މަގުމަތީގައި ޓްރެފިކް ބޮޑެވެ. އެއް ސިކުންތުގައި ކުރިއަށް ދުއްވާލެވިއްޖެ ނަމަ އަނެއް ދިހަ ސިކުންތުގައި އިންނަން ޖެހެނީ މަޑުކޮށްގެންނެވެ. ގިނަ އިރުވާން ފެށުމުން ރަޒާން ރުޅި އަންނަ ގޮތްވިއެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި ހިނގާފައި ދިޔަ ސަޖާ އަޅައިގަތުމާއެކު، ކާރުން ފޭބުމަށް އަވަސްވެގަތެވެ.

އެެހެންނަމަވެސް ޓްރެފިކްބޮޑުކަމުންނާއި، އެއްކޮޅަށް ދުއްވާ މަގެއްކަމުން އެކަން ކުރުން ނާދިރުކަމަކަށް ވިއެވެ. އޭނާ ބަލަހައްޓައިގެން އިންދާ ސަޖާ ގޮސް ޖެހިގެން އޮތް ގޯޅިއަށް އަޅައިފިއެވެ. ރުޅި އައިސްގެން ހުންގާނުގައި ޖަހާ ރަޒާން ޗޮކެއް ކަނޑާލިއެވެ. ފިލައިގެން ސަޖާ އުޅޭނީ ކިހާ ދުވަހަކު ހެއްޔެވެ؟

****

ޚަރީފު މޫސުމުގެ ހިތްގައިމުކަން ލަންޑަންގެ ކޮންމެ ދިމާލަކުންވެސް ފެންނަމުން ދިޔައިރު ފިނިކަމެއް ފަޒާގައި ހިފާލާފައި ހުއްޓެވެ. މައާލް ސްވެޓަރ ފާޑުގެ އެއްޗެއް ލައިގެން ހޮސްޕިޓަލަށް ދާން ތައްޔާރުވާން އަވަސްވެގަތެވެ. ކިތަންމެ ހިތްވަރުކޮށްފައި އުޅުނު ނަމަވެސް، އަލުން ލަންޑަންގެ އެ މާހައުލަށް އާދެވުމުން، މައާލްގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އޭނާގެ ހުރިހާ އުފަލަކަށް ނިމުން އައީ އެ ފަސްގަނޑުގައެވެ. އެއީ އޭނާގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހިގެން ދިޔަ ފަސްގަނޑެވެ. މަންމައާއި ބައްޕަ މަތިން ހަނދާންވެ އެ ދެމީހުން އޭނާ ކައިރީގައި ހުންނާނެނަމައޭ ހިތަށް އަރަމުން ދިޔައެވެ. އެދެމީހުން ދުނިޔޭގައި ހުރިނަމަ، ރާދިންގެ ފަރާތުން ލިބުނު އަނިޔާތަކަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބުނީސް ކަންނޭނގެއެވެ.

އެމާގެ އެހީތެރިކަމާއެކު މައާލް ތައްޔާރުވެލިއެވެ. މޭކަޕަކާއި ނުލާވެސް މައާލްގެ ރީތިކަން އިންތިހާއެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތާއި "އެންބަރ" ކުލައިގެ އެ ދެލޯ ކިތަންމެ ހާވެސް ހިތްގައިމެވެ. މައާލްގެ ފަން އިސްތަށިގަނޑު ނިއުޅާލާފައިވެއެވެ. ހިތާމަތައް ފޮރުވަން މަސައްކަތް ކުރިނަމަވެސް، އެކަންކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެ ހިތާމަތައް ވަންހަނާކުރުމުގެ ޤާބިލްކަންވެސް މައާލްގެ ކިބައިގައި ނެތް ފަދައެވެ.

ރީތިވެލައިގެން ބޮޑުކޮޓަރިއަށް ނުކުތްއިރު، މުނީރު ހުއްޓެވެ. އޭނާ މައާލްއަށް ބަލާލާފައި ކާރު ތައްޔާރަށް އޮތް ވާހަކަ ބުނެލިއެވެ. މައާލް ބޯ ޖަހާލިއެވެ. އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ހާސްކަމާއި ބުނެދޭން ނޭނގޭ ފިނިކަމެއް ހަށިގަނޑުގައި ދައުރުވަމުން ދިޔައެވެ. މިއަދު އޭނާ ޑޮކްޓަރަށް ދައްކަން އެދަނީ ކުޑަކުޑަ އުންމީދަކާ އެކުގައެވެ. އޭނާގެ ދެލޮލުގެ ފެނުން އަނބުރާ ދެއްވާތޯ އެތައް ފަހަރަކު ﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވުނެވެ. މިއަދު އޭނާ މާޔޫސްވާ ފަދަ ޖަވާބެއް ލިބިއްޖެނަމަ، އޭނާގެ ހިތް ހަލާކުވެދާނެއެވެ. މުނީރަށްވެސް މައާލްގެ ހާސްކަން ފަހުމްވިއެވެ. އޭނާ އަތުގައި ހުރި ހުރިހާ ރިޕޯޓްތަކަށް ބަލައިލުމާއެކު، ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، އެ ހިފައިގެން ހިނގައިގަތެވެ. މުނީރު ކާރަށް އެރުމުން އެމާގެ އެހީތެރިކަމާއެކު މައާލްވެސް އަރާ އިށީނެވެ.

"އިރާދުކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ." މުނީރު މައާލްއަށް ހިތްވަރު ދިނެވެ. މައާލް ބޯ ޖަހާލިނަމަވެސް، އޭނާ ދިޔައީ ދެއަތް ދެއަތާ މޮޑެމުންނެވެ. އެކަމުން އޭނާ ހާސް ވެފައިވާ މިންވަރު، އެމާއަށްވެސް ފާހަގަ ކުރެވުނެވެ. އޭނާ މަޑުމަޑުން މައާލްގެ އަތުގައި ހިފައްޓާލިއެވެ.

ހޮސްޕިޓަލާ ހިސާބަށް އާދެވުމުން މުނީރު ލަސްނުކޮށް ހިނގައިގަތީ ލޮލުގެ ޑިޕާރޓްމެންޓަށެވެ. ކައުންޓަރާ ކައިރިވެފާފައި އެޕޮއިންޓްގެ ވާހަކަ ބުނެލުމާއެކު، އެތަނުގައި އިން ކުއްޖާ ޑޮކްޓަރަށް ގުޅާލިއެވެ. ފޯނު ބާއްވާފައި ރޫމް ނަންބަރު ބުނެލާފައި، އެތެރެއަށް ވަނުމަށް ބުނެލިއެެވެ.

މައާލް ގޮވައިގެން މުނީރު އެތެރެއަށްވަނެވެ. ޑޮކްޓަރަށް ރިޕޯޓްތައް ދީފައި އޭނާ މަޑުކޮށްލިއެވެ. ފަރުވާތެރިކަމާއެކު މައާލްގެ ހުރިހާ ރިޕޯޓްތަކެއް ޑޮކްޓަރު ޖޭމީ ބެލިއެވެ. އެއަށްފަހު އޭނާ މައާލްއާ ދިމާލަށް ބަލާލިއެވެ. މައާލްގެ ލޮލުގެ ކުޑަ އެގްޒޭމިނޭޝަންއެއް ހެދިއެވެ.

"ޓެސްޓްތައް ރިޕީޓްކޮށްލަމާ. މިއަދު ޓެސްޓްތައް ހެދޭނެ ގޮތް އަހަރެން ހަމަ ޖައްސާނަން." ޖޭމީ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އެއަށްފަހު އޭނާ ފޯނުން ނަންބަރަކަށް ގުޅާލިއެވެ. ލަސްތަކެއް ނުވެ ނަރުސްކުއްޖަކު އަތުވެއްޖެއެވެ. އޭނާ ކަންތައްކުރަންވީ ގޮތް ނަރުސްކުއްޖާއަށް ކިޔައިލަދިނެވެ.

ނަރުސްކުއްޖާއާއެކު، މައާލް ނުކުތުމުން، ޑޮކްޓަރ ޖޭމީ މުނީރަށް ބަލާލާފައި ވާހަކަ ދެއްކިއެވެ.

"އަހަރެން ވަކި އެއްޗެއް ބުނަން ބޭނުންވަނީ ޓެސްޓްތައް ރިޕީޓްކޮށްލާފަ. ކުރިން ބުނިހެން މި ރިޕޯޓްތަކުން ނެތް އެއްވެސް އުންމީދެއް." ޖޭމީ ދެފަރާތަށް ބޯ ހޫރާލިއެވެ.

"އެންމެ ޕަސެންޓެއް އޮތްނަމަވެސް، ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރު." މުނީރު ޔަޤީންކަން ދިނެވެ.

"މިއަދު ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ މާދަން. ލިބުނީމަ ދައްކާލަން އާދޭ. އަހަރެން އުޅޭނަން މާދަންވެސް. ކައުންޓަރުގަ ބުނެލާ އިނގޭ." ޖޭމީ ބުނެލިއެވެ. މުނީރު އާއެކޭ ބުނެލިއެވެ.

މައާލްގެ ޓެސްޓްތައް ހަދާފައި އެމީހުން ގެއަށް ދިޔައިރު، އިރުއޮއްސެނީއެވެ.

"މިހުރިހާކަމެއްކޮށްފަ އުންމީދެއް ނުލިބިއްޖެނަމަ ނޭނގެ ވާނެ ގޮތެއްވެސް." މައާލް އަށް ބުނެވުނެވެ.

"އުންމީދެއް އޮތީމައެއްނު މިހިސާބަށް މިއައީ… އިންޝާ ﷲ ހުރިހާކަމެއް ވެސް ރަނގަޅުވާނެ." މުނީރު ބުނެލިއެވެ. މައާލްވެސް ބޯ ޖަހާލީ މާތް ﷲ ރަޙްމަތުން ދުވަހަކުވެސް އުންމީދު ކަނޑާނުލުމަށެވެ. އެ ކަލާނގެ ނިންމަވާ ކޮންމެ ކަމެއްގައިވެސް ހެވެއް ވާނެއެވެ.

****

ރާދިން އޮފީހަށް ނާންނާތީއާ އެކު މާހިލްއަށް ވަރަށް ބުރައެވެ. ދުވާލު ހަތަރުދަމު އޮފީހުގައި އުޅުމަށްފަހު، އޭނާ ނުކުތްއިރު ރޭގަނޑު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރު އޭނާއަށް ވަރުބަލިކަން އިންތިހާއަށް އިޙްސާސްވަމުން ދިޔައެވެ. އޮފީހުން ނުކުތްތަނާ އޭނާއަށް ފުއާދު ގުޅައިފިއެވެ. އެދުނީ ބައްދަލުކޮށްލުމަށެވެ. ވެފައި ހުރި ވަރުބައްޔާއެކު ޖެހިގެން އަންނަ ދުވަހަށް ބައްދަލުކޮށްލަން ފަސްކޮށްލަން އުޅެފައި ވެސް މާހިލް އާއެކޭ ބުނެ އޮފީސް ކައިރީ ކެފޭއަށް އަންނަން ބުނެލިއެވެ. އޭނާ އެތަނުގައި އިންނަތާ ފަސް ވަރަކަށް މިނެޓް ފަހުން ފުއާދު އައިސް އިށީނދެ ކޮފީއަކަށް އޯޑަރު ދިނެވެ.

"އަހަރެން ދެއްކި ވާހަކަތަކާ މެދު ވިސްނައިފިންތަ؟" ފުއާދު ސުވާލުކޮށްލިއެވެ.

"ވިސްނިން. ބުނެބަލަ އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއްކަން؟" މާހިލް ވެސް ސުވާލުކޮށްލިއެވެ.

"އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރާނަންތަ؟" ފުއާދު އަނެއްކާވެސް ސުވާލެއްކޮށްލއެވެ.

"ބުނީމަ އެނގޭނީ. އަހަރެން ނޫން ޗޮއިސްއެއް ފުއާދަށް އެބައޮތްތަ؟" މާހިލް ވިސްނުން ތެރިކަމާއެކު، ވާހަކަ ދެއްކިއެވެ. ފުއާދުގެ ކިބައިން ކަންތައްތައް އޮޅުން ފިލުވަން އޭނާ އިނީ އަޒުމު ކަނޑައަޅައިގެންނެވެ.

"އަހަރެން ބުނާ ގޮތަށް ކަންތައްކޮށްފިއްޔާ މާހިލްއަކަށް ނުޖެހޭނެ ތިހާ ބުރަކޮށް މަސައްކަތް ކުރާކަށް. ދެންމެއެއްނު އޮފީހުން ތި ނިމުނީ." މާހިލްގެ ދަބަހަށް އިޝާރާތްކޮށްލަމުން ފުއާދު ބުންޏެވެ.

"އަހަންނަށް އެނގޭ ތީ ވާނެ ގޮތްކަން. އެ މީހުން ކައިރީގަ މަސައްކަތް ކުރަންޏާ ދަށުން ތިބޭ މީހުން ޖެހޭނީ ގުލާނުކޮށްދޭން. ތީ ހަމަ މާހިލްގެ ބައްޕަ ވެސް އުޅުނު ގޮތޭ. އަހަންނަށް ދޯ އެނގޭނީ. އެހެންވީމަ މިބުނަނީ." ފުއާދު ބުންޏެވެ.

"ކޮބާ ޕްލޭނަކީ؟" މާހިލް ސުވާލުކޮށްލުމާއެކު، ފުއާދު އެއްމިޔަކަށް ހީނލިއެވެ.

"އަހަންނަށް މާހިލްއަށް އިތުބާރުކުރެވިދާނެތޯ ފުރަތަމަ ބަަލަން ޖެހޭނީ. ނޫންތަ؟" އެހާ އަވަހަށް މާހިލްގެ ވިސްނުން ބަދަލުވީއޭ ފުއާދަށް ހީނުވަނީއެވެ. ޒާހިދެކޭ އެއްގޮތަށް މާހިލްއަކީ ވިސްނުން ތޫނު ކަންތައްތައް ފަސޭހައިން ނަގައިގަންނަ ޒުވާނެއްކަން އޭނާއަށް އެނގެއެވެ. މާހިލްއާ ވާހަކަ ދައްކާއިރު، ސަމާލުވާން ޖެހޭނެކަން އޭނާގެ ސިކުނޑިއަށް ވެސް ވިސްނެއެވެ.

"އަހަންނަށް އިތުބާރުނުކުރަންޏާ ދެން އަހަންނަށް ނުގުޅާތި. ސިމްޕަލްއެއްނު. ޔޫ ޑޯންޓް ހޭވް އަ ޗޮއިސް." މާހިލް ބުނެލުމާއެކު، ފުއާދު ވިސްނާލިއެވެ. މާހިލް އެބުނީ ތެދެކެވެ. އޭނާއަށް އިތުބާރުކުރެވޭ އެއްވެސް މީހަކު ނެތެވެ.

"އަހަރެން ކުރަންވީކަމެއް ބުނެބަލަ! ބުނެފަ އިތުބާރުކުރެވޭތޯ ނޫނީ ނޫންތޯ ޓެސްޓްކުރޭ." މާހިލް ބުންޏެވެ.

"ލިޔުންތައް ހަދާފަ މައާލް ލައްވާ ސޮއިކުރުވުމަކީ ބޭނުން. އަހަރެންގެ މައްޗަށް ހުރިހާ އެއްޗެއް ބަދަލުކުރިކަމަށް ފިންގަރ ޕްރިންޓްވެސް ޖެހުވުން. އަދި އެވެސް ދެ ހެކިންނާ އެކު." ފުއާދު އޭނާގެ ޕްލޭން ހާމަކޮށްލިއެވެ.

"ރާދިން ހުންނާނެ. ކުންފުނީގެ ކޮންމެ ކަމެއް ނިންމާއިރު.... އެހެންވީމަ އެކަން ރާދިންއަށް ނޭނގި ނުދާނެ." މާހިލް ބުންޏެވެ.

"އެހެންވީމައެއްނު އަހަރެން މާހިލްގެ އެހީ މި ހޯދަނީ. ރާދިންއާ ކުންފުނި ހިންގަން ހަވާލުކުރިނަމަވެސް، އަދިވެސް ޝާކިރުގެ މުދާތަކުގެ ބާރު އޮތީ މައާލްގެ އަތުގައެއްނު. އެކަން ކުރަން މާހިލްއަކަށް އުނދަގުލެއް ނުވާނެ." ފުއާދު ބުންޏެވެ.

"ކީއްވެގެން ތިހާވަރަކުން އެ މުދާގަނޑު ހޯދަން ތިއުޅެނީ؟" މާހިލްއަށް ސުވާލުކޮށްލެވުނެވެ.

"ކިހިނެއް އެނގެނީ އަހަންނަށް ލިބޭ ފައިދާ ހުއްޓޭނީ ކޮން އިރަކުކަމެއް؟" ފުއާދަށް ވިސްނަން އިނދެފައި ބުނެވުމާއެކު، މާހިލްގެ ސިކުނޑީގައި ރާދިންގެ ބަސްތައް ޓަކި ޖަހާލިއެވެ. ފުއާދުގެ އެ ވާހަކައިން އޭނާއަށް ދޭހަވީ ބްލެކްމެއިލް ކުރުމުގައި ފުއާދުގެ އަތެއް ވާކަމެވެ.

"އެހެންވީމަ އެމީހުންގެ ފަރާތުން މިހާރުވެސް ކޮންމެވެސް ފައިދާއެއް އެބަ ލިބޭތާ؟ ނޫންތަ؟" ފުއާދުގެ މޫނަށް ފަރުވާތެރިކަމާއެކު، ބަލަން އިނުމަށްފަހު، މާހިލް ބުނެލިއެވެ.

"އެއީ މާހިލްއަށް އެނގެން ޖެހޭކަމެއް ނޫނެއްނު. އެކަކުވެސް ފައިބުޑަށް ވެއްޓި އާދޭސްކުރުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން." ފުއާދު ބުންޏެވެ.

އޭނާގެ ގާތުގައި ފުއާދު އެފަދަ ބޮޑު ސިއްރެއް ހާމަނުކުރާނެކަން މާހިލްއަށް ޔަޤީންވުމާއެކު، އޭނާ އިތުރު ސުވާލެއް ކުރާކަށް ގަސްތެއް ނުކުރެއެވެ. އެހެންނަމަވެސް ދެންމެ އިވުނު ވާހަކަތައް އޭނާ ރާދިންއާ ހިއްސާކުރާނެއެވެ. ރާދިންއެކޭ އެއްގޮތަށް މިހާރު އޭނާއަށް ވެސް ފުއާދަށް ޝައްކުކުރެވެން ފެށިއްޖެއެވެ. ފުއާދު ހީކުރަނީ އެންމެންނަކީ ފައިސާއަށް ގަނެވޭނެ ބައެއްކަމަށް ހެއްޔެވެ؟

ފުއާދުއާ ވާހަކަ ދައްކާފައި ނުކުތް މާހިލް ރާދިންއަށް ގުޅާލިއެވެ. އަދި އޭނާ ރާދިންއާ ބައްދަލުކުރަން އެގެއަށް ދިޔައެވެ. އެ ހުރިހާ ވާހަކައެއް ރާދިންއާ ހިއްސާކުރުމުން ރާދިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

"އަހަންނަށް އޭރުވެސް އެނގުނު، އޭނަގެ ކަމެއްކަން، ސީދާ އެހެން ނުބުންޏަސް އަހަންނަށް ޔަޤީންވެއްޖެ އެކަންތައް." ރާދިންއަށް ބުނެވުނެވެ. ފުއާދާ ޝާކިރަކީ އެއްބަފާ ދެމީހުންނަށް ވާއިރު އެ ދެމެދުގަިއ މާޒީގައި ހިނގި ކަންތައްތައް އެނގެން އޭނާ ބޭނުންވިއެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާގެ ބައްޕައަށެވެ. ޝާކިރާއި ފުއާދާ ދެމީހުން ދެ ހަސަދަވެރިންނަށް ވުމުގެ ފަހަތުގައި ބޮޑު ސަބަބެއް ފޮރުވިފައިވާނެއެވެ. މާހިލް ދިޔުމުން ވެސް ރާދިން އެތައް އިރަކު ވިސްނަން އިނެވެ. މައާލް މަތިން ހަނދާންވާން ފެށުމުން ފޯނު ނަގާ އޭގެން އެކި ދުވަސްވަރުމަތިން ނަގާފައިވާ މައާލްގެ ފޮޓޯތަކަށް އޭނާ ބަލަން ފެށިއެވެ. ބައެއް ފޮޓޯތައް ބަލާފައި ބޭއިޚްތިޔާރުގައި ހީނލެވެއެވެ. މައާލްއާ އެކީގައި އުފާވެރި ދިރިއުޅުމެއް އުޅުމަށް ކުރި އުންމީދާ އަމިއްލަ ނަފްސަށް ވީ ވައުދެއް ފުނޑުފުނޑުވެއްޖެއެވެ. ހިތުގެ އިޙްސާސްތައް ފަހުމްވުމާއެކު، ނުރަނގަޅު އުޅުން ދޫކޮށްލިނަމަވެސް، މާޒީގެ ލައްގަނޑެއް އޭނާގެ ފަސްބައިގައި ޖެހިއްޖެއެވެ. ބޭވަފާތެރިއެއްގެ ލަގަބު ލިބިއްޖެއެވެ. ދުވަހަކު ބޭނުން ނުވިނަމަވެސް، ވިޔާނުދާ ފިރިހެނެއްގެ ޓެގުވެސް އެޅުވިއްޖެއެވެ. މާޒީއަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑޭ މީހުން ބުނެއުޅެއެވެ. މާޒީގެ ހިޔަނިން ދުވަހަކު މީހާ ސަލާމަތް ނުވާނީހެއްޔެވެ؟ އެ މާޒީ ފަސް އަޅާ ފޮރުވައެއް ނުލެވޭނެހެއްޔެވެ؟ މައާލްއާ އޭނާއަށް އުފާވެރި ދިރިއުޅުމެއް ދެން ނުލިބޭނީ ހެއްޔެވެ؟

އެފަދަ ޚިޔާލުތަކެއްގައި އިނދެފައި އޭނާ މުނީރަށް މެސެޖެއްކޮށްލިއެވެ. ލަސްތަކެއްނުވެ މުނީރު ޖަވާބު ފޮނުވާލިއެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް ބުނެފައެވެ. އިތުރު ތަފްސީލެއް އޭނާ ރާދިންއަކަށް ނުދިނެވެ. މުނީރުގެ ޖަވާބު ކުރުކަމުން ތަކުރާރުކޮށް ސުވާލުލުރާކަށް ރާދިންއަކަށް ނުކެރުނެވެ. އެހެންކަމުން އެ މެސެޖަށް ބަލަހައްޓައިގެން އޭނާ އިނީއެވެ. މައާލްގެ ފަރުވާގެ ކަންތައްތައް ދާ ގޮތެއް ކިތަންމެ އެނގެން ބޭނުންވިނަމަވެސް، ބައްޕަ ކައިރީގައި އަހާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ބައްޕަ އޭނާއާ ވާހަކަ ދެއްކި ނަމަވެސް، އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައިކަން ރާދިންއަށް ޔަޤީންވާތީއާވެސް އެކުގައެވެ. އެހެންނަމަވެސް މައާލް އެފަދަ ބޮޑުކަމަކާ ކުރިމަތިލާއިރު ދުރުގައި ހުންނަން އޭނާއަށް އިންތިހާއަށް ދަތިވެއެވެ. މައާލްގެ ލޮލަށް ފެނުމަކީ އޭނާގެވެސް އުންމީދެކެވެ. އެހިތުގެވެސް އެދުމެކެވެ. ކިރިޔާވެސް އުންމީދެއް އޮތްނަމަ، އެ ފަރުވާއެއް މައާލްއަށް ދިނުމަކީ އަމިއްލަ ނަފްސަށް ވީ ވައުދެކެވެ. އެންމެ ދެރަވަނީ މައާލްއަށްޓަކައި ވީ އެއްވެސް ވައުދެއް ފުއްދުމަށް ތަޤުދީރު އޭނާއާ ދެކޮޅުވީތީއެވެ.

ނިދިފައި އޮތް މައާލްއަށް ސިހިފައި ހޭލެވުނީ ބިރުވެރި ހުވަފަނެއް ފެނިގެންނެނެވެ. ހޭލެވުނުއިރު، މީހާ ދާހިތްލާފައި ހުރިނަމަވެސް، ހުވަފެން މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. ހީވަނީ ލޯބިވާ މީހަކު އޭނާއާ ވަކިވީހެންނެވެ. ހިތާ ހިތުން ކިޔާލެވުނީ ރާދިންގެ ނަމެވެ. އެއާއެކު އެނާގެ އޭނާގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހެން ފެށިއެވެ. ރާދިންގެ ޙިޔާލުގައި އޭނާއަށް އޮވެވުނުއިރު، ރޭގަނޑުގެ ބާކީ ބައިގައި އޭނާއަށްނުވެސް ނިދުނެވެ.

"ރާދިން! ކީއްވެތަ ތިހެން ކަންތައްކުރީ؟ ކީއްވެ އަހަންނަށް ތިފަދަ ވޭނެއް ތިޔަ ދިނީ؟ ކިތަންމެ ވަރަކަށް އަނިޔާވެރިވިނަމަވެސް، ހައިރާންވަނީ ތި ލޯބި މި ހިތުގައި އަދިވެސް ވާތީ. މިހިތް އަދިވެސް ރާދިންއަށް ބޭނުންވާތީ. ތި ލޯތްބަށް އެދޭތީ. ރާދިންގެ އަޑުން އަހަންނަށް އިޙްސާސްވި އަސަރުތަކުން އަހަންނަށް މިހާ އުނދަގޫ ކުރުވަނީ ކީއްވެ؟ އަހަރެން ރާދިން ދެކެ އިންތިހާއަށް ލޯބިވަނީ ކީއްވެތަ؟ މި ބަސްނާހާ ހިތުން ރާދިންގެ ނަން ފުހެލަން ދެކޮޅު ހަދަނީ ކީއްވެ؟ ވަރިވާން ބޭނުންވި ނަމަވެސް، އެ ބަހުން އެކަނިވެސް މިހިތަށް މިހާ ވޭން ލިބެނީ ކީއްވެ؟ ތިއަތު ތެރޭގައި އުމުރު ދުވަހު ހުންނަން ހިތް އެދެނީ ކީއްވެތަ؟..މ ކީއްވެތަ؟" މައާލްގެ ހިތުގައި އުތުރި އަރަން ފެށި ޖަޒުބާތުތައް އޭނާގެ ހިތާ އެތަކެއް ސުވާލެއް ކުރަމުން ދިޔައެވެ. ރާދިންއަށްޓަކައި އެ ހިތުގައި އޮތް ލޯބި ކަފުންކޮށް ވަޅުލަން މައާލް ބޭނުންވިނަމަވެސް، އެ ބަސްނާހާ ހިތް އޭނާގެ ސިކުނޑީގެ އަޑެއް ނާހައެވެ.

***

މުނީރު ޓެސްޓްތަކުގެ ރިޕޯޓްތައް ދެއްކުމަށްޓަކައި ދިޔައެވެ. އޭނާ ގޮސް ޑޮކްޓަރުގެ ކޮޓަރިއަށް ވަނުމާއެކު، އޭނާ މުނިރު ގާތު އިށީނުމަށް އެދުނެވެ. އަދި މުނީރުގެ އަތުގައި އޮތް މައާލްގެ ކުރީގެ ރިޕޯޓްތައް ދިނުމަށް އެދުނެވެ. އެ އެއްޗެހި ނަގަމުން ފަހުން ހެދި ޓެސްޓްތަކާއި އަޅާކިޔަމުން ދިޔަ ޑޮކްޓަރ ޖޭމީއަށް ބަލަހައްޓައިގެން މުނީރު އިނެވެ. ވަރަށް ފަރުވާތެރިކަމާއެކު ކޮންމެ ރިޕޯޓެއްވެސް ޖޭމީ އަޅާ ކިޔެވެ. އެ އެއްޗެހި ބަލާ ނިންމާލާފައި ފުންނޭވާއެއް ލުމަށްފަހު، އަދި އިތުރު ޓެސްޓެއް ހަދަން ބޭނުންވާ ޑޮކްޓަރ ޖޭމީ ބުނެލިއެވެ. އެއަށްފަހު އޭނާ ފަރުވާތެރިކަމާއެކު، މުނީރަށް ބަލާލިއެވެ. ކުރީގެ ރިޕޯޓްތައް އެއްފަރާތަށް ޖައްސާލަމުން ފަހުން ހެދި ޓެސްޓްތައް ދައްކާލާފައި ޖޭމީ ވާހަކަ ދެއްކިއިރު، އެމޫނުމަތިން މުނީރަށް ފެނުނީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. އެ ހުރިހާ އެއްޗަކަށް އަތުން އިޝާރާތް ކޮށްލާފައި ޑޮކްޓަރ ޖޭމީ ބުނެލި ވާހަކައާއެކު މުނީރަށް ސިހުން ލިބުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު