ޑިމާންޑް ބޮޑުވެ ނީނާ އަނެއްކާ އޮލިމްޕަހަށް

ދިވެހި ފިލްމު ނީނާގެ ޕޯސްޓަރެއް --

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އެންމެ ފަހުގެ އެއް ފިލްމު ކަމަށްވާ "ނީނާ" އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާތީ އަނެއްކާ ހާއްސަ ސްކްރީނިންއެއް ކުރުމަށް ތައްޔާރުވެއްޖެއެވެ.

އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވި މި ފިލްމު އެންމެ ފަހުން މާލޭގައި ދައްކާފައިވަނީ އޯގަސްޓު މަހުގައެވެ. އެއާއެކު ފިލްމު ވަނީ އެތައް ހައުސް ފުލް ޝޯތަކެއް އަޅުވާފައެވެ.

އޯގަސްޓު މަހުގެ ޝޯތަކަށް ފަހު ފިލްމުގެ އިތުރު ޝޯތަކެއް މާލޭގައި ދައްކާފައެއް ނުވެއެވެ. ނަމަވެސް މި ހަފުތާ ބަންދާ ދިމާކޮށް ރ. އަތޮޅު އަލިފުށީގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އިއްލެގެ ފިލްމު އުފައްދާ ކުންފުނި އައިފިލްސްއިން ހާމަކޮށްފައިވާ ގޮތުގައި ނީނާގެ އިތުރު ދެ ޝޯއެއް މި ހަފުތާގައި އޮލިމްޕަހުގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނީނާގެ ދެ ޝޯ އަޅުވާނީ ބުރާސްފަތި ދުވަހާއި ހުކުރުދުވަހުގެ ރޭގެ 2345 ގައެވެ.

މި ޝޯތަކަށް ޓިކެޓު ނެގުމަށް ގުޅާނީ 7242555 އަށެވެ. ވައިބާ މެދުވެރިކޮށް ޓިކެޓު ނަގައި ކޮންފާމް ކޮށްލެވޭނެއެވެ.

ފިލްމުގެ ލީޑް ރޯލު ކަމަށްވާ ނީނާގެ ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބެވެ. އިތުރު ރޯލުތަކުން ދެން ފެނިގެންދާނީ ޝަރަފް އަބްދުﷲ އާއި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމެވެ.

comment ކޮމެންޓް