އިޓަލީވިލާތުގެ ޓިއުރިންގައި ކުރިއަށް ދިޔަ އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގައި އެއްވަނަ ރޭންކްގައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ކާމިޔާބު ކޮށްފިއެވެ.
މިމުބާރާތް ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި އިޓަލީވިލާތުގެ ޔަނިކް ސިނާއާއި ބައްދަލުކޮށް ދެ ސެޓުންނެވެ.
އެއީ 6-3 އަދި 6-3 ގެ ނަތީޖާއަކުންނެވެ
މި ދެ ކުޅުންތެރިންގެ މެދުގައި ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗު ސިނާ ކާމިޔާބު ކުރި ނަމަވެސް ފައިނަލްގައި ޖޯކޮވިޗް ފެނުނީ ތަފާތު ކުޅުމެއް ކުޅުނު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ މިއީ އޭނާގެ ކެރިއަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް އަހަރު ކަމަށެވެ.
އެ ތަށި މި ފަހަރު ވަރަށް ޚާއްސަ ކަމަށާއި، އިޓަލީއަށް ނިސްބަތްވާ ސަޕޯޓަރުންގެ ތާއީދު އޮތް ކުޅުންތެރިއަކާ ވާދަކޮށް ތަށި ކާމިޔާބު ކުރެވުމުން ލިބޭ ހިތްހަމަ ޖެހުން އިތުރު ކަމަށް އޭނާ ބުންޏެވެ.
މި ކާމިޔާބީއާއެކު ޖޯކޮވިޗް ވަނީ މި މުބާރާތުގެ ތަށި ހަތްވަނަ ފަހަރަށް ކާމިޔާބުކޮށް އާ ރިކޯޑެއް ގާއިމްކޮށްފައެވެ. ހަމައެއާއެކު އޭނާ މި އަހަރު ނިމޭއިރު ވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ވާނެކަމުގެ ޔަގީންކަން ވެސް ވަނީ އާވެފައެވެ. އެއާއެކު ޖޯކޮވިޗް ވާނީ އެއްވަނަ މަގާމުގައި އޮވެ އަށްވަނަ ފަހަރަށް އަހަރު ނިންމައިލާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
އުމުރުން 36 އަހަރުގެ ޖޯކޮވިޗް އަންނަނީ އޭނާއާ ވާދަކުރަމުން އަންނަ އުމުރުގެ ގޮތުން ޒުވާން ގިނަ ކުޅުންތެރިން ކައިރީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި އޭނާގެ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަންނަނީ ހިފަމުންނެވެ.