އޮފީހަށް ކޮންމެ ދުވަހަކު ދާއިރު ވެސް ނުވަތަ ސްކޫލަށް ދާއިރު ވެސް އަބަދު ވެސް ގަޑި ޖެހިގެން ތަންތަނަށް ދާ މީހެއް އުޅޭނެއެވެ. މީގެ މީހަކީ ކޮންމެ މީހަކަށް ވެސް އެނގޭނެ މީހެކެވެ. ނޭނގޭ ނަމަ އެއީ އެ މީހާއަށް ވުން އެކަށިގެން ވެއެވެ.
އެއް ބައި މީހުންނަކީ ކޮންމެ ތަނަކަށް ގަޑިއަކަށް ކިޔަސް އެތަނަކަށް ދެވޭ ބައެއް ނޫނެވެ. އަބަދުވެސް އިވެންޓެއް ނުވަތަ އެހެން ކަމެއް އޮތް ނަމަވެސް އާންމުކޮށް ލަހުން އަންނަ މީހަކު ނުވަތަ ބަޔަކު އުޅޭނެއެވެ. މި މީހުން އަބަދުވެސް ބުނާނީ "ފެޝަނަބަލީ ލޭޓް" އެވެ.
"އަބަދުވެސް ބުނަން މި ދަނީ އޭ. ގަޑިއަށް ދާނަމޭ. އެކަމަކު ތަނަކަށް ދާން ހަމަ އެންމެ ފަހު ސިކުންތައް ވީމަ ރެޑީ ވެސް ވެވޭނީ. ދެން ދެވޭ އިރު ހުންނާނީ މާ ބޮޑަށް ލަސް ވެފަ،" އަބަދުވެސް ރަށްޓެހިންނާ ބައްދަލުކުރުމަށް ލަހުން ދިމާވާ އިލްޔާން އަލީ ކިޔައިދިނެވެ.
މި ގޮތަށް ލަސްވަނީ ގިނަ ފަހަރަށް ގަސްދުގައި ނޫން ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހަމަ ގިނަ ފަހަރަށް ގަޑި އަށް ދެވޭނެ ކަމަށް ބެލި ނަމަވެސް މި މީހުންނަށް އެކަން ނުވަނީއެވެ.
މިކަމުގެ ފަހަތުގައި ކޮންމެވެސް ކަހަލަ ސައިންސެއް އެބަ ވެއެވެ.
އޮންލައިން ސައިކޮލޮޖިކަލް ކައުންސެލިން ފޯރުކޮށްދޭ "ލިސަން"ގެ ކްލިނިކަލް ސައިކޯލޮޖިސްޓެއް ކަމަށްވާ ކްރިޝާ ޖޯޝީ ފާހަގަކޮށްފައިވަނީ އާންމުކޮށް ގަޑި ޖެހިގެން އުޅޭ މީހުންނަކީ "ޓައިމް އޮޕްޓިމިސްޓް" އިން ކަމަށެވެ. އެއީ އާންމުކޮށް އަބަދުވެސް ލިބިފައިވާ ވަގުތަށް ވުރެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެސް ކަންތައް ކުރެވޭނެ ކަމަށް ގަބޫލު ކުރާ މީހުންނެވެ. ކޮންމެ ފަހަރަކުވެސް އެ ވަގުތަށް ކަންތައް ނުކުރެވުނު ނަމަވެސް ދެން ފަހަރަކުން ވެސް ހަމަ އެގޮތަށް މަސައްކަތް ކުރެވޭނެ ކަމަށް މި މީހުން ގަބޫލު ކުރާ ކަމަށް ކްރިޝާ ބުނެއެވެ.
"ގަބޫލު ކުރެވެނީ އަސްލު މިވަރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޭނުންވާ ކަންތައް ކުރެވޭނޭ. އެއީ އެކަން ނުވާނެ ކަން އެތައް ފަހަރަކު ސާބިތު ވިޔަސް ގަބޫލު ނުކުރާ މީހުން،" އޭނާ ކިޔައިދިނެވެ.
މީހުން ލަސް ވުމަކީ ފަހަރުގައި މީހާގެ ސިފައަކަށް ވެސް ވެދާނެއެވެ. އެގޮތުން ކްރިޝާ ފާހަގަކުރާ ގޮތުގައި އޮޕްޓިމިޒަމް އާއި އަމިއްލަ ނަފްސަށް ކޮންޓްރޯލު ނުހުރުމާއި އެންޒައިޓީ އަކީ ގަޑީގައި ޖެހުމުގެ ފަހަތުގައި ވާ ސަބަބުތަކަށް ވެދާނެއެވެ.