ޒައިލް އެއްލި ކަޅިއަކުން ކޮޓަރި ދޮރުމަތީގައި ހުރި ހަދީޖާ ފެނުނެވެ. އޭނާ ހުރީ ލޯ އަޅައިގެންނެވެ. ދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ. ރަތް ލިބާސް ލާފައި ހުރުމުން، ޒައިލްއަށް ސިފަވީ ފިލުމުތަކުގައި އުޅޭ ޖިންނީންނެވެ.
********
ޒައިލް ދިޔައީ ސިއްސައިގެންނެވެ. ދެއަތް ތުރުތުރު އަޅައިގަތެވެ. ދެލޯ ބޮޑުވިއެވެ. ލާން އުޅުނު ނޭވާވެސް ހީވީ ހަދީޖާގެ ބިރަށް ހުއްޓުނު ހެންނެވެ. ހަދީޖާގެ ބަދަލުގައި އެތަނުގައި ޖިންނިއެއް ހުރި ނަމަވެސް އޭނާ މާ ހިތްހަމަޖެހުނީހެވެ. ކެރިގެން ކުރިމަތިލެވުނީހެވެ. ޒައިލްގެ ދުލުގައި ކަސްތޮޅު އެޅުނެވެ. ބުނަން އުޅުނު ޖުމުލައިގެ ފަހުބައި ފުރިހަމަ ކުރުމުގެ ބަދަލުގައި އުނދަގޫގޮތަކަށް ކެއްސައިލިއެވެ. އަވަހަށް ނިޔަމް ދުރުކުރަން އުޅެވުނުގޮތުން، ނިޔަމްއަށް އަނިޔާއެއް ނުދެވުނީ ކިރިޔާއެވެ. އެ ހުރިހާ ކަމެއްވެސް ވީ ޒައިލްގެ އިހުތިޔާރުން ބޭރުގައެވެ.
ޒައިލް ކުޑަކޮށް ކޮއްޕާލުމުން ނިޔަމް ހިތްހަމަނުޖެހިފައި ޒައިލްއަށް ބަލައިލިއެވެ. އޭނާ ހީކުރީ ޒައިލް ސަމާސާއެއްކުރީ ކަމަށެވެ. ދޮރަށް ފުރަގަސްދީގެން ހުރުމުން ހަދީޖާ އައިކަން ނިޔަމްއަށް ނޭނގުނީއެވެ.
"އައި ޑޯންޓް ލަވް މަދިރި..." ފާރުގައި އިލޮށިފަތިން ޖަހަމުން ޒައިލް ބުންޏެވެ. "ހާދަ މަދިރި ގިނައޭ... ސަތޭކަ މަދިރި ހިފަންޖެހޭނެ..." ޒައިލް ލޮލުގެ އިޝާރާތުން ނިޔަމްއަށް ހަދީޖާ ހުރި ދިމާ ދައްކަން މަސައްކަތް ކުރިއެވެ. ނިޔަމް ހުރީ އެއަށްވުރެ ހިތްހަމަނުޖެހިފައެވެ.
********
ދިރުމެއް ނެތް މީހަކު ފަދައިން ސޯފާއަށް ދެމިފައި ޔާމީން އޮތެވެ. އެއް އަތް ނިތްކުރިމަތީގައި ބާއްވާލައިގެން އޮތްއިރު، ނަޒަރު ހުއްޓިފައިވީ ސީލިންގަށެވެ. އެސްފިޔަ ޖަހައިލަންވެސް ބޮޑު ކަމަކަށްވެފައި އޮތް ކަހަލައެވެ. ރޭގަނޑު ނުނިދާކަމުގެ އަސަރުތައް ޔާމީންގެ މޫނުން ފެންނަމުން ދިޔައެވެ. އެއް އިރެއްގައި ކަސްރަތުކޮށް، ހަށިގަނޑަށް ބަލައިގެން އުޅުނު ޔާމީނަށް މިއަދު އެއިން ކަމެއް މުހިއްމެއް ނޫނެވެ. އޭނާ ބޭނުންވަނީ އެކަނި އޮންނާށެވެ. މީހުންގެ ނަޒަރުން ދުރަށް ދާށެވެ. ދިރިއުޅުން ވެއްޓިފައިވާ ފުން އަނދަވަޅުގެ ތެރެއިން އަރާނޭގޮތެއް އޭނާއަކަށް ނޭނގެއެވެ. މީހަކާއި ބައްދަލުކުރާ ހިތެއް ނުވެއެވެ. ބޭރަށް ނުކުންނަ ހިތެއް ނުވެއެވެ. ރަނގަޅަށް އެއްޗެއް ނުކެވެއެވެ. މަސައްކަތް ކުރާނެ ހިތްވަރެއް އަމުދުން ނެތެވެ. އަމިއްލަ ހަށިގަނޑާއި ދޭތެރޭގައި ވިސްނާކަށް މިއަދު އޭނާއަށް މުހިއްމެއް ނޫނެވެ. ވިސްނާ ވިސްނާ ޔާމީންގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އެންމެން އޭނާ ދޫކޮށް ދިޔައީއެވެ. މުޅި އުމުރުގައިވެސް ޔާމީން ބެލީ އެންމެންނާއި ދޭތެރޭގައި ވީހާވެސް ރަނގަޅަކަށް ކަންތައް ކޮށްދެވޭތޯއެވެ. އެކަމަކު، ފަހުވަގުތު ބާކީވީ ޔާމީނަށް ނުވެސް އެނގި ހުއްޓައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޔާމީން ލޯ މަރާލިއެވެ. ހަޔާތުން ފާއިތުވެގެންދިޔަ ދުވަސްތަކާއިމެދު ވިސްނައިލިއެވެ.
ގޭތެރެއަށް ވަދެވެން ހުރި ދޮރު ހުޅުވަން ކޯޑު ޖަހާ އަޑު އިވުނެވެ. އެތެރެއަށް ވަނީ ކާކުތޯ ބަލައިލާނެ ހިތްވަރުވެސް ޔާމީންގެ ގަޔަކު ނެތެވެ. ކައިރީގައި މީހަކު ހުއްޓުނުކަމުގެ އިހުސާސާއިއެކު ޔާމީން ލޯ ހުޅުވައިލިއެވެ. އެ ދެލޮލުން ފެނުނީ ވަރުބަލިކަމެވެ. ބަނޑުހައި ހޫނުކަމުގެ އަސަރުތައް މޫނުން ފެންނަން ހުއްޓެވެ. ރޭއްސުރެ ޔާމީން އަދި އެއްޗެއް ނުކައެވެ. އަނެއްކޮޅުން އިރު އޮއްސެނީއެވެ.
"ނު..ޒޫ..." އަރުތެރެ ހިކިފައިވުމުން ޔާމީނަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.
ނުޒުހަތު ރޮމުން ޔާމީން އޮތް ސޯފާގެ ކައިރިއަށް ތިރިވިއެވެ. އަބަދުވެސް ރީތިވެލައިގެން ހުންނަ ނުޒުހަތުގެ މޫނުގައި ތާޒާކަމެއް ނެތެވެ. އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ.
"ހެޔޮނުވާނެ އަހަރެމެންގެ ދަރިފުޅު ސަލާމަތްކޮށްދީ..." ނުޒުހަތަށް ރޮވޭ ވަރުން ވާހަކަ ދައްކަން އުނދަގޫވިއެވެ.
ޔާމީން އޭނާގެ ނަޒަރު ނުޒުހަތުގެ މޫނުން ވަކިކޮށްލިއެވެ. ނުޒުހަތު އެދުނީ އޭނާއަށް ކުރަން ފަސޭހަ ކަމަކަށް ނޫނެވެ. ޔާމީނަކީ އެއް ދަރިއަކަށްޓަކައި އަނެއް ދަރިއެއްގެ ހައްގު ނަގާލާނެ މީހެއް ނޫނެވެ. ކުށެއް ކޮށްފިނަމަ، އެ ކުށެއްގެ އަދަބު ލިބެންވާނެއެވެ. ކިތަންމެ ލޯބިވާ މީހެއް ކަމުގައިވިޔަސް ހުކުން ހިނގާނީ އެ އުސޫލުންނެވެ.
"ތިހެން ހަދަން ހެޔޮނުވާނެ..." ޔާމީން ނަޒަރު ބަދަލުކޮށްލިގޮތުން ނުޒުހަތަށް ޖަވާބު ލިބުނެވެ. "އެއީ ޔާމީނުގެވެސް ލެޔޭ... ތީ ކޮންކަހަލަ ބައްޕައެއް؟..."
"ނުޒޫ..." ވިސްނައިދޭ ރާގުގައި ޔާމީން ގޮވައިލިއެވެ. "އަހަރެން ކިހިނެއް ތިކަން ކުރާނީ؟..."
"ކީއްވެ ނުކުރެވެންވީ؟..." ނުޒުހަތުގެ ރާގު ބަދަލުވިއެވެ. އެފަދަ ވަގުތެއްގައިވެސް އޭނާއަށް ވާހަކަ ދެއްކުނީ އަމުރުވެރި ރާގަކަށެވެ. "ތީ ބޮޑުމީހާ... ޔާމީނަށް ނުކުރެވެންޏާ، ދެން ކާކަށް ކުރެވޭނީ؟..."
"އަމިއްލަ ދަރިންނެއްކަމަކު، ކުށެއް ކުރީމަ، އެ ކުށް ފޮރުވާ އެއްޗެއް ނޫނޭ ނުޒޫ... ހައްގު އަދަބު ލިބެންވާނެ... ނޫނީ އެއީ އެކުދިންނަށް ދެވޭ ނުބައި މެސެޖެއް..." ޔާމީން ތެދުވެ، ސޯފާގައި އިށީނދެލިއެވެ.
"ޔާމީނަކަށް ނޭނގޭތަ އާޔާއަށް އެހެން ދިމާވީ ކާކުގެ ކުށުން ކަމެއް؟..." ނުޒުހަތު ހިތްހަމަނުޖެހުނެވެ. "އަމިއްލަ މައިންބަފައިންގެ ނަހަލާލު ދަރިން ތިބިކަން އެނގުނީމަ ކޮންމެ މީހަކަށްވެސް ގޯސް ހެދޭނެ..."
ޔާމީން އިސްޖަހައިލިއެވެ. އޭނާގެ ދުލުގައި ކަސްތޮޅު އެޅުނެވެ. އެހިތި ހަގީގަތް އަބަދަށް އޭނާގެ ދިރިއުޅުމަށް ވިހަލާނެއެވެ. އެއީ ދުވަހަކުވެސް ނުފިލޭނެ ހަގީގަތެކެވެ. މާ ފަހުން އެނގުނުކަމުގައިވިޔަސް މެއެވެ. ޔާމީންގެ ހިތަށް އެރިއެވެ. އެދުވަހު ހަގީގަތް އެނގުނު ނަމައެވެ. ނުޒުހަތުގެ ބަސް ގަބޫލުނުކުރެވުނު ނަމައެވެ. ސިފާނާއަށް އިތުބާރު ކުރެވުނު ނަމައެވެ. ހަގީގަތުގައި ކުށްވެރިއަކީ ނުޒުހަތެވެ. އެކަމަކު، ސިފާނާގެ ތެދުވެރިކަމާއިމެދު ސުވާލު އުފެއްދުމުގެ ކުށް ޔާމީނަށް ކުރެވުނެވެ. އެހާ ލޯބިވާކަމަށް ބުނެފައި އިތުބާރެއް ނުކުރެވުނެވެ. އަމިއްލަ ކުށް އޮވެމެ، އެހެން މީހަކު ކުށްވެރިކުރާކަށް ޔާމީން ބޭނުމެއް ނުވިއެވެ.
"މިހުރިހާ ކަމެއްވެސް ވީ ހަމަ އެ ޝިފާނާގެ ސަބަބުން..." ނުޒުހަތުގެ ދަތްތަކަށް ބާރުވިއެވެ.
ޔާމީން ހިތްހަމަނުޖެހިފައި ނުޒުހަތަށް ބަލައިލިއެވެ. އެވަރުންވެސް އެއްޗެއް ނުބުނެވޭތޯ އޭނާ މަސައްކަތްކުރިއެވެ.
"ހުރިހާ ފުރައްސާރައަކާ ކުރިމަތިލައިގެންވެސް އެދަރި ވައްޓާލާކަށް ނޭނގުން... އެހެންނޫނީ މިއަދު އަހަރެމެން...." ނުޒުހަތަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ޔާމީން ފުންމައިގެން ތެދުވިއެވެ.
"ނުޒުހަތު ތިއައީ ތިވާހަކަ ދައްކަން ކަމަށްވަންޏާ، މިގެއިން ދޭ...." ދޮރާއި ދިމާއަށް އިޝާރާތްކުރަމުން ޔާމީން ބުންޏެވެ. "ތި ދައްކަނީ އަހަންނަށް އަޑުއަހަން ފަސޭހަ ވާހަކައެއް ނޫން..."
"އަހަންނަށް އެނގޭ އަހަރެންދެކެ ލޯބިނުވާކަން... ނުވެސް ވާނެކަން..." ނުޒުހަތު ރޯން ފެށިއެވެ.
"އާނ... ނުވޭ... ނުވެސް ވެވުނު..." ޔާމީންގެ ކެތްތެރިކަން ކޮޅުންލިއެވެ. "ކީއްވެކަން އެނގޭތަ؟..."
"ދެން ކީއްކުރަން އަހަންނާ އިނީ؟..." ނުޒުހަތު ތެދުވެފައި، ޔާމީންގެ ގަމީހުގައި ހިފައިގަތެވެ.
"އަމިއްލަ ނަފުސާ ތިސުވާލުކުރޭ..." ގަދަކަމުން ނުޒުހަތުގެ އަތް ނައްޓުވައިލަމުން ޔާމީން ބުންޏެވެ. "ރަނގަޅަށް ވިސްނާލީމަ އަހަންނަށް އެބަ ހަގީގަތް އެނގެޔޭ... އިތުރަށް ފޮރުވާނެ ކަމެއް ނެތް... އަހަންނާ ޝިފާނާ ދުރުކުރީ ނުޒުހަތު... މިއަދާ ޖެހެންދެންވެސް އަހަރެން އެވާހަކަ ދެއްކިންތަ؟... އޭނ؟..."
ނުޒުހަތު ހިމޭންވިއެވެ. ޔާމީނާއި ދުރަށްޖެހިލެވުނެވެ. އެހާ ދުވަހު އޭނާ ފޮރުވައިގެން އުޅުނު ހަގީގަތް ޔާމީނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ޔާމީން އެކަން ސިއްރުކޮށްގެން ހުރީ ކީއްވެ ހެއްޔެވެ؟
"ޑީއެންއޭ ރިޕޯޓު ގެނައުން އެއީ ނުޒުހަތަށް ހެދުނު އެންމެ ބޮޑު ގޯސް..." ޔާމީން ތަފްސީލް ދިނެވެ. "އެ ފެނުނީމަ ހުރިހާ ކަމެއް ސާފުވެއްޖެ..."
"ޔާމީން ލޯބިވާ ވަރަށް އެ ޝިފާނާ ޔާމީންދެކެ ލޯތްބެއް ނުވޭ... އެހެންނަމަ، އަހަރެން މަޖުބޫރުކުރިޔަސް، ލޯބިވާ މީހާޔާ އެކީ އުޅެވޭނެގޮތް ހޯދީސް..." ނުޒުހަތަށް ނޭނގި، ހަގީގަތް ހާމަކުރެވެން ފެށުނެވެ. "އެހެންނޫނަސް، އެއީ މޮޔައެއް... އޭނައަށް ރަނގަޅަށް އެނގޭނެ އަހަރެން އަމިއްލައަށް މަރުނުވާނެކަން... އަމިއްލަ ގައިގަ ކޫރުމެއްވެސް އެޅުނަނުދީ ގެންގުޅޭ މީހަކު އަމިއްލައަށް މަރުވާނެތަ؟..."
ހަގީގަތް އެނގެމުންދިޔަ ވަރަކަށް ޔާމީންގެ ހިތަށް ތަދުވަމުން ދިޔައެވެ. ޝިފާނާގެ އޯގާތެރިކަމާއި، އެހެންމީހުންނަށް އަޅާލާ މިންވަރު ހާމަވުމުން އޭނާއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ނުޒުހަތަށް އޭނާ ދެން ދުވަހަކުވެސް މާފުކުރާނީ ކިހިނެއް ހެއްޔެވެ؟
"ޔާމީނަށްވުރެ އޭނަ މާ ލޯބިވޭ އަމިއްލަ މައިންބަފައިންދެކެވެސް... އަހަރެން އެމީހުން މަރާލާނަމޭ ބުންޏަސް، އޭނަ ޔާމީނަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލާނެތަ ލޯބިވަންޏާ... ލޯބިވާ މީހާ މަސައްކަތްކުރާނީ ކޮންމެގޮތަކުންވެސް އެމީހާ ހާސިލުކުރެވޭތޯ... އަހަރެން މިވަނީ ހަގީގީ ލޯބި... ޔާމީނަށްޓަކާ، އަމިއްލަ އާއިލާއަށްޓަކާ، ކޮންމެފަދަ ކަމެއް ކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް..." ނުޒުހަތަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ.
"ތީ ލޯތްބެއް ނޫން... ތިއަށް ކިޔަނީ އަމިއްލަ އެދުން..." ޔާމީންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.
ނުޒުހަތާއި ދިމާއަށް އެތައް އެއްޗެއް ބުނަން ބޭނުންވި ނަމަވެސް، ޔާމީންގެ ގައިގައި ހަކަތައެއް ނެތެވެ. ކޮޅަށް ހުރެވުނީވެސް އައިސްފައިވާ ރުޅީގެ ބާރުގައެވެ. ޔާމީން ކެތްތެރިވާން މަސައްކަތްކުރިއެވެ. ބޭކާރު މީހެއްގެ ކުރިމަތީގައި ބޭކާރު ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ.
"ދެންވެސް އަހަންނަށް މަޖުބޫރު ނުކުރޭ!..." އަމުރުވެރި ރާގަކަށް ނުޒުހަތު ބުންޏެވެ. ނުޒުހަތުގެ ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރެކެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމާއިމެދު ޝައްކެއް ނެތެވެ. "އެއްފަހަރު އެ ނިޔަމްގެ ދިރިއުޅުން ހަލާކުކޮށްލިގޮތަށް ދެންވެސް ހަލާކުކޮށްލާކަށް އަހަންނަށް އެއްވެސް ކަމެއް ނޫން..."
"ނިޔަމްއާވެސް؟..." ޔާމީނަށް ބުނެވުނެވެ.
ޔާމީންގެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ނުޒުހަތަކީ ކޮންފަދަ ނުބައި އިންސާނެއް ހެއްޔެވެ؟ އޭނާ އަނިޔާ ދިނީ ހަމައެކަނި ސިފާނާއަކަށް ނޫނެވެ. ޝިފާނާ ނެތް ދުނިޔޭގައި އޭނާގެ ދަރިފުޅަށްވެސް އިހާނެތިވީއެވެ. އިހުސާސްތެރިކަމުގެ މޫނުމައްޗެއް އަޅައިގެން ހުރެ، ނުޒުހަތު ވަރަށް ރަނގަޅަށްވެސް އެންމެންގެ ދިރިއުޅުމަށް ވިހަލައިފިއެވެ.
"އާނ... ނިޔަމް އެ ޒައިލްއަކާ ރައްޓެހިވިކަން އެނގުނީމަ ކައިވެނި ކުރުވީ އަހަރެން.... އަހަރެން ބޭނުންވީ އޭނާ މިގެއިން ފޮނުވާލަން... ޔާމީން ރާއްޖެއިން ބޭރަށް ދިޔާމަ އަހަރެން ބޭނުންވި ހުރިހާ ފުރުސަތެއް ލިބުނު... އަހަންނަށް އެނގޭ ޔާމީން މިތާ ހުއްޓާ އެކަން ކުރަން ފަސޭހަ ނުވާނެކަން... ޔާމީން އަންނަންވާއިރަށް ހުރިހާ ކަމެއް ނިންމާލީ އެހެންވެ... ހުރިހާ ކަމެއް ދިޔައީވެސް އަހަރެން ބޭނުންވިގޮތަށް... އެކަމަކު އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނު... އެ ކައިވެނިކޮށްގެން ނިޔަމް އުޅުނީ މާ އުފާވެރި ދިރިއުޅުމެއް... އަހަރެންގެ ދިރިއުޅުމަށް ވިހަލާފަ އޭނަޔަށް އުފަލުގަ އުޅެވެންވީ ކީއްވެ؟... އެކައިވެންޏާ ދުރަށްދާން އެ ޒައިލްއަށް މަޖުބޫރުކުރީ އަހަރެން... އަހަރެން އެކަން ކުރީ ހަމަ ކަލޭމެން ދެމީހުން ދުރުކުރިހާ މޮޅަށް..." ޔާމީނާއި ދިމާއަށް އިނގިލި ދިއްކޮށްފައި ނުޒުހަތު ބުންޏެވެ.
"އަހަރެން ހިއެއް ނުކުރަން ނުޒުހަތު ތީ ތިހާ ނުބައި އަންހެނެއް ކަމަކަށް..." ޔާމީނަށް ހިންދިރުވައިލެވުނެވެ. ސޯފާގައި އިށީނދެފައި ދެއަތުން މޫނު ފޮރުވައިލެވުނެވެ. ކިތަންމެ ހިތްވަރުކުރި ނަމަވެސް ޔާމީންގެ ދެލޯ ކަރުނުން ފުރުނެވެ. ލޯބިވާ މީހާ ހިމާޔަތް ނުކުރެވުނު ތަނުގައި އޭނާއަށް އަމިއްލަ ދަރިފުޅަށްވެސް ރައްކާތެރިކަމެއް ނުދެވުނެވެ. ހުރިހާ އުފަލެއް ދެވުނީ އޭނާ އެންމެ ލޯބިވި މީހުންނަށް އިހާނެތިވި މީހާއަށެވެ. މިއަދު އޭނާ "ފެއިލް" ވެއްޖެއެވެ.
"އެކަން ނޭގޭތީނު އަހަރެން ބުނާގޮތެއް ނަހަދަން ތިއުޅެނީ..." ނުޒުހަތު ހީގަތެވެ. "ޒައިލްގެ ހިތުގަ ނިޔަމްއަށް ޝައްކު އުފައްދާ، ފޮޓޯތައް އެޑިކުރީވެސް އަހަރެން... ކަލޭމެން ތީ މޮޔަ ބައެއް... ފެންނަ މަންޒަރު ގަބޫލުކޮށްގެން ގޮތް ނިންމާ ބައެއް... އެ ނިޔަމްއަކީވެސް އޭނާގެ މަންމަ ކަހަލަ އަންހެނެއް... އަހަރެންގެ ބަސް އަހައިގެން ކަލޭމެންނަށް ހަގީގަތް ހާމަނުކޮށް އަދިވެސް އެހުރީ... އަހަރެން ކޮންމެ ގޮތެއް ހެދިޔަސް ކެތްކޮށްލައިގެން..." ނުޒުހަތު އަނެއްކާވެސް ހޭންފެށިއެވެ. ހީހީފައި ރޯން ފެށިއެވެ.
"ހުންނަ ގޮތެއް ނެތްކަން..." ޔާމީންގެ ދެއަތް މުށްކެވުނެވެ.
އެނގިގެންދިޔަ ހަގީގަތެއްގެ ސަބަބުން އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެންދާހެންނެވެ. ގިނައިރު ނުކައި ހުރުމުގެ ސަބަބުން އަމިއްލަ ނަފުސު ކޮންޓޯލް ކުރަންވެސް އޭނާއަށް އުނދަގޫވިއެވެ. ނުޒުހަތުގެ ގައިގައި ހިފައިގަންނަން އޭނާ ބޭނުންވިއެވެ. ޔާމީނަށް ކިތަންމެ އަނިޔާއެއް ދިނަސް، ނިޔަމްއަށް އަނިޔާއެއް ދިނުމުން އޭނާއަށް ކެތެއް ނުކުރެވުނެވެ. އަޑު އަހަން އުނދަގޫވިއެވެ. ނިޔަމްއޭ ކިޔައިގެން ނުޒުހަތު ހަމައެކަނި ކިލަނބުކުރީ އޭނާގެ ހިތެއް ނޫނެވެ. އާޔަތުގެވެސް މެއެވެ.
********
ސައިބޯން އިންއިރު ޒައިލް އިނީ ބިރުން އިސް އުފުލައިލަންވެސް ނުކެރިފައެވެ. ތިން މީހުންވެސް ތިބީ ގޭގެ ގޯތިތެރޭގައި ހައްދާފައިވާ ޖަނބުރޯލުގަހުގެ ހިޔަލުގައި ބަހައްޓާފައިވާ މޭޒުގެ ކައިރީގައެވެ. މޭޒުމަތީގައި އާވި އަރައަރާ ހުރި ތިން ކަޅުސައިތަށި ހުއްޓެވެ. ސައި ގިރާފައި ހުރީ ކަރަންފުލާއި، ކާފޫރުތޮޅި އަޅައިގެންނެވެ. އެއީ ނިޔަމްއަށް އެންމެ މީރު ކަޅުސައެވެ. ކުޅި ބޯކިބަލާއި، ރިހަފޮޅިއާއި، ފޮނި ފޮޅީގެ އިތުރުން ގުޅަ ހުއްޓެވެ. ޖެހިގެން ހުރި ގޭގެ ކުއްޖަކާއިއެކު، ދާވިއަން ބޯޅަ ކުޅެން އުޅުނެވެ. މޭޒުކައިރީގައި އިން ނަމަވެސް ނިޔަމްގެ ސަމާލުކަން ހުއްޓިފައިވީ ދާވިއަންއަށެވެ.
ގުޅައެއް ނަގަން އުޅެފައި ޒައިލް ވަރަށް ސިއްރުން ކުރިމަތީގައި އިން ހަދީޖާއަށް ބަލައިލިއެވެ. އޭރުވެސް ހަދީޖާ އިނީ ލޯ އަޅައިގެން ޒައިލްއަށް ބަލާށެވެ. ނެގި ގުޅަވެސް ޒައިލް އަނބުރާ ތަށީގެ ތެރެއަށް ލިއެވެ.
"އެހާ އަވަހަށް ދާންއަށް ފްރެންޑެއް ލިބުނީއޭ ދޯ..." ނިޔަމް ހިނިތުންވެލާފައި ދެން ތިބި މީހުންނަށް ބަލައިލިއެވެ.
އޭނާގެ ހިނިތުންވުން ފަނޑުވިއެވެ. ޒައިލް އާއި ހަދީޖާ ތިބީ އެކަކު އަނެކަކަށް ބަލާށެވެ. އެ ބެލުމުގައިވާ ނުތަނަވަސްކަން ނިޔަމްއަށް ސިއްރެއް ނުވިއެވެ. އޭނާ ފަހަރަކު މީހަކަށް ބަލައިލާފައި، ގުޅައެއް ނަގާ ކާލިއެވެ. ޒައިލް ބަލައިލުމުން ވީ ކީއްތޯ ސުވާލުކުރީ ލޮލުގެ އިޝާރާތުންނެވެ.
"އެކަކުވެސް ނުކަނީ؟..." ނިޔަމް އަހައިލިއެވެ.
ހަދީޖާ ކުއްލިއަކަށް ތެދުވިއެވެ. ގޭގެ އޮޅިގަނޑު ކައިރީ ލައްކޮށްލާފައި އިން އިލޮށިފަތި ހިފައިގެން މޭޒާއި ދިމާއަށް އައެވެ. ޒައިލް ތިރިވަމުން ގޮސް މޭޒުގެ ދަށަށް ވަންނަހާ ގާތްވެފައި ވަނިކޮށް، ހަދީޖާ އިލޮށިފަތި މަޅައިލިއެވެ. މޭޒުމަތީގައި އުދުހިފައި އުޅުނު މެހިތަކެއްގައި ޖަހައި މަރާލިއެވެ.
"މިފަހަރު ދައްކާލާނަމޭ... ސަތޭކަ މެހި މެރެނީ ކާކަށްތޯ؟..." އިންޒާރެއް ދޭ ފަދައިން ޒައިލްގެ މޫނަށް ބަލައިލަމުން ހަދީޖާ ބުންޏެވެ.
ނިޔަމް އިނީ ވާނުވާ ނޭނގިފައެވެ. އޭނާއަށް ވީގޮތް އެނގުނީ ޒައިލް މެސެޖުކޮށްފައި ބުނީމައެވެ. ނިޔަމް ކައިރިއަށް ހިނިއައެވެ. ޒައިލް ބިރުގަންނާތީ މާމަ ގަސްދުގައި ބިރުގަންނުވަނީކަން އެނގުމުންނެވެ. ޒައިލް އިތުރަށް ތަޅުވާލާހިތްވި ނަމަވެސް، ރަނގަޅަށް ނުކައިފާނެތީ، ނިޔަމް ބޭނުންވީ މާމަ ގޮނޑީގައި ބައިންދާށެވެ.
"މާމަ ހާދަ މޮޅޭ.... ދެން އާދެބަލަ ސައިބޯން..." ނިޔަމް ތެދުވެގެން ގޮސް ހަދީޖާގެ އަތުން އިލޮށިފަތި އަތުލިއެވެ.
(ނުނިމޭ)