މުމްބާއީގައި ހުންނަ ޕްރިޔަންކާގެ ދެ ޕެންޓްހައުސް ބޮޑު އަގުގައި ވިއްކާލައިފި

ބަތަލާ ޕްރިޔަންކާ ޗޯޕްރާ

އިންޑިއާގެ ކާމިޔާބު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ، މުމްބާއިގައި ހުންނަ އޭނާގެ ދެ ޕެންޓްހައުސް ބޮޑު އަގުގައި ވިއްކާލައިފިއެވެ.

ޕްރިޔަންކާގެ އަމިއްލަ ދެ ޕެންޓްހައުސް ވިއްކާލާފައި ވަނީ ބޮލީވުޑްގެ ފިލްމު ޑައިރެކްޓަރު އަބީޝެކް ޗޯބޭ އަށެވެ. ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސް ވެސް ކުރާ އަބީޝެކްގެ މަޝްހޫރު ފިލްމު ތަކުގެތެރޭ "އިޝްގިޔާ"، "އުޅްތާ ޕަންޖާބު" އަދި "އޯމްކާރާ" ހިމެނެއެވެ.

އިންޑިއާގެ މުމްބާއިގެ އަންދޭރީ ސަރަޙައްދުގައި ހުންނަ މި ޕެންޓްހައުސްގައި 2،292 އަކަފޫޓޫ ހުރެއެވެ. އޭގެތެރެއިން 860 އަކަފޫޓުގެ ޕެންޓްހައުސް 2.25ކްރޯޑް ރުޕީސްއަށް ވިއްކާލާފައި ވާއިރު 1432ގެ އަކަފޫޓުހުރި ދެވަނަ ޕެންޓްހައުސް ވިއްކާލާފައި ވަނީ 3.75ކްރޯޑު ރުޕީސް އަށެވެ.

އިންޑިއާގެ މަނީ ކޮންޓްރޯލަރުންނާ ޙަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މި ދެ ޕެންޓްހައުސް ވިއްކާލި ޖުމްލަ ފައިސާގެ ޢަދަދު ހަ ކްރޯޑް ރުޕީސްއަށް އަރާކަމަށެވެ. އަދި ސްޓޭމްޕް ޑިއުޓީގެ ގޮތުގައި ކަމާ ގުޅޭ މުއައްސަސާއަށް ޖުމްލަ 36 ލައްކަ ރުޕީސް ޕްރިޔަންކާގެ ޓީމުން ދައްކާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބަތަލާ ޕްރިޔަންކާ ފިރިމީހާ ނިކް ޖޯނަސް އާއެކު އެމެރިކާގައި ދިރިއުޅޭ ލަގްޒަރީ މެންޝަންގައި
މީގެކުރިން އިންޑިއާގެ މުމްބާއިގައި ދިރިއުޅެމުން އައި ބޮލީވުޑް ބަތަލާ ވަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ނިކް ޖޯނަސްއާ ކައިވެނި ކުރުމަށްފަހު ދިރިއުޅުން އެމެރިކާގެ ލޮސް އެންޖަލިސްއަށް ބަދަލު ކޮށްފައެވެ. ކައިވެނީގެ ކުރިން ވެސް ހޮލީވުޑުން ލިބެމުން ދިޔަ ފުރުސަތުތަކާ އެކު ޕްރިޔަންކާގެ ދިރިއުޅުމުގެ ބޮޑު ބައެއް ބަތަލާ ހޭދަކުރަމުން އައީ އެމެރިކާގައެވެ.

އެމެރިކާގައި ޕްރިޔަންކާ އާއި ނިކް ދަރިފުޅު މާލްތީއާ އެކު ދިރިއުޅެމުންދާ ލަގްޒަރީ މެންޝަންގެ އަގު 144 ކްރޯޑް ރުޕީސްއަށް އަރާއިރު ޕްރިޔަންކާގެ އާއިލީ ވަރަށް ގިނަ ޙަފްލާތައް މި މެންޝަންގައި ވަނީ ބާއްވާފައެވެ. އާއިލާއާއެކު ހިތްގައިމު ވަގުތު ހޭދަކޮށްލެވޭނެ ކޮންމެ ތަނަކީ ވެސް ޕްރިޔަންކާގެ އެންމެ އުފާވެރި ގެ ކަމަށް ބަތަލާ ވަނީ ވޯގްއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

ދާދިފަހުން އޭމޭޒަން ޕްރައިމްއިން ސްޓްރީމް ކުރި "ސިޓަޑެލް"ގެ ބަތަލާ އަންނަނީ ދެ ހޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެއް ފިލްމުގައި ޕްރިޔަންކާ ފެންނާނީ ހޮލީވުޑް އެކްޓަރު ޖޯން ސެނާއާ އެކުގައެވެ.

comment ކޮމެންޓް