މިދިޔަ ހަފުތާ ހދ. ކުޅުދުއްފުށިން ގެއްލުނު މީހާ އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ހޯދަމުން ދަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ، އަބްދުﷲ އިބްރާހީމް، 39، އެވެ.
މިކަމާ ގުޅޭގޮތުން މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ އަބްދުﷲ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ފެނިފައިވާ ނުވާ ކަމަށެވެ.
އެހެން ނަމަވެސް އަދިވެސް ފުލުހުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގެއްލުނު މީހާގެ އާއިލާއިން ކުރިން މައުލުމާތު ދިން ގޮތުގައި، މާލެއާއި ކުޅުދުއްފުއްޓާއި ދެމެދު ދުއްވާ ސީކުއީން ބޯޓުން އަބްދުﷲ މާލެ ދިޔަ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް ފަހުން ވީ ގޮތެއް އާއިލާއަކަށް ވެސް ނޭނގެއެވެ.
އެހެންކަމުން އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. ފުލުހުން އެމީހާ ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.