''އެސްއެމްއީ ފައިނޭންސް ފޯރަމް''ގެ މެންބަރުކަން އެސްޑީއެފްސީއަށް

އެސްޑީއެފްސީ -- ފޮޓޯ/ ރައީސް އޮފީސް

އެސްއެމްއީ ފައިނޭންސް ފޯރަމްގެ މެންބަރުކަން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑިއެފްސީ)އަށް ދީފިއެވެ.

އެ ކުންފުނިން ބުނީ އެސްޑީއެފްސީއަކީ މި ފައިނޭންސް ފޯރަމްގެ މެންބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ ކުންފުނި ކަމަށެވެ.

އެސްއެމްއީ ފައިނޭންސް ފޯރަމްއަކީ ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ކުރިއަރައިފައިވާ 20 ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާ ކަމަށްވާ ޖީ20އިން 2012 ވަނަ އަހަރު އުފައްދައިފައިވާ، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ހަރަކާތްތެރިވާ ޖަމިއްޔާއެވެ.

މި ފައިނޭންސް ފޯރަމަކީ 190 ގައުމާއި، 240 އަށްވުރެ ގިނަ މާލީ އިދާރާތަކާއި، ކުންފުނިތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ މި ޖަމިއްޔާގެ ބައިވެރިންގެ މެދުގައި ދާއިރާއާ ގުޅުންހުރި އިލްމާއި އާ އީޖާދުތައް ހިއްސާކޮށް ޚިޔާލު ބަދަލު ކުރުމުގެ އިތުރުން ގުޅުން ބަދަހި ކުރުން ކަމަށް އެސްޑީއެފްސީން ބުނެއެވެ.

އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، ދާއިރާގެ ތަޖުރިބާތަށް ދޭދޭ މެންބަރުންގެ މެދުގައި ހިއްސާ ކުރުމަކީ ވެސް މި ފޯރަމްގައި ކުރަމުން އަންނަ ކަމެއްކަން އެސްޑީއެފްސީން ވަނީ ފާހަގަކޮށްފައެވެ.

މުޅި އާބާދީގެ ދުޅަހެޔޮ ކަމަށްޓަކައި އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާ ކުރެވޭ އިގްތިސޯދީ ކުރިއެރުން ހޯދުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެސްޑީއެފްސީން ދެކޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، އެސްޑީއެފްސީން އަންހެނުންނާއި، ޒުވަނުންނާއި، އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކަށް އިސްކަން ދޭކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެސްޑީއެފްސީން މި ފޯރަމްގައި ބައިވެރިވުމާ ގުޅިގެން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޒީނަތު ވިދާޅުވީ އެސްއެމްއީ ފައިނޭންސް ފޯރަމްއާ ގުޅިގެން އެ ކުންފުނިން މަސައްކަތްކުރާނީ އިންޑަސްޓްރީގެ ލީޑަރުންނާ ގުޅުންބަދަހިކޮށް، ދާއިރާއާ ގުޅުންހުރި އާ އިލްމާއި، ތަޖުރިބާ ހޯދުމުގެ އިތުރުން، ޕާޓްނާޝިޕްތައް ގާއިމު ކުރުމަށާއި އެމްއެސްއެމްއީ ފައިނޭންސްގެ ދާއިރާގައި އިތުރަށް އެ ކުންފުނީގެ ބްރޭންޑް އިތުރަށް ޕްރޮމޯޓު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް