ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުންދާ ކޮލިފައިންގައި އާޖެންޓީނާ އާއި އުރުގުއާއީ ބައްދަލުކުރި މެޗް އުރުގުއާއީ ކާމިޔާބުކޮށްފިއެވެ.
އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގައި ކުޅުނު މި މެޗް އުރުގުއާއީ ކާމިޔާބު ކޮށްފައި ވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއީ ޤަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ސައުދީ އަރަބިއާ އަތުން ބަލިވި ފަހުން އާޖެންޓީނާ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ހަމަ އެއާއެކު ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އެ ޓީމް ކޮޅަށް އިދިކޮޅު ޓީމަކުން ލަނޑެއްވެސް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދައިފާވަނީ އާޖެންޓީނާއެވެ. ނަމަވެސް މި މެޗްގައި އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެގަނެވޭ ގޮތެއް ނުވިއެވެ. މި މެޗްގައި އުރުގުއާއީގެ ފުރަތަމަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހައިދިނީ ރޮނާލްޑް އަރައުހޯއެވެ. އަދި ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ ޑަވިން ނޫނޭޒްއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހާމަ ކުރިގޮތުގައި މި މެޗްގައި އާޖެންޓީނާއަށް އެއްވެސް ވަރަކަށް ހަމަޖެހިލެވިފައި ނުވާ ކަމަށެވެ. މި ނާކާމިޔާބީއަކީ އާޖެންޓީނާއަށް ރަނގަޅު ފިލާވަޅެއް ކަމަށާއި އުރުގުއާއީ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމް ކައިރީ ކުޅެގަންނަން އުނދަގޫވީ ކަމަށެވެ.
މެސީ އިތުރަށް ހާމަކުރިގޮތުގައި އުރުގުއާއީގެ މިހާރުގެ ކޯޗް މާސެލޯ ބިއެލްސާގެ ރޭވުންތެރިކަން އެ ޓީމުން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށެވެ. އަދި ބިއެލްސާއަކީ ވަރަށް ފާހަގަ ކޮށްލެވޭ މޮޅު ކޯޗެއް ކަމަށް މެސީ ހާމަކުރިއެވެ.
މި މެޗުން މޮޅު ވުމާއެކު އުރުގުއާއީ މިހާރު ވަނީ އެ ޓީމް ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް އަރާ އާޖެންޓީނާ އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި އާޖެންޓީނާ އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައެވެ.