަން މަތީ އެހެން ފަރާތްތަކަށް ވެސް ދެވެންވާނެ ކަމަށް ކްރިތީ ވަނީ ބުނެފައެވެ.
އެފަދައިން ފިލްމީ ތަރިންނާ މެދު އެއް ހަމައެއްގައި އަމަލުކުރަން ފަށައިފިނަމަ ބޮލީވުޑަކީ ބޭރުން އަންނަ މީހުންނަށް މަސައްކަތް ކުރަން ވަރަށް ފަސޭހަ އިންޑަސްޓްރީއަކަށް ވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކްރިތީ ސެނޮން ފިލްމު "ކްރޫ"ގެ ކާސްޓުންނާ އެކު --
ފިލްމު އިންޑަސްޓްރީގައި ދިހަ އަހަރު ވެސް އަދި ފުރިހަމަނުވާ ބަތަލާއަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ އެކަކެވެ.
އެކްޓަރު ޓައިގާ ޝްރޮފާ އެކު 2014 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ބަތަލާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭ "މިމީ"، "ލުކާ ޗުއްޕީ"، "ބޭޅިޔާ" އަދި "އަދިޕުރުޝް" ހިމެނެއެވެ. ކްރިތީ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްވި އެކްޝަން ތުރިލާ "ގަނަޕަތު" އިންނެވެ.
ކުރިއަށް އޮތް އަހަރު ކްރިތީގެ ތިން ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމަކީ ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ފިލްމު "ދަ ކްރޫ"އަށެވެ. ކްރިތީއާ އެކު މި ފިލްމުން ބަތަލާ ކަރީނާ ކަޕޫރު، ތައްބޫ އަދި ކަޕިލް ޝަރުމާ ފެންނާނެއެވެ.