ސްރީލަންކާގެ ގައުމީ ކްރިކެޓް ބޯޑް އެސްއެލްސީއަށް އެގައުމުގެ ސަރުކާރުން ނުފޫޒު ފޯރުވުމާ ގުޅިގެން، ބައިނަލްއަގުވާމީ ކްރިކެޓް ކައުންސިލް، އައިސީސީއިން އެގައުމު ސަސްޕެންޑްކޮށްފިއެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވާލްޑް ކަޕްގައި ސްރީލަންކާގެ ގައުމީ ޓީމުން ދެއްކި ދަށް ކުޅުމުގެ ސަބަބުން އެގައުމުގެ ސްޕޯޓްސް މިނިސްޓްރީއިންވަނީ އެސްއެލްސީގެ ބޯޑްގެ މެންބަރުން މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ސްރީލަންކާ ސަރުކާރުގެ މިނިންމުންވަނީ ފަހުން އެގައުމުގެ ކޯޓަކުން ބަދަލުކޮށްފައެވެ.
އައިސީސީން ހާމަކުރި ގޮތުގައި ސްރީލަންކާއިން ވަނީ އައިސީސީގެ އުސޫލްތަކާ ވަރަށް ބޮޑަށް ޚިލާފުވެފައެވެ. ސްރީލަންކާގެ ސަސްޕެންޝަންގައި ހިމެނިގެންދާނެ ކަންތައްތަކާ ގުޅޭގޮތުން އައިސީސީން ގޮތެއް ނިންމާނީ އެކައުންސިލްގެ ބޯޑުގެ ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށް ޚަބަރު ލިބެއެވެ.
އައިސީސީގެ މެންބަރު ގައުމުތަކުގެ ކްރިކެޓް ބޯޑުތައް ސަރުކާރުގެ ނުފޫޒުން އެއްކިބާވެ، މިނިވަން ކަމާއެކު ހަރަކާތްތެރިވުމަށް އޮންނަ އޮތުމާ ސްރީލަންކާއިން ވަރަށް ބޮޑަށް ޚިލާފު ވެފައިވާކަމަށް އައިސީސީންވަނީ ހާމަކޮށްފައެވެ.
މިހާރު ކުރިއަށްދާ ކްރިކެޓް ވާލްޑް ކަޕްގައި ސްރީލަންކާ ކުޅުނު ނުވަ މެޗްގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. އަދި ގިނަ މެޗުތަކުގައި އެޓީމްގެ ފަރާތުން ފެނިފައިވަނީ ވަރަށް ދަށް ކުޅުމެކެވެ. ސްރީލަންކާގެ ޓީމަށް މިހާރު ކޯޗު ކޮށްދެނީ އިންގްލަންޑްގެ ކުރީގެ ކޯޗް ކްރިސް ސިލްވަވުޑްއެވެ.
މިދިޔަ ހަފުތާގައި ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ރޯޝަން ރަނަސިންހަ އެގައުމުގެ ޕާލިމަންޓްގައި ވާހަކަ ދައްކަމުންވަނީ އެސްއެލްސީ ވަރަށް ބޮޑަށް ކޮރަޕްޓް ވެފައިވާ ކަމަށާއި އެބޯޑްގެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ބޯޑްގެ ސެކްރެޓަރީ މޯހަން ޑި ސިލްވާ އަމިއްލައަށް އިސްތިއުފާ ދިން އިރު ބޯޑްގެ މެންބަރުންވަނީ މަގާމުން ވަކިކޮށްފައެވެ.
ހަމައެއާއެކު ރަނަސިންހަ ވަނީ ވަގުތީ ކޮމެޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީގެ ޗެއާއަކަށް ލާފައިވަނީ ވާލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަރްޖުން ރަނަތުންގައެވެ. ނަމަވެސް ފަހުން ކޯޓުން ވަނީ މިނިންމުން ބަދަލުކޮށްފައެވެ.
އައިސީސީން ސްރީލަންކާ ސަސްޕެންޑް ކޮށްފައިމިވަނީ މިފަހަރުގެ ވާލްޑް ކަޕްގައި އެގައުމުން ކުޅެންޖެހޭ ފަހު މެޗް ނިއުޒީލަންޑާ ދެކޮޅަށް އިއްޔެ ކުޅެ ނިމިފައިވަނިކޮށެެވެ. ސްރީލަންކާ ސަސްޕެންޑް ކޮށްފައިމިވަނީ، އެގައުމުގައި 19 އަހަރުން ދަށުގެ ފިރިހެން ކްރިކެޓް ވާލްޑް ކަޕް މިއަންނަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.