ރާއްޖެއިން ފްރާންސާއި ސްޕެއިންގެ ޝެންގަން ވިސާއަށް ވެސް ހުށަހެޅޭނެގޮތް ހަމަޖައްސައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖެއިން ފްރާންސާއި ސްޕެއިނާއި ޕޯޗުގަލްގެ ޝެންގެން ވިސާއަށް ވެސް އެދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ އިންތިޒާމުތައް ހަމަޖެއްސީ އިއްޔެއިން ފަށައިގެން އެ ވިސާއަށް އެދެވޭ ގޮތަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކޮށް ދިނުމަށް މާލޭގައި ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވީ މާޗު 1، 2020ގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން ޝެންގަން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކާ މަޝްވަރާކޮށް، މާލޭގައި ހުންނަ ސެންޓަރުން ސްވިޓްޒަލެންޑުގެ ޝެންގަން ވިސާއަށް އެދެވޭނެ ގޮތް މިދިޔަ އޮގަސްޓު މަހުގެ 21ގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެ ސެންޓަރު މެދުވެރިކޮށް ޝެންގެން ވިސާ ހޯދުމަށް އެދެވޭނެ ގައުމުތަކަކީ:

  1. ސްވިޒަލެންޑް
  2. ބެލްޖިއަމް
  3. ނެދަލޭންޑްސް
  4. ޕޮލެންޑް
  5. ލަގްޒެމްބަގް
  6. ސްލޮވީނިއާ

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ މި އަހަރުގެ ރޭންކިންއަށް ބަލާއިރު، ރާއްޖޭގެ ޕާސްޕޯޓު ހޯލްޑަރުންނަށް ދުނިޔޭގެ 94 މަންޒިލަކަށް ވިސާ ނުނަގައި ދަތުރުކުރުމުގެ ފުރުސަތު ލިބެއެވެ.

comment ކޮމެންޓް