ދެކުނު އިންޑިއާގެ އިންޑަސްޓްރީތައް ބޮލީވުޑަށް ވުރެ މާ ޑިސިޕްލިން: ވިދްޔާ

ބަތަލާ ވިދްޔާ ބާލަން

އިންޑިއާގެ ދެކުނު އިންޑިއާ (ސައުތު ސިނަމާ)ގެ އިންޑަސްޓްރީ ތަކަކީ ބޮލީވުޑަށް ވުރެ މާ ބޮޑަށް ޑިސިޕްލިން އިންޑަސްޓްރީތައް ކަމަށް ޤަބޫލުކުރާ ކަމުގައި ބަތަލާ ވިދްޔާ ބާލަން ބުނެފިއެވެ.

ސައުތު ސިނަމާގެ އިންޑަސްޓްރީއަށް ނިސްބަތްވާ ކޮންމެ ފިލްމީ ތަރިއަކީ ވެސް އަމިއްލަވަންތަ ބައެއް ކަމަށާއި އެކަން އެ ތަރިން ހިތުގެ އަޑިން ޤަބޫލުކޮށް އެ ގޮތުގައި ދެމިތިބުމަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށް ވިދްޔާ ވަނީ ބުނެފައެވެ.

ފިލްމު "ޕަރިނީތާ"އިން 2005ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ބަތަލާއަކީ ވެސް ސައުތު އިންޑިއާގައި ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކޮށް އެ ތަރުބިއްޔަތު ލިބިފައިވާ މީހެއް ކަމަށާއި ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުގައި ދެކުނުން ލިބުނު ތަރުބިއްޔަތު އެހީތެރިވެދޭ ކަމަށް ވިދްޔާ ވަނީ ބުނެފައެވެ. ހިންދީ ސިނަމާއަށް ތަޢާރަފުވުމުގެ ކުރިން ވިދްޔާ ވަނީ ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުން އުފައްދާފައިވާ ފިލްމުތަކެއް ކުޅެފައެވެ.

އެހެންނަމަވެސް ސައުތު ސިނަމާގައި މަސައްކަތްކުރި ބައެއް ދުވަސްވަރު ހަނދާން ނައްތައިލަން ދަތި ބައެއް ހާދިސާތައް ހިނގާފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެގޮތުން އޭރު ސޮއިކުރި މަލަޔާލަމް ފިލްމެއް ހުއްޓައިލުމުން ވިދްޔާ އަކީ ބަދު ނަސީބު މީހެއް ކަމަށް ދެކި ފަހުން ބަތަލާ ސޮއިކުރި ގިނަ މަލަޔާލަމް ފިލްމުތަކުން ވަކިކުރި ކަމަށް ޤައުމީ އެވޯޑް ޙާސިލުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.

ވިދްޔާ ބާލަން ފިރިމީހާ ސިދާތު ރޯއި ކަޕޫރާ އެކު ---
އިންޑިއާގެ ފެޝަން ޑިޒައިނާ މަސާބާ ގުޕްތާގެ ޕޮޑް ކާސްޓެއްގައި ވާހަކަ ދައްކަމުން ވިދްޔާ ބުނެފައިވަނީ މިހާތަނަށް ބަތަލާއަށް މަސައްކަތް ކުރެވުނު ގިނަ ފިލްމުތަކަކީ ވަރަށް ކުޑަ ބަޖެޓުތަކުން އުފައްދާފައިވާ ފިލްމުތައް ކަމަށާއި ފިލްމު ސެޓުގައި ވެސް ޑިސިޕްލިން ހިފަހައްޓަން ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ. މިހާރުގެ ގިނަ ފިލްމުތަކަކީ ބޮޑެތި ބަޖެޓުތަކުން އުފައްދާ ފިލްމުތައް ކަމަށްވިޔަސް ހަޤީޤީ 'އިންޑިއަން އޮތެންޓިކް' ފިލްމެއްގެ މާނަ އެނގޭ ތަރިން އެބަ ތިބިތޯ ވެސް ސުވާލު އުފެދޭކަމަށް ވިދްޔާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އެމޭޒަން ޕްރައިމްގައި ރިލީޒްކުރި ފިލްމު "ނީޔަތު"ގެ ބަތަލާ ބުނީ ފިލްމުގެ ސެޓުން ގެއަށް ދިއުމަށް ފަހު ބަތަލާއަކީ އާދައިގެ މީހެއް ކަމަށާއި ފިލްމީ ތަރިއަކަށް ވީތީ އެ ހައިބަތުކަމެއް އެހެން މީހުންގެ ކުރިމަތީގައި ދުވަހަކު ވެސް ދައްކާފައި ނުވާނެ ކަމަށެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ސިނަމާއަށް ހުށަހަޅައިދިން ބަތަލާއަށް އެކްޓަރު ޝާހްރުކް ޚާން އާއި ސުހާނާ ޚާން އެކީގައި ފެންނަ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް