މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް ޗައިނާ ރައީސްގެ ޚާއްޞަ މަންދޫބެއް

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޚާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޖިން---

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޚާއްޞަ މަންދޫބެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ، މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ރާއްޖެއާ ގާތްގުޅުން ބާއްވާ ގައުމުތަކަށާއި ސަރަޙައްދީ ގައުމުތަކަށް ދައުވަތު ފޮނުވައިފައެވެ.

ޗައިނާގެ ނޫހެއް ކަމަށްވާ ސީޖީޓީއެންއިން އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްކުރި ގޮތުގައި، މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޚާއްޞަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޖިންއެވެ.

ޝެން، އަންނަ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި މަޑުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޚާއްޞަ މަންދޫބު ރާއްޖެއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރު ނިންމާލުމަށް ފަހު 18 ވަނަ ދުވަހު ސްރީލަންކާ ސަރުކާރުގެ ޚާއްސަ ދައުވަތަކަށް އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. ލަންކާގައި ވެސް ހަތަރު ދުވަހު ޝެން މަޑުކުރައްވާނެ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ޑރ މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު ޗައިނާއާ ޚާއްޞަ ގުޅުމެއް ވަނީ ބާއްވަވާފައެވެ. އެގޮތުން ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ޕްރޮޖެކްޓްތައް ވަނީ ހިންގަވާފައެވެ.

އެހެންކަމުން އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސުރުޚީއަށް އަރާފައި ވަނީ "ޕްރޯ ޗައިނާ" ކެންޑިޑޭޓްގެ ގޮތުގައެވެ.

ނަމަވެސް މުއިއްޒު ވަނީ އެކަމަށް ރައްދު ދެއްވާ އެމަނިކުފާނަކީ 'ޕްރޯ މޯލްޑިވްސް" ކެންޑިޑޭޓެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް