މެކްސްވެލްގެ ދެ ސެންޗަރީއާ އެކު އޮސްޓްރޭލިއާ ސެމީ ފައިނަލަށް

މެޗުގައި މެކްސްވެލް ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައިފައި -- ފޮޓޯ/ ޖައްމޫ ލިންކްސް ނިއުސް

ގްލެން މެކްސްވެލްގެ އާދަޔާ ހިލާފު މޮޅު ކުޅުމާ އެކު އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދީ އަފްޣާނިސްތާނާ ދެކޮޅަށް ބައްދަލުކުރި މެޗު ތިން ވިކެޓުން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އަފްޣާނިސްތާނުން ނިންމީ އެންމެ ފުރަތަމަ ބެޓު ކުރާށެވެ. މިގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 291 ލަނޑު ހެދިއެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 129 ލަނޑު ހަދައިދިން އިބްރާހިމް ޒަދްރާންއެވެ. މިއީ ވޯލްޑް ކަޕެއްގައި އަފްޣާނިސްތާންގެ ކުޅުންތެރިޔަކަށް ހެދި ފުރަތަމަ ސެންޗަރީއެވެ.

އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ނުވަ އޯވަރު 39 ލަނޑަށް ދެ ވިކެޓު ނަގައިދިން ޖޯޝް ހެޒްލްވުޑްއެވެ.

އަފްޣާނިސްތާންގެ ލަނޑުގެ އަދަދު ވެގެން ދިޔައީ އޮސްޓްރޭލިއާއިން ވޯލްޑް ކަޕް މެޗެއްގައި ފަހުން ކުޅެން އަރައި ޗޭސް ކުރަން ޖެހުނު އެންމެ ބޮޑު އަދަދަށެވެ. އެހެން ކަމުން އޮސްޓްރޭލިއާއިން ޖަވާބުގައި ކުޅެން އެރީ މިކަން ހާސިލްކޮށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމުގެ ނިޔަތުގައެވެ.

ނަމަވެސް އެ ޓީމުގެ ފެށުން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ 49 ލަނޑަށް ހަތަރު ވިކެޓް ގެއްލިގެންދިޔައެވެ.

މެޗުގައި އޮސްޓްރޭލިއާގެ ބަތަލަކަށް ވެގެންދިޔައީ ފަސްވަނައަށް ކުޅެން ނިކުން މެކްސްވެލްއެވެ. ނަމަވެސް އޭނާއަށް ވެސް މެޗުގެ ތެރެއަށް ވަދެވެން ވަގުތު ކޮޅެއް ނެގިއެވެ. އަދި، އޮސްޓްރޭލިއާއަށް ހަތް ވިކެޓް ގެއްލުނު އިރު ހެދިފައި އޮތީ 91 ލަނޑެވެ. މެޗުގައި އޭގެ ފަހުން މެކްސްވެލްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން އެންމެން ހައިރާން ކޮށްލިއެވެ.

އޭނާ ވަނީ ނުބައިނުވެ 201 ލަނޑު ހަދައިދީފައެވެ. އަފްޣާނިސްތާނަށް އޭނާ ނުބައިކޮށްލަން ރަނގަޅު ދެ ފުރުސަތު ލިބުނު ނަމަވެސް އެ ދެ ފަހަރު ވެސް އޭނާ ޖެހި ބޯޅަ ހިފޭގޮތް ނުވީއެވެ. ވަރަށް ފަހުން ބަގީއަކުން ވެއްޓި އުނަގަނޑަށް އަނިޔާވެފައިވި މެކްސްވެލްއަަށް މި މެޗު ކުޅެމުންދިޔައިރު މި ކަމުގެ އަސަރު ކުރުމުގެ އިތުރުން އަކުނިވަޔަށް ދެމުމުގެ މައްސަލައާ ވެސް ދިމާވިއެވެ. ނަމަވެސް މި ހުރިހާ ކަމަކާ އެކު ވެސް އޭނާ ވަނީ ފަހަކަށް އައިސް ބެޓްސް މަނެއްގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުން ދައްކައިފައެވެ.

މި އީނިންގްސް އޭނާ ނިންމައިލީ 21 ފަހަރު ހަތަރަކަށް ޖެހުމުގެ އިތުރުން 10 ފަހަރު ހަޔަކަށް ޖަހައިފައެވެ. މެކްސްވެލް ވެފައިވަނީ އެއް ދުވަހުގެ މެޗެއްގައި ދެ ސެންޗަރީ ހެދި 11 ވަނަ ކުޅުންތެރިޔާއަށެވެ. އަފްޣާނިސްތާން ޓީމުން ނެގި ހަ ވިކެޓް ނަގައިދީފައިވަނީ ނަވީނުން ހަގް، ޜަޝިދު ހާން އަދި އަޒްމަތުﷲ އޮމަރުޒާއީއެވެ.

މި ކާމިޔާބީއާ އެކު އޮސްޓްރޭލިއާ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ އަށް މެޗުން ލިބިފައިވާ 12 ޕޮއިންޓާ އެކުއެވެ. އަދި، އަފްޣާނިސްތާން އޮތީ އަށް ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގައެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގައަށް މިހާރު ވާދަކުރަމުންދަނީ ނިއުޒީލަންޑް، ޕާކިސްތާން އަދި އަފްޣާނިސްތާންއެވެ. މި ތިން ޓީމު ވެސް މިހާރު އޮތީ އަށް ޕޮއިންޓްގައެވެ.

comment ކޮމެންޓް