ހަ މިލިއަން ޑޮލަރުގެ ރަން ފާހަނަ ތަށްޓެއް ވަގަށް ނަގައިފި

އިނގިރޭސި ވިލާތުގެ ބްލެންހެމް ގަނޑުވަރުން 18 ކެރެޓުގެ ރަނުގެ ފާހާނާ ތަށްޓެއް ވަގަށް ނެގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑްޝަޔާގައި ހުންނަ ކަންޓްރީ ހައުސްއެއް ކަމަށްވާ ބްލެންހެމް ގަނޑުވަރުގައި ހުރި "އެމެރިކާ" ނަމަކަށް ކިޔާ ފާހާނާ ތަށި ބަޔަކު ވަގަށް ނަަގާފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ތަށީގެ އަގު ގާތްގަނޑަކަށް މިލިއަން ޑޮލަރަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ތަށި ވަގަށް ނަގާފައިވަނީ ދެ އުޅަނދެއްގައި ގަނޑުވަރު ދޮށަށް ދިޔަ ބައެކެވެ. އަދި، އެ މީހުން އެ ތަށި ވަގަށް ނަގާފައިވަނީ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ޝާމިލުވާ މީހުންތައް ހޯދުމަށް ފުލުހުން އަންނަނީ 2019 އިން ފެށިގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންމެފަހުން މި މައްސަލައިގައި ހިމެނޭ ކަމަށް ބެލެވޭ ހަތަރު މީހަކު ވަނީ އަތުލައިގަނެފައެވެ. އަދި މި މަހުގެ 28ގައި ކޯޓަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަގަށް ނެގި ފާހާނަ ތަށި ހޯދިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމަވެފައެއް ނުވެއެވެ.

އިޓަލިއަން ކޮންސެޕްޝުއަލް އާޓިސްޓެއް ކަމަށްވާ މޯރީޒިއޯ ކެޓެލާން ތައްޔާރުކުރި މި ރަން ތަށްޓަކީ އާޓުގެ ގޮތުގައި ފަރުމާ ކޮށްފައިވާ އެއްޗެކެވެ. ނަމަވެސް މިއީ އާންމުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއްޗެކެވެ.

މި އާޓުގެ ގޮތުގައި ދައްކާލުމަށް 2019 ވަނަ އަހަރު އާންމުކުރުމުގެ ދެ ދުވަސް ފަހުން އެ ވަނީ ވަގަށް ނަގާފައެވެ.

comment ކޮމެންޓް