"މައާލް… މައާލް ބަނޑުބޮޑު…" ރާދިންއަށް ވައި އަޑުން ބުނެވުނެވެ.

އަމިއްލަ ނަފްސުގައި އުފެދުނު ތޫފާނުގެ ސަބަބުން ރާދިންއަށް ހީވީ މުޅި ދުނިޔެވެސް ހުއްޓުނު ހެންނެވެ. މައާލްގެ ކަރުނައިން ފުރިގެންވީ ދެލޮލާއި ލިބުނު ހުރިހާ އުފަލެއް ރާދިން ފޭރިގަތްކަމުގައި ބުނި ބަހުގެ މާނަ ސާފުވިއިރު، އެކަމަށް ވެސް އެ ބަސްތައް ނިސްބަތްވާކަން އެނގި އޭނާއަށް ބަޔާންކުރަން ދަތި ވޭނެއް ލިބިފައިވެއެވެ. އެ ހުރިހާކަމެއް އެ ގޮތަށް ހުރި ނަމަވެސް، އެންމެ ދެރަވީ މައާލް އެ ޚަބަރު އޭނާއަށް ނުދިނީތީއެވެ. މައާލްގެ ބަނޑުގައި އެވަނީ އޭނާގެ ދަރިއެކެވެ. އޭނާއާ މައާލްގެ ލޯބީގެ ނިޝާނެކެވެ. ވީއިރު އެކަން އޭނާއަށް އެނގުމުގެ އިޚްތިޔާރު އޭނާއަށް ލިބެންޖެހޭނެ އެއް ނޫންހެއްޔެވެ؟ ނޫނީ އޭނާ ކުރި ފާފައިގެ ސަބަބުން އެ ހައްޤުވެސް އޭނާއަށް ގެއްލުނީހެއްޔެވެ؟ މައާލްއާ މެދު ހިތުގައި ޝަކުވާ އުފެދުނީ އޭނާއަކީވެސް އިންސާނަކަށް ވާތީއެވެ. އެހިތަށްވެސް ތަދުވާތީއެވެ. އެފަދަ ބޮޑުކަމެއް މައާލް އޭނާއަށް ސިއްރު ކުރުމުން މައާލް ގެ ހިތުގައި އޭނާއާ މެދު ނަފްރަތާ ރުޅިވެރިކަން ވާ މިންވަރުވެސް އޭނާއަށް އަންދާޒާކޮށްލެވިއްޖެއެވެ. އެ ޚިޔާލުން އެކަނިވެސް ރާދިންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. މޭގައި އުފެދުނު ތޫނު ރިހުން އޭނާގެ މުޅި ހަނށިގަނޑުގެ ހުރިހާ ސެލްތަކަކަށްވެސް ފެތުރެން ފެށިފަދައެވެ.

އެއްފަހަރު މައާލްގެ ރިޕޯޓަށް، އަނެއްފަހަރު ސަޖާގެ ރިޕޯޓަށް، ބަލަމުން ދިޔަ ރާދިންގެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު، އޭނާ ރިޕޯޓްތައް ބަހައްޓަމުން ހޮސްޕިޓަލަށް ދާން ނިންމިއެވެ. އެ އެނގުނު ހަޤީގަތެއްގެ ސަބަބުން އިތުރަށް މަޑުކޮށްގެން ހުނާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

ރާދިން ގެއިން ނުކުމެގެން ގޮސް، ސައިކަލަށް އަރާ ސްޓާރޓްކޮށްލިއެވެ. އޭނާގެ މިސްރާބަކަށްވީ ހޮސްޕިޓަލަށް ދިޔުމެވެ.

*****

ހަވީރުން ފަށައިގެން މައާލްގެ ބަނޑަށް އަރަމުން ދިޔަ ތަދު ރޭގަނޑުވިއިރު، ވަނީ ވަރަށް ބޮޑުވެފައެވެ. ދަރިފުޅަށް ކަމެއް ވެދާނެތީ އިންތިހާ ކަންބޮޑުވެފައިވާ މައާލްވަނީ ނަފްސާނީ ގޮތުންވެސް ބަލިކަށިވެފައެވެ. މައާލްގެ ތަދަށް ލުޔެއް ނުލިބުނެވެ. ކެތްނުވާވަރަށް ރިއްސާތީ މައާލްއަށް ރޮވެން ވެސް ފެށިއެވެ. އޭރު ޑޮކްޓަރުން އޭނާގެ ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. މުނީރު ހުރީ ބޭރުގައި މަޑުކޮށްލައިގެންނެވެ. ޑޮކްޓަރުން ދެންމެ އޭނާގެ ގާތުގައި ދެއްކި ވާހަކަތަކަށް ވިސްނާލުމަށްފަހު، އެންމެރަނގަޅު ގޮތަކީ ރާދިންއަށް ގުޅުންކަން މުނީރަށް ވިސްނުނެވެ. މައާލްގެ ޙާލަތު ރާދިންއަށް އެނގެން މުހިންމުކަމުގައި އޭނާއަށް ވިސްނުނީއެވެ. މައާލްގެ އެދުމަށް އެ ހުރިހާ ކަމެއް ސިއްރުކުރިނަމަވެސް، މިވަގުތު ރާދިން އެތަނަށް އައުން މުހިންމެވެ. ގުޅަންވެގެން ފޯނު ނެގިތަނާ އޭނާގެ ލޮލުގައި އެ ދިމާލަށް އަންނަމުން ދިޔަ ރާދިން އަޅައިގަތެވެ.

"ރާދިން…" އޭނާއަށް ގޮވާ ލެވުނެވެ.

"މައާލްއަށް ކިހިނެއްވީ؟" ރާދިންއަށް ސުވާލުކޮށްލެވުނީ ހާސްކަމާއެކުގައެވެ.

"ޑޮކްޓަރުން އެބައުޅޭ އެތެރޭގައި." ރާދިން ގާތު މައާލް ބަނޑުބޮޑުކަން ހާމަކޮށްފައި މައާލްގެ ޙާލަތު ކިޔައިދޭނީ ކިހިނެއްކަމެއް މުނީރަކަށް ނޭނގުނެވެ. އެހެން ބުނެލާފައި ހިނދުކޮޅަކު އޭނާއަށް ވިސްނަން ހުރެވުނީ އެހެންވެގެންނެވެ.

"މައާލްގެ ޙާލަތު އެހާ ރަނގަޅެއް ނޫން… " މުނީރުގެ އަޑުގައިވި އަސަރުން ރާދިންގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.

"މައާލްއާއި ބޭބީ…" އެހެން ބުނެލާފައި ރާދިންއަށް މަޑުޖެހެވުނެވެ. މުނީރު ދެފަރާތަށް ބޯ ހޫރާލީއެވެ. ރާދިންއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

"ރާދިންއަށް އެނގޭތަ؟" މުނީރު ސުވާލުކޮށްލުމާއެކު، ރާދިން ބޯ ޖަހާލިއެވެ.

އިތުރަށް ވާހަކަ ނުދެކެވި އުޅެނިކޮށް ނަރުސް ކުއްޖަކު ނުކުމެ ދަރިފުޅު ބައިގެން ދިޔަ ޚަބަރު ދިނެވެ. އެއާއެކު ރާދިންގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. ހިތަށް ވީ ގޮތް ބަޔާންކުރާކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެއީ ދުވަހަކުވެސް އޭނާއަށް ކުރުވި އިޙްސާސްއެއް ނޫނެވެ.

ރާދިންގެ މޫނުމަތިން މުނީރަށް ފެނުނު އަސަރުތައް މާނަކުރާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. އެމޫނުމަތިން އޭނާއަށް ފެނުނީ ޝަކުވާއާއި ވޭނެވެ. ހިތާމަޔާއި ހިތްދަތިކަމެވެ. ރާދިންގެ މޫނުމަތީގައިވީ މަޑުމޮޅިކަމުގެ ސަބަބުން މުނީރަށް ރާދިންގެ ކައިރިއަށް ޖެހިލެވުނެވެ. އޭނާ ރާދިންގެ ކޮނޑުގައި އަތް ޖައްސާލަމުން ހިތްވަރު ދިނެވެ. އަދި މިވަގުތު ރާދިން ހިތްވަރުކުރުން ވަރަށް މުހިންމު ކަމުގައި މުނީރު ރާދިންއަށް ވިސްނައިދިނެވެ. މުނީރުގެ ވާހަކަތަކުންވެސް ރާދިންގެ ހިތަށް ކުޑަވެސް ތަސައްލީއެއް ނުލިބުނެވެ. ދަރިފުޅު ބައިގެން ދިޔަ ޚަބަރާއެކު، އެ ހިތް އިތުރަށް މާޔޫސްވުން ނޫންކަމެއް ނުވިއެވެ. ކަންތައްވީ ގޮތުން މައާލް މިހާރަށް ވުރެ ބޮޑަށް އޭނާއާ ދުރުވާން ބޭނުންވާނެކަން ރާދިންއަށް އެނގެއެވެ. އެހެން ހިތަށް އެރުމާއެކު، އެހިތުގެ ހިނގުން މަޑުޖެހިލިއެވެ. އޭނާއަށް ވިސްނަން ހުރެވުނު އިރު، މުނީރުގެ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ރާދިންއަކަށް ނުދެވުނެވެ. އޭނާގެ ހިތާ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ މައާލްއެވެ. އެ ދެމެދަށް ވެރިވެފައިވާ ދުރުކަމެވެ.

"މައާލް ކިހިނެއްތޯ؟" ޑޮކްޓަރު ނުކުތުމުން މުނީރަށް އަަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. ރާދިންވެސް ޑޮކްޓަރަށް ބަލައިލަމުން، ހިތް އަވަސްވެފައިވާ ޙާލު ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ.

"އަލްޙަމްދުލިއްލާހި. މައާލްގެ ޙާލު ރަނގަޅު. މިވަގުތު ނިދިފަ އޮތީ… ސައިކޮލޮޖިކަލީ އަދި ޕިޒިކަލީވެސް ވަރަށް ވީކް. އެހެންވީމަ ޓްރިގަރ ވާނެ ފަދައެއްވެސް ވާހަކައެއް ހޭލިޔަސް ނުދެއްކުން ރަނގަޅުވާނީ…" ޑޮކްޓަރު މައާލްގެ ޙާލަތު އޮޅުން ފިލުވައިދެމުން ދިޔައިރުވެސް، ރާދިންއަށް ކުރެވެމުން ދިޔަ ކުށްވެރި އިޙްސާސުން އޭނާގެ ނަފްސު މިންޖުކުރެވޭ ގޮތެއް ނުވިއެވެ. މުނީރު ޑޮކްޓަރަށް ޝުކުރު އަދާކޮށްފައި ރާދިން ގޮވައިގެން މައާލްއޮތް ކޮޓަރިއަށް ވަނެވެ. އެވަގުތު އެތަނުގައި ހުރި ނަރުސްކުއްޖާ ބޭސް ސިޓީ ދިއްކޮށްލަމުން، ބޭސް ނެގުމަށް ބުނެލިއެވެ.

"ބައްޕަ މި އަންނަނީ… ރާދިން މަޑުކުރޭ…" މުނީރު އެހެން ބުނެލާފައި، ކޮޓަރިން ނުކުތެވެ.

ރާދިން މައާލް އޮތް އެނދާ ކައިރިއަށް ޖެހިލާފައި ވަރަށް ފަރުވާތެރިކަމާއެކު، ފުން ނަޒަރަކުން މައާލްގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ދުޅައިގެ އަސަރު ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައިރު ދެލޯ ކައިރިވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. މޫނުމަތިން ފެންނަ މައުސޫމްކަމާ އެއްވަރަށް ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. ނިދާފައި އޮތްނަމަވެސް، މައާލްގެ މޫނުމަތިން އޭނާ ކުރަމުންދާ ހިތާމަ ދޭހަވަމުން ދިޔައެވެ. އައިވީ ގުޅާފައިވާއިރު، ދެއަތްވަނީ ބަނޑާ ދިމާލުގައި ބާއްވާލެވިފައެވެ. ނޭވާލަމުން ދިޔައީވެސް ވަރުބަލިވެފައިވާ ފަދަ ގޮތަކަށެވެ. ނިދީގައި އޮވެ ދެބުމަ ކައިރިކޮށްލާފައި ގެނައި ހަރަކާތުންވެސް ހީވަނީ ބޮޑު ވޭނެއް ތަޙައްމަލް ކުރަން ދަތިވެގެން އުޅޭހެންނެވެ. ރާދިން އެތަނުގައި ހުރި ގޮނޑި ދަމައިލުމަށްފަހު، އެނދާ ކައިރިކޮށްލުމަށްފަހު، އިށީނދެލިއެވެ. އެއަށްފަހު އޭނާ މަޑުމަޑުން އަތް ހަރަކާތްކޮށްލުމަށްފަހު، މައާލްގެ އަތުގައި ހިފައްޓާލިއެވެ. ދެ އަތުގެ ތެރޭގައި މައާލްގެ އަތް ފޮރުވާލައިގެން އިރުކޮޅަކު އިނުމަށްފަހު އެ އަތް ގެންގޮސް ތުންފަތުގައި ޖައްސާލިއެވެ.

"އައި އެމް ސޮރީ…" ވައިއަޑުން އެ ބަސްތައް ނުކުތުމާއެކު، އޭނާ ބަލައިލީ މައާލްގެ މޫނަށެވެ. މައާލްގެ ފަން އިސްތަށިގަނޑު އެއްފަރާތްކޮށްލަމުން، އެ ކޯތާފަތުގައި ރާދިން ފިރުމާލިއެވެ. އޭނާއަށް އެތަކެއްފަހަރަކު މައާލްގެ ކިބައިން މާފަށް އެދެވުނެވެ.

"އަހަންނަކަށް ނޭނގެ އެރޭ ވީ އެއްވެސް ކަމެއް. މައާލްއާ އިންފަހުން ސަޖާ ކައިރިއަށް ނުދަމަކޭ އަހަރެން ނުބުނާނަން. ގެއަށް ސަޖާ ނުގެންނަމެކޭވެސް ނުބުނާނަން. ސަޖާއާއެކީ އުޅެން ނުޖެހޭ ގޮތްގޮތަށް ނޫޅެމެކޭ ވެސް ނުބުނާނަން. އެހުރިހާކަމަކީވެސް އަހަންނަށް ކުރެވުނު ކުށެެއް. އެކަމަކު އެރޭ އެބުނާ ފަދަ ގުޅުމެއް އަހަރެން އޭނައާ ނުބާއްވާތާ އެތައް ދުވަހެއް. އަހަރެންގެ ހިތުން މައާލްއަށް ދެވިފައިވާ މަޤާމު އެހެން އަންހެނަކަށް ނުދެވޭނެ. އަހަރެން އޭނައާ ވަކިވީކަމުގައި ބުންޏަސް މައާލްއަށް ގަބޫލުނުކުރެވޭނެކަން އަހަންނަށް އެނގޭ. އެކަމަކު…." މައާލް ކުޑަކޮށް ތެޅިލުމާއެކު ރާދިންގެ ވާހަކަ ވަގުތުން މެދުކެނޑި ހިތްވެސް އަވަސްވާގޮތްވިއެވެ. އޭނާއަށް މައާލްގެ އަތުން ދޫވެސް ކޮށްލެވުނެވެ. އުނދަގޫވެގެން އުޅޭފަދަ ގޮތަަކަށް އުޅުމަށްފަހު، މައާލް މަޑުމަޑުން އެސްފިޔަޖަހާލާފައި ލޯ ހުޅުވާލިތަން ބަލަން އިން ރާދިންއަށް އޭނާގެ ހަށިގަނޑު ސީދާ ކޮށްލެވުނެވެ. ހިތަށް އަރާ ފައިބަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުން ނޭވާ ލާންވެސް ހަނދާންނެތިފައި އިން ފަދަ ގޮތަކަށް ރާދިން އިނެވެ.

ފެނުނު އަނދިރިކަމުގެ ސަބަބުން މައާލް އަނެއްކާވެސް ދެލޯ މަރާލިއެވެ. ކިތަންމެ ވަރަކަށް ލޯ މަރާފައި ލޯ ހުޅުވިނަމަވެސް، އަނދިރިކަން ނޫންއެއްޗެއް ނުފެންނާނެކަން އޭނާއަށް އެނގެއެވެ. މިހާރު އޭނާއަށް ފެންނަމުން އެދާ އަނދިރިކަންވެސް މައާލްއަށް ސިފަވީ އޭނާގެ ޙަޔާތުގައިވާ އަނދިރިކަން ފަދައިންނެވެ. ރާދިންގެ އެ ބޭވަފާތެރިކަން ހަނދާންނައްތާލާފައި ކުރިއަށް ދާނީ ކިހިނެއްހެއްޔެވެ؟ ހިތެއްގައި ފުން ލޯބި ވާނަމަ، އެ ލޯތްބާ ދުރަށް ދާން އުނދަގޫވާނެކަމުގައި މީހުން ބުނާ ބަހުގެ ތެދުކަން މައާލްއަށް އިޙްސާސްވެއްޖެއެވެ. ހަޤީޤީ ލޯބިވާނަމަ، ތިމާއަށް އެމީހާ ކިތަންމެ އަނިޔާވެރިވީނަމަވެސް، އެ ލޯބި ހިތުން ފުހެ އެއްލާލުމުގެ އުނދަގޫ އޭނާއަށް އެބަ އިޙްސާސްވެއެވެ. ލޯބިވާ މީހެއްގެ ފަރާތުން ލިބޭ ވޭން އެތައް ގުނައެއް ބޮޑުކަމުގައި މީހުން ބުނާ ބަހުގެ ހަޤީޤަތް އޭނާގެ ލޯ މައްޗަށް އެދަނީ ފެނި ހާމަވަމުންނެވެ. ފަހަރުގައި ރާދިން ދެކެ ލޯބިނުވާނަމަ ހިތަށް މިހާ ތަދު ނުވީސް ކަންނޭނގެއެވެ. ވީކަމެއް ނުވާކަމަށް ހަދާލައިގެން އުޅެވުނީސްކަންނޭނގެއެވެ. މައާލްގެ ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ލޮލުގެ ހިމަކޮޅުން ފައިބައިގެން ދާން ފެށިއިރުވެސް އޭނާއަށް އެކަން ވެސް އިޙްސާސްއެއް ނުވެއެވެ. އެއް ދިމާލަކަށް ބަލަަހައްޓައިގެން ހުއްޓިފައި ކަހަލަ ގޮތަކަށް މައާލް އޮންނަން ފެށުމުން ރާދިން ކަންބޮޑުވިއެވެ.

"މައާލް…" އޭނާ މަޑުމަޑުން ގޮވާލުމުންވެސް މައާލްއަށް ރޭކާއެއް ނުލިއެވެ.

"މައާލް… މައާލް…" ކަންބޮޑުވި ރާދިން ކުޑަކޮށް މައާލްގެ އަތުގައި ހިފާ ތަޅުވާލާފައި މައާލްއަށް ގޮވާލުމާއެކު މައާލް ފުންކޮށް ދެތިންނޭވާ ލިޔެވެ. ދެން އިވުނީ މައާލްގެ ގިސްލުމުގެ އަޑެވެ.

"ރާދިން ކީކުރަން ތިއައީ؟" ރާދިންގެ އަތް ފޮޅުވާލަމުން މައާލް ބުނެލިއެވެ.

"މައާލް. ނުރޮއި. ކީއްވެ އަހަރެންގެ ކައިރީގައި ނުބުނީ މައާލް ބަނޑުބޮޑުވާހަކަ. އެކަން އެނގުމުގެ ހައްޤުވެސް އަހަންނަށް ނެތީތަ؟" އެ ނާޒުކު ވަގުތުކޮޅުގައި މައާލްއެކޭ އެއްގޮތަށް ރާދިންވެސް ވަނީ ބަލިކަށިވެފައެވެ. ޝަކުވާ ކުރެވުނީ ބޭއިޚްތިޔާރުގައެވެ.

"ރާދިންގެ ސަބަބުން މިހުރިހާކަމެއް މިހެން ދިމާވީ…" ޖަޒުބާތުގައި ޖެހުނު މައާލް ކުށްވެރިކުރަމުން ދިޔައީ ރާދިންއެވެ. މައާލް ވަނީ ހަމަ ހަޤީޤަތުގައިވެސް ވަރަށް ބަލިކަށިވެފައެވެ. އިތުރު މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

"ތިހެން ނުބުނޭ މައާލް… އެއީ އަހަރެންގެވެސް ދަރިއެކޭ… ކީއްވެތަ ނުބުނީ؟ " ރާދިންއަށް ބުނެވުނެވެ.

"ރާދިން އަހަރެން ހުރި މަޤާމުގައި ހުރިނަމަ ކަންތައް ކުރާނީ ކިހިނެއް؟ ބަނޑުބޮޑުކަން ޔަޤީންވި ދުވަހު ހިލޭ އަންހެނެއް އައިސް އޭނަ ބަލިވެ އިނީ އަމިއްލަ ފިރިމީހާގެ ދަރިއަކަށޭ ބުނީމަ އެ ކުރެވޭ އިޙްސާސް އެކަކަށްވެސް ނޭނގޭނެ." މައާލްއަށް ޝަކުވާކުރެވުނެވެ. އެ ޝަކުވާތަކުގައިވަނީ ވޭނާ ކެކުޅުމެވެ. ހަރުކަށިކަމާއި ރުޅިވެރިކަން އަޑަށް ގެންނަން މަސައްކަތް ކުރިނަމަވެސް، މައާލްގެ އަޑު ނުކުތީ މަޑުންނެވެ. ވެދިޔަ ހުރިހާކަމަކާ މެދު މާޔޫސްވެފައިވާވަރު އެ އަޑުން އެކަނިވެސް ހާމަވަމުން ދިޔައެވެ. މައާލްގެ އެ ބަސްތަކާއެކު ރާދިންގެ ދޫ ހިމޭންވިއެވެ. މިފަހަރުވެސް އިސްޖަހާލަން މަޖުބޫރުވީ ރާދިންއަށެވެ.

"ސޮރީ…" ރާދިންގެ ދުލުން ނުކުތް ހަމައެކަނި ބަހަކީ އެއީއެވެ.

"ޕްލިޒް ރާދިން، އަހަރެން ފެންނަ ހިސާބަށް ނާދޭ…" މައާލް ދެން ބުނި ހާވެސް އެއްޗަކީ އެއީއެވެ. އިތުރަށް ރާދިންއާ ވާހަކަ ދައްކާ ޚިޔާލު އޭނާ ދޫކޮށްލިއެވެ. ރާދިންގެ އަޑު އިވި އޯގާތެރިކަން ރާދިންގެ ފުށުން ލިބޭނަމަ، އިތުރަށް އޭނާ ބަލިކަށިވުން ނޫންކަމެއް ނުވާނެއެވެ. މިހާރުވެސް އޭނާވަނީ ރާދިންގެ ފަރާތުން ލިބޭ އޯގާތެރިކަމާ ލޯތްބަށް އާދަވެފައެވެ.

މައާލްއަށް އަރާމު ބޭނުންވާނެތީ، އޭނާ އެތަނުގައި އިންހާ ހިނދަކު މައާލްއަށް އެ ހުރިހާކަމެއް ކުޑަ ވަގުތުކޮޅަކަށް ވިޔަސް ހަނދާނުން ފުހެލަން އުނދަގޫވާނެކަން ވިސްނި ރާދިން އެތަނުން ނުކުތުމަށް ގޮނޑިން ތެދުވިއެވެ. މައާލްއަށް އޭނާއާ ވަކިން ވަގުތު ބޭނުންވާކަން ރާދިންއަށް ވިސްނުނެވެ.

އޭނާ ގޮސް ދޮރު ހުޅުވާލާފައި ނުކުތްއިރު، ބޭރުގައި މުނީރު ހުއްޓެވެ.

"މައާލް ހޭލައިފި." ރާދިން މުނީރަށް ބަލައިލަމުން ބުނެލިއެވެ.

"ދަނީތަ؟" ރާދިންއަށް ބަލާލަމުން މުނީރު ސުވާލުކޮށްލިއެވެ.

"ނޫން. ނިންމަންޖެހޭ ހުރިހާކަމެއް ނިންމާފަ ދާނީ… " ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. "ޝީ ނީޑްސް ސަމް ޓައިމް."

ހޮސްޕިޓަލުން ނިންމަން ޖެހުނު ބައެއް ކަންތައްތައް ހުރުމާއެކު އެ ހުރިހާކަމެއް ނިންމާލާފައި އެކީ އެކައްޗަކަށް ރާދިން ގެއަށް ދިޔައިރު މެންދަމުން އަލިވެ ދެއެއް ޖަހަނީއެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ނުވެސް ކައި ހުރުމުން ބަނޑުހައިކަންވެސް އިންތިހާއަށް އިޙްސާސްވަމުން ދިޔައެވެ. އެހެންކަމުން ކޮޓަރިއަށް ވަދެފައި ވެސް އޭނާ ނުކުމެގެން ކާކޮޓަރިއާ ދިމާލަށް ދިޔައެވެ. ޕާނެއް ނަގާ ޓޯސްޓްކޮށްލާފައި ލުއި ގޮތެއް ހަދާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ކިތަންމެ ވަރުބަލިވެފައި ހުރިނަމަވެސް، ނިދުމަކީ ރާދިންއަށް އުނދަގޫކަމަކަށް ވިއެވެ. އޭނާ އަށް ނިދުނީ ފަތިސްނަމާދުވެސް ކޮށްލައިގެންނެވެ.

ހެނދުނު ހޭލެވުނީ އެގާރަޖަހާ ބޮޑުވެފަ ހުއްޓައެވެ. އެންމެ ފުރަތަމަވެސް އޭނާ ގުޅީ މުނީރަށެވެ. މައާލްގެ ޙާލަތު އިހުނަށްވިރެ ރަނގަޅުކަން އެނގުމުން އޭނާގެ ހިތަށް ތަސައްލީއެއް ލިބުނެވެ. ފޯނު ބާއްވާފައި ފެންވަރާލަންވެގެން ދާން ވެގެން އެނބުރި ލިވަގުތު އަނެއްކާވެސް ފޯނު ރިންގްވިއެވެ. ގުޅީ މާހިލްއެވެ. ރާދިން ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ވާހަކަ ދެއްކުމުން މާހިލް ސުވާލުކުރީ އޮފީހަށް ނާންނާތީ އެކަމާ ގުޅޭ ގޮތުންނެވެ. ރާދިން އޭނާ ބަލިވެ އުޅޭކަމަށާއި މުހިންމު އެއްޗެއްގައި ސޮއިކުރަން ޖެހޭނަމަ ގެއަށް ފޮނުވަން އެދުނެވެ. އަދި އޭނާ އިތުރު ހަފްތާއަކަށް ޗުއްޓީއަށް ނަގާނެކަމުގައި ބުންޏެވެ. އެއަށްފަހު އޭނާ ދިޔައީ ފެންވަރާލުމަށެވެ.

*****

މައާލް ގެއަށް ދޫކޮށްލީ ހޮސްޕިޓަލްގައި އޮންނަތާ ދެ ދުވަސްފަހުންނެވެ. މައާލް ދޫކޮށްލި ވަގުތު ރާދިންވެސް އެތަނުގައި ހުއްޓެވެ. ރާދިން މައާލްއާއެކު ދާން އުޅުނު ނަމަވެސް، މައާލްގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާ ފަސްޖެހުނެވެ. އެހެންކަމުން އޭނާ ދިޔައީ ކާރުގެ ފަހަތުން ސައިކަލުގައެވެ. ގެއާ ހިސާބަށް ގޮސް ގޭޓުން ކާރު ވަނުމުން އަނބުރާލާފައި ރާދިން މިސްރާބުޖެހީ ގެއަށެވެ. މައާލް މިއަދުވެސް ރާދިން އޭނާގެ ކައިރީގައި ހުންނަން ނޭދޭކަމުގައި ބުނެފައިވާތީ ކިތަންމެ ބޭނުން ވިނަމަވެސް، މައާލްގެ ކައިރީގައި ހުންނަން އޭނާއަށް ނުކެރުނީއެވެ.

ގެއަށް ގޮސް ވެސް އެކަނިވެރިކަން އިޙްސާސްވަމުން ދިޔަ ރާދިން އަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތް ނުތަނަވަސްވަނީއެވެ. އުނދަގޫވަނީއެވެ. މައާލް މަތިން ހަނދާންވަނީއެވެ. އެ ޙާލުގައި މައާލް ވަނިކޮށް އެކަނި ދޫކޮށްލަން އޭނާގެ ހިތް ނޭދެނީއެވެ. މި ދުވަސްކޮޅަކީ މައާލްއަށް އޭނާގެ އެހީތެރިކަން ވަރަށް ބޭނުންވާނެ ދުވަސްކޮޅެކެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އަޅަނީ ތަޤުދީރެވެ. މި ޙާލަތެވެ. ރޭގަނޑުވީއިރު މައާލް ކައިރިއަށް ނުގޮސް ހުންނަން ރާދިންއަށް ދަތިވިއެވެ. އެންމެފަހުން އޭނާ ގެއިން ނުކުތެވެ. ސައިކަލަށް އަރާ ދުއްވާލީ މޫން ވެލީއަށް ދިޔުމަށެވެ.

ގެއާ ހިސާބަށް އާދެވުމުން ދުވެލި މަޑުކޮށްލާ ސައިކަލުގައި ގޭގެ ގޯތިތެރެއަށް ރާދިން ވަނެވެ. ސައިކަލު މަތީގައި އިރުކޮޅަކު އިނުމަށްފަހު ގޮސް އޭނާ ގޭތެރެއަށް ވަނެވެ. އޭނާ ދިޔައީ ކުރިންވެސް މައާލް އުޅުނު ކޮޓަރިއާ ދިމާލަށެވެ. އޭރު އެމާ ކޮޓަރިން ނުކުންނަނީއެވެ. އެމާގެ އަތުގައި ހުސް ޖަގެއް އޮތުމުން ފެން ބަލާ ނުކުތީކަން ރާދިންއަށް އެނގުނެވެ. ރާދިން އައުމުން އެމާ ކާކޮޓަރިއަށް ގޮސް މައާލް ކައިރިއަށް ދާން ނުކެރިފައި ހުރީއެވެ.

ރާދިން ކޮޓަރިއަށް ވަތްއިރު، މައާލް އިނީ ސޯފާގައެވެ. އަދިވެސް ވަރުބަލިކަން އެ މޫނުމަތީގައިވެއެވެ.

"މައާލް!"

ރާދިން ގެ އަޑުއިވުމާއެކު މައާލް މަޑުމަޑުން ތެދުވެލިއެވެ. އޭނާ ގޮސް މައާލްގެ ގައިގައި ބައްދާލިއެވެ.

"އާރ ޔޫ އޯކޭ؟" ރާދިންގެ އެ އަމަލުން މައާލްއަށް ޝޮކެއް ލިބިގެން ދިޔައެވެ. ރާދިންގެ އަޑުގައިވަނީ އޯގާތެރިކަމެވެ.

"ދުރަށްދޭ ރާދިން… ޔޫ ރުއިންޑް އެވްރީތިންގ. އަހަރެންގެ ދަރިފުޅުވެސް ގެއްލުނީ ރާދިންގެ ސަބަބުން. " އެހެންނަމަވެސް އަމިއްލަ ޖަޒުބާތުތައް ހަމައަކަށް އަޅުވާލަމުން މައާލް އެ ސުވާލަށް ޖަވާބު ނުދީ ރާދިން ދުރުކޮށްލީއެވެ.

"މައާލް. ތިހެން ނުހަދާ… މީ އަހަންނަށްވެސް ލިބުނު ދެރައެކޭ. އަހަރެންވެސް އެ ދަރިފުޅު ބޭނުންވިޔޭ… ދެން ކީއްވެ؟" ރާދިންއަށް ބުނެވުނެވެ.

"ރާދިންއަށް ނޭނގެނީތަ ހަމަ؟" މައާލް ސުވާލެއްކޮށްލިއެވެ. އޭނާ ހުރީ ދޫދޭގޮތަކަށް ނޫނެވެ. ރާދިންގެ ކުރިމަތީގައި ބަލިކަށިވާކަށް މައާލް ބޭނުމެއް ނޫނެވެ.

"މައާލްގެ ކައިރީގައި ހުންނަން ފުރުސަތެއް ދީބަލަ. ހުރިހާކަމެއް އެކްސްޕްލެއިން ކޮށްދޭން އެންމެ ޗާންސެއް ދީބަލަ. ހެޔޮނުވާނެ." ރާދިންވެސް މިހާރު އާދޭސްކުރަނީއެވެ.

" އެހެންކަމެއް ވީނަމަ ދެވުނީސް ކަންނޭނގެ. އެކަމަކު އެއަންހެން މީހާ އައިސް އޭނަ ރާދިންގެ ދަރިއަކަށް ބަލިވެއިންކަން ބުނީ އަހަރެންގެ ކައިރީގައޭ. އަހަރެންގެ ކުރިމަތީގަ އަހަރެންގެ ގެއަށް ގެނެސް ގެން އޭނަ ގެންގުޅުނީ. ވަކިން ތަނެއްގަ ބަހައްޓާފަ ގުޅުން ބާއްވަމުން ދިޔައީ.. އެ ހުރިހާކަމެއް ދޮގުކުރާކަށް ރާދިންއަަކަށް ނުކެރުނު. އެވަރުންވެސް ތިބުނަނީ އެކްސްޕްލެއިން ކުރަން ޗާންސެއް ދޭށޭ. ރާދިންގެ އަޑު އިވުނަސް އެ ހުރިހާކަމެއް އަހަރެން ހަނދާންވަނީ. ހެޔޮ ނުވާނެ ދޭ…"

ރޮމުން ރޮމުން މައާލް ދެއްކި ވާހަކަތައް ދޮރުކައިރީގައި ހުރި މުނީރަށް އަޑު އިވުމާއެކު ލިބުނު ޝޮކުން ކޮޅަށް ހުންނަން ވެސް އޭނާއަށް ދަތިވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު