"އެދަރީގެ މަންމައެއް ދުނިޔޭގަ ނެތް... ބައްޕައަކީ ކާކުކަން އެނގުނު ދުވަހު ބައްޕަވެސް ގެއްލެނީތަ؟...." ހަދީޖާ އަޑަށް ބާރުލަމުން ބުންޏެވެ.
********
"އޭނ؟..." ޔާމީން ލިބުނީ ސިހުމެކެވެ.
"ކިތަންމެ ސިއްރުން ކުރިޔަސް، ސިއްރު ނުވާނެ ކިތަންމެ ކަމެއް ހުންނާނެ..." ހަގީގަތް އެނގޭކަން އަންގައިލުމުގެގޮތުން ހަދީޖާ ބުންޏެވެ.
"އެއީ އެއީ...." ޔާމީނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
އެތައް ހާސް ބައެއްގެ ކުރިމަތީގައި، ބޮޑެތި ޕޯޑިއަމްތަކުގައި ހުއްޓި ހުރެ، ޖެހިލުމެއްނެތި ވާހަކަ ދައްކާ ޔާމީނަށް ވެފައި ހުރީ ކިހިނެއް ކަމެއްވެސް އޭނާއަށް ނޭނގެއެވެ. ހަދީޖާއަކީ މުޅި ދުނިޔެއިންވެސް އޭނާ ޖެހިލުންވާ ހަމައެކަނި މީހާ ކަމުގައި އެވަގުތު ހީކުރެވުނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާ މުޅި ދުނިޔެއިންވެސް އެންމެ ލޯބިވި އިންސާނާގެ މަންމައަކީ ހަދީޖާއެވެ. އެ މަންމަގެ ކުރިމަތީގައި އޭނާ ވަނީ ކުށްވެރިވެފައެވެ. މާޒީގައި ކުރެވުނު ނުބައި ފާފައިގެ ހިތިރަހަ އެތައް ބައެއްގެ އަރުގައި ލައިފިއެވެ. އެ ފާފަ ދުވަހަކުވެސް ސިއްރު ނުވާނެއެވެ.
"ކޮން އެއީ އެއީއެއް..." ރަށު ރާގުގައި ހަދީޖާ ބުންޏެވެ. "މިއަދު ތިހެން ފިލައިގެން ނުދެވޭނެ... ހިނގާ، އާއިލާ އެއްކޮށް ފޮޓޯއެއް ނަގަންޖެހޭނެ..."
"މަންމަ އަހަރެންދެކެ...." ޔާމީން އެއްޗެއް ބުނަން އުޅުނެވެ.
"ރުޅިއައިސްގެން މާޒީ ބަދަލުކުރެވޭނެތަ؟... އަހަރެންގެ ދަރި އެނބުރި އަންނާނެތަ؟..." ޔާމީންގެ ސުވާލު ފުރިހަމަނުވަނީސް ހަދީޖާ ބުންޏެވެ.
ހަދީޖާ ދޫކޮށްލީ ފުން ނޭވާއެކެވެ. ވެދިޔަ ކަންތައްތަކުގައި ހަމައެކަނި ކުށްވެރިވަނީ ޔާމީނެއް ނޫނެވެ. ފާފައަށް އަރައިގަތީ ދެމީހުން އެކުގައެވެ. އެ ކުށަށް ތައުބާވެ، ކައިވެނީގެ މަތިވެރި ގުޅުމުން ދިރިއުޅުން ފަށަން ޔާމީން ބޭނުންވިއެވެ. އެފުރުސަތަށް އެދި އާދޭސްވެސް ކުރިމެއެވެ. އެކަމަކު، އެ އާދޭހަށް ބީރު ކަންފަތެއް ދީ، ހުށަހެޅުން ބޮލާލައި ޖެހީ އޭނާގެ ދަރިފުޅެވެ. ބަނޑުގައި އޮތީ ޔާމީންގެ ދަރިއެއް ނޫންކަމަށް ބުނެ، ދޮގު ހަދާ އޮޅުވާލީވެސް އޭނާގެ ދަރިފުޅެވެ. ވީއިރު، މިއަދު ޔާމީން އެކަނި ކުށްވެރިކޮށްފައި ހުރިހާ ކަމެއް ނިންމާލެވޭކަށް ނެތެވެ. ފަހު ނޭވާ ދޫކޮށްލުމުގެ ކުރިން ނިޔަމްއަށް އާއިލާއެއް ހޯދައިދިނުމަކީ ހަދީޖާ މިއަދު އެންމެ ބޭނުންވާ ކަންތަކެވެ.
"މާފުކުރޭ މަންމާ..." ޔާމީންގެ އަޑު ކުރެހުނެވެ. "އެދުވަސްތައް އަނބުރާ ގެނެވޭނެނަމައޭ ހިތަށް އަރާ..."
ހަދީޖާ ކަރުނަ ފޮހެލިއެވެ. މައާފުކޮށްފީމޭ ބުނާފަދަ ނަޒަރަކުން ޔާމީނަށް ބަލައިލިއެވެ. އެއަށްފަހު، އަތުގެ އިޝާރާތުން ނިޔަމްގެ ކައިރިއަށް ދިޔުމަށް އެދުނެވެ.
ޔާމީން ހުރީ ދެފިކުރެއްގައެވެ. ނިޔަމްގެ އެންމެ އުފާވެރި ދުވަހު، އުފާތަކަށް ހުރަސްއަޅާ މީހަކަށް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު، ހަދީޖާ އެދުނީތީ، ދެކޮޅު ހަދާކަށް ނުކެރުނެވެ. ޖެހިލުންވެފައި ހުރެ، ނިޔަމްމެންނާއި ދިމާއަށް ހިނގައިގަތެވެ.
ހަދީޖާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ވަނީ ނިޔަމްއާއި ޒައިލްގެ މެދަށެވެ. އެ ދެމެދަށް ޔާމީންވެސް ވެއްދިއެވެ. ނިޔަމްގެ ކައިރީގައި ހުރި ދާވިއަން އުރާލުމަށް ހަދީޖާ ޔާމީންގެ ކައިރީގައި އެދުނީ ލޮލުގެ އިޝާރާތުންނެވެ. ނިޔަމްއަށް ބަލައިލުމަށްފަހު، ޔާމީން ދާވިއަން އުރާލިއެވެ. ކުއްލިއަކަށް މާމައަށް އައި ބަދަލުން ނިޔަމް ހުރީ ހައިރާންވެފައެވެ. ނިޔަމްގެ ހިތުގެ ހިނގުން މަޑުޖެހުނު ނަމަވެސް، ފުން ނޭވާއެއް ދޫކޮށްލާފައި ހަމަޖެހުނެވެ.
"ދޮންކަލޯ!... ނަގާބަލަ ވަރަށް ރީތި ޕޮޓޯއެއް..." ކެމެރާ ހިފައިގެން ހުރި ޒުވާނާއަށް ހަނާއަޅައިލަމުން ހަދީޖާ ބުންޏެވެ. "ހުރިހާ ކުދިން ހީލާ..."
ކެމެރާގެ އަލި އެޅުނެވެ. ހަދީޖާ ބޭނުންވިގޮތަށް އެންމެންވެސް ތިބީ ހިނިތުންވެފައެވެ.
"އަދި ނަގާ..." ހަދީޖާ އެދުނެވެ. "ތަންކޮޅެއް ގިނައިން ނަގާތި!... ލޯމެރިފަވެސް ހުރެދާނެ..."
"މާމާ..." ނިޔަމް ގޮވައިލިއެވެ. "މާމަ ތީ އެހާ ފޮޓޯ ނަގާހިތްވާ..."
"އަހަރެންގެ ދަރިފުޅުގެ މިހާ ހާއްސަ ދުވަހަކު ފޮޓޯވެސް ނަގާހިތްވާނެ ދޯ..." ނިޔަމްގެ ވާހަކަ ހުއްޓުވަމުން ހަދީޖާ ބުންޏެވެ.
"ޔޭ... ދާން ބޭނުން މާމައާއެކީ ފޮޓޯ ނަގަން..." ދާވިއަން ހަދީޖާގެ ކައިރިއަށް ދާން އުޅުނެވެ.
ހަފުލާގައި ހަދީޖާ އުޅުނުލެއް އުފާވެރިކަމުން ނިޔަމްގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔައެވެ. ވަކީން ހާއްސަކޮށް ނިޔަމްއާއި ވަކިން ބައްދަލުކޮށްފައި ހަދީޖާ ދިން ނަސޭހަތް އޭނާގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
ހަދީޖާ ހުރީ ނިޔަމް އެކަނިވާނޭ ފުރުސަތަކަށް ބަލަބަލައެވެ. ނިޔަމް އެކަނި ހުއްޓާ ފެނުމުން، އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.
"މާމަ ބޭނުން ވާހަކައެއް ބުނަން..." ވަށައިގެން ނަޒަރު ހިންގައިލަމުން ހަދީޖާ ބުންޏެވެ.
"އަނެއްކާވެސް ނަސޭހަތް ދޭންތަ މާމާ؟..." ނިޔަމް މަޑުމަޑުން ހީލިއެވެ.
"ދަރިފުޅާ!... ދަރިފުޅަށް އެނގެންޖެހޭ ވަރަށް މުހިއްމު ހަގީގަތެއް އެބައޮތް...: ހަދީޖާ އިނީ ސީރިއަސްވެފައެވެ. "އެކަން ސިއްރުކޮށްގެން މިއަދާ ހަމައަށްވެސް މާމައަށް އުފަލެއް ނުލިބުނު..."
މާޒީގައި ވެދިޔަ ކަންތައްތަކުގެ ވާހަކަ ހަދީޖާ ނިޔަމްއަށް ކިޔައިދިނީ އަސަރާއި އެކުގައެވެ. ޔާމީންގެ މާ ބޮޑު ކުށެއް ނެތްކަމާއި، ކުށް ކުރީ ނުޒުހަތުކަން ބުނެދިނެވެ. އާޔަތުގެ ހިތި ހަގީގަތްވެސް ހަދީޖާއަށް އެނގޭ މިންވަރުން ނިޔަމްއަށް ކިޔައިދިނެވެ. ހިނގައިދިޔަ ހާދިސާގައި ހަދީޖާ ޔާމީން ކުށްވެރިކުރީ އަމިއްލަ ނަފުސަށް ތަސައްލީއެއް ހޯދުމުގެ ބޭނުމުގައެވެ.
ނިޔަމް އިނީ ނޭވާލާންވެސް ހަނދާންނެތިފައެވެ. އެހުރިހާ ދުވަހު އަމިއްލަ ބައްޕައަށް ނަފުރަތުކުރީ އޭނާގެ ލޮލަށް ފެނުނު މަންޒަރުތަކުގެ ސަބަބުންނެވެ. ހަގީގަތް އޮތީ ކަފުންވެފައިކަން ނޭނގޭ ހާލުގައެވެ. ނިޔަމްއަށް ފެނިފައިވީ އޭނާގެ މަންމަ އުޅުނު ހިތްދަތި ދިރިއުޅުމެވެ. މާމަ ރުއި ރުއިމެވެ. ފުރަތަމަ ފަހަރަށް ނިޔަމްގެ ހިތް އޭނާގެ ބައްޕައަށް ސާފުވިއެވެ. އޭނާއަށް ޔާމީނާއި ދިމާއަށް ބަލައިލެވުނީ އަސަރާއި އެކުގައެވެ. އެދުވަހުވެސް މިއަދުވެސް ޔާމީން ކިހާ އެކަނިވެރިވާނޭ ހެއްޔެވެ؟ ލޯބިވާ އެންމެން ޔާމީން ބާކީކޮށްލީ އެއްވެސް ހައްގަކާއި ނުލައެވެ.
"ދަރިފުޅުގެ ބައްޕަ ވަރަށް މަސައްކަތްކުރި ދަރިފުޅު ތީ އަމިއްލަ ދަރިއެއްގެ ގޮތުގަ ބަލައިގަންނަން..." ހަގީގަތް ކިޔައިދެމުން ދިޔައިރު ހަދީޖާ އިނީ ރޮވިފައެވެ. "އަހަންނަށް އަހަރެންގެ އަމިއްލަ ދަރިފުޅަށް ޝައްކު ކުރެވުނުއިރުވެސް ދަރިފުޅުގެ ބައްޕަ މަސައްކަތްކުރި މަންމައަށް އިތުބާރުކުރަން..."
"މަންމަގޮތަށް އަހަންނަށްވެސް ބައްޕަ ބާކީކޮށްލެވުނީނު..." ނިޔަމް ހިންދިރުވައިލިއެވެ.
"ދަރިފުޅާ، އަދިވެސް ވަގުތު އެބައޮތް... އުފާވެރި ހަޔާތަކީ އަމިއްލައަށްވެސް މަސައްކަތްތަކެއް ކޮށްގެން ހޯދޭ އެއްޗެއް..." ހަދީޖާ ވިސްނައިދިނެވެ.
ރަށު ބަޔަކު ހަފުލާއަށް އައިތަން ފެނުމުން، ހަދީޖާ އެމީހުންގެ ކައިރިއަށް ދިޔައެވެ. އަރުޝާ ހުރީ ފުރުސަތަކަށް ބަލަބަލައެވެ. މާމަ ދެއްކީ ކޮން ވާހަކައެއްތޯ ސުވާލުކުރިއެވެ. ނިޔަމްގެ ޖަވާބު އަޑުއިވުމުން އަރުޝާވެސް ބަސްހުއްޓިފައި އިރުކޮޅަކު އިނެވެ.
"އަހަރެންގެ އަންހެނުން މާދުރަށް ގެނެސްގެން ކީއްތިކުރަނީ؟..." ޒައިލް ސަމާސާ ރާގަކަށް ބުންޏެވެ.
"މިއުޅެނީ ވަގަށް ނަގަން..." އަރުޝާ ހީގަތެވެ. ޒައިލްއަށާއި ނިޔަމްއަށް ދިމާކުރަން ފެށިއެވެ. "މިރޭ ނިދަން ހިޔާލު ނުކުރާތި!... އެނދަށް ބަހައްޓާނީ ޕިން ހަރާފަ އިނގޭ..."
"ދެން އޮތީ ކާކުގެ ވެޑިންއެއްކަން ހަނދާންނައްތާ ނުލައްޗޭ!..." އިންޒާރެއް ދޭ ފަދައިން ނިޔަމް ބުނެލިއެވެ. "އަރޫ ކިތަންމެ ސިއްރުން އުޅުނަސް، އަހަންނަށް އެނގޭ ޝަރަފާ ދެމީހުން ކަމެއްކަން... ދޯ ޒެލް..."
"ވަރަށް ސިއްރުންނޭ އެ އުޅެނީ..." ޒައިލް ނިޔަމްގެ ވާހަކައިގައި ބައިވެރިވިއެވެ.
"އަހަރެން..." އަރުޝާ އެއްޗެއް ބުނަން އުޅުނެވެ.
"ޔޫ ފޫލް... އަދިވެސް ސިއްރު ކުރަންތަ ތިއުޅެނީ؟..." އަރުޝާގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސައި، ކުޑަކޮށް ކޮއްޕާލަމުން ނިޔަމް ބުންޏެވެ. "ވެޑިން ޑްރެސްއާ ޕާޓީ ކާޑުވެސް ފެނިފައޭ އޮތީ... އަހަރެމެންގެ އެޕްރޫވް ލިބިގެން އެ ފާސްވީވެސް..."
"ޝަރަފްގަނޑު..." އަރުޝާއަށް ސިއްރުން ބުނެވުނެވެ.
"އަހަންނަށް ގޮވިންތަ؟..." ފަހަތުން ޝަރަފްގެ އަޑު އިވުމުން އަރުޝާ ދިޔައީ ސިއްސައިގެންނެވެ.
ޝަރަފް ހުރީ ހިނިތުންވެލައިގެންނެވެ. ދެތިން ދުވަސް ކޮށްފައި ފެނުމުންވެސް އަރުޝާއަށް ހީވީ އެތައް އަހަރެއް ފަހުން ޝަރަފް ފެނުނު ހެންނެވެ. ޝަރަފް ކުރިއަށްވުރެ ފިރިހެންވަންތަހެން އަރުޝާއަށް ހީވިއެވެ. އަރުޝާގެ ދެކޯތާފަތް ރަތްވި ތަން ފެނި، ޝަރަފްގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ.
"ސަޕްރައިޒް..." ޝަރަފް ބުންޏެވެ.
"ކީއްވެ އެހާ އަވަހަށް ތިއައީ؟..." އަރުޝާއަށް އަހައިލެވުނެވެ.
"އަހަރެން އަވަހަށް އައީމަ އުފަލެއް ނުވޭތަ؟..." ޝަރަފް ލާނެތް ރާގަކަށް ބުންޏެވެ.
"ދެމީހުން އަބަދު ކޯޅުން ނޫން ކަމެއް ނުކުރަންދޯ..." ނިޔަމް ދިމާކުރިއެވެ.
ދާވިއަން ކުޑަ ފިނިފެންމަލެއް ހިފައިގެން ދުވެލާފައި ގޮސް ޔާމީންގެ އަތަށް ދިނެވެ. އެ ކުޑަ ކުއްޖާފުޅުގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެމަންޒަރު ބަލަން ހުރެފައި ނިޔަމް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.
"ތީ ދާންގެ ކާފަތަ؟..." ދާވިއަން މައުސޫމުގޮތަކަށް ސުވާލުކުރިއެވެ.
"ދަރިފުޅު ކައިރީ ކާކު ތިހެން ބުނީ؟..." ޔާމީން ހައިރާންވެފައި އަހައިލިއެވެ.
"މަންމި ބުނީ..." ދާވިއަން ނިޔަމްއަށް އިޝާރާތްކޮށްފައ ބުންޏެވެ.
"މަންމިތަ ބުނީ؟..." ޔަގީންނުވެގެން ޔާމީން އަހައިލިއެވެ.
"ލައްބަ..." ދާވިއަން ޔާމީންގެ ގައިގައި ބައްދައިލިއެވެ. ކުޑަކުޑަ ދެއަތް ޔާމީންގެ ގައިގައި ވަށައިލިގޮތުން، ޔާމީންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. "މަންމި ބުނި ކާފައަށް ބޮޑުބޮޑު ހަގްއެއް ދެއްޗޭ..."
ޔާމީނަށް އުފަލުން ހުރެވުނު ތަންވެސް ނޭނގުނެވެ. ދާވިއަން އުރާލިއެވެ. ކޮލުގައި ބޮސްދިނެވެ. އެވަރުގެ އުފާވެރިކަމެއް އެއިން ދުވަހެއްގައިވެސް އޭނާއަށް ނުލިބެއެވެ.
"ކާފަ އުފާވޭތަ؟..." ދާވިއަން އަހައިލިއެވެ.
"ވަރަށް ވަރަށް އުފާވޭ... ކާފަގެ ކުޑަ ދޫނި އެހާ ލޯބިން ގޮވާލީމަ ކާފަ ކިހާ އުފާވާނެ..." ޔާމީން ބުންޏެވެ.
ޔާމީނާއި ދާވިއަންގެ ހަރަކާތްތަކަށް ބަލަން ހުރި ނިޔަމް ހިނިތުންވެލިއެވެ. އޭރު ދެލޮލަށް ކޮންމެވެސް ވަރަކަށް ކަރުނަ ޖަމާވެފައިވިއެވެ.
"ދެން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..." ނިޔަމްގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ޒައިލް ބުންޏެވެ.
ނިޔަމް ޒައިލްގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހައިލިއެވެ. ޒައިލްވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. ކައިވެނީގެ ދުވަހު އެތައް އުފަލެއް ލިބުމުންނެވެ.
ހަފުލާއަށް ލޫކް އައީ އެންމެންގެ ފަހުންނެވެ. ސިޓީއުރަ ނިޔަމްގެ އަތަށް ދީފައި ޒައިލްއަށް ސަލާން ކުރިއެވެ.
"ޔަމްއަށް ދެރަގޮތެއް ހަދައިފިއްޔާ، ދެން ނުކެރޭނެ އިނގޭ ޔަމް ހޯދާކަށް... އަހަރެން މިހުރީ ޗާންސަކަށް ބަލަބަލާ..." ލޫކް ސަމާސާ ރާގެއްގައި ބުންޏެވެ.
"ތޭންކްސް..." ލޫކްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ޒައިލް ބުނެލީ ގާތް ގޮތަކަށެވެ. އެއްވެސް ނުރުހުންތެރިކަމެއް، ޖެލަސްވުމެއް ނެތެވެ. "އަހަރެން އަންނަންދެން އަހަރެންގެ އަންހެނުންނާ ދަރިފުޅު ރަނގަޅަށް ބަލައިދިނީތީ ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގިފަ މިހުރީ... އަހަރެން ލޫކަށް ނަފުރަތެއް ނުކުރަން... ޖެލަސްއެއްވެސް ނުވޭ... ތީ ޏަމްއަށް ލިބުނު ރަނގަޅު އެކުވެރިއެއް..."
"އަހަރެން އަދިވެސް ޔަމްދެކެ ލޯބިވެއޭ ބުނެފިއްޔާ؟..." ލޫކްގެ އަޑުގައި ސަމާސާއެއް ނެތެވެ.
ޒައިލް ހުއްޓުންއަރާފައި ހުއްޓާ، ލޫކް ހީގަތެވެ. ލޫކް ކުރީ ސަމާސާއެއްކަން އެނގުމުން ޒައިލްއަށްވެސް ހެވުނެވެ.
(ނުނިމޭ)