އޯޕަން އޭއައިގެ ސީއީއޯކަމަށް އޮލްޓްމަން އަލުން އައްޔަންކުރަން އިންވެސްޓަރުން ގޮވައިލައިފި

އޯޕަން އޭއައިގެ ކުރީގެ ސީއީއޯ ސޭމް އޮލްޓްމަން --

އޯޕަން އޭއައިގެ ސީއީއޯގެ މަގާމަށް ސޭމް އޮލްޓްމަން އަލުން އައްޔަންކުރަން އެ ކުންފުނީގެ އިންވެސްޓަރުން ގޮވައިލައިފިއެވެ.

އޯޕަން އޭއައިގެ ބޯޑުން އޮލްޓްމަން ވަކިކުރީ މިދިޔަ ހުކުރު ދުވަހެވެ.

އޮލްޓްމަން ވަކިކުރުމަށްފަހު އޯޕަން އޭއައިގެ ބޯޑުންވަނީ އިންޓަރިމް ޗީފް އެގްޒެކެޓިވްގެ މަގާމަށް އެކުންފުނީގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) މީރާ މުރާތީ އައްޔަންކޮށްފައެވެ.

އިންވެސްޓަރުން އޮލްޓްމަން އަލުން އައްޔަންކުރަން ގޮވައިލަން ފެށިއިރު އޭނާ މަގާމުން ވަކިކުރި ފަހުން އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

އެ މަގާމަށް އޭނާ އަލުން ގެނައުމަށް އެދި މައިކްރޮސޮފްޓާއި ޓައިގާ ގްލޯބަލްގެ އިތުރުން ތުރައިވް ކެޕިޓަލް އަދި ސެކިއުއާ ކެޕިޓަލްއިން ވެސް މަޝްވަރާތައް ވަނީ ފަށައިފައެވެ.

އިންވެސްޓަރުން މިފަދަައިން ޑިމާންޑުކުރި ނަމަވެސް އޮލްޓްމަން އަމިއްލައަށް އެނބުރި އައިސްފާނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

އޯޕަން އޭއައިގެ އަގު މިހާރު ގާތްގަނޑަކަށް 86 ބިލިއަން ޑޮލަރަށް އަރައެެވެ. ޗެޓް ޖީޕީޓީ އާއި އެ ފަދަ އެހެން ބޮޓްތަކާ ބަލާއިރު އެންމެ އަގު ބޮޑީ އޯޕަން އޭއައިއެވެ. ނަމަވެސް އޮލްޓްމަން ސީއީއޯކަމުން ވަކިކުރުމާއެކު އޯޕަން އޭއައިގެ މުސްތަގުބަލާ މެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އޯޕަން އޭއައި އަކީ އިންސާނިއްޔަތަށް ފައިދާކުރާ އެކުވެރި އޭއައި ޕްރޮމޯޓްކޮށް ތަރައްގީކުރުމުގެ މަގުސަދުގައި 2015 ވަނަ އަހަރު އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް ރިސާޗް ލެބޯޓްރީއެކެވެ.

އީލޮން މަސްކް، ޕީޓާ ތިއެލް އަދި ސޭމް އޯލްޓްމަން ފަދަ ބިލިއަނަރުންގެ އެހީތެރިކަމާއެކު އޯޕަން އޭއައި ވަނީ އޭއައި ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ އެންމެ ކުރިން ޖާގަ ހޯދައިފައެވެ.

comment ކޮމެންޓް