އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އުރީދޫގެ މި އަހަރުގެ ފަން ރަންގައި ޑްރޯން ރޭހެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
އުރީދޫއިން މި ފަން ރަން އިއުލާނު ކުރީ މިއަދު އުރީދޫ ހެޑް ކުއާޓާސްގައި ބޭއްވި ޚާއްޞަ ޕްރެސް ކޮންފަރެންސެއްގައެވެ.
އުރީދުއިން ބުނީ މި ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުކަމަށެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒާއި ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕްރެސްގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ޑްރޯން ރޭސް ކަމަށްވާ އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ކަން ވެސް އެ ކުންފުނިން ވަނީ އިއުލާނު ކޮށްފައެވެ.
އުރީދޫ ޑްރޯން ރޭސް ކުރިއަށް ދާނީ އަންނަ މަހުގެ 22 ވަނަ ދުވަހު ހެނދުނު ކަމަށް އެ ކުންފުނިން ބުނެއެވެ. މިރޭހަށް ޝައުގުވެރިވާ މީހުންނަށް މި ރޭހުގައި ބައިވެރިވެ، މި ރޭސް ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ މި ފަން ރަންގެ ޕްރިމިއަމް ޕާޓްނަރު ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ރޭހުން އެއްވަނައަށް ދާ ފަރާތައް ޚާއްޞަ އިނާމެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި ރޭހުގައި، ހުރަސްތަކާއި ހޫޕްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯން ރޭސިން ޓްރެކުގައި ޑްރޯން ދުއްވަން ޖެހޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫގެ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު، ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށްވެސް ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމަކަށް ވާނެ ކަމުގެ ޔަގީން ކަން އުރީދޫއިން ދެއެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި ފޯމްގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ނުވަތަ ދުވެފައި ވެސް މި ދުވުން ނިންމިދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި:
- 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ
- 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ
އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި އަންނަ މަހުގެ 22ގެ ހެނދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަ ޖެހިފައިވާއިރު، ހަވީރު ބޭއްވޭ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އުރީދުގެ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓާ ވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ފަން ރަން އާއި ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ވެބްސައިޓުން ވެސް ލިބޭނެ ކަމަށް އުރިދޫއިން މައުލޫމާތު ދެއެވެ.