ނިޔަމް އިނީ ވާނުވާ ނޭނގިފައެވެ. އޭނާއަށް ވީގޮތް އެނގުނީ ޒައިލް މެސެޖުކޮށްފައި ބުނީމައެވެ. ނިޔަމް ކައިރިއަށް ހިނިއައެވެ. ޒައިލް ބިރުގަންނާތީ މާމަ ގަސްދުގައި ބިރުގަންނުވަނީކަން އެނގުމުންނެވެ. ޒައިލް އިތުރަށް ތަޅުވާލާހިތްވި ނަމަވެސް، ރަނގަޅަށް ނުކައިފާނެތީ، ނިޔަމް ބޭނުންވީ މާމަ ގޮނޑީގައި ބައިންދާށެވެ.
"މާމަ ހާދަ މޮޅޭ.... ދެން އާދެބަލަ ސައިބޯން..." ނިޔަމް ތެދުވެގެން ގޮސް ހަދީޖާގެ އަތުން އިލޮށިފަތި އަތުލިއެވެ.
********
"މާމައަށްވެސް ކަންކަން އެނގެޔޭ... ދެލޮލާ ކަންފަތްވެސް އަދި ހުރީ ސަލާމަތުން..." ޒައިލްއާއި ދިމާއަށް ފާޑަކަށް ބަލައިލަމުން ހަދީބާ ބުންޏެވެ. ޒައިލް ކުރި ކަންތައް ހަދީޖާއަށް އެނގުނުކަން އަންގައިލާ ފަދައިންނެވެ.
އައު ދުވަހަކަށް އިރު އެރިއިރު ހަދީޖާ ހުރީ ބަދިގޭގައެވެ. އުނދުންމައްޗަށް އުދާފައިވާ ބޮޑު ގަރުދިޔަތެލި ބޮކިޖަހައި، އޮލަވަމުން ދިޔައެވެ. ދުމަށިމަތީގައި ހުރި މަސްތަކަށް ދިލަޖެހެމުންދިޔަ ވަރަކަށް މަސްތައް ފުށުންޖެހުމަށް ހަދީޖާ އަވަސްވެގަނެއެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާތީ، ކުރިން އެ މަސައްކަތް ކުރިގޮތަށް ހަދީޖާއަށް ހެލިފެލިވެއެއް ނޫޅެވެއެވެ. މަސްކައްކާ ހިއްކައިގެން ހަދީޖާ ރަނގަޅު އާމްދަނީއެއް ހޯދައެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައެވެ.
"ހަދީ!..." އަވައްޓެރި ފާތުމަ ގޮވާ އަޑަށް ހަދީޖާ ބަދިގެތެރެއިން ބޯ ދިއްކޮށްލިއެވެ. "ނެތްތަ ވަޅޯމަސްގަނޑެއް؟... މިއުޅޭ ރާމިޒާ ވަޅޯމަހު ރިހަ ކާހިތުންނޯ... ގޭގަ ނެތް އެންމެ މަސްގަނޑެއްވެސް..."
"ހުރޭ... އަދި ކުޑަކޮށް ދިލަ ޖެހިލީމައެއްނު ނަގާނީ..." މަސްތައް ފުށުންޖަހަން ހުރެފައި ހަދީޖާ ބުންޏެވެ. "ދަރިންކޮޅު އައިސްގެން އިއްޔެ ރަނގަޅަށް ދިލަ ޖައްސާލެވޭގޮތެއް ނުވިވިއްޔަ..."
"އެހެންދޯ؟..." ރަށު ރާގުގައި ފާތުމަ ބުންޏެވެ. ނިޔަމްމެން ފެނޭތޯ އޭނާ ގޭގެ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. "ކޮބާ މިގޭ ކުދިންކޮޅު؟... އަދި ނުހޭލަނީދޯ؟... މާލޭ މީހުން އަވަހަކަށް ނިދައެއް ނުހޭލާނެ..."
"އުހުނ... މިގޭ މަންޖެ ބަރާބަރަށް ނަމާދުކުރާނެ... ފަތިސްނަމާދު ބަންގި ގޮވަންވާއިރަށް ތެދުވާނެ... މިހާރު އެބައުޅޭ އެސޮރު ތައްޔާރުކުރަން..." ހަދީޖާ ފަހުރުވެރިވެލާފައި ބުންޏެވެ.
"ރަނގަޅު... އަހަރެންގެ މަންޖެވެސް ތިހެންވާނެނަމަ... އިލޮށިފަތީގެ ވަރު ދައްކާނުލަނީސް އެންމެ ދުވަހަކުވެސް ނުތެދުވާނެ... އެމަންޖެ އިނދެގެންއުޅޭ ސޮރުތަ އައިސް އެއުޅެނީ؟..." ފާތުމަ އަހައިލިއެވެ.
"ކުޑަދަރިވެސް ބޭނުންވާނެދޯ އެސޮރު ބައްޕަޔާއެކީ އަންނަން..." ހަދީޖާ ހިނިގަނޑެއް ޖަހައިލިއެވެ. އޭނާ ޖަވާބު ދިނީ، ފާތުމަ ބުނި އެއްޗެއް ރަނގަޅަށް އަޑު ނީވޭކަމަށް ހަދައިގެންނެވެ.
"އަހަރެން ހީކުރީ ނީނދެ ލިބިފަހުރި ދަރިއެއް ކަމަށް... އާނ އެހެންޏަ، އެގޮއްޔެ އަންމައަށްވެސް ލިބުނީ އެ ލަންޑު ވިއްޔަ..." ފާތުމަ ހިނިގަނޑެއް ޖަހައިލިއެވެ.
ހަދީޖާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. މަސްތަކަށް ރަނގަޅަށް ދިލަވެސް ނުޖެހެނީސް ދެތިންގަނޑު މަސް ނަގާފައި ފާތުމައަށް ދިއްކޮށްލިއެވެ. ގަދަކަމުން ހިނިތުންވެގެން ހުއްޓަސް، އެތެރެއިން ހަދީޖާގެ ރުޅިގަނޑު ފަޅައިގެން ދަނީއެވެ. އެހާ ދުވަސްވީއިރުވެސް، އޭނާގެ ދަރިފުޅާއި ބެހޭގޮތުން މީހުން ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ. ދަރިއަކު ލިބެނީ ދެމީހުން ހިއްސާވެގެން ނަމަވެސް، ގޯސްގޮތަކަށް ލިބިއްޖެނަމަ، އަބަދުވެސް އަންހެންމީހާ އެކަނި ކުށްވެރިވަނީ ކީއްވެ ހެއްޔެވެ؟ ފިރިހެންމީހާއަށް އެ ބަދުނާމު އަމާޒު ނުކުރަނީ ކީއްވެ ހެއްޔެވެ؟
"އައްދިއްޔޯތް... ހާދަ ހޫނޭ..." މަސްތަކުގައި ހިފިގޮތަށް ފާތުމައަށް އަތް ދޫކޮށްލެވުނެވެ. "ހަދީ ނުވާނެއެއްނު ތިކަހަލަ ކަންތައް ކުރާކަށް..." ބިންމަތިން ނެގި މަސްތަކުން ވެލިފޮޅަމުން ފާތުމަ ބުންޏެވެ.
"ހޫނު އެއްޗެއް ހިފާއްޓާނުލެވެނީ ފާތުމަމެންގެ އެހާ ހިތްވަރު ނުހުންނާތީއޭ ބުނެބަލަ..." ހަދީޖާ މަޖަލަކަށް ހަދާފައި ބުނި ނަމަވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ހޫނުކޮށް ހުއްޓާ، ގަސްދުގައި އޭނާ ފާތުމަގެ އަތަށް މަސްތައް ލައިދިނީވެސް އެހެންވެއެވެ.
"ހޫން، އަހަރެން ހަދީ ހާ ކުޅަދާނައެއް ނޫނޭ..." ފާތުމަ ހީގަތެވެ. "އަހަރެންގޯތި ސާދުނާ ބުނި އެއްޗެއް އެނގޭތަ؟... ބަލާލާފަ ހިއެއްނުވެޔޯ މިގެއަށް އައި ސޮރު އެހާ މުއްސަނދިހެނެއް... މުއްސަނދި ނޫންވީމަތާ ދޯ މިކަހަލަ އާދައިގެ މީހަކާ އިންނާނީ... އަނެއްކާ މިކަހަލަ ތާކު އައިސް އުޅޭނެތަ އެމީހުން... ސައުދުގެ ޒަހީނާ އިން ސޮރުވެސް އަނބިދަރިން ގެނެއްސަ ބޭތިއްބީ ސަރަފުއްދީން ގޯތީގަ... ހަތަރުސަތޭކަޔަށޯ ކޮޓަރިއެއް އެގެއިން ދެނީ..."
މަސްކޮޅު ލިބުމުންވެސް ފާތުމަ ދާކަށް ނޫޅުނެވެ.
"ފާތުމާ!... މަސްކޮޅު ލިބިއްޖެއެއްނު... އާދަނު އަންނަން ވާއިރަށް ސައި ހެދޭތޯ ބަލަން ދޭބަލަ..." ހަދީޖާ ހިތްހަމަނުޖެހިފައި ބުންޏެވެ.
ދޮރުކައިރީގައި ހުރި ޒައިލްގެ ހިތަށް ތަދުވިއެވެ. ފާތުމަ ދިޔުމުން ހަދީޖާ ކަރުނަ ފޮހުނު މަންޒަރު ޒައިލްއަށް ރީތިކޮށް ފެނުނެވެ. ހަދީޖާ އުޅޭނޭ ހިތްދަތި ދިރިއުޅުން އޭނާއަށް ސިފަވެސް ނުކުރެވެއެވެ. އެތައް ވޭނަކާއި އަނިޔާއަކަށް ކެތްކުރަމުން ހަދީޖާ ދުނިޔެއާއި ކުރިމަތިލާތީ ޒައިލް ހައިރާންވިއެވެ.
"މާމާ!... އެކަނިތަ ތިއުޅެނީ؟..." ޒައިލްގެ އަޑަށް ހަދީޖާ ސިހުނެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރިފައި އަތުގެ ނުފުށުން މޫނު ފޮހެލިއެވެ.
"މިއައީ މާމައަށް ރިހާކުރު ކައްކައިދޭން..." ހަދީޖާގެ އަތުން ދޭފަތް އަތުލަމުން ޒައިލް ބުނެލިއެވެ.
"މާލޭ މީހުންނަކަށް ނޭނގޭނެ މިކަހަލަ މަސައްކަތް ކުރާކަށް..." ހަދީޖާ ދޭފަތް އަތުލަން އުޅުނެވެ.
"މާމަ ކިޔައިދިނީމަ އެނގޭނެއެއްނު..." ހަދީޖާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން ޒައިލް ބުންޏެވެ. "މިތާ އިށީނދެގެން ދަސްކޮށްދޭނީއޭ..." ޒައިލް ހަދީޖާ ގެންގޮސް ބަދިގެ އޮޅިގަނޑުމަތީގައި ބޭންދިއެވެ.
ރިހާކުރުއެތި އޮލަވަންދެން ޒައިލް އުނދުން ކައިރީގައި ހުއްޓެވެ. މަސްތައް ފުށުންޖަހަން އެހީވިއެވެ. ހަދީޖާ ތެދުވާނެ ފުރުސަތުވެސް ޒައިލް ނުދިނެވެ. އެހުރިހާއިރު ޒައިލްއަށް ބަލަން ހަދީޖާ އިނީއެވެ. ދުމުގެ ސަބަބުން ޒައިލްގެ ދެލޯ ރަތްވި އިރުވެސް މަސައްކަތް ނިންމާފައި ނޫނީ އުނދުން ކައިރިން ދުރަކަށް ނުޖެހުނެވެ. ނިޔަމްގެ ދިރިއުޅުމަށް ގެންނަން ޒައިލްއަކީ އެކަށީގެންވާ މީހެއް ކަމަށް ހަދީޖާއަށް ގަބޫލުކުރެވުނެވެ. ޒައިލްއަށް ނިޔަމް ހަވާލުކޮށްފައި މާދަމާވެސް އޭނާއަށް ހިނިތުންވެގެން ލޯމަރައިލެވިދާނެއެވެ. އެކަމަކު، ޒައިލް އެއްފަހަރު ނިޔަމްއަށް ކެހި ދީފިއެވެ. ވީއިރު، އެހާ ފަސޭހައިން މައާފުދޭކަށް އޭނާއަށް ފަސޭހައެއް ނޫނެވެ.
ނިޔަމް އައިއިރު، ޒައިލް ހުރީ ދިލަ ޖެއްސި މަސްތައް ތެއްޔަކަށް އަޅާށެވެ. ހަދީޖާ ވާރޭފެންފުޅިއަކާއި ތުވާލިކޮޅެއް ހިފައިގެން އައިސް ނިޔަމްގެ އަތަށް ދީފައި އެތަނުން ދިޔައެވެ.
"ޕޮލިސް ސްޓޭޝަން ދޫކޮށްފަ ރިހާކުރު ފެކްޓްރީއެއް ހުޅުވަންވީނު..." ނިޔަމް ސަމާކޮށްލިއެވެ. ޒައިލް އައުމުން، ވާރޭފެންފޮދަކުން މޫނު ދޮވެދިނެވެ.
"ހާދަ ލޯ ކަރައޭ..." ޒައިލް ލޮލަށް ތަދުވާކަމަށް ހެދުނެވެ.
"އާދެބަލަ މިތާ އިށީންނަން..." މޭޒުކައިރީގައި ހުރި ގޮނޑި ދައްކައިލަމުން ނިޔަމް ބުންޏެވެ. "ދުވަހަކު މިކަހަލަ ކަމެއް ނުކުރާ މީހަކު ކުރީމަ ވާނެ ހުރިހާ ގޮތެއްވެސް..."
ނިޔަމްގެ ހިމަ ހޯލިކޮޅެއްފަދަ އިނގިލިތަކުގައި ފެންފޮދެއް ހާކާލާފައި ޒައިލްގެ ލޯކައިރީގައި ކާއްތައިލިއެވެ. ފިނިފިނި މަޑު އަތްތިލައިގެ ބީހިލުން މޫނަށް އިހުސާސްކުރެވުމުން ޒައިލްއަށް އަރާމުވިއެވެ. ނިޔަމްގެ އެފަދަ އަޅާލުމާއި ލޯބި ލިބޭނެކަން އެނގުނުނަމަ، އޭނާ މުޅި ދުވަސްވެސް އެފަދަ މަސައްކަތްތަކުގައި ހޭދަކުރީހެވެ.
"މިހާރު ކިހިނެއް؟..." ތުވާލިކޮޅުން ޒައިލްގެ ލޯ ކައިރި ފޮހެލަދީފައި ނިޔަމް އަހައިލިއެވެ. ޒައިލް ލޯ ހުޅުވައިލިއެވެ. ހަމަ އެހާ އަވަހަށް ތަދުވާކަމަށް ހެދިފައި ލޯ މަރައިލިއެވެ.
"އަދިވެސް ވަރަށް ތަދުވޭތަ؟..." ނިޔަމް ޒައިލްއާއި ގާތްވެލިއެވެ. ދެލޮލަށް ފުމެލިއެވެ. ތުވާލިކޮޅަށް ހޫނުވާ ވަރަށް ފުމެފައި ޒައިލްގެ ފަހަރަކު ލޮލެއްގައި ޖެއްސިއެވެ. ޒައިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"މަކަރު ހަދަނީދޯ؟..." ނިޔަމް ތުން ފިއްތައިލިއެވެ.
ޒައިލްއަށް ހެވުނެވެ. ނިޔަމް ޒައިލްގެ މޭގައި އަތްއަޅައި ކޮށްޕައިލަން އުޅުނެވެ. ޒައިލް ވަގުތުން ނިޔަމްގެ ދެއަތުގައި ހިފެހެއްޓިއެވެ. ދެމީހުންގެ ނަޒަރު އެކަކަށް ހުއްޓިފައި ކުޑަ ހިނދުކޮޅެއްވެސް ނުވެއެވެ. ދާދި ކައިރިން މީހެއްގެ ހިލަންވިހެން ހީވެގެން ޒައިލްއަށް އެދިމާއަށް ބަލައިލެވުނެވެ. ހަދީޖާ ބަލަން ހުރި ތަން ފެނުމުން ޒައިލް ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ތެދުވިއެވެ.
"މިހާރު ލޯ ރަނގަޅުވެއްޖެއޭ... ދުންކޮޅެއް ޖެހުނީމަ އެހާ ވަރު ވާނެތަ؟..." ނިޔަމްއަށް ބަލައިލަމުން ޒައިލް ބުންޏެވެ. ކުއްލިއަކަށް މާމަ ފެނުމުން، އޭނާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ.
ހަދީޖާ ކައިރިއަށް ހިނިއައެވެ. އެކަމަކު، މޫނުމަތިން އަސަރެއްވެސް ދައްކާނުލައި ގޮސް ގެއިން ނުކުތެވެ.
"މާމަ ފެނިގެން އަދި ހާޓްއެޓޭކެއް ޖެހޭނެ..." މޭގައި އަތް ޖައްސައިލަމުން ޒައިލް ނިޔަމްއާއި ދިމާއަށް އެނބުރުނެވެ.
"ތިހާ ބިރުގަންނަ މީހަކު ނުދެކެން..." ނިޔަމް ތުންފިއްތައިލިއެވެ. "ފޫހިވޭ..."
ނިޔަމް ދާން ހިނގައިގަތުމުން ޒައިލް ވަގުތުން އަތުގައި ހިފެހެއްޓިއެވެ. އޭނާ ހުށިޔާރުކަމާއިއެކު ނިޔަމް ކައިރިކޮށްލާފައި ނިތްކުރިއަށް ބޮސްދިނެވެ. އެއަށްފަހު ނިޔަމްގެ އަތުން ދޫކޮށްލިއެވެ.
"ލަވް ޔޫ..." ޒައިލް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.
ހަދީޖާ ބޭރަށް ގޮސްފައި އެނބުރި އައީ ބަރޯއަށް ސާމާނުތަކެއް އަޅައިގެންނެވެ. އެކުގައި އިތުރު ބަޔަކުވެސް އައެވެ. ގިނައީ ހަދީޖާއެކޭ އެއް އުމުރެއްގެ މީހުންނެވެ.
"މާމާ ތީ ކޮން ކަމެއް؟..." ނިޔަމް ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ.
"އަހަރެންގެ މުނިމާމަ ދަރިފުޅުގެ އަގީގާ ބަހަންވާނެއެއްނު..." ހަދީޖާ ހިނިތުންވެލިއެވެ.
********
"ކީއްކުރަން ބޭރަށް އަންނާށޭ ބުނީ؟..." ޝަރަފް ފެނުމުން އަރުޝާ އަހައިލިއެވެ.
އަރުޝާ ހުރީ ނަރުހުންގެ ޔުނީފޯމުގައެވެ. ޝަރަފް ހުރީ ޓީޝާޓަކާއި ޖީންސެއްގައެވެ. ދެމީހުން ތިބީ އަރުޝާ މަސައްކަތްކުރާ ހޮސްޕިޓަލުގެ ބޭރުގައެވެ.
"މިއައީ ބަލިވެގެން..." ޝަރަފް މޭގައި އަތް ޖައްސައިލިއެވެ.
"ކޮންކަހަލަ ބައްޔެއް؟..." ޝަރަފްގެ ސަމާސާ އެނގޭއިރުވެސް އަރުޝާ ނޭނގޭކަމަށް ހެދުނެވެ.
"ކުއްޖަކު ދެކިލާހިތުން..." ޝަރަފް ލާނެތް ރާގަކަށް ބުންޏެވެ. "އެކުއްޖާ މިސްވެގެން ހިތަށް އުނދަގޫވާތީ..."
"ނޭނގޭތަ އަހަރެން މިއުޅެނީ ޑިއުޓީގަ ކަމެއް؟..." ނުރުހުނުކަން މޫނުމަތިން ދައްކައިލި ނަމަވެސް އަރުޝާގެ ހިތް އުފަލުން ނަށަނީއެވެ.
ފަހަކަށް އައިސް ޝަރަފްގެ ލާނެތް ސަމާސާތަކުން އަރުޝާގެ ހިތަށް އުފާވެރިކަން ލިބެއެވެ. ޝަރަފް ދެކިލުމަށް ހިތް އެދެވެއެވެ.
"ދުވަހަކުވެސް ފެހި ސިގުނަލެއް ނުދޭނަންތަ؟... މިބުނީ އަހަރެންގެ ހިތަށް ފަރުވާއެއް ނުލިބޭނެތަ؟..." ޝަރަފް ސީރިއަސްވެފައި އަރުޝާއަށް ބަލައިލިއެވެ.
"ތިވާހަކަ ދައްކަންތަ ތިއައީ؟..." އަރުޝާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
އަރުޝާ ހިނގައިދާނެހެން ހީވުމުން ޝަރަފް އޭނާގެ އަސްލު މައުޟޫޢުއާއިގެން ކުރިއަށް ދިޔައެވެ.
"ފުރުމުގެ ކުރިން އަރޫ ދެކިލަން މިއައީ..." ޝަރަފް ބުންޏެވެ.
"ފުރަނީއޭ؟... ކޮންތާކަށް؟..." އަރުޝާ ދިޔައީ ސިއްސައިގެންނެވެ.
"އިޓަލީއަށް..." ޝަރަފް ޖަވާބުދިނެވެ.
"އެ ކީއްކުރަން؟..." ޝަކުވާގެ ރާގެއްގައި އަރުޝާއަށް އަހައިލެވުނެވެ.
"ވޯކްޝޮޕްއަކަށް..." ޝަރަފް ބުންޏެވެ. "މަށާއެކީ ދާންވީނު...."
"ކިހާ ދުވަހަކަށް ތި ދަނީ؟..." އަރުޝާގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔައެވެ.
"ޓޫ މަންތްސް... ކިހިނެއްވީ؟... އަހަރެން އަންނަންދެން އަހަންނަށް އިންތިޒާރުކުރާނަންތަ؟..." ޝަރަފް އަހައިލީ އަރުޝާގެ ފަރާތުން ފެހި ސިގުނަލެއް ލިބިދާނެކަމަކަށް ނޫނެވެ.
އަރުޝާ ބޯ ޖަހައިލިތަން ފެނުމުން ޝަރަފަށް ހުރެވުނު ތަންވެސް ނޭނގުނެވެ. "ޔެސް" ބުނެފައި ކުޑަކޮށް ފުންމައިލިއެވެ. އަރުޝާގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.
"ތީގެ މާނައަކީ މިހާރު ތީ އަހަރެންގެ ލޯބިވެރިޔާއޭތަ؟..." ޝަރަފް އަހައިލިއެވެ.
އަރުޝާ ބޯ ޖަހައިލިއެވެ. ޝަރަފް އެއްޗެއް ބުނުމުގެ ކުރިން އޭނާ ދުވެލާފައި ހޮސްޕިޓަލުގެ ތެރެއަށް ވަނެވެ.
********
ނިޔަމްމެންނާއިއެކު އަތިރިމައްޗަށް ގޮސްފައި، ޒައިލް އެނބުރި ގެއަށް އައީ ދާވިއަންގެ ފެންފުޅި ބަލައެވެ. ނިޔަމްގެ ކޮޓަރިތެރެއިން ހަދީޖާ ކެއްސާ އަޑު އިވުމުން ޒައިލް އަވަހަށް ދޮރު ހުޅުވައިލިއެވެ. ހަދީޖާ އޮތީ ވެއްޓިފައެވެ. އަތުގައި އޮތް ތުވާލިކޮޅުގައި އޮތީ ހުސް ލެޔެވެ. ޒައިލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަހަށް ތިރިވެފައި ހަދީޖާ ނަގައި އެނދުގައި ލައްކޮށްލިއެވެ. އަދި ކާގެތެރެއިން ފެންފުޅިއެއް ހިފައިގެން އައިސް ހަދީޖާއަށް ފެންތައްޓެއް އަޅައިދިނެވެ.
"މާމާ!... ކިހިނެއްވީ؟...." ހަދީޖާ ކުޑަކޮށް ހަމަޖެހުމުން ޒައިލް އަހައިލިއެވެ.
"ދަރިފުޅާ!..." ކެއްސަމުން ހަދީޖާ ޒައިލްއަށް ގޮވައިލިއެވެ. "އެދަރިން ކޮބާ؟..."
"އަތިރިމަތީގަ ވީ..." ޒައިލް އަވަސްއަވަހަށް ބުނެލިއެވެ.
"ދަރިފުޅު އެކުދިން ކައިރީ މިވާހަކަ ނުބުނައްޗޭ..." ހަދީޖާ އެދުނެވެ.
"އެކަމަކު މާމާ..." ޝަކުވާގެ ރާގަކަށް ޒައިލް ބުންޏެވެ.
"މުސްކުޅިވީމަ މިކަހަލަ ކަންކަންވާނެ... އެއީ މާ ބޮޑު މައްސަލައެއް ނޫން..." ހަދީޖާ ގަދަކަމުން ހީގަތެވެ.
"މާމަ އެއްބަސްވޭ، މާލެގޮސް ޑޮކްޓަރަށް ދައްކަން... އޭރުން ނުބުނާނީ..." ޒައިލް ފުރުސަތުގެ ބޭނުން ހިފިއެވެ.
ހަދީޖާ އިރުކޮޅަކު ވިސްނައިލަން އިނދެފައި، އެއްބަސްވިއެވެ.
"މާމަ ބޭނުން ވަރަށް އަވަހަށް ތި ދެކުދިން ކައިވެނި ކުރަން..." ޒައިލް ތެދުވަން އުޅުމުން، ހަދީޖާ ޒައިލްގެ އަތުގައި ހިފެހެއްޓިއެވެ.
(ނުނިމޭ)