ދުނިޔޭގެ އެންމެ ބޮޑު ޑޮކިއުމެންޓަރީ ފިލްމު ފެސްޓިވަލުގައި ފަލަސްތީނު ކުށްވެރިކޮށް ވާހަކަ ދެއްކުމާ ގުޅިގެން ފެސްޓިވަލުގައި ބައިވެރިވި ގިނަ އަދަދެއްގެ ޕްރޮޑިއުސަރުންތަކެއް ފިލްމުތަކާ އެކު ފެސްޓިވަލް ދޫކޮށް ގޮސްފިއެވެ.
ނެދަލޭންޑްސްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑޮކިއުމެންޓްރީ ފެސްޓިވަލް އެމްސްޓަޑޭމް (އައިޑީއެފްއޭ)ގެ އިންތިޒާމު ކުރާ ފަރާތްތަކުން ދާދި ފަހުން ދައްކާފައިވާ ވާހަކަތާ އެކު އެތައް ބައިވެރިންނާއި ޕްރޮޑިއުސަރުން ވަނީ ރުޅިގަދަ ވެފައެވެ.
ފެސްޓިވަލްގެ އާޓިސްޓިކް ޑިރެކްޓަރު އޮރުވާ ނިރަބިއާ ދެއްކި ވާހަކަތަކުގައި ވަނީ ފަލަސްތީނު ގޯސްކޮށްފައެވެ. އަދި، މިހާރު ފަލަސްތީނުގެ ހައްގުތަކުގައި ކުރާ މުޒާހަރާތަކުގައި ބޭނުން ކުރަމުން އަންނަ ބަސްތައް ކަމުނުދާ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން "ފްރޮމް ރިވާ ޓު ދަ ސީ، ޕަލަސްޓައިން ވިލް ބީ ފްރީ" ފަދަ ބަސްތައް ބޭނުން ކޮށްގެން ނުވާނެ ކަމާއި އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.
އެއާ އެކު އިވެންޓު އިންތިޒާމު ކުރި އެހެން ފަރާތްތަކުން ބުނާ ގޮތުގައި އެފަދަ ބަސްތައް ބޭނުން ކުރަނީ ބަޔަކު ނައްތައިލަން މަސައްކަތް ކުރާށެވެ. އެހެންވީމާ އެފަދަ ބަސްތައް އިވެންޓު ތެރެއިން ބޭނުން ކުރެވިގެން ނުވާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މި ކަމާ ގުޅިގެން ގިނަ އަދަދެއްގެ ފިލްމު މޭކަރުން ވަނީ ފެސްޓިވަލު ދޫކޮށްލައިފައެވެ. އަދި، ބައިވެރިކުރި އުފެއްދުންތައް ވެސް ވަނީ އެ މީހުން ފެސްޓިވަލުން ނަގައިފައެވެ. މީގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ ފިލްމްމޭކަރުން ވެސް އެބަތިއްބެވެ.
މައުލޫމާތު ލިބޭ ގޮތުގައި 20 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ފެސްޓިވަލް ދޫކޮށްލައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ފެސްޓިވަލެއްގައި ބައިވެރި ނުވާނެ ކަމަށް ބުނެ އެތައް ބަޔަކު ދަނީ އިވެންޓު ބޮއިކޮޓު ކުރުމަށް ވެސް ގޮވަމުންނެވެ.