"ވަރިކުރަން ބުނީމަ ނުކޮށް ކިހިނެއް ހުންނާނީ. ކުށްވެރިއަކީ އަހަރެން…" ރާދިންގެ އެ ބަސްތައް އެ ޒުވާނާގެ ކަންފަތަށް އިވުމާއެކު، އޭނާ ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.

ރާދިންއާއި، އަނޫފްއާ ދެމީހުން ގޮސް ލޯމަތިން ގެއްލެންދެން ރަޒާންގެ ނަޒަރު އެހެން ދިމާލަކަށް ދަތުރެއް ނުކުރިއެވެ. ރާދިންގެ މޫނުމަތިން ފެނުނު އަސަރުތަކުން ސަޖާގެ ޕްލޭން ކާމިޔާބު ވީކަން އޭނާއަށް އެނގުނެވެ.

މިއަދުވެސް ސަޖާ ފޯނެއް ނުނަގައެވެ. އެ ހާދިސާއަށްފަހު ސަޖާއާ އޭނާއާ އޮތް ގުޅުން ހީނަރުވެގެން ދިޔައިރު، ވީ ގޮތެއްވެސް ބުނެލުމެއްނެތި ސަޖާ އޭނާގެ އާ އެކީ ދުރުވީއެވެ. ގުޅުމުން ފޯނެއް ވެސް ނުނަގައެވެ. ބުނަނީ ނިއްވާލާފައިވާކަމަށެވެ. ކުއްލިއަކަށް ސަޖާ އެގޮތަށް ކަންތައްކުރުމުން، އޭނާ ހުރީ އޮޅުންގަނޑެއްގެ ތެރޭގައެވެ. ސަޖާއާ މެދު އޭނާގެ ހިތުގައި ވާ ލޯތްބާ މެދު ސަޖާ އިހުމާލުވެގެން ނުވާނެއެވެ. އޭނާ ވަނީ ސަޖާއަށްޓަކާ ދުވަހަކު ނުކުރާ އެތަކެއްކަމެއް ކޮށްފައެވެ. ސަޖާ އުޅޭ ގެއަށް ދާ ކޮންމެ ދުވަހަކު އެ ގެ ވެސް ހުންނަނީ ތަޅުލާފައެވެ.

ކެނޑިނޭޅި ސަޖާއަށް ގުޅަމުން ދިޔަ ރަޒާންގެ ރުޅިގަނޑުވަނީ ފަޅައިގެންދާން ކައިރިވެފައެވެ. ސަޖާއާ މެދު އޭނާ ވަނީ ރުޅި އައިސްފައެވެ. އެގޮތަށް އޭނާއާ މެދު އަމަލުތައް ބެހެއްޓިގެން ނުވާނެއެވެ. ސަޖާ ވާން ޖެހޭނީ އޭނާގެ މީހަކަށެވެ. ސަޖާއަކީ އޭނާގެ ހައްޤެކެވެ. ހަމައެކަނި އޭނާގެ ހައްޤެކެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލެވުމާއެކު އޭނާއަށް ދަތްކުނޑި ވިކާލެވުނެވެ. ސަޖާއާ މެދު ހިތުގައި އުފެދިފައިވާ ޝަކުވާތައް އޭނާއަށް ބޭރުކުރެވެމުން ދިޔައީ ރުޅިވެރި ކަމުގެ ސިފައިގައެވެ.

ފޯނު ޖީބަށް ލަމުން ސައިކަލު ސްޓާރޓްކޮށްލުމަށްފަހު، އޭނާ މިސްރާބުޖެހީ ސަޖާ އުޅޭ އެޕާރޓްމެންޓަށް ދިޔުމަށެވެ. އޭރުވެސް އޭނާގެ ބުމަ ވަނީ ގޮށްޖެހިފައެވެ. ސަޖާއާ މެދު ހިތްހަމަ ނުޖެހިފައިވާވަރު އޭނާގެ މޫނުމައްޗަށް ބަލާލުމުން އެކަނިވެސް ދޭހަވަމުން ދިޔައެވެ. ސަޖާ އުޅޭ އެޕާރޓްމެންޓާ ހިސާބަށް އާދެވުމުން އޭނާ ގޮސް އެގެއަށް ވަނެވެ. ލިފްޓުން އެރިއިރު އެޕާރޓްމެންޓު ހުޅުވާފައި ހުއްޓެވެ. އޭރު ބަޔަކު ވާހަކަ ދައްކާއަޑު އިވެއެވެ. ލިފްޓުން ފޭބުމަށްފަހު ދޮރާ ދިމާލަށް ޖެހިލާ ރަޒާން އެތެރެ ބަލާލިއެވެ. ފޮށިތަކާ ފަރުނީޗަރުތަކުން ތަނުގެ ތަރުތީބު ކަން ގެއްލިފައިވާއިރު، އެތެރޭގައި ފަސް މީހުން ތިއްބެވެ. އެއީ ތިން ފިރިހެނުންނާއި ދެ އަންހެނުންނެވެ.

"އެކްސް ކިއުޒް މީ… ކަމަކުތަ؟" އެތަނުން ޒުވާނެއްގެ ލޮލުގައި ރަޒާން އަޅާގަތުމާއެކު އޭނާ ސުވާލުކޮށްލިއެވެ.

"މީ… މި އެޕާރޓްމެންޓް…" ރަޒާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސަޖާ އެތަނުން ނުކުތްކަން އޭނާއަށް ޔަޤީންވެއްޖެއެވެ.

"ކީކުރަން އަންނަނީ؟" އެތަނުގައި ހުރި ބަންގްލަދޭޝް މީހާ ރަޒާންއާ ދިމާލަށް ހިނގައިގަތެވެ.

"މި އެޕާރޓްމެންޓުގައި އުޅުނު އަންހެން ކުއްޖާ މިތަން ދޫކޮށްލީތަ؟" ރަޒާން އަދިވެސް ޔަޤީންކުރަން ބޭނުންވާ ފަދައެވެ. އޭނާއަށް އެ ސުވާލު ކޮށްލެވުނީ އެހެންވެއެވެ.

"އޭނަ މިތަން ދޫކޮށްލަނީ ވަރަށް ދުވަސްވަނީ. މިހާރު އެހެން މީހުންނަށް ދެނީ." ބަންގްލަދޭޝް މީހާ ބުންޏެވެ.

"އެހެންތަ؟ އޯކޭ…" އެހެން ބުނެލާފައި ރަޒާން ލިފްޓަށް އޮބާލިއެވެ. އޭރު އޭނާގެ ރުޅިވެރިކަން އިންތިހާއަށް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. ސަޖާ އޭނާގެ ބޭނުން ފުދުމުން އޭނާ ދުރުކޮށްލީހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ސަޖާއާ އޭނާއާ ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެއެވެ. ވީއިރު ސަޖާ އޭނާއަށް ދެރައެއް ނުދޭނެއެވެ. ރާދިންއަށް އެވަނީ ސަޖާ ދޭން ބޭނުންވި ހުރިހާ ދެރައެއް ދެވިފައެވެ. ދެން އިތުރަށް ސަޖާ ވިސްނަން ވީ ކޮން ކަމަކާ ހެއްޔެވެ؟ އޭނާއަށް ފިލައިގެން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަނެއްކާ ސަޖާއަށް ކަމެއް ވީހެއްޔެވެ؟ ނޫނެވެ. ވިސްނިވަރަކަށް ރަޒާންގެ ސިކުނޑި ހާސްވަމުން ދަނީއެވެ.

އެގެއިން ނުކުމެގެން ގޮސް ސައިކަލު މައްޗަށް އަރާފައި އޭނާ އަނެއްކާވެސް ސަޖާއަށް ގުޅަން މަސައްކަތްކުރިއެވެ. ލިބުނީ އެއް ޖަވާބެކެވެ.

*****

އިރުއޮއްސި ބަންގިގޮވުމުން މުނީރު ދިޔައީ މިސްކިތަށެވެ. އޭނާ ގެއަށް އައީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ. ރާދިން ބުނި ޑޮކްޓަރާއެކު ޒޫމް މީޓިންއެއް އޮތުމުން އޭނާ އެއަށް ތައްޔާރުވެލިއެވެ. ބަރާބަރު އަށެއްޖެހިއިރު އެކޮޅުން ޑޮކްޓަރު ޖޮއިން ވެލިއެވެ. އޭނާ މުނީރާ ވާހަކަ ދައްކާފައި ބުނީ މައާލް ގޮވައިގެން ވީ އެންމެ އަވަހަކަށް އައުމަށެވެ. މައާލް ގެ ކޭސްފަދަ ކޭސްއަކާއި އޭނާއާ ދިމާވިކަމަށާއި، އެކަމަކު ޕޭޝަންޓްގެ އާއިލާއިން ރިކުއެސްޓްކުރުމުން ޓެސްޓް ރިޕީޓްކުރިއިރު، ނަތީޖާ މުޅިން ތަފާތުކަމުގައެވެ. ރިޕޯޓްތަކުގައި އެހެން އޮތަސް، އެހާވަރުން ރިޕީޓްކުރަން ބުނި ސަބަބަކީ އެއީ ކަމުގައި ޑޮކްޓަރު އޮޅުން ފިލުވައިދިނެވެ.

ޑޮކްޓަރާ ވާހަކަ ދައްކާފައި އެ ހަފްތާތެރޭގައި މައާލް ގޮވައިގެން ފުރަން މުނީރު ނިންމިއެވެ. މީޓިން ނިންމާލުމަށްފަހު، އޭނާ ވަގުތުން ސެކެޓްރީއަށް ގުޅިއެވެ. އަދި އެ ހަފްތާގެ އެންމެ އަވަހަށް ޓިކެޓް ލިބެން އޮތް ދުވަހަށް ޓިކެޓްގެ ކަންތައްތައް ހަމަޖެއްސުމަށް ބުންޏެވެ. އެއަށްފަހު އޭނާ ބޮޑުކޮޓަރިއަށް ނުކުމެލިއެވެ.

"މައާލް ކޮބާ؟ ކައިފިތަ؟" ނޯކަރު ކުއްޖަކަށް ގޮވާލާފައި މުނީރު ސުވާލުކޮށްލިއެވެ.

"ޔެސް ބޮސް. މިހާރު ރޫމްގަ." އެ ކުއްޖާ ބުނެލިއެވެ. ބޯ ޖަހާލުމަށްފަހު، އެ ކުއްޖާ ދިޔުމަށް ހުއްދަ ދީފައި މުނީރު ހިނގައިގަތީ މައާލްގެ ކޮޓަރިއާ ދިމާލަށެވެ. ލަސްނުކޮށް އެ ވާހަކަ މައާލްއާ ހިއްސާކުރަން މުނީރު ބޭނުންވިއެވެ.

ދޮރުގައި ޓަކި ޖަހާލާފައި މުނީރު އެތެރެއަށް ވަދެލިއެވެ. އޭރު މައާލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ދޮރު ހުޅުވާލުމުންވެސް އެނދުގައި އޮށޯވެލައިގެން އޮތް މައާލްއަށް ހިލަމެއްވީހެންނެއް ހިޔެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އެ މޫނުމަތިން ފެންނަނީ ކަންތައްތަކާ ފިކުރުބޮޑުވެ ވިސްނަމުންދާ ކަމެވެ.

"ދަރިފުޅާ… މައާލް…" މުނީރުގެ އަޑު ޖެހުމާއެކު މައާލްއަށް ހަމަބިމަށް އާދެވުނެވެ. ލޮލުން ކަރުނަ އަންނަމުން ދިޔަކަންވެސް އޭނާއަށް އިޙްސާސްވީ ދެނެވެ. އަވަސް އަވަހަކަށް ކަރުނަތައް ފުހެލުމަށްފަހު، ތެދުވެ އެނދުގެ ހެޑްބޯޑުގައި އޭނާ ލެނގިލިއެވެ.

"ލައްބަ. ބައްޕަ ކަމަކުތޯ މިގަޑީގައި؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ނޫނޭ. ހަމަ ކޮބާތޯ ބަލާލީ… ކައިފިންތަ؟" މައާލް ކެއިކަން އެނގުނު ނަމަވެސް، މުނީރު އެ ސުވާލުކޮށްލީ މައާލް ވާހަކައާ ގަޔާކުރުވަން ބޭނުންވެފައިވާ ފަދަ ގޮތަކަށެވެ.

"ކައިފިން." މަޑުމަޑުން މައާލް ބުނެލިއެވެ.

"ކަމެއް ބޭނުންވަންޏާ ނުބުނެ ނުހުންނައްޗޭ. ބައްޕަ އެބަ ޖެހޭ މައާލްއާ ކުޑަ ވާހަކައެއް ދައްކާލަންވެސް" މުނީރު މައާލްގެ ސަމާލުކަން އަތުލިއެވެ.

މައާލްގެ ހިތް ކުޑަކޮށް ތެޅިލިއެވެ. މުނީރު އެ އުޅެނީ ރާދިންގެ ވާހަކައެއް ދައްކަން ކަމުގައި އޭނާއަށް ހީވާންފެށީއެވެ. އެހާ ހާސްވީ އެހެންވެގެންނެވެ. މައާލްގެ މޫނުމަތިން ފެނުނުހާސްކަން ފަހުމްވި މުނީރަށް އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުވެސް އެނގުނެވެ.

"ރާދިން… ރާދިންއާ ދިމާވިތަ؟" ހިތުގައި އުފެދުނު ޖަޒުބާތުތައް ކިޔަމަން ނުކުރެވުނު މައާލްއަށް އެ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ކުރިން ދުވަހު ރާދިންގެ އަޑުން ވޭން އޭނާއަށް އިޙްސާސްވިނަމަވެސް، ވެދިޔަ ކަންތައް ހަނދާންނައްތާލާފައި އޭނާ ރާދިންއަށް މާފުކުރާނީ ކިހިނެއް ހެއްޔެވެ؟

"މިއަދު ދިމާވި." އެހެން ބުނެލާފައި މުނީރު މަޑުޖެހިލިއެވެ. އޭނާ މައާލްގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރު ދިރާސާކުރަން ފެށިއެވެ. މައާލްގެ މޫނުމަތިން އޭނާއަށް ފެނުނީ ރާދިންގެ ޚަބަރެއް އެނގެން ބޭނުންވެގެން ބޭޤަރާރުވެފައިވާ ފަދަ އަސަރުތަކެކެވެ. އެފަދަ ބޭވަފާތެރިކަމަކަށް ފަހުވެސް، މައާލްގެ ހިތުގައި ރާދިންއަށްޓަކައި އިންތިހާ ލޯބިވާކަން އޭނާއަށް ޔަޤީންކުރެވުނެވެ. މައާލްގެ ހިތުން ރާދިންއަށް ދެވިފައިވާ މަޤާމުގެ މަތިވެރިކަމާއި ރާދިންއާ މެދު އަދިވެސް އެ ހިތުގައި ފުން ޖަޒުބާތުތަކަށް ވާކަންވެސް އޭނާއަށް ފަހުމްވިއެވެ. އެފަދަ ކިޔަމަންތެރި އަނތްބަކު ލިބިފައިހުއްޓާ، ރާދިން އެ ޚިޔާރުކުރީ ކޮން ކަހަލަ މަގެއް ހެއްޔެވެ؟ މައާލްއާ މެދު އެހާ ބޮޑަށް ރާދިން އިހުމާލު ވީ ކީއްވެހެއްޔެވެ؟ އަމިއްލަ ހިތުގައި އުފެެދެމުން ދިޔަ އެއްވެސް ސުވާލަކަށް ޖަވާބު ދިނުމުގެ ކުޅަދާނަކަން ނެތް މީހަކު ފަދައިން، މުނީރަށް ހިމޭންކަން ޚިޔާރުކުރެވުނެވެ.

"ބައްޕާ… އެބަހުރިންތަ؟" މުނީރުގެ އަޑެއް ނީވުމުން މައާލް ގޮވާލިއެވެ.

"އާނ." މުނީރު ޖަވާބު ދިނެވެ.

"ރާދިން ކިހިނެއް؟" މައާލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ރާދިން ރަނގަޅު. ބައްޕަ ބުނިން މައާލް ބޭނުންނަމަ ވަރިކޮށްދޭށޭ…" ވިސްނާލުމަށްފަހު މުނީރު ބުނެލިއެެވެ. މުނީރުގެ އެ ވާހަކައާއެކ މައާލްއަށް މޭގައި އަތް ޖައްސާލެވުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. އަމިއްލައަށް ރެާދިންގެ ކައިރިން ވަރިވާން ބުނިނަމަވެސް، އެހެން މީހަކުގެ ދުލުން އެހެން ބުނި އަޑު އިވުމުން އޭނާއަށް ތަފާތު އިޙްސާސްއެއްކުރުވިއެވެ. ހިތުގެ ފުނުގައި އަދިވެސް ރާދިންއާ މެދު ލޯބިވާކަމުގެ ހެއްކަކަށް އެ އިޙްސާސްތައް އެކަނިވެސް ފުދެއެވެ. ރާދިންއާ ދުރުވާކަށް ދުވަހަކުވެސް އޭނާގެ ހިތެއް ނޭދެއެވެ. އެހިތުގައި ލޯބިވެއެވެ. އިންތިހާ ލޯބިވެއެވެ. އެ ބޭފަފާތެރިކަމާއެކުވެސް އެ ލޯބި އެހިތުން ނެރެ އެއްލާލާނެހާ ހިތްވަރެއް މައާލްގެ ނެތެވެ.

ބައްޕަ މިއަދީ މައާލްއާ ވާހަކައެއް ދައްކާލާށޭ ބުނީމެއްނު." މުނީރު އޭނާގެ މައުޟޫ އަނެއްކާވެސް އަނބުރާލިއެވެ. މުނީރު ބުނެލި ވާހަކައަށް ބޯ ޖަހާލަމުން، މައާލް، އެ ވާހަކައަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރިއެވެ.

"މިއަދު ރާދިން ބުނި މައާލްގެ ލޮލުގެ ފަރުވާއަށް ލަންޑަނަށް ދާންވެގެން އެކޮޅުން ޑޮކްޓަރު ގުޅި ވާހަކަ. އަދި ވީ އެންމެ އަވަހަކަށް ފުރަން ޖެހޭކަމަށް ބުނި. ރާދިން ބޭނުންވަނީ މައާލްއާއެކު ބައްޕަ ދާން. އެހެންވީމަ... ބައްޕަ ބޭނުންވޭ ވީ އެންމެ އަވަހަކަށް ފުރަން." މުނީރު ބުނެލިއެވެ. މައާލް ބޯ ޖަހާލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ. ރާދިން އެ ވާހަކަ އެގޮތަށް މުނީރު ކައިރީގައި ދެއްކުމުން، އޭނާއާއެކު ރާދިން ނުދާނެކަމުގައި މައާލްއަށް އެނގުނެވެ.

"މި ހަފްތާތެރޭގައި ފުރަންވެގެން މި ހަމަޖައްސަނީ…" މުނީރު އަނެއްކާވެސް ބުނެލިއެވެ. މިފަހަރުވެސް މައާލް ބޯ ޖަހާލީއެވެ.

"މައާލް ބޭނުންވާ ގޮތެއް ބައްޕަ ކައިރީގައި ބުނެބަލަ! މައާލް ބޭނުންވަނީ ދިޔުމުގެ ކުރިން ވަރިވާން ކަމުގައިވާނަމަ ރާދިން ކައިރީގަިއ ބުނެގެން އެކަން ކޮށްދޭންވެސް ބައްޕަ މިހުރީ ތައްޔާރަށް." މުނީރު އެހެން ބުނުމާއެކު މައާލް އިސްޖަހާލިއެވެ.

"އެންމެ ފުރަތަމަ ބޭނުމީ ލަންޑަނަށް ދާން." ހަޤީގަތުގައި ރާދިންގެ ކައިރިން ވަރިވާން އޭނާއަށް އުނދަގޫވަނީއެވެ. ކީއްވެކަމެއް ނޭނގެއެވެ. ރާދިންއާ މެދު ވިސްނެނީއެވެ. އެ އަޑުން އިޙްސާސްވި ހޮތްދަތި އަސަރުތައް އޭނާއަށް އުނދަގޫކުރަނީއެވެ.

މައާލްގެ އެ ވާހަކައިން މައާލް އަދި ވަގުތު ބޭނުންވަނީކަން މުނީރަށް އެނގުމާއެކު، އޭނާ އިސްވެ އެފަދަ ވާހަކައެއް ނުދެއްކުމަށް އަޒުމުކަނޑައެޅިއެވެ. ވިސްނާނެވަރަކަށް ވިސްނުމަށްފަހު، މައާލްގެ ޖަވާބެއް ދެން ދެން އޭނާ މަޑުކުރާނީއެވެ. އެއީ އެންމެ ރަނގަޅު ގޮތެވެ. ކޮންމެ ގޮތަކަށް މައާލް ނިންމި ނަމަވެސް، އޭނާ މައާލްގެ ނިންމުމަށް އިޚްތިރާމް ކުރާނެއެވެ.

"އެހެންވީމަ ބައްޕަ ޓިކެޓްގެ ކަންތައްތައް ހަމަޖައްސާލަން… ކޮބާ މައާލްގެ ޕާސްޕޯޓް؟"

މައާލްގެ ޕާސްޕޯޓް ހިފައިގެން މުނީރު ނުކުމެލުމަށްފަހު، އޭނާ ސެކެޓްރީއަށް ގުޅިއެވެ.

އޭގެ ދެ ދުވަސްފަހުން ލަންޑަނަށް ދިޔުމަށްޓަކައި މުނީރު މައާލް ގޮވައިގެން ފުރިއެވެ. އޭނާ މައާލްއާއެކު އެމާ ވެސް ގެން ދިޔައެވެ. މައާލްގެ ކަންތައްތައް ކުރަން ކައިރީގައި އަންހެނަކު ހުރުމުގެ މުހިންމުކަން އިޙްސާސްވާތީއާވެސް އެކުގައެވެ. ލަންޑަނަށް ފްލައިޓް ޖެއްސީ ހެނދުނުގެ ވަގުތެއްގައެވެ. އެއާޕޯޓުން ނިންމަން ޖެހޭ ކަންތައްތައް ނިންމައިގެން ނުކުމެވުނުއިރު، ޑްރައިވަރު އެމީހުން ބަލާ އައިސް ހުއްޓެވެ.

ޑްރަިއވަރު ފޮށިތައް ކާރަށް އެރުވުމުން މުނީރު އިށީނީ ކުރީ ސީޓުގައެވެ. ފަހަތު ސީޓުގައި ތިބީ އެމާ އާއި މައާލްއެވެ. ޑްރައިވަރު ކާރު ދުއްވާލުމާއެކު އެމާ ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. ލަންޑަނަށް އޭނަ އައީ އަލަށް ކަމުން ފެންނަމުން ދިޔަ އުސްއިމާރާތްތަކަށް އޭނާއަށް ކަޅިވެސް ޖަހާނުލާ ބަލަން ފެށުނެވެ. ފެންނަމުން ދިޔަ މަންޒަރުގެ ހިތްގައިމުކަމުން އޭނާގެ ހިތަށްވެސް ފިނިކަމެއް އިޙްސާސްވިއެވެ. އިސްޖަހާލައިގެން އިން މައާލްއަށް ބަލައިލުމަށްފަހު، އަނެއްކާވެސް، އެމާ ބޭރު ބަލަން ފެށިއެވެ. ތިން ގަޑިއިރުގެ އެ ދަތުރުގައިވެސް އެމާގެ މުޅި ޝައުގުވެރިކަން ހުރީ ލަންޑަނުގެ މަގުތަކަށް ހުއްޓިފައެވެ.

ލަންޑަންގައި ހުންނަ ޝާކިރުގެ ގެ "ސްޓާރ ޕެލެެސް" ހުންނަ ހިސާބަކީވެސް ހިތްގައިމު ހިސާބެކެވެ. ފެހި ގަސްތައް ގިނަ އެ ހިސާބު ފެންނަނީ ވަރަށް ހުވަފެނީ ގޮތަކަށެވެ. ޚާއްސަކޮށް ޚަރީފު މޫސުމުގެ ސަބަބުން ގަސްތަކުން ފައިބާފައިވާ އޮރެންޖު ކުލައިގެ ފަތްތަކުގެ ސަބަބުން މުޅި މާހައުލުގައިވަނީ އާދަޔާ ޚިލާފް ރީތިކަމެކެވެ. މަގުމަތީގައި ވެސް ހީވަނީ ރީތި ދޫލައެއް ފަތުރާލާފައިވާ ހެންނެވެ. އެ މަންޒަރަށް ގެއްލިފައި އެމާ އިނެވެ. އޭނާ އަށް ހޭވެރިކަންވީ ގެއާ ހިސާބަށް އާދެވުމުން މުނީރު ވާހަކަ ދެއްކި އަޑަށެވެ.

ކާރުން ފޭބުމަށް މައާލްއަށް އެހީތެރިވެރދީފައި ގޭގެ ގޯތިތެރެއަށް އެމާ ބަލައިލިއެވެ. ހިތްގައިމު ގޯއްޗެކެވެ. ސްޓާރ ޕެލެސްއަށް ނަޒަރު ހުއްޓާލެވުމާއެކު، ހިނދުކޮޅަކު ނަޒަރު ވަކިކޮށްލަން ނޭނގިފައި އޭނާއަށް ހުރެވުނެވެ. އެ ހިތްގައިމު މާހައުލުން އެ ޝާހީ ގެ ފެންނަމުން ދިޔައިރު ހީވަނީ ފިލްމެއްގެ މަންޒަރެއް ހެންނެވެ. ހާދަ ހިތްގައިމެވެ. މުނީރާއެކު މައާލް ގޮވައިގެން ގޮސް އެމާ އެގެއަށް ވަނުމާއެކު އަނގަ ހުޅުވުނެވެ. ބަލާލި ކޮންމެ ދިމާލަމުން ގޭގެ ޝާހީކަމާއި ހައިބަވަންތަކަން ފެންނަމުން ދިޔައެވެ. މީހެއްގެ ހިލަމެއް ނުވިނަމަވެސް، ގޭތެރެ ފެންނަނީ ވަރަށް ސާފުތާހިރުކޮށެވެ. ޖަހާފައިވާ މާބަލް ޓައިލްސްތަކުން އޮފްއަރަމުން ދިޔައިރު، ގޭތެރޭގައި ލުއިލުއި މީރުވަހެއް ހިފާލާފައި ހުއްޓެވެ.

އެހާ ދުވަސްފަހުން ލަންޑަނަށް އާދެވުމުން މައާލްއަށް އަނެއްކާވެސް އޭނާގެ މައިންބަފައިންގެ ހަނދާންތައް އާވިއެވެ. އެ އުފާވެރި ދިރުއުޅުމާއި، އުފާވެރި ދުވަސްތައް ހަނދާންވެ އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔަނަމަވެސް، ނުރޯން މައާލް ހިތްވަރުކުރިއެވެ. އެކަން މުނީރަށްވެސް އެނގުނެވެ.

އިރުކޮޅަކުން ދުވަމުން ދުވަމުން އައި އަންހެނަކު އައިސް އެމީހުން ކައިރީގައި މަޑުކޮށްލިއެވެ.

"ކެއިރާ.. ކޮތަރިތައް ތަތްޔާކުރިންތަ؟" މުނީރު އެ އަންހެން މީހާއާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އާއެކޭ ބުނެލުމަށްފަހު، އެމީހާ އަދަބުވެރިކަމާއެކު ބޯ ޖަހާލިއެވެ. ކެއިރާއަކީ އެ ގެ ބަލާ ސާފުކުރުމަށް މުނީރު ބަހައްޓާފައި ހުންނަ މީހާއެވެ.

"އެއްޗެއް ކާލަންވާނެއެއްނު މައާލް." މުނީރު މައާލްއަށް ބަލާލިއެވެ. މައާލް ބޯ ޖަހާލީ އޭނާ ބަނޑުހައިވެފައި ހުރިވަރުންނެވެ. ކެއިރާއާއެކު ތިން މީހުން ގޮސް ކާކޮޓަރިއަށް ވަނެވެ. ތައްޔާރުކޮށްފައިވާ ކާއެއްޗެހީގެ މީރުވަހުން މުޅިތަން އެއްވަސް ކޮށްލާފައިވެއެވެ. ނާސްތާކޮށް ނިމިގެން މުނީރު މައާލްއާ ވާހަކަ ދެއްކިއެވެ.

"ޑޮކްޓަރަށް ދެއްކުން އޮތީ މާދަމާ. އަރާމުކޮށްލަން ދާންވީނު؟" މުނީރު ސުވާލުކޮށްލިއެވެ. މައާލް ބޯ ޖަހާލާފައި އެމާއާއެކު ގޮސް ކޮޓަރިއަށް ވަނެވެ. އެއަށްފަހު، ފެންވަރާލައިގެން ނުކުމެ އަރާމުކޮށްލަން އެނދުގައި ޖައްސާލުމާއެކު، ދާދި ފަސޭހައިން އޭނާއަށް ނިދުނީ ދަތުރުގެ ވަރުބަލިކަން އިޙްސާސްވަމުން ދިޔަލެއް ބޮޑުކަމުންނެވެ.

މުނީރުވެސް ފެންވަރާ ތާޒާ ވެލައިގެން ނުކުމެލިއެވެ. އެއަށްފަހު، އޭނާ ދަބަހުން ލެޕްޓޮޮޕް ނަގަމުން އެތަނުގައި ހުރި ސްޓަޑީ ޓޭބަލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. މޭޒުމަތީގައި ލެޕްޓޮޕް ބަހައްޓާލުމަށްފަހު، ހުޅުވާލީ އޮފީހުގެ މަސައްކަތެއް ކުރުމަށެވެ. ރާދިންގެ ޚިޔާލު ހިތަށް ވެރިވުމާއެކު، އޭނާ ފޯނު ނަގާ ރާދިންގެ ނަންބަރު ހޯދާލާފައި ގުޅާލިއެވެ. އައުމުގެ ކުރިން ރާދިން އޭނާއާ ދިމާކޮށްފައި ލަންޑަނަށް ދެވުނުހާ އަވަހަކަށް އެންގުމަށް ބުންޏެވެ. ރާދިންގެ އަޑުގައިވާ އާދޭހުގެ އަސަރުތައް ހަނދާންވުމާއެކު، އެ އެދުމުގައި ކޮޅުފައިން ޖަހަން މުނީރަށް ނުކުރެނީއެވެ. ކޮންމެގޮތަކަށް ކަންތައް ކުރިނަމަވެސް ރާދިންއަކީ އަދިވެސް މައާލްގެ ފިރިމީހާއެވެ. އަދި އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. މައިންބަފައިންގެ ހިތުގައި ދަރިންނާ މެދު ވާ ލޯތްބަކީ ދުވަހަކުވެސް ފަނޑުވާނެ ލޯތްބެއް ނޫނެވެ. ގޯސްކަމެއް ކޮށްފިނަމަ، ރުޅި އައިސް ހިތްހަމަ ނުޖެހުމަކީ އިންސާނާގެ ފިތުރަތެވެ. އެހެންނަމަވެސް، އެ ރުޅިވެރިކަމާއެކުވެސް ލޯތްބޭ އެ ކިޔާ ފުން އިޙްސާސް އެކީ ހިތަކުން ނެރެ އެއްލާލުމަކީ ފަސޭހަކަމެއް ނޫންތާއެވެ.

ފޯނުގެ ފުރަތަަމަ ރިންގާއެކު ރާދިން ފޯނު ނަގައިފިއެވެ. ހީވަނީ މުނީރުގެ ކޯލެއްގެ އިންތިޒާރުގައި ހުރިހެންނެވެ.

"މިހާރު ލަންޑަކަށް މިއައީ. އެވާހަކަ ބުނެލަން ވެގެން މިގުޅީ…" މުނީރު ބުނެލިއެވެ.

"މައާލް… މައާލް ކޮބާ؟" ރާދިން ސުވާލުކޮށްލިއެވެ. އޭނާ ހުރީ މައާލްގެ ޙާލެއް އޮޅުން ފިލުވާހިތުން ކެތް މަދުވެފައެވެ.

"މައާލް މިވަގުތު އަރާމުކޮށްލަނީ. ރާދިން ހާސްވާނެކަމެއް ނެތް. މައާލްގެ ހުރިހާކަމެއް ބައްޕަ ކޮށްދޭނަން." މުނީރިގެ އަޑުން އަދިވެސް ރާދިންއަށް ހިތްހަމަނުޖެހުމުގެ އަސަރުތައް ފާހަގަވަމުން ދިޔައެވެ. އެހެންކަމުން އިތުރު ސުވާލެއް ކުރާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ފަރުވާގެ ކަންތައްތައް ދާގޮތް އޭނާއަށް އަންގަން ބުނަން ކިތަންމެ ބޭނުންވިޔަސް އެ ވާހަކަ ބުނާކަށްވެސް ރާދިންއަަކަށް ނުކެރުނެވެ.

މުނީރު ފޯނު ބޭއްވުމާއެކު، ގޭގެ ކޮޓަރީގައި ހުރި ސޯފާގައި އިށީނދެލައިގެން އިން ރާދިންއަށް މޫނުގައި އަތް ހާކާލެވުނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، އޭނާއަށް ނިތުގައިވެސް ޖަހާލެވުނެވެ.

އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާލައިފިއެވެ. ކަންނެތްކަމާއެކު ހިނގާލާފައި ގޮސް ރާދިން ދޮރު ހުޅުވާލިއެވެ.

"ކިހިނެއްވީ؟" ކުރިމަތީގައި ހުރި ނޯކަރު ކުއްޖާގެ އެއްވެސް ކުށެއް ނެތްނަމަވެސް، އޭނާގެ އަޑު ނިކުތީ ހަރުކަށިކޮށެވެ.

"ސަ… ސަޖާ…" ރާދިންގެ މޫނުމަތީގައިވީ އަސަރުތަކުން ޖެހިލުންވި އެ ކުއްޖާގެ ދުލުން ނުކުތް ސަޖާގެ ނަމާއެކު ރާދިންގެ ދެބުމަ ގޮށްޖެހުނެވެ. ދެއަތް މުށްކަވާލެވުމާއެކު، ދަތްކުނޑި ވިކާލުމުން ކަތުރުކަށިގަނޑަށް އައި ހަރަކާތުން އޭނާ ރުޅިއައި ވަރު އެ އަންހެން ކުއްޖާއަށް ވެސް އިޙްސާއްވިއެވެ. އެއާއެކު އޭނާ ކަންބޮޑުވިއެވެ.

"ކޮބާ؟" ރާދިންގެ އަޑު މިފަހަރު އައީ ކުރިއަށް ވުރެ ބާރަށެވެ.

"ބޭރުގަ…" ނޯކަރު ކުއްޖާ އަދަބުވެރިކަމާއެކު ބުންޏެވެ.

"ފޮނުވާލަބަލަ. ކީއްކުރަންތަ ތި އުނދަގޫ ކުރަނީ؟" ރާދިންއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އެ ކުއްޖާ ސަޖާ ބޭރުގައި ހުރެ އަޑު ގަދަ ކުރާކަމަށް ބުނުމާއެކު، ރާދިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރުޅިގަނޑު މައިތިރިކުރަމުން އޭނާ ސަޖާ އެތެރެއަށް ވައްދަން ބުންޏެވެ. ބޮޑު ކޮޓަރިއަށް ރާދިން ނުުިތްއިރު، އޭނާގެ ރުޅިވެރިކަން ހުރީ އިންތިހާއަށް ގޮސްފައެވެ. ސަޖާ އެއުޅެނީ ކީއްވެގެންހެންޔެވެ؟ އޭނާގެ މުޅި ދިރިއުޅުން އަންދާ އަޅިއަށް ހަދާލުމަށްފަހު، އަދިވެސް ސަޖާއަށް ހަމަޖެހުމެއް ނުލިބެނީހެއްޔެވެ؟

"ކީކުރަން ތިއައީ؟" ސަޖާ ފެނުމާއެކު ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"ރާދިން އަދި ތިވަރަށް ރުޅި އަންނާކަށް ނުވޭ ކަންނޭނގެ. މީ އަހަރެން އެކަނި ކޮށްގެން އުޅޭކަމެއްތަ؟" ބަނޑުގައި އަތް ޖައްސާލާފައި، ބަނޑަށް ބަލާލަމުން ސަޖާ ބުނެލިއެވެ.

"އަހަރެން ބުނެފިން އަހަންނަކަށް ޔަޤީނެއް ނުވެޔޭ އެއްވެސް ކަމެއް. ކިހިނެއް އެނގެނީ ތީ މަގޭ ދަރިއެއްކަން." ރާދިންއަށް ބުނެވުނެވެ. ސަޖާ އެހެން ބުނާ ކޮންމެ ފަހަރަކު އޭނާގެ ރުޅިވެރިކަން ކެކި އަރައެވެ. އެރޭގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ބޮލުގައި ރިއްސައެވެ. އެ ހަނދާންތައް ގެންނަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އޭނާގެ ސިކުނޑިއަށް ބާރުބޮޑުވެ ނޭނގޭ އުނދަގުލެއް ވެއެވެ.

"ރާދިން! ބޭޒާރުވާން ބޭނުން ނޫނިއްޔާ މި ދަރިފުޅުގެ ޒިންމާ ނަގާ…" ސަޖާ ބުންޏެވެ.

"ޔަޤީން ނުވަންޏާ ކިހިނެއް ޒިންމާ ނަގާނީ؟" ދޫ ދޭން ބޭނުންނުވެ ހުރެ ރާދިން ބުންޏެވެ.

"އަހަންނަށް އެނގޭ މައާލް ގޮސްފިކަން. ރާދިން މިކަމުގެ ޒިންމާ ނުނެގިއްޔޭ ކިޔާފަ މައާލްއެއް ދެނެއް ރާދިންގެ ކައިރިއަކަށް ނާންނާނެ. ފިރިހެނަކަށް ވެބަަލަ. ތިހާ ފިނޑިވެގެން އެއްވެސް ކަމެއް ނުވާނެ." ސަޖާގެ ބަސްތަކުން ރާދިންގެ ހިތަށް ތަދުވިއެވެ.

"އަހަރެންވެސް ބޭނުމެއް ނުވާނެ މިހެން އިނދެ އެންމެންގެ ތެރެއަށް ބޭޒާރުވާކަށް. ރާދިންގެ ދަރިއެއްކަން ޔަޤީންވާތީ ދޯ އަަހަރެން މި އަންނަނީ. އެހެން ނޫންނަމަ ކީކުރަން އަންނަންވީ؟ ހަނދާންކުރާތި ރާދިން!. ބޭޒާރުވަންޏާ ބޭޒާރުވާނީ އަހަރެން އެކަންޏެއް ނޫން. ރާދިންވެސް ވާނެ." ސަޖާ އޭނާގެ ފޯނުން ރާދިންއާއި އޭނާގެ ފޮޓޯތައް ދައްކާލަމުން ބުންޏެވެ.

"ހަމަ މިހާރު ޑިލީޓް ކުރޭ…" ރާދިން ހަޅޭއްލަވައިގަތެވެ.

"ޑިލީޓް ކުރެވޭނީ އެންމެ ގޮތެއްގެ މަތިން. މި ދަރިފުޅުގެ ޒިންމާ ނަގާފަ އަހަންނާ ކައިވެނި ކުރޭ. އެންމެންގެ ތެރޭގައި އަހަރެން ފަޟީހަތްވުމުގެ ކުރިން އަހަރެން ސަލާމަތްކޮށްދީ. މިއައީ ހަމައެކަނި އެހެން ބުނަން ވެގެން." ސަޖާ އެއްވެސް ޖެހިލުމެއް ނެތި ބުނެލުމަށްފަހު، ރާދިންއަށް ބަލާލާފައި ނުލަފާ ގޮތަކަށް ހީލާފައި އެއްލޯ މަރާލިއެވެ. އެއަށްފަހު، އޭނާ ރާދިންއަށް ފަސް ދިނެވެ.

"މީ އަހަރެންގެ އެންމެ ފަހުގެ އިންޒާރު. ދެން އަހަރެން މިގެއަށް އަންނައިރު، ރާދިން ގޮތެއް ނިންމާތި. މި ދަރިފުޅަކީ ރާދިންގެ ދަރިއެއް. މި ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން ޖެހޭނީ ރާދިން." އެ ހުރިގޮތަށް ހުރެ އެހެން ބުނެލާފައި ސަޖާ ގޮސް އެ ގެއިން ނުކުމެއްޖެއެވެ. އެ މަންޒަރު ބަލަން ހުރި ރާދިން، އެތަނުގައި ހުރި މޭޒުމަތީގައި ހުރި ވާޒްގައި އަތުން ޖެހިޖެހީނުން އެއްލާލިއެވެ. މުށި ވާޒް ތެޅުނު އަޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. އެ އަޑަށް ބަދިގެފަރާތުގައި ހަރަކާތްތެރިވަމުން ދިޔަ، ދެތިން ނޯކަރުންވެސް ނުކުމެއްޖެއެވެ.

ރުޅިއައިސް ރަތްވެފައި ހުރި ރާދިން ފެނި ގުޑާލަންވެސް ނޭނގިފައި އެމީހުންނަށް ތިބެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ރާދިން ގޮސް ބަންލާފައި ކޮޓަރީގެ ދޮރު ޖެހިއެވެ.

އޭނާގެ ބޭނުން ފުދުމުން އެގެއިން ނުކުމެގެން ސަޖާ ހިނގައިގަތެެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. ވަކި ހިސާބަކުން މަޑުކޮށްލާފައި އަތް ދަބަސް ހާވާލާފައި ނެގި ރިޕޯޓަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު، އޭނާ އެއްމިޔަކަށް ހިނިތުންވެލިއެވެ. އޭރު އެމޫނުމަތީގައިވަނީ އަމިއްލަ ނަފްސާމެދު ފަޚުރުވެރިވާ ފަދަ އަސަރުތަކެކެވެ. ރާދިންގެ ދިރިއުޅުން ހަލާކުކޮށްލެވިއްޖެކަމުގެ އިޙްސާސްއާއެކު އޭނާގެ ހިތަށް އުފާވެރިކަން ވެރިވިއެވެ. އޭނާއަށް ދެރައެއް ދީފައި އެކަކަށްވެސް ހަމަޖެހިލައިގެން ދިރިއެއް ނޫޅެވޭނެއެވެ. އޭނާ އެމީހެއްގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނެއެވެ. އެހެންނޫނީ އޭނާގެ ނަމަކަށް ސަޖާއެއް ނުކިޔާނެއެވެ. އަމިއްލަ ނަފްސާމެދު ބޮޑާވެ ކިބުރުވެރިވެފައިވާ މިންވަރު، އޭނާގެ ކޮންމެ އަމަލަކުން ފެންނަމުން ދިޔައެވެ.

*****

މަގުމަތީގައި ޓްރެފިކް ބޮޑެވެ. އެއް ސިކުންތުގައި ކުރިއަށް ދުއްވާލެވިއްޖެ ނަމަ އަނެއް ދިހަ ސިކުންތުގައި އިންނަން ޖެހެނީ މަޑުކޮށްގެންނެވެ. ގިނަ އިރުވާން ފެށުމުން ރަޒާން ރުޅި އަންނަ ގޮތްވިއެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި ހިނގާފައި ދިޔަ ސަޖާ އަޅައިގަތުމާއެކު، ކާރުން ފޭބުމަށް އަވަސްވެގަތެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު