ފިލްމު 'އެނިމަލް'ގެ ފުރަތަމަ ޕްރޮމޯޝަނަލް އިވެންޓު ދުބާއީގައި

ފިލްމު "އެނިމަލް'ގެ ކާސްޓުން ދުބާއީގައި

ޑިސެމްބަރު އެއްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "އެނިމަލް"ގެ ފުރަތަމަ ޕްރޮމޯޝަނަލް އިވެންޓު ދުބާއީގައި ބާއްވައިފިއެވެ.

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ބުރުޖް ޚަލީފާގައި "އެނިމަލް"ގެ 60 ސިކުންތުގެ ޓީޒާ ދައްކާލިއިރު އެ ތަނަށް އެއްވެ ތިބި ގިނަ ބައެއްގެ ސަމާލުކަން މި ޓީޒާއަށް ވަނީ ލިބިފައެވެ.

ފިލްމު "އެނިމަލް"ގެ ކުލަތަކުން ބުރުޖް ޚަލީފާ ޒީނަތްތެރި ކޮށްލިއިރު އެ ވަގުތު ފިލްމުގެ ކާސްޓުންގެ ތެރޭ ހިމެނޭ ރަޝްމިކާ މަންދާނާ، ރަންބީރު ކަޕޫރު، އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް ވެސް ވަނީ މި މަންޒަރު ބަލަން އެ ތަނަށް ގޮސްފައެވެ.

މި ޓީޒާއިން ރަންބީރު ކަޕޫރު ފިލްމުގައި ފެންނާނެ ކެރެކްޓާގެ މަންޒަރުތައް ވަނީ ދައްކައިފައެވެ. ފިލްމުގެ ޕްރޮމޯޝަން ދުބާއީގައި ފެށިއިރު މި ހަފުތާ އަދި ފެށޭ ހަފުތާގައި ވެސް ފިލްމުގެ ޕްރޮމޯޝަންތައް އެކި ޕްލެޓްފޯމް ތަކުގައި ކުރިއަށް ގެންދާނެއެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމު ކަމަށްވާ "އެނިމަލް" ކުރިން ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ފިލްމު "ޖަވާން" ރިލީޒްކުރާ ތާރީޚާ ފުށު އެރުމުން "އެނިމަލް"ގެ ޕްރޮޑަކްޝަން ހައުސްއިން ނިންމީ ފިލްމު ރިލީޒްކުރާ ތާރީޚު މަޑުޖައްސައިލުމަށެވެ.

ޓީ-ސީރީސް އާއި އިތުރު ދެ ކުންފުނި ގުޅިގެން ގެނެސްދޭ މި ފިލްމަކީ، ފިލްމު "އަރުޖުން ރެޑީ" ފަދަ ފިލްމުތައް ގެނެސްދިން ސަންދީޕް ރެޑީ ވަންގާގެ އުފެއްދުމެކެވެ. ބުޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމަކީ 100 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އެހެންކަމުން މި ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ހެދުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނުހަނު އިސްކަމެއް ދީގެން މަސައްކަތް ވަނީ ފަށައިފައެވެ.

comment ކޮމެންޓް