ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު ކުރިމަގުގައި ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަތަލާ ކަރީނާ ކަޕޫރު ބުނެފިއެވެ.
މަގުބޫލު 'ކޮފީ ވިތު ކަރަން'ގެ އަށް ވަނަ ސީޒަންގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަމުން ކަރީނާ ވަނީ ބަންސާލީގެ ފިލްމު "ރާމް ލީލާ"އަށް ނޫނެކޭ ބުނި ނަމަވެސް ޕްރޮޑިއުސަރާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ބުނެފައެވެ.
ކަރީނާ އާއި ސަންޖޭއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނީ ބަންސާލީ ޕްރޮޑަކްޝަންއިން އުފެއްދި ކާމިޔާބު ފިލްމު "ދޭވްދާސް"އަށް ސްކްރީން ޓެސްޓެއް ދިން ނަމަވެސް އެ ފިލްމަށް ބަތަލާ އައިޝްވާރިޔާ ރާއި ބައްޗަން ހަމަޖެއްސުމުންނެވެ. އޭގެ ފަހުން ބަންސާލީގެ ފިލްމު "ރާމް ލީލާ"ގައި ބަތަލާ ދިޕިކާ ޕަދުކޯން ކުޅުނު ރޯލަށް އެންމެ ފުރަތަމަ ކަރީނާ އެއްބަސްވި ނަމަވެސް ފިލްމުގެ މަސައްކަތް ފެށުމުގެ ދިހަ ދުވަސްކުރިން ބަތަލާ ވަނީ ފިލްމު ދޫކޮށްލާފައެވެ.
އޭރު ގިނަ ބަޔަކު ކަރީނާގެ އެ ޢަމަލު ސިފަކުރީ ބަންސާލީގެ ކިބައިން ހިފި ވަރުގަދަ ބަދަލުހިފުމެއްގެ ގޮތުގައެވެ. ހަމަ އެއާއެކު އޭގެފަހުން ކަރީނާ ދިން އިންޓަވިއުތަކުގައި ޕްރޮޑިއުސަރު ބަންސާލީއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔާ ބަންސާލީއަކީ ބަހުގެ އިތުބާރު ދެމެހެއްޓުމުގައި ފެއިލްވެފައިވާ މީހެއްގެ ގޮތުގައި ކަރީނާ ވަނީ ސިފަކޮށްފައެވެ. ފިލްމު "ދޭވްދާސް"އަށް ސޮއިކުރުމަށްފަހު ކަރީނާ އެ ފިލްމަށް ވަރަށް ހާއްސަ ފޮޓޯ ޝޫޓެއް ވެސް ނެގި ކަމަށާއި ކަރީނާއަށް އެ ރޯލް ނުދިނީ "ދޭވްދާސް"ގެ ޕާރޯއަށް ކަރީނާ މާ ޒުވާން ކަމަށް ބުނެކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ރާމް ލީލާ"ގެ މަންޒަރެއް އަދި ބަތަލާ ކަރީނާ ކަޕޫރު
މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްއިން ގެނެސްދިން ކްރައިމް ތުރިލާ "ޖާނެ ޖާން"އިން ފެނުނު ކަރީނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ހަންސަލް މެހެތާގެ ފިލްމު "ދަ ބަކިންގްހަމް މާޑާސް" އިންނެވެ. މި އަހަރުގެ ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލުގައި މި ފިލްމު ޕްރިމިއާ ކޮށްފައިވާއިރު ނެޓްފްލިކްސްގައި ވަރަށް އަވަހަށް ފިލްމު ސްޓްރީމް ކުރަން ފަށާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ކުރިޔަށް ރިލީޒްވާން ހުރި ކަރީނާގެ ފިލްމުތަކުގެ ތެރޭ ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ފިލްމު "ދަ ކްރޫ" އަދި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން" ހިމެނެއެވެ.