"މުސްކުޅިވީމަ މިކަހަލަ ކަންކަންވާނެ... އެއީ މާ ބޮޑު މައްސަލައެއް ނޫން..." ހަދީޖާ ގަދަކަމުން ހީގަތެވެ.
"މާމަ އެއްބަސްވޭ، މާލެގޮސް ޑޮކްޓަރަށް ދައްކަން... އޭރުން ނުބުނާނީ..." ޒައިލް ފުރުސަތުގެ ބޭނުން ހިފިއެވެ.
ހަދީޖާ އިރުކޮޅަކު ވިސްނައިލަން އިނދެފައި، އެއްބަސްވިއެވެ.
"މާމަ ބޭނުން ވަރަށް އަވަހަށް ތި ދެކުދިން ކައިވެނި ކުރަން..." ޒައިލް ތެދުވަން އުޅުމުން، ހަދީޖާ ޒައިލްގެ އަތުގައި ހިފެހެއްޓިއެވެ.
********
ޒައިލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އުފަލުން ގޮސް އުދުއްސައިލެވޭނެނަމަ އެކަންވެސް އޭނާ އެވަގުތު ކުރީހެވެ.
ނިޔަމް ގެއަށް އައިއިރު، ޒައިލް އާއި ހަދީޖާ ތިބީ އޮލަ ވާހަކައެއްގައެވެ.
"ދަރިފުޅާ އައިސްބަލަ..." ހަދީޖާ ނިޔަމްއަށް ގޮވައިލިއެވެ.
"ދަރިފުޅު ދޭ ކޮޓަރިއަށްގޮސް ފެންބޮއެގެން އަންނަން..." ދާވިއަންގެ ބުރަކަށީގައި އަތް ޖައްސައިލަމުން ނިޔަމް ބުންޏެވެ. ދާވިއަން ގޭތެރެއަށް ވަނުމުން، ނިޔަމް ހަދީޖާގެ ކައިރީގައި އިށީނެވެ.
"މާމަ މިދައްކަނީ ތި ދެކުދިންގެ ކައިވެނީގެ ވާހަކަ..." ދުރުދުރުން ވާހަކަ ފެށުމުގެ މުހިއްމުކަމެއް ހަދީޖާއަކަށް ނުވިސްނުނެވެ. ނިޔަމްގެ ހިތްވެސް ސާފު ބިއްލޫކޮޅެއް ފަދައިން އޭނާއަށް ފެންނަމުން ދިޔައީތީއެވެ.
"މާމާ..." ނިޔަމް ހައިރާންވެފައި ހަދީޖާގެ މޫނަށް ބަލައިލިއެވެ. އޭގެ ފަހުގައި ޒައިލްއަށް ބަލައިލިއެވެ. ޒައިލް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. ހަދީޖާގެ ހާލު އެނގުމުން، އޭނާ އިނީ ވާންވީ ވަރަށް އުފާވާން ނޭނގިފައެވެ.
"މާމަ ތިކުދިންނާއެކީ މާލެ ދާނަން... އިތުރަށް ލަސްކުރާނެކަމެއް ނެތް... އަވަހަށް ތައްޔާރުވޭ..." ނިޔަމްގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ހަދީޖާ ބުންޏެވެ.
ހަދީޖާ ދިޔައިރުވެސް ނިޔަމް އިނީ ގަނޑުވެފައެވެ. ކުއްލިއަކަށް ހަދީޖާއަށް އެވަރުގެ ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ ނިޔަމް ދަންނަ ހަދީޖާއަކީ އެހާ ފަސޭހައިން ގޮތް ނިންމާނެ މީހެއް ނޫނެވެ. ނިޔަމްގެ މޫނުގެ ކުލަވަރު ބަދަލުވީ ކީއްވެކަން ޒައިލްއަށް އެނގުނެވެ. ހަދީޖާ އެދުނު ފަދައިން ނިޔަމްއަށް ކުޑަވެސް ޝައްކެއް ވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ހަދީޖާ ފަރުވާ ހޯދާނީވެސް އެގޮތުގެމަތިން ކަމުގައިވާތީއެވެ.
"ސަތޭކަ ޕޮއިންޓް ހަމަވީތަ؟..." ޒައިލް ލާނެތް ރާގަކަށް އަހައިލިއެވެ.
"މާމައަށް ކޮންމެވެސް ކަމެއްވެއްޖެ...." ނިޔަމްގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔައެވެ. "ނުބުނަން އެ އުޅެނީ... ޔަގީން ކަމެއްވެއްޖެ...."
"ދެން ކޮންކަމެއް މާމަ ޏަމްއަށް ސިއްރުކުރާނީ؟..." ޒައިލް ނޭނގޭކަމަށް ހެދުނެވެ.
"ނޭނގެ... މާމަ ބަލީބާ؟..." ނިޔަމް ވާހަކަ ދެއްކީ އަމިއްލަ ނަފުސާއެވެ.
"އަހަރެން ބަލިތޯ ނާހާނަންތަ؟..." ޒައިލް ބޭނުންވީ ނިޔަމްގެ ސަމާލުކަން އަތުލާށެވެ.
ނިޔަމް ވަގުތުން ލޯ އަޅައިލިއެވެ. އެއަށްފަހު ހިނިތުންވެލިއެވެ.
"މަށާ މެރީކުރެވޭތީ އުފަލެއް ނުވޭތަ؟..." ޒައިލް ދެރަވާކަމަށް ހެދުނެވެ. "މާމަ މާ ރަނގަޅު..."
********
"އަރޫ!..." ލޫކް ގޮވައިލި އަޑު އިވުމުން އަރުޝާ ތެޅިގަތެވެ. ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރި ހެންނެވެ. އަވަސް އަވަހަށް ފޯނު ޖީބަށްލާފައި ނޫންކަމަށް ހެދުނެވެ. "ހާދަ ވަރަކަށް ހޯދައިފީމޭ... މިތާ ކީއްތިކުރަނީ؟..."
"މި... މި... ފޯނެއް އައިސްގެން...." އަރުޝާ ބުންޏެވެ.
އަރުޝާއަށް ވާހަކަ ދައްކަން އުނދަގޫވީ، ޝަރަފާއި ދެކެވުނު ވާހަކައެއްގެ ސަބަބުންނެވެ. ޝަރަފް ދެއްކީ، ކައިވެނީގެ ވާހަކައެވެ. ދެމީހުން މަޝްވަރާކުރީ، ކައިވެނީގެ ހަފްލާ ތައްޔާރުކުރުމާއި ގުޅޭގޮތުންނެވެ. ހަގީގަތުގައި ލޫކް ފެނުމުން އޭނާ ހާސްވާންޖެހޭ ސަބަބެއް ނެތެވެ. އަރުޝާ ހީކުރީ އޭނާ ދެއްކި ވާހަކަ ލޫކަށް އަޑު އިވުނީ ކަމަށެވެ.
"މިއުޅެނީ ޔަމް ކައިރިއަށް ދާން..." ލޫކް ދެއްކީ އެހެން ވާހަކައެކެވެ.
"ވަޓް؟..." އަރުޝާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. "އެ ކީއްކުރަން؟..."
"އަހަރެން ބޭނުމެއް ނޫން އެހާ އަވަހަށް ގިވްއަޕް ކުރާކަށް..." ލޫކްގެ ދެލޮލުގައި ތަފާތު ވިންދެއް ޖަހައިލިއެވެ.
"ލޫކް..." ފުން ނޭވާއެއް ދޫކޮށްލަމުން އަރުޝާ ގޮވައިލިއެވެ. "އައި ނޯ، ލޯބިވާ މީހާގެ މަތިން ހަނދާން ނައްތާލުމަކީ ފަސޭހަ ކަމެއް ނޫންކަން..."
"ޔެސް... އައި ކާންޓް..." ލޫކް ދޫކޮށްލީ ފުން ނޭވާއެކެވެ.
"ލޯބިވަންޏާ، ބައެއްފަހަރު ގިވްއަޕްވެސް ކުރަންވާނެ..." ވިސްނައިދޭ ރާގުގައި އަރުޝާ ބުނެލިއެވެ.
"އަރޫ އެއްވެސް މީހަކުދެކެ ލޯބިވިންތަ؟..." އަރުޝާގެ ދެލޮލަށް ބަލައިލަމުން ލޫކް އަހައިލިއެވެ. އަރުޝާއަށް ތެޅިގަނެވުނެވެ. އެއީ އޭނާ ލޫކްގެ ފަރާތުން އުއްމީދުކުރި ސުވާލެއް ނޫނެވެ.
"ޔަމް ލޯބިވަނީ ޒެލްދެކެ..." އަރުޝާ އަވަސް އަވަހަށް ބުނެލިއެވެ. "ދެމީހުންގެ ދަރިއަކުވެސް އެބަހުރި..."
"ތިކަންވެސް އަހަންނަށް އެނގޭ... އެކަމަކު، އޭނަ ޔަމް ދޫކޮށްލީ ކީއްވެ؟... ޔަމް ކިހާ ދެރަވެފަ ހުރީ... އަހަރެން ދުވަހަކުވެސް ޔަމްއަށް ދެރަގޮތެއް ނުހަދާނަން..." ލޫކް ހުރީ އެހާ ފަސޭހައިން ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
"ކުއްލިއަކަށް ތިހާ ބޯހަރުވީ ކޮން އިރަކު؟..." ލޫކްގެ ބޮލުގެ ފުއްކިބައިގައި ޖަހަމުން އަރުޝާ ބުންޏެވެ. "އެމީހުން މިހާރު އެއުޅެނީ މެރީކުރާށޭ... މާދަމާ މާލެ އަންނާނެ... ލޫކް ބޭނުންވޭތަ، ގަދަކަމުން ޔަމްގެ ލޯބި ހޯދަން؟..."
ލޫކްގެ މުޅި ހަށިގަނޑުގެ ވަރު ދޫވިއެވެ. ގަދަކަމުން ނިޔަމްގެ ލޯބި ހޯދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ލޫކް އަބަދުވެސް އެދެނީ ނިޔަމް އުފަލުގައި ހުރުމަށެވެ.
"ބޭނުންތަ ޔަމްގެ ލޯބި ހޯދަން؟..." އަރުޝާ ތަކުރާރުކޮށް އަހައިއެވެ.
"ނޫން..." ލޫކް ބޯ ހޫރައިލިއެވެ. "އަހަރެން ބޭނުންވަނީ ޔަމް އުފަލުގަ ހުންނަން..."
"އެހެންވީމަ ލޫކްވެސް މޫވްއޮން ކުރަންވީއޭ... މާ ރަނގަޅު ކުދިން ލިބޭނެ..." ލޫކްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން އަރުޝާ ބުންޏެވެ. "އަހަރެން ހެލްޕްވާނަން..."
"ދެން އަހަރެން ބާކީވަނީތަ؟..." އަރުޝާގެ ޖީބުގައި އޮތް ފޯނުގެ އަނެއްކޮޅުން ޝަރަފް ބުނި އަޑު އިވުނެވެ. ފޯނު އޮތީ އޮޅިގެން އިސްޕީކަރަށް ލެވިފައެވެ.
ލޫކަށް ހެވުނުއިރު، އަރުޝާ ހުރީ ތިރީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ. އަރުޝާއާއި ޝަރަފްގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވާކަން ލޫކަށް އެނގެއެވެ. އަރުޝާ ފޯނުގައި ހުރެގެން ދެއްކި ވާހަކަވެސް އޭނާއަށް އަޑު އިވުނެވެ. ލޫކަށް އެހާ މަޖާވީ، އަރުޝާއަށްވެފައި ހުރި ގޮތުންނެވެ.
"ގުޑްލަކް..." ލޫކް ދަމުން ދިޔައީ އަރުޝާ އިތުރަށް ލަދުގަންނުވާލާފައެވެ.
********
ރާނބާ ރެސްޓޯރެންޓްގެ އެންމެ މަތީ ފަންގިފިލާ ކައިވެނީގެ ހަފްލާއަށް ޒީނަތްތެރި ކުރެވިފައިވާއިރު، މެހެމާނުންތަކުން މުޅި ތަން އޮތީ ފުރި ބާރުވެފައެވެ. ކައިވެނީގެ ހުދު ހެދުމުގައި ނިޔަމް ހުރިއިރު، ކައިރީގައި ހުއްޓިލައިގެން ހުރީ އޭނާގެ ފިރިމީހާ ޒައިލްއެވެ. ކަޅާއި ހުދު ކޯޓު ފަޓުލޫނުގައި ޒައިލް ފެންނަލެއް ފިރިހެންވަންތައެވެ. މާހައުލުގައި ވީ އުފާވެރިކަމެވެ. ފަހަރަކު މީހަކު ނިޔަމްމެންނަށް މަރުހަބާ ކިޔަމުން، ހަދިޔާދެމުން ދިޔައެވެ.
އެތެރެއަށް ވަން ނުޒުހަތުގެ ދެލޯ ހޯދަމުން ދިޔައީ ނިޔަމްއެވެ. މާ ގިނައިރު މަސައްކަތް ކުރާކަށް ނުޖެހުނެވެ. އެންމެންގެ ތެރެއިން ހުދު ހެދުމުގައި ހުރި ނިޔަމް ހުރީ ފާހަގަވާށެވެ. ނުޒުހަތުގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ހަލުވި ފިޔަވަޅުތަކެއްގައި ނިޔަމްއާއި ދިމާއަށް އޭނާ ހިނގައިގަތެވެ.
ނުޒުހަތަށް ވަކި ހިސާބަކަށް ނުދެވެނީސް ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައި ދަމާފައި ކަހަލަގޮތަކަށް ގެންގޮސް، ލިފްޓަށް ވެއްދިއެވެ.
"ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟..." ނުޒުހަތާއި ދިމާއަށް އެނބުރެމުން ޔާމީން ބުންޏެވެ. އޭނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
"އަހަރެންގެ ދަރި ޖަލަށްލާފަ އޭނަ އުފަލުގަ ހުއްޓަކަ ނުދޭނަން..." ނުޒުހަތު ހަޅޭއްލަވައިގަތެވެ.
އެންމެ ތިރިއަށް ގޮސްފައި ލިފްޓް ހުއްޓުނެވެ. ޔާމީން އަނެއްކާވެސް ސްވިޗަށް ފިތައިލުމުން ދޮރު ލެއްޕުނެވެ. މިފަހަރު ލިފްޓް ދިޔައީ މައްޗަށެވެ.
"ކީއްވެތަ އާޔަތަށް އެހެންވީ؟..." ޔާމީން ނުރުހިފައި ސުވާލުކުރިއެވެ. "ނުޒުހަތު އަމިއްލައަށް ވިސްނާލީމަ އެނގޭނެ ކީއްވެކަން އަމިއްލަ ދަރި އެ ދަރަޖައަށް ވެއްޓުނީ... މީހުން ބުނެއެއްނު މަންމަގެ ފިޔަވަޅު މަތިންނޭ ދަރިންވެސް ހިނގާނީ... އަހަރެން މިއަދު ދެރަވޭ ތީ އަހަރެންގެ ދަރިއެއްގެ މަންމައަށް ވީތީ..."
ނުޒުހަތު ހަޅޭއްލަވައިގަތެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން ހުރިތަނަށް ތިރިވިއެވެ. ލިފްޓްގެ ދޮރު ހުޅުވުނީ ޓެރެސްއާއި ހަމައިންނެވެ. ޔާމީން ލިފްޓުން ނުކުތެވެ. ދޮރުމަތީގައި ހުރެފައި ފަސްއެނބުރި ނުޒުހަތަށް ބަލައިލިއެވެ. އޭރުވެސް ނުޒުހަތު އިނީ ބޮލުގައި ދެއަތުން ހިފެހެއްޓި ގޮތަށެވެ.
"ޕާޓީގެ އެއްވެސް ކަމެއް ހަރާބުކުރަން ނުޒުހަތު މަސައްކަތްކޮށްފިއްޔާ އަހަރެންގެ އަނތްބެއްގެ މަގާމުގައެއް ނުހުރެވޭނެ..." ޔާމީން އިންޒާރު ދިނެވެ.
ނުޒުހަތު އެއްޗެއް ބުނުމުގެ ކުރިން ލިފްޓްގެ ދޮރު ލެއްޕުނެވެ. ދޮރުގައި ތަޅަތަޅާފައި ނުޒުހަތު ހަޅޭއްލެވިއެވެ.
ޔާމީން ފެނުމުން ނިޔަމްގެ އުފާވެރިކަން ގެއްލުނެވެ. ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ.
"ދެކުދިންގެ ކައިވެނީގެ ހަދިޔާ..." ސިޓީއުރައެއް ދިއްކޮށްލަމުން ޔާމީން ބުންޏެވެ.
ކައިވެނީގެ ހަދިޔާއެއްގެ ގޮތުން، ޔާމީން ނިޔަމްއަށް ދިނީ އޭނާގެ ގެއިން ބައެކެވެ. ނިޔަމް ހުރީ ސިޓީއުރައިގައި ހިފާހިތް ނުވެފައެވެ. ޒައިލް މަޑުމަޑުން ޖެހިލުމުން، ނިޔަމް ސިޓީއުރައިގައި ހިފިއެވެ.
އެއްބަޔަކު ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. އަނެއްބަޔަކު ކައިވެނި ވެވުނު ދެމަފިރިންނާއިއެކީ ތަސްވީރު ނެގުމުގައި އަވަދިނެތި އުޅުނެވެ. ޔާމީން ފިޔަވައެވެ. ނިޔަމްމެންނާއި ބައްދަލުކުރުމަށްފަހު، ޔާމީން ދިޔައީ އެތަނުން ނުކުންނާށެވެ. ދޮރާއި ހަމައިން ޔާމީން ހުއްޓުން އެރީ ދަންނަ އަޑަކުން އޭނާއަށް ގޮވާލި އަޑު އިވުމުންނެވެ.
"ނުކައި ދަނީތަ؟..." ހަދީޖާ ހުރީ ޔާމީނުގެ ފަހަތުގައެވެ.
"އަހަރެންގެ ސަބަބުން ނިޔަމްއަށް އުނދަގުލެއް ވާކަށް..." ޔާމީނަށް ބުނެވުނީ އެހިސާބަށެވެ.
"މޮޔަމީހާ..." ޔާމީންގެ ބުރަކަށީގައި ޖަހަމުން ހަދީޖާ ބުންޏެވެ.
އެންމެން އެއްފަހަރާ އެދިމާއަށް ބަލައިލިއެވެ. ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ. ޔާމީން ކަހަލަ އިއްޒަތްތެރިއެއްގެ ގައިގައި އެއްވެސް މީހަކު އެގޮތަށް ޖަހައިގެން ނުވާނެއެވެ.
"އެދަރީގެ މަންމައެއް ދުނިޔޭގަ ނެތް... ބައްޕައަކީ ކާކުކަން އެނގުނު ދުވަހު ބައްޕަވެސް ގެއްލެނީތަ؟...." ހަދީޖާ އަޑަށް ބާރުލަމުން ބުންޏެވެ.
(ނުނިމޭ)