ރޮމުން ރޮމުން މައާލް ދެއްކި ވާހަކަތައް ދޮރުކައިރީގައި ހުރި މުނީރަށް އަޑު އިވުމާއެކު ލިބުނު ޝޮކުން ކޮޅަށް ހުންނަން ވެސް އޭނާއަށް ދަތިވިއެވެ.

އޭނާ އައީ މައާލްގެ ޚަބަރެއް ބަލާލަން ވެގެންނެވެ. ދޮރު ހުޅުވިފައިހުރުމުން ކައިރިވީވަގުތު ރާދިންގެ އަޑު އިވި މަޑުޖެހިލީ ފަހަރެއްގައި އެފަދަ ވާހަކައެއް އަޑުއަހަން ޖެހިދާނެކަމަކަށް ނޫނެވެ. އެއީ ހަމަ ހަޤީގަތްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

"އަހަރެން އޭނައާ ގުޅުމެއް ނުބާއްވަމޭ. ޕްލީޒް ގަބޫލުކޮށްބަލަ މައާލް…" ރާދިންއަށް އަދިވެސް އާދޭސްކުރެވެނީއެވެ. އެރޭގެ އެއްވެސް ކަމެއް ހަނދާންނެތްކަމުގައި މައާލްއަށް ޔަޤީންކޮށްދޭނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

"އެ އަންހެންކުއްޖާގެ ޕްރެގްނޭންސީ ރިޕޯޓަކީ ވެސް ދޮގެކޭ ތަ ތިބުނަނީ؟" މައާލްގެ ސުވާލާއެކު ރާދިންއަށް އިސްޖަހާލެވުނެވެ. "ރާދިންއަށް ރަނގަޅުވާނީ ދެން އަހަރެން ވަރިކޮށްފަ އެ އަންހެން ކުއްޖާ ކައިރިއަށް ދިޔައިއްޔާ…" ހިތުގައި އަތް އަޅައިގެން ހުރެ މައާލްގެ ދުލުން އެބަސްތައް ބޭރުވަމުން ދިޔައިރު، އޭނާގެ ހިތްވެސް ގިސްލާފައި ރޮނީއެވެ. ރާދިންގެ ކުރިމަތީގައި ހިތްވަރުގަދަވާން ކިތަންމެ ބޭނުންވިނަމަވެސް، އޭނާގެ ހިތުގެ ރިހުން ތަކާ ތަކުލީފުތަކުގެ ކުރިމަތީގައި އެކަން ކުރާކަށް ފަސޭހައެއް ނުވިއެވެ. އިސާހިތަކު އޭނާގެ ކަރުނަތައް ރޮނގުދެމިގެން ތިރިއަށް ދާން ފެށިއެވެ.

"އަހަރެން ބޭނުމެއް ނޫން ރާދިން އަހަރެން ފެންނަ ހިސާބަށް އަންނާކަށް. ޕްލީޒް… ޖަސްޓް ލީވް." މައާލްގެ އެ ބަސްތަކާއެކު ރާދިންއަށް ވެސް ލިބުނީ ވޭނެކެވެ.

ބޭރުގައި އެ ދެމީހުންގެ ވާހަކަ އަޑު އަހަން ހުރި މުނީރަށް ވެސް ކެތްކުރުން ވީ އުނދަގޫކަމަކަށެވެ. އޭނާގެ ޒުވާން ދަރިފުޅުގެ ފުށުން މި ފެނުނީ ކޮންފަދަ ކަންތައްތަކެއްހެއްޔެވެ؟ ރާދިންއާ މެދު ކުރެވެމުންދިޔަ އުންމީދު ވެއްޔާ މޮޑެވިއްޖެއެވެ.

މުނީރު ކޮޓަރިއަށް ވަނުމާއެކު، ރާދިންއަށް ސިހުން ލިބިގެން ދިޔައިރު، މުނީރުގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރި އަސަރުތަކުގެ ސަބަބުން ދެންމެ ދެކެވުނު ވާހަކަތައް މުނީރަށް އިވިއްޖެކަން ރާދިންއަށް ޔަޤީން ކުރެވިގެން ދިޔައެވެ. އެއާއެކު އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. މުނީރުގެ އަމަލުތައް ދެން ހުންނާނީ ކިހިނެއްކަން ލަފާކޮށްލާކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެއީ މުނީރު އެހާ ރުޅިއައިސް ހުއްޓާ މީގެކުރިން ދުވަހަކުވެސް ރާދިންއަށް ފެނިފައެއް ނުވެއެވެ.

"ރާދިން! ތީތަ ރާދިންއަށް ދިން މިނިވަންކަމުގެ ބަދަލު ދޭން ފެނުނު ގޮތަކީ؟ އިނގޭތަ ތިކުރެވުނީ ކިހާ ބޮޑު ފާފައެއްކަން؟ އިނގޭތަ މީހުންނަށް އެނގުނީމަ ކިޔާނެ އެއްޗެހި. އެއީ ރާދިންގެ އަނބިމީހާއޭ… މައާލްއާ މެދު ބެހެއްޓި އޯގާތެރިކަމަކީވެސް އެ ކަންތައް ކުރިއަށް ގެންދަން އެހެންމީހުންގެ ލޮލުގައި އެޅުވި އަނދުނެއްތަ؟" މުނީރުގެ ވާހަކަތައް އިވި މައާލްއަށްވެސް ލިބުނީ ޝޮކެކެވެ.

"ބައްޕާ…"

"އޭރުވެސް ހިތަށް އެރި މައާލް ވަރިވާން ބޭނުންވާނީ ކެތްނުކުރެވޭ ވަރު ކަމެއް ވީމައޭ. އެކަމަކު ހިތަށް ވެސް ނާރާ އެފަދަ އަމަލެއް ރާދިންގެ ކިބައިން ފެނިދާނެކަމަށް. މައާލް އެބުނީނު ރާދިން މިތަނުގަ ހުންނާކަށް ބޭނުމެއް ނޫނޭ…" މުނީރު ސީދާ އެގެއިން ނުކުންނަން ނުބުނި ނަމަވެސް، އެއީ މުނީރު ބޭނުންވާގޮތްކަން ރާދިންއަށް ޔަޤީން ކުރެވުމާއެކު، އޭނާ އިސްޖަހާލައިގެން ހުރެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ފަސްއެނބުރި ބަލައިލުމެއްވެސް ނެތި ގޮސް އޭނާ ގެއިން ނުކުމެއްޖެއެވެ.

"މައާލް. ހުއްޓާލާ ދެން. ބައްޕަގެ ސަބަބުން ހުރިހާކަމެއް ވެސް ވީ…" މުނީރަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. މަޖުބުރުން ރާދިން ލައްވާ މި ކައިވެނި ނުކުރުވިނަމަ، މިއަދު މައާލްއަށް އެ ހިތްދަތިކަމެއް ނުލިބުނީހެވެ.

"ނޫން. ރާދިންގެ ކުށުގެ ޒިންމާ ބައްޕަ ނަގާކަށް ނުޖެހޭނެ." މައާލްއަށް ބުނެވުނެވެ.

"މައާލް ބޭނުންވަނީ ވަރިވާން ކަމުގައި ވާނަމަ ބައްޕަ ހުންނާނީ މައާލްއާ އެކުގަ." މުނީރު އެހެން ބުނެލުމާއެކު، މައާލްގެ ހިތަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ. އަދިވެސް އެހިތުގައި ރާދިންއާ މެދު ލޯބިވެއެވެ. އިންތިހާ ލޯބިއެވެ. ނަފްރަތުކުރަން އުޅެ އުޅެވެސް ނުކުރެވުނު ކަމަކީ އެއީއެވެ. އެހާ ބޮޑަށް އޭނާ އަށް އުނދަގޫވާ ސަބަބަކީވެސް އެއީ ކަންނޭނގެއެވެ. މާފު ނުދެއްވުމެއް ކަމަކު، އެހިތުގައި ވި ލޯބި ކަފުންކޮށް ވަޅުލެވޭ ގޮތެއް ނުވިއެވެ.

"އެކަނިވެލަން ބޭނުމީ." މައާލްގެ އެ އެދުމަށް ދެކޮޅު ހަދަން މުނީރު ބޭނުންވިނަމަވެސް، މައާލްގެ އެ ބަސްތަކަށް އޭނާ އިޚްތިރާމް ކުރިއެވެ. ކަމެއް ބޭނުންވެއްޖެނަމަ ގޮވާލަން ބުނެފައި މުނީރު ނުކުމެގެން ގޮސް ބޮޑުކޮޓަރީގައި އިށީން އިރުވެސް އޭނާގެ ސިކުނޑީގައިވަނީ ވަރުގަދަ ހައިޖާނުގަނޑެކެވެ. ރާދިންގެ ދެލޮލުން އޭނާއަށް ފެނުނު މާޔޫސްކަމާއި، މައާލްގެ ދެލޮލުން އެ ފެންނަ ރިހުން އޭނާއަށް އުނދަގޫކުރަނީއެވެ. ކުރެވުނު ކަންތަކާ ދެރަވެފައި ހުރިކަމުގެ އަސަރުތައް ރާދިންގެ މޫނުމަތިން ފެނުނު ނަމަވެސް، ރާދިން އެ ކުށް ނުކުރާކަމަކަށްވެސް ނުވާނެއެވެ. އަދި މައާލްއަށް އެފަދަ ދެރައެއް ނުދޭކަމަކަށްވެސް ނުވާނެއެވެ. ވިސްނިވަރަކަށް އޭނާގެ ސިކުނޑި ހާސްވަމުން ދިޔައެވެ. ނިތުގައި އަތް ހިންގާލަމުން ފުންނޭވާއެއް ދޫކޮށްލަމުން އޭނާ އަމިއްލަ ނަފްސު ހަަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.

ގެއަށް ދިޔަގޮތަށް ރާދިން ވަނީ ކޮޓަރިއަށެވެ. ބައްޕައަށް އެ ހަޤީޤަތް އެނގުމުން އިތުރަށް ބައްޕައާ ކުރިމަތިލާނެހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ.

*****

ޖެހިގެން އައި ދުވަހެވެ. ރާދިން އޮފީހަށް ނުދާތީ މާހިލް އެއްޗެއް ބަލާލަ ދިނުމަށް އެދި ރާދިންއަށް މެއިލްކުރުމުން، ރާދިން ގޮސް ލެޕްޓޮޕް ހުޅުވާލިއެވެ. މެއިލްއަށް ލޮގިން ވުމާއެކު މާހިލް ފޮނުވާފައި މެއިލްގެ ތިރީގައި އޮތް މެއިލް ފެނުމާއެކު އޭނާ އަވަސް އަަވަހަށް އެ މެއިލް ހުޅުވާލިއެވެ. އޭގައި އޮތް މެސެޖް ފެނުމާއެކު ގޮނޑީގައި ލެނގިލަމުން ރާދިންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާ ރިޕްލައިކޮށްލާފައި މާހިލްގެ މެއިލް ހުޅުވާލާ އެ ބަލާލިއެވެ. އެ މަސައްކަތް ނިންމާލާފައި ލެޕްޓޮޕް ލައްޕާލަން އުޅުނު ވަގުތު އަނެއްކާވެސް އޭނާއަށް މެއިލްއެއް ލިބުނެވެ. އެއީ މައާލްގެ ލޮލުގެ ޓެސްޓްތައް އަލުން ހަދަން ލަފާ ދިން ޑޮކްޓަރުު މެއިލެކެވެ. އޭނާ އެދުނީ އެގަޑީގައި ޒޫމް މީޓިންއަކަށް އެރުމަށެވެ. ލިންކްވެސް ފޮނުވަފައިވާތީ އޭނާ ލަސްނުކޮށް މީޓިންއަށް ވަދެލިއެވެ.

ޑޮކްޓަރު އޭނާގެ ޕްލޭން ކިޔައިދެމުން ވީ އެންމެ އަވަހަކަށް އައުމަށް އެދުނެވެ. އުންމީދެއް ދޭން އެނގޭނީ ޓެސްޓްތައް އަލުން ހެދުމުންކަމުގައި ބުނަމުން އޭނާ ބުނީ ލަސްވާނަމަ އުނދަގޫވާނެކަމުގައެވެ.

މީޓިން ނިންމާލާފައި ރާދިން އިތުރަށް ވިސްނިއެވެ. މައާލް އޭނާއާއެކު ދާކަށް އެއްބަހެއްނުވާނެއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ކޮންމެހެން ހަދައިގެންވެސް މައާލްގެ ޓެސްްޓްތައް ހަދަން އެބަ ޖެހެއެވެ. ބައްޕައާ ވާހަކަ ދައްކަން ވީ ހެއްޔެވެ؟ އަނެއްކާ ބައްޕަ އޭނާއާ ވާހަކަ ދައްކާނެ ހެއްޔެވެ؟ ކަންތައް ދިމާވި ގޮތުން މުނީރާ ކުރިމަތިލުމަކީ ރާދިންއަށް ފަސޭހަކަމަކަށް ނުވި ނަމަވެސް، އޭނާ ހުރީ މައާލްއަށްޓަކާ އެކަންތައް ކުރަން ނިންމައިގެންނެވެ. މުނީރު ކައިރީގައި ޑޮކްޓަރުގެ ވާހަކަތައް ހިއްސާކުރަން ރާދިން ބޭނުންވިއެވެ. މައާލްގެ ގާތުގައި ހުންނަން އޭނާ ކިތަންމެ ހާވެސް ބޭނުމެވެ. އެހެންނަމަވެސް، އެ ފުރުސަތު ދެން އޭނާއަށް ނުލިބޭނެއޭ އޭނާގެ ހިތް ބުނަނީއެވެ.

އޭގެ ފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ރާދިންއަށް މުނީރާ ބައްދަލުކުރާކަށް ނުކެރުނެވެ. އޭނާ ޖެހިލުންވަނީއެވެ. މުނީރު ހުރީ މީގެ ކުރިން ދުވަހަކު ނާންނަ ވަރަށް ރުޅިއައިސްފައިކަމުގައި އޭނާއަށް ގަބޫލުކުރެވޭތީއާވެސް އެކުގައެވެ. އޭނާގެ ޖަވާބެއް ނުލިބިގެން ޑޮކްޓަރުގެ މެއިލްއެއް އަނެއްކާވެސް ރާދިންއަށް ލިބުނެވެ. އިތުރަށް ލަސްކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ނުވާތީ އޭނާ ނިންމީ ކޮންމެ ގޮތެއް ހަދާފައިވެސް މުނީރާ ބައްދަލުކުރާށެވެ. އެެހެންކަމުން އެ ދުވަހު ރާދިން މުނީރާ ބައްދަލުކުރަން ދިޔައެވެ.

ކެބިންގައި ޓަކި ޖަހާލާފައި އެތެރެއަށް ވަތް ރާދިން ފެނުމާއެކު މުނީރުގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެނިލިނަމަވެސް، އޭނާ އެއްޗެއް ނުބުނާތީ ރާދިންއަށް ކުޑަ ހިތްވަރެއް ލިބިގެން ދިޔައެވެ.

"ބައްޕާ…" މޭޒުކައިރިއަށް ހުއްޓިފައި ރާދިން މުނީރަށް ގޮވާލުމާއެކު މުނީރު ބޯ ޖަހާލިއެވެ.

"އަޅުގަނޑު ބޭނުން ވާހަކައެއް ދައްކާލަން.." ރާދިން ބުނެލިއެވެ.

"މައާލްގެ ފަރާތުން އެ ދުވަހު އެ އިވުނީ ހަޤީޤަތްތަ؟" ރާދިންއަށް ބަލާލަމުން މުނީރު ސުވާލުކޮށްލުމާއެކު، ރާދިންއަށް އިސްޖަހާލެވުނެވެ.

"ރާދިންގެ ހިމޭންކަމުގެ މާނަ ބައްޕަ ނަގާނީ ކިހިނެއް؟" މުނީރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މައާލްގެ ވާހަކަތަކުގައި ވަނީ ހުސް ތެދުކަން އޭނާއަށް އިޙްސާސްވެއެވެ. އެ ސުވާލުކޮށްލެވުނީ ރާދިންގެ ދުލުން އެކަމާ ދެކޮޅު ހަދަންބޭނުންވީ ވަރުންނެވެ. އެންމެ ފަހަރަކުވެސް، އެއީ ދޮގެއްކަމުގައި ރާދިން ބުނޭތޯއެވެ.

"ކީކޭ ބުނަން ރާދިން ތިއައީ؟ މައާލްއާ އިތުރަށް ވާހަކަ ދައްކަން ބުނަންތަ؟ ބައްޕައެއް ނުބުނާނަން މައާލްގެ ނިންމުމަށް އެއްވެސް އެއްޗެއް. ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް، ފާޑެއް ނުކިޔާނަން. މައާލް ބޭނުންވަނީ ވަރިވާން ކަމުގައި ވާނަމަ ރާދިން އެކަންތައް ކޮށްދީ…" މުނީރު އެހެން ބުނެލުމާއެކު ރާދިންގެ ހިތުގައި ރިހުމެއް އުފެދުނެވެ. މައާލް ވަރިކުރަން އޭނާ ބޭނުންނުވާކަމުގައި ބުނަން ކިތަންމެ ބޭނުންވިނަމަވެސް، އެ ހައްޤު ނެތްކަމުގައި އޭނާއަށް ގަބޫލުކުރެވެމުން ދިޔަލެއް ބޮޑުކަމުން ހަނުހުންނަން ރާދިންއަށް މަޖުބޫރުވަނީއެވެ. މުނީރުގެ އަޑުގައިވި ނުރުހުމުގެ އަސަރަކީ އޭނާ ޖެހިލުންވީ އަނެއް ސަބަބެވެ.

މުނީރު ގޮނޑިއަށް އިޝާރާތްކޮށްލުމާއެކު ރާދިން އިށީނދެލިއެވެ.

އޭނާއަށް ރާދިންގެ މޫނުމަތިން ފެނުނު ހިތްދަތި އަސަރުތަކާއެކުވެސް އުންމީދުގެ ކުލަވަރު ފެނުނެވެ. ރާދިން ކުރި ކުށުގެ ސަބަބުން ރާދިންއާ މެދު ހިތްހަމަނުޖެހި ރުޅިއައިސް ހުރިނަމަވެސް، އޭނާއަކީ ރާދިންގެ ބައްޕައެވެ. ދަރިން ދެކެ މައިންބަފައިން އަބަދުވެސް ލޯބިވާނެއެވެ. ހިތްހަމަނުޖެހުނު ނަމަވެސް، ހިތުގެ ފުނުގައިވާ އެ ލޯބި ކަފުންކޮށް ވަޅެއް ނުލެވޭނެއެވެ. ގޯސް ކަމެއް ދަރިއަކު ކޮށްފިނަމަ އެކަމަކާ މެދު ހިތްހަމަނުޖެހުމުގެ ހައްޤު މައިންބަފައިންނަށް އޮންނާނެއެވެ. ދަރިން ހަމަމަގަށް އެޅުވުމަކީ އެމީހުންގެ ޒިންމާއެއްކަމުގައިވާތީއެވެ. މުނީރުއަށް ވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. މުނީރުގެ ރުޅިވެރިކަމާއި، ހިތްހަމަ ނުޖެހުމުގެ ފަހަތުގައިވެސް ވަނީ ހިތާމައެވެ. ރާދިންގެ ފަރާތުން އެ ފަދަ އަމަލެއް ފެނިދާނެކަމަށް ދުވަހަކުވެސް އުންމީދެއް އޭނާ ނުކުރެއެވެ. ހިތުގައި އުފެދުނު ޖަޒުބާތުތައް ބަނޑުން ވާން ފެށިއެވެ. އޭނާގެ ތަރުބިއްޔަތުގައި ހެދުނީ ކޮން ގޯހެއްތޯ މުނީރު ވިސްނަން ފެށިއެވެ.

"ބައްޕައަށް ރާދިންއަށް ކޮން ކަމެއް ނުކޮށްދެވުނީމަ ރާދިން ތި މަގު ތި ޚިޔާރުކުރީ؟ ބައްޕަގެ ތަރުބިއްޔަތުގައި މައްސަލައެއް އުޅުނުކަން މިއަދު ޔަޤީންވެއްޖެ. ހިތަށް އަރާ ރާދިން މަންމަ ދުނިޔޭގަ ހުރިނަމައޭ… އޭރުން ހަމަ ގައިމުވެސް މި ދުވަސް ދެކޭކަށް ނުޖެހޭނެ ކަންނޭނގެ. މީހުން ބުނެއެއްނު އަންހެނަކާ ނުލާ ދަރިން ތަރުބިއްޔަތު ކުރުމަކީ ވާނެކަމެއް ނޫނޭ. އެކަން މިއަދު ބައްޕައަށްވެސް ގަބޫލުކުރްވިއްޖެ. ދޮންމަންމައެއް ނަމަވެސް ހޯދާދެވުނު ނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް ކަންނޭނގެ." ޖަޒުބާތުގައި ޖެހުނު ވަރުން ހިތުގައި އުފެދުނު ޝަކުވާތައް މުނީރަށް ފުރަތަމަ ފަހަރަށް ރާދިންގެ ކުރިމަތީގައި ބޭރުކުރެވެމުން ދިޔައެވެ. ލޯބިވާ އަނބިމީހާ މަތިން ހަނދާންވާން ފެށިއެވެ.

މުނީރު އޭނާގެ ތަރުބިއްޔަތާ މެދު ސުވާލު އުފައްދަން ފެށުމުން ރާދިންއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. މުނީރުގެ ރުޅިވެރިކަމުގެ ފަރުދާގައި ފޮރުވިފައިވަނީ ހިތާމަޔާއި ހިތްދަތިކަންނަން ރާދިންއަށް އެނގެއެވެ. އިތުރަށް ދެރަވާ ސަބަބެއްކަމުގައި އެކަންތައް ވެފައިވެއެވެ. އޭނާ އެމަގު ޚިޔާރުކުރީ ބައްޕަގެ ތަރުބިއްޔަތު ގޯސްވެގެންނެއް ނޫނެވެ. ބައްޕަގެ ތަރުބިއްޔަތުގައި އުނިކަމެއް ވާނަމަ ރާދިއު އަކީ ކިޔަމަންތެރި ދަރިއަކަށް ނުވީހެވެ. އެހެން ބުނަން ކިތަންމެ ބޭނުންވިނަމަވެސް ރާދިންއަށް ޚިޔާރުކުރެވުނީ ހިމޭންކަމެވެ. މިވަގުތު ރާދިއުގެ ނަން އެދޭތެރެއަށް ގެނެސްފިނަމަ ބައްޕަގެ ހިތާމަތަކަށް އިތުވާނެއެވެ. ރާދިއު ނެތުމުގެ ފަޅުކަން ބައްޕައަށް މާ ބޮޑަށް އިޙްސާސްވެދާނެއެވެ.

"ދެން ބުނެބަލަ! ރާދިން ގެ ބޭނުމަކީ ކޮބާ؟" ރާދިން ހިމޭނުން ހުންނަން ފެށުމުން އިތުރު ބޭނުމެއް އޮތްކަން މުނީރަށް ފަހުމްވުމާއެކު އޭނާ ސުވާލުކޮށްލިއެވެ.

"އަޅުގަނޑު ބުނީމެއްނު މައާލްގެ ފަރުވާއަށް ރާއްޖޭން ބޭރަށް ދާ ވާހަކަ. ޑޮކްޓަރާ ވާހަކަ ދެއްކީމަ ބުނީ އެކޮޅަށް ދާން." ރާދިން ބުނެލިއެވެ.

"އެކަމަކު މައާލްއެއް ރާދިންއާއެކު ނުދާނެ." މުނީރަށް ވަގުތުން ބުނެވުނެވެ.

"އެހެންވެގެން ބައްޕަ ކައިރިއަށް މިއައީ… އަޅުގަނޑު ބޭނުން ކޮންމެ ގޮތެއް ހަދާފަވެސް މައާލް އެކޮޅަށް ގެންގޮސް އަލުން ޓެސްޓްތައް ހަދަން. މައާލް އަޅުގަނޑާއެކު ނުދާނެތީ ބައްޕަ ކައިރިއަށް މި އައީ…" ރާދިންގެ ބޭނުން މުނީރަށް ފަހުމްވިއެވެ.

"ރާދިން ބޭނުންވަނީ މައާލް ގޮވައިގެން ބައްޕަ އެކޮޅަށް ދާން؟" ޖުމްލަ ނިންމާލަމުން، އޭނާ ރާދިންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ރާދިން ބޯ ޖަހާލިއެވެ.

"މައާލްއަށް އެނގޭނެ ދޯ.." މުނީރު ސުވާލުކޮށްލުމާއެކު މިފަހަރުވެސް ރާދިން ބޯ ޖަހާލީއެވެ.

"ޑޮކްޓަރުގެ ކޮންޓެކްޓް ޑީޓެއިލްސް ބައްޕައަށް ދީ. ދެން ތިކަމާ އުޅޭނީ ބައްޕަ. މައާލް ބޭނުމެއް ނުވޭ މައާލްގެ އެއްވެސް ކަމެއް ރާދިންއާ ހިއްސާކުރާކަށް. ރާދިންވެސް ޖެހޭނެ މައާލްގެ ނިންމުމަށް އިޙްތިރާމްކުރަން." ހަރުގޮތަކަށް މުނީރު ބުނެލިއެވެ. ރާދިން ޑޮކްޓަރަށް ގުޅޭނެ މައުލޫމާތު މުނީރަށް ދީފައި ވާހަކަ ދެއްކިއެވެ.

"މައާލްއާ އެކު ނުދެވުނަސް، މައާލްގެ ފަރުވާގެ ކަންތައްތައް އެނގެން އަޅުގަނޑު ބޭނުން." ރާދިން އެހެން ބުނެލާފައި ދިޔުމަށް ހުއްދައަކަށް އެދުނެވެ. މުނީރުވެސް ކުރަން ހުރި ބައިވަރު މަސައްކަތްތައްވެސް ހުރުމާއެކު، ރާދިން ހުއްޓުވާކަށް ނޫޅުނެވެ. ރާދިން ގޮސް ކެބިން އިން ނުކުތްތަން ބަލަން އިނދެފައި އޭނާ، ރާދިން ދިން ކޮންޓެކްޓް ޑީޓެއިލްސްއަށް ބަލާލިއެވެ.

މައާލް ދެކިލަން ކިތަންމެ ބޭނުންވެފައި ހުރިނަމަވެސް، އެ ޚިޔާލުދޫކޮށްލާފައި ރާދިން ދިޔައީ އޮފީހަށެވެ. އޭނާ ދިޔައިރު މާހިލް އުޅެއެވެ.

"ރާދިން ކިހިނެއް؟" ރާދިން ފެނުމާއެކު މާހިލް ސުވާލުކޮށްލިއެވެ. ރާދިންގެ މޫނުމަތިން ޖަހަނީ ބަލި ފާޑެވެ.

"އަނެއްހެން އޯކޭ ހަމަ." ރާދިން ކުރު ޖަވާބެއް ދިނެވެ.

"އަހަރެން ފުއާދުއާ އެއް ދުވަހު ވާހަކަ ދެއްކިން. އޭނަގެ ވިސްނުން ހުރީ މި ކުންފުންޏާ ދިމާލަށް." އެ ދުވަހު ފުއާދުއާ ދެކެވުނު ވާހަކަތައް ހަނދާނަށް ގެންނަމުން މާހިލް ބުންޏެވެ.

"އިތުރު ކަމެއް އެނގޭވަރެއް ނުވޭތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"އޭނަ ވަރަށް ރުޅިއާދޭ މައާލްގެ ބައްޕަ ދެކެ. އޭނަ ބުނާ ގޮތުންނަމަ އޭނައަށް ހައްޤުވާ މުދާގަނޑުވެސް ޝާކިރު ދަމައިގަތީ. ރުޅިވެރިކަމުގެ ފެށުމަކީ އެއީ. އޭނަ ބުނީ އެއީ އޭނާގެ ހައްޤެއްކަމުގައި. އަދި އެއިން އެއްވެސް އެއްޗެއް މައާލްއަށް ހައްޤުނުވާކަމަށް." މާހިލް އޮޅުން ފިލުވައިދިނެވެ. އަދި އެ ދުވަހު އޭނާއާ ފުއާދާ ދެމެދު އެކެވުނު ވާހަކަތައްވެސް އޭނަ ރާދިންއަށް އޮޅުން ފިލުވާދިނެވެ.

"އޭނަ އެހާ ބާރުލާފަ މައާލްއަށް ހައްޤު ނޫން މުދާގަނޑެކޭ ބުނިއިރު، މައާލްއާ މެދު ނަފްރަތު ނޫން އެއްޗެއް އެ ދެލޮލުން އަހަރެން ނުދެކެން." މާހިލް އެދުވަސް ހަނދާންކުރަމުން ބުނެލިއެވެ.

"އަހަރެން މާހިލްއަށް އިތުބާރުކުރާތީ މާހިލްއަށް ނޭނގޭ އިތުރު ހަޤީގަތެއް ކިޔައިދީފާނަން." އެންމެ ފަހުން ރާދިން ނިންމީ ހުރިހާ ހަޤީގަތެއް މާހިލްއަށް ކިޔައިދޭށެވެ.

"މައާލްއަކީ ޝާކިރުގެ ދަރިއެއް ނޫން. އެކަމަކު އެކަން މައާލްއަކަށް ނޭނގޭނެ. ޝާކިރު އަންކަލްގެ ވަސިއްޔަތަކީ އެމީހުން ނެތް ދުނިޔެއެއްގައި މައާލްގެ އަސްލު ބައްޕަ އެ ހަޤީގަތް ހާމަކުރުން. އެ ނޫން ގޮތަކަށް އެކަން ވާކަށް ބޭނުމެއް ނުވި. ހަނދާންވޭތަ އަހަރެން ބުނީމެއްނު ބްލެކްމެއިލިންގެ ވާހަކައެއް. އަދި ފުއާދަށް ޝައްކުކުރެވޭ ވާހަކަ." ރާދިން އެ ހިސާބަށް ބުނުމާއެކު މާހިލްއަށް ވިސްނިއްޖެއެވެ.

"އެކަމަށްތަ ބްލެކްމެއިލްކުރަނީ؟" އޭނާއަށް ވަގުތުން ސުވާލުކޮށްލެވުނެވެ. ރާދިން ބޯ ޖަހާލާފައި ހުރިހާ ވާހަކައެއް މާހިލްއަށް ކިޔައިދިނެވެ. އޭނާއަށް އިތުބާރުކުރެވޭ މީހަކަށް މާހިލްވަނީ ވެފައެވެ.

އޮފީހުގެ ބައެއް މަސައްކަތްތައް ބަލާލާފައި ރާދިން ނުކުތްއިރު، ހިމަ ފޮދު ވާރޭ ވެހެމުން ދެއެވެ. އިސްޖަހާލައިގެން ހިނގާލާފައި ސައިކަލާ ދިމާލަށް ހިނގައިގަތްއިރު ރާދިން ހީވަނީ ހިތާމައިގެ ރީތި ތަސްވީރެއްހެންނެވެ. އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ސައިކަލަށް އަރާ އިށީނދެލިތަނާ ފޯނު ރިންގްވިއެވެ. ނަގާ ބަލާލުމާއެކު ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމާއެކު، އޭނާ ފޯނު ނެގިއެވެ. ގުޅަނީ އަނޫފްއެވެ.

"ބްރޯ.. ކޮބާ ކަލޭ؟" ރާދިން ފޯނު ނެގުމާއެކު އަނޫފް ސުވާލުކޮށްލިއެވެ.

"މަ މިއުޅެނީ؟ ކަލޭ މިކޮޅަށް އައީތަ؟" ރާދިން ސުވާލުކޮށްލިއެވެ. އޭނާއާ އަނޫފްއާ އެންމެ ފަހުން ދިމާވީ ސަޖާމެން ގެއަށް ދިޔަރޭގެ ކުރީގައެވެ. އެރޭ އަނޫފް ރިސޯޓުގައި ހުރުމުން ދެމީހުން ދިމާނުވިއިރު، ރިސޯޓުން އައި ގޮތަށް އަނޫފް ރާއްޖޭން ބޭރަށް ދިޔުމުންވެސް ދެމީހުންނަށް ދިމާކޮށްލެވޭ ގޮތެއް ނުވިއެވެ.

ފޯނު ބާއްވާފައި ރާދިން ދިޔައީ ކޮފީއަކުން އަނޫފްއާ ދިމާކޮށްލުމަށެވެ. ރާދިން ފެނުމާއެކު، އަނޫފްއަށް ކަމެއް ގޯސްވެއްޖެކަމުގައި ގަބޫލުކުރެވުނީ ރާދިންގެ މޫނުމަތީގައިވީ އަސަރުތަކުންނެވެ.

"ކަލޭއަށް ކިހިނެއްވީ؟" އަނޫފް ސުވާލުކޮށްލިއެވެ. ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ރާދިން ވާހަކަ ދެއްކިއެވެ.

"ސަޖާ ބަނޑު ބޮޑު." ރާދިން ބުނެލިއެވެ.

"ދެން…. ކާކުގެ ދަރިއަކަށް؟………… ވެއިޓް. ވަޓް…. ވަޓް ޑޫ ޔޫ މީން… ރާދިން…" ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު، ވިސްނާނުލާ އެންމެ ފުރަތަމަ ވާހަކަ ދެއްކި ނަމަވެސް، ދެވަނަ ސިކުންތުގައި ބާރަށް ވާހަކަ ދެއްކުނީ ރާދިންގެ މޫނުމަތީގައިވީ ކުލަވަރުންނެވެ. ރެސްޓޯރެންޓުގައި ތިބި މީހުންވެސް އެ ދެމީހުންނާ ދިމާލަށް ބަލަން ފެށުމުން ސޮރީ އޭ ބުނެލާފައި އަނޫފް އަނެއްކާވެސް ރާދިން އަށް ބަލާލިއެވެ.

"އެއީ…." އަނޫފްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އާނ. އޭނަ ބުނަނީ މަގޭ ދަރިއެކޭ…" ރާދިން ބުނެލިއެވެ.

"މަށަށް ތަންކޮޅެއް ރަނގަޅަށް ކިޔައިދީބަލަ! ކިހިނެއްތަވީ؟ ޔަޤީންތަ އޭނަ ބަނޑުބޮޑުކަން؟" އަނޫފްއަށްވެސް ލިބިފައިވަނީ ހައިރާންކަމެކެވެ. ހިތުގައިވި ނުތަނަވަސްކަމާއިއެކު، ހުރިހާ ވާހަކައެއް ރާދިން އަނޫފްއަށް ކިޔައިދިނެވެ. އެކަމުން އޭނާގެ ހިތަށް ކޮންމެވެސް ވަރަކަށް ލުއި ލިބިގެން ދިޔައެވެ.

"ދެން މައާލް ބޭނުންވަނީ ވަރިވާން؟ ކަލޭ ކިހިނެއް ހަދަނީ ދެން." އަނޫފްއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެން މައާލް ވަރިކުރާކަށް ބޭނުމެއް ނޫން. އެކަމަކު ބައްޕަވެސް ހުރީ މައާލްއާ އެއްކޮޅަށް. ސަޖާ ބަނޑުބޮޑުކަމުގެ ރިޕޯޓްވެސް އެބަ އޮތް. އަހަންނަށް މިހުންނަނީ ހަދާނެ ގޮތް ވެސް ނޭނގިފަ…" ރާދިން ބުނެލިއެވެ. އޭނާ އަނޫފްއާ ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. އެތައް އިރެއްފަހުން އެ ދެމީހުން ކެފޭއިން ނުކުތްއިރު، ޕާކުކޮށްފައިވާ ސައިކަލެއް މަތީގައި އިން ޒުވާނެއްގެ ނަޒަރު އެދެމީހުންނަށް ހުއްޓުނެވެ. ވާހަކައަށް ގެއްލިފައި ތިބުމުން އެކަން ރާދިންމެންނަށް ފާހަގަނުކުރެވުނީ މަގުމަތީގައި މީހުން ގިނަވީތީއާވެސް އެކުގައެވެ.

"ވަރިކުރަން ބުނީމަ ނުކޮށް ކިހިނެއް ހުންނާނީ. ކުށްވެރިއަކީ އަހަރެން…" ރާދިންގެ އެ ބަސްތައް އެ ޒުވާނާގެ ކަންފަތަށް އިވުމާއެކު، އޭނާ ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު