އިސްރާއީލްގައި ހުންނަ ދެކުނު އެފްރިކާގެ ސަފީރުންވެސް ގައުމަށް ގެންދަނީ

ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ނަލޭދީ ޕެންޑޯރު ފޮޓޯ/ދެކުނު އެފްރިކާ ހައި ކޮމިޝަން

އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާގެ ސަފީރުންވެސް އަނބުރާ ގައުމަށް ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ދެކުނު އެފްރިކާގެ ރައީސް އޮފީހުގެ ވަޒީރު ކަމްބަޑްޒޯ ޓްވޭނީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިތުރު މަޝްވަރާތައް ކުރުމަށް އިސްރާއީލުގެ ތެލް އަވީވްގައި ތިބި އެ ގައުމުގެ ޚާރިޖީ މުވައްޒަފުން އެނބުރި ގައުމަށް ދިއުމަށް ވާނީ އަންގާފައެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް ވަޒީރު ދެއްވާފައެއްނުވެއެވެ.

ތަފްސީލު ދެއްވާފައި ނުވި ނަމަވެސް، މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ރަހުމު ކުޑަ އަމަލުތަކާމެދު ކަންބޮޑުވާކަން އިސްރާއީލަށް "އިޝާރާތް" ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ދެކުނު އެފްރިކާއިން ބުނެއެވެ.

"ފަލަސްތީނުގެ ކުށެއްނެތް ކުޑަކުދިންނާއި އާންމުން މަރަމުންދާއިރު، މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް." ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު، ނަލޭދީ ޕެންޑޯރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ސަފީރުން އަނބުރާ ގެންދިޔަ ނަމަވެސް ސަރުކާރުގެ ހާލަތަށް ބެލުމަށްފަހު އިސްރާއީލާއެކު އޮތް ހާރިޖީ ގުޅުން ދެމެހެއްޓުމާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް އެ ގައުމުގެ ރައީސް އޮފީހުން ބުނެއެވެ.

ދެކުނު އެފްރިކާ އަކީ އަބަދުވެސް ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލާ ގައުމެކެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާހެދި އެ ގައުމަށް އޮތް ނުރުހުން ފާޅުކުރުމުގެ ގޮތުން ގިނަ ގައުމުތަކަކުން ވަނި އިސްރާއީލުގައި ތިބި ސަފީރުން އަނބުރާ ގައުމަށް ގެންގޮސްފައެވެ.

ތުރުކީވިލާތުން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޮނިހިރު ދުވަހު އަނބުރާ އެ ގައުމަށް ގެންގޮސްފައިވާއިރު، އުރުދުން އަދި ބަހްރެއިންގެ ސަފީރުންވެސް ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން ވަނީ އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް