އައި އެމް ޕްރެގްނެންޓް…" މައާލް އެހެން ބުނެލި އިރު އޭނާ ފެންކަޅިވެއްޖެ އެވެ.
އެ ވާހަކަ އަޑު އަހަން ހުރި މުނީރުގެ މޫނުމަތިންވެސް ހައިރާންކަން ފެނިގެން ދިޔައިރު، އޭނާއަށް މައާލްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ފޮތިގަނޑު ދަމާލަމުން މުނީރު ބޭރުގައި މަޑުކޮށްލަން ޑޮކްޓަރު ބުނެލުމާއެކު، އޭނާ ބޭރަށް ނުކުމެލިއެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު، ތަފާތު އެއްޗެހި ހިތަށް އަރާ ފައިބަމުން ދިޔައެވެ. މައާލް ބަނޑުބޮޑުކަން ރާދިން އަށް އެނގޭހެއްޔެވެ؟ ބަނޑުބޮޑުއިރު ވަރިވާން ވެގެން މައާލް އެ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާ އެ ދެމެދުގައި މައްސަލަ ޖެހުނީ އެކަމާ ގުޅުގައިގެން ހެއްޔެވެ؟ ތަފާތު ސުވާލުތައް ހިތަށް ވެރިވަމުން ގޮސް އޭނާ ހާސްވަމުން ދިޔައެވެ.
އޭގެ އިރުކޮޅެއްފަހުން ޑޮކްޓަރު ނުކުމެފައި އިންޖެކްޝަނެއް ޖެހިވާހަކަ ބުނެލާފައި އެތެރެއަށް ވަނަސް އެންމެ ރަނގަޅު ކަމުގައި ބުނެލުމާއެކު މުނީރު ވަނެވެ. އޭރު މައާލް ދެލޯ ހުޅުވާލައިގެން މައްޗަށް ބަަލަހައްޓައިގެން އޮތެވެ.
"މައާލް…" މުނީރު ގޮވާލުމާއެކު، މައާލް ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.
"ރާދިން… ރާދިންއަށް އެނގޭތަ؟ މައްސަލަ ޖެހުނީ އަނެއްކާ ތިކަމާ ގުޅުވައިގެންތަ؟" މުނީރު ސުވާލުކޮށްލުމާއެކު، މައާލް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ.
"ރާދިންއަކަށް ނޭނގޭތަ؟" މުނީރަށް ސުވާލުކޮށްލެވުނީ އަދިވެސް އެއްފަހަރު އޭނާ އެކަންތައް ޔަޤީންކޮށްލަން ބޭނުންވާތީއެވެ.
"ރާދިންއަކަށް ނޭނގޭނެ." މައާލް ބުނެލިއެވެ. އެވަގުތު މުނީރުގެ ފޯނު ރިންގްވިއެވެ. ގުޅަނީ ރާދިންކަމުން އޭނާއަށް މައާލްއަށް ބަލައިލެވުނެވެ.
"ރާދިން…" މުނީރު ބުނެލިއެވެ. މައާލް އިތުރު އެއްޗެއް ނުބުނުމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"ބައްޕާ… ކޮބާ މައާލް؟ މައާލްއަށް ކިހިނެއްވީ؟ ހޮސްޕިޓަލުގެ މިހުރީ. ކޮންތާކަށް ދާންވީ؟" ރާދިން އެއްފަހަރާ އެތަކެއް ސުވާލެއްކޮށްލިއެވެ. މައާލް ހޮސްޕިޓަލުގައި ކަން އެނގުނީ ކިހިނެއްހޭ އަހަން ހިތަށް އަރާފަވެސް މުނީރު މަޑުޖެހިލިއެވެ. އެއަށްފަހު އޭނާ މައާލްއަށް ވޯރޑް ބުނެލާފައި ފޯނު ބޭއްވިއެވެ.
"ރާދިން އެބަ އާދޭ، މައާލް ހޮސްޕިޓަލަށް ގެނައިކަން އެނގިގެން އެ ގުޅީ." މުނީރު މައާލްއަށް އޮޅުން ފިލުވައިދިނެވެެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، މައާލް ވާހަކަ ދެއްކިއެވެ.
"ބައްޕާ! އަޅުގަނޑު ބަނޑު ބޮޑު ވާހަކަ ރާދިންއަށް އެހަށް ސިއްރު ކޮށްދީ…" މައާލްގެ އަޑުގައިވަނީ އާދޭހުގެ ރާގެކެވެ. އެ ވާހަކަ ރާދިންއާ ހިއްސާކުރަން އޭނާގެ ހިތް ދެކޮޅު ހަދަނީއެވެ.
ސައިކަލު ޕާކުކޮށްލާފައި ރާދިން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހޮސްޕިޓަލަށް ވަނެވެ. މުނީރު ބުނި ވޯރޑް ހޯދައިގެން މައާލް އޮތް ރޫމާ ހިސާބަށް ދެވުނުއިރުވެސް، އޭނާގެ ހާސްކަމަށް ބަދަލެއް ނާދެއެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ރާދިން ދޮރު ހުޅުވާލިއެވެ. މުނީރަށް ބަލައިލުމަށްފަހު، ރާދިން މައާލްއާ ދިމާލަށް ބަލައިލަމުން އެ ދިމާލަށް ހިނގައިގަތެވެ. ލޯ މަރާލައިގެން އޮތް މައާލްއާ ކައިރިވެލާފައި ރާދިން މައާލްއަށް ގޮވާލުމާއެކު، މައާލް ލޯ ހުޅުވާލިއެވެ. ރާދިންގެ އަޑުގައިވަނީ ކަންބޮޑުވުމާއެކު ހާސްކަމެވެ. އެ އަޑު މަޑުމައިތިރިނަމަވެސް، އިންތިހާ ދަރަޖައިގެ ވޭނެއް އެ އަޑުން ފާޅުވެއެވެ. އެކަން މައާލްއަށް އިޙްސާސްވި ނަމަވެސް ރާދިންއަށް މާފުކުރާނީ ކިހިނެއްހެއްޔެވެ؟
"މައާލް… " ރާދިންއަށް ދެވަނަ ފަހަރަށްވެސް މައާލްއަށް ގޮވާލެވުނެވެ. އޭނާ މަޑުމަޑުން ކައިރިއަށް ޖެހިލާ މައާލްގެ އަތުގައި ހިފާލަން އުޅުނު ވަގުތު މައާލް އެ އަތް ދުރުކޮށްލުމުން ދެން އިތުރަށް އެ އަތުގައި ހިފާލާކަށް އޭނާއަކަށް ނުކެރުނެވެ. ރާދިންއަށް މުނީރަށް އަވަސް ނަޒަރެއް ދެވުނެވެ. ވީ ގޮތް އޮޅުން ފިިލުވަން ރާދިން ބޭނުންވަނީކަން މުނީރަށް ފަހުމް ވުމާއެކު އޭނާ މައާލް އެނބުރުން އަރައިގަތީކަމުގައި ބުންޏެވެ. މައާލްގެ އެދުމުގެ މަތިން މައާލް ބަނޑުބޮޑުކަން އޭނާ ސިއްރުކުރިއެވެ. ރާދިންއަށް އެނގެން ޖެހޭ ކަމެއްކަމަށް ގަބޫލުކުރެވުނު ނަމަވެސް، އެވަގުތު އެ ވާހަކަތައް ބުނާކަށް އޭނާގެ ހިތެއް ނޭދުނެވެ. އެ ދެމީހުންނަށް ވަގުތު ދޭން މުނީރު ބޭނުންވިއެވެ. އަދި އެ ވާހަކަ މައާލް އަމިއްލައަށް ރާދިންއާ ހިއްސާކުރުމަކީ ވެސް އެންމެ ރަނގަޅު ގޮތްކަމުގައި އޭނާއަށް ނިންމުނެވެ. އެ ދެމީހުންނަށް ވަގުތު ދިނުމުގެ ގޮތުން ކޮޓަރިން ނުކުންނަން އޭނާ ހިނގައިގަތެވެ. މުނީރު ނުކުމެ ދޮރު ލައްޕާލިތަން ބަލަން އިނުމަށްފަހު، ރާދިން މައާލްއަށް ބަލައިލުމަށްފަހު ވާހަކަ ދެއްކިއެވެ.
"އާރ ޔޫ އޯކޭ މާލް؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.
"އަހަރެން އޯކޭ." މައާލް ބުނެލިއިރު އޭނާ ނުރޯން ހިތްވަރުކުރަމުން ދިޔަ ވަރު ރާދިންއަށް އިޙްސާސްކުރެވުނެވެ.
"މާލް…" މާފަށް އެދެން ބޭނުންވިނަމަވެސް، ރާދިންގެ ދޫ ހަރަކާތެއް ނުކުރިއެވެ.
"އަހަރެން ބޭނުމެއް ނޫން މި ދުވަސްކޮޅު ރާދިންއާ ވާހަކަ ދައްކާކަށް. ޕްލީޒް އަހަރެން ފެންނަ ހިސާބަށް ނާދޭ. ރާދިންގެ އަޑު އިވުނީމަ އިތުރަށް އަހަންނަށް ލިބެނީ ހިތްދަތިކަމެއް. އިތުރު ވޭނެއް. މި ދުވަސްކޮޅު އެހާ ހިތްވަރެއް ނެތް." މައާލް އެހެން ބުނެލިއިރު އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް ހުއްޓެވެ.
"އެކަމަކު… އެކަމަކު އަހަރެން ކިހިނެއް މައާލްއާ ދުރުގަ ހުންނާނީ؟ " ރާދިންއަށް އިސްޖަހާލެވުނެވެ.
"ކުރިން ނުވިސްނި ވަރަކަށް މިހާރު ކީއްވެ ތި ވިސްނަނީ؟ އެފަދަ ކަމެއް ރާދިން ކުރިއިރު،... އަހަރެން މަތިން ހަނދާންނެތްއިރު، މިއަދު ތިހެން ބުނީމަ އަހަންނަށް ގަބޫލުކުރެވޭނެތަ؟ ރާދިން އަހަރެންގެ އަމިއްލަ ގޭގައި އޭނަ އުނގަށް ލައިގެން އިންނައިރު، ހަނދާނަކު ނުހުރޭ ތިމަންނަގެ އަނތްބަކު ދުނިޔޭގައި އިންކަމެއް. އެރޭ އޭނައާއެކު އެ ހުތުރު އަމަލުކުރިއިރު ނޭނގުނު މި ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން. ތިމާގެ އިންތިޒާރުގައި އަނތްބަކު އިންކަމެއް. މި ވެވެނީ އޭނައަށް ބޭވަފާތެރިކަމެއް. ޚިޔާނާތެއްކަމެއް. ކުޑަ މިނުން އަހަރެންގެ ނުކުޅެދުންތެރިކަމުގެ ނާޒާއިޒް ފައިދާ ނަގަމުން ދިޔައިރު އެކަންވެސް އިޙްސާސްނުވި. ދޫ ހަރަކާތްކުރަންޏާ މާފަށް އެދެން ވަރަށް ފަސޭހަ ވާނެ. މީގެ ކުރިންވެސް ރާދިން މާފަށް އެދުނީމު. އެތައް ފަހަރަކު. ހިތުން ރުހުމުން މާފު ދޭނީ ކިތަށްފަހަރު؟" މައާލްގެ އަޑުކުރެހުނެވެ. އިތުރަށް ވާހަކަ ދައްކާނެ ހިތްވަރު ނެތުމާއެކު އޭނާ ރާދިންގެ ގާތު ބުނީ އެތަނުން ދިޔުމަށެވެ. މައާލްގެ ހިތުގެ ޙާލު ވަޒަންކުރެވޭ ޙާލު ރާދިންއަށް އެތަނުގައި މަޑުކުރާކަށް ނުކެރުނެވެ. މައާލްގެ ކޮންމެ ޖުމްލައެއްގައި ވަނީ ތެދު ހަޤީގަތެވެ.
"ޓޭކް ކެއަރ…" އެހެން ބުނެލުމަށްފަހު ރާދިން މައާލްއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވާލާފައި ބޭރަށް ނުކުތްއިރު މުނީރު ފޯނެއްގައި ހުއްޓެވެ. ރާދިން މުނީރަށް ބަލައިލާފައި އެއްޗެއް ނުބުނެ އެތަނުން ދާން ހިނގައިގަތުމުން، މުނީރަށް ކަންތައްތައް އެއްގޮތަކަށްވެސް ރަނގަޅު ނޫންކަން ދެނެގަނެވުނެވެ. އޭނާ ފޯނު ކޯލު ނިންމާލާފައި އެތެރެއަށް ވަތްއިރު، މައްޗަށް ބަލަހައްޓައިގެން އޮތް މައާލްގެ ލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބަމުން ދިޔައެވެ. ހިމޭންކަމާއެކު ފައިބަމުން ދިޔަ އެ ކަރުނަތަކުން މުނީރަށް ވަރަށް ގިނަ އެއްޗެހި ފަހުމްވިއެވެ. ރާދިންއާ ދުރުގައި ހުރުމަކީ މައާލްއަށް ކެތްކުރަން އުނދަގޫކަމެއް ކަމުގައިވިނަމަވެސް، މައާލްއަށް އެވަނީ ކޮންމެވެސް ގޮތަކުން މަޖުބޫރުވެފައެވެ.
މުނީރު އޭނާއަށް ގޮވާލުމާއެކު މައާލް ކަރުނަތައް ފުހެލިއެވެ. މިއަދު އޭނާ ހިތްވަރުކުރަން ޖެހޭނެއެވެ. އޭނާ އަބަދު ރޯނަމަ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެކަން އޭނާއަށް އެނގެއެވެ. އެ ދަރިފުޅަށްޓަކާވެސް އޭނާ ހިތްވަރުކުރަން ޖެހެއެވެ. މައާލްގެ ހިތް ބިރުގަންނަނީ އެންމެ ކަމަކަށެވެ. ބައްޕައަކާ ނުލާ އެ ދަރިފުޅު އޭނާއަށް ބެލިދާނެހެއްޔެވެ؟ އޭނާ އަކީ ކުޑަ ކުޑަ ކަމެއް ކުރުމަށްޓަކާވެސް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާ މީހެކެވެ. ވީއިރު، އެކަނި މާއެކަނި އެހާ ބޮޑު ޒިންމާއެއް އޭނާއަށް އުފިލިދާނެހެއްޔެވެ؟
*****
ހޮސްޕިޓަލުން ނުކުމެގެން ރާދިން އެ ދިޔަ ގޮތަށް ދިޔައީ ގެއަށެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތުމާއެކު، އޭނާ ދެލޯ މަރާލިއެވެ. މައާލްގެ ކޮންމެ ޖުމްލައެއް ވަކިވަކިން އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކެތްކުރަން ރާދިންއަށް ދަތިވިއެވެ. އެފަދަ ވިސްނުންތަކެއްގައި އޮއްވާ ރާދިންއަށް ނިދުނީއެވެ. އޭނާއަށް ހޭލެވުނީ މެންދުރު ދެއެއް ޖަހާ ބޮޑުވެފަ ހުއްޓައެވެ. އެއްޗެއް ނުކައި ހުރުމުން ބަނޑުހައިކަން އިޙްސާސްވަމުން ދިޔަނަމަވެސް، ކާހިތެއް ރާދިން ނުވިއެވެ. ފެންވަރާލައިގެން ނަމާދުކޮށްލައިގެން ބޮޑުކޮޓަރިއަށް ނުކުމެލި ރާދިންއަށް، މައާލް ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިޙްސާސްވަމުން ދިޔައެވެ.
ނުކުމެ ސައިކަލަށް އަރާ ހޮސްޕިޓަލާ ދިމާލަށް ރާދިން ދުއްވާލިއެވެ. އޭނާ ގޮސް ހޮސްޕިޓަލް ކުރިމަތީގައި ސައިކަލު ޕާކުކޮށްލާފައި މަޑުކޮށްލިއެވެ. މައާލްގެ ބަސްތަކުގެ ސަބަބުން މައާލްގެ ކައިރިއަށް ދާނެ ހިތްވަރު ނެތި އޭނާ އަނެއްކާވެސް ސައިކަލު ދުއްވާލީއެވެ. އެ މަންޒަރު އެތަނުގައި ހުރި ސަޖާގެ ލޮލުގައި އަޅައިގަތެވެ. ރާދިންގެ މޫނމަތީގައިވީ މާޔޫސްކަން އޭނާއަށް ފާހަގަވުމާއެކު، އުފާވެރިކަމުގެ ވިންދެއް އެ ހިތުގައި ޖަހާލިއެވެ. އޭނާ ބޭނުންވާ ގޮތަށް ހުރިހާކަމެއްވެސް ވެއްޖެކަމުގައި އެ ހިތް ބުނެލިއެވެ.
ހަދާނެ ގޮތެއް ނޭނގިގެން އުޅޭ މީހަކު ފަދައިން ރާދިން ތިން ހަތަރު ބުރު މާލެ ވަށާ ޖެހިއެވެ. އަސުރު ނަމާދު ބަންގި ގޮވުމުން މިސްކިތަށް އަރާ ނަމާދުކޮށްލުމަށްފަހު، އޭނާ ދިޔައީ ގެއަށެވެ. ކޮޓަރިއަށް ވަތްތާ ގިނައިރެއްނުވެ ގޭގައި އުޅޭ ނޯކަރު ކުއްޖެއް އޭނާ ހޯދަން މީހަކު އައިސް ހުރި ވާހަކަ ބުނެލުމާއެކު، ރާދިން ނުކުމެލިއެވެ.
"ކާކު؟" އެވަގުތު އޭނާ ހޯދަން އަންނާނީ ކާކުބާއޭ ރާދިންގެ ހިތަށް އެރިއެވެ.
"ސަޖާ…" އިވިގެން ދިޔަ ސަޖާގެ ނަމާއެކު އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ސަޖާއާ ދިމާކުރަން ބޭނުން ނޫންނަމަވެސް، އެކަން ކުރަން އޭނާއަށް މަޖުބޫރެވެ.
"ޕެލެސް ވެލީ" ގެ ގޯތިތެރެއަށް ވަދެގެން އައި ސަޖާ އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. ގެއަށް ވަތްއިރު ރާދިން، ބޮޑު ކޮޓަރީގައި ހުއްޓެވެ. ހީވަނީ އޭނާގެ އިންތިޒާރުގައި ހުރިހެންނެވެ. ރާދިންގެ މޫނުމަތިން ފެންނަ އަސަރުތަކުން ސަޖާއަށް ހުރިހާކަމެއް ޔަޤީންވިއެވެ.
"އަހަރެން ހިޔެއް ނުކުރަން ސަޖާ ތީ ތިހާ ގޮތްކުޑަ އަންހެނެއްކަމަކަށް." ރާދިންއަށް ބުނެވުނީ ދަތްކުނޑި ވިކާލަމުންނެވެ. ސަޖާގެ ތުންފަތްމަތީގައިވީ ހިނިތުންވުމުން އޭނާގެ އެތެރެ ހަށީގައި އުފެދުނު ރުޅިވެރިކަމުގައި ހުޅު ރޯވަމުންދިޔައެވެ. އެކަން އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކަށް ބަލައިލުމުން އެކަނިވެސް ދޭހަވެއެވެ. ރާދިން ކެތްކުރަމުން ދިޔައީ ވަރަށް އުނދަގުލުންނެވެ. ސަޖާއަށް އަނިޔާއެއް ނުކުރުމަށް އޭނާ ދިޔައީ އަމިއްލަ ނަފްސާ ހަނގުރާމަކުރަމުންނެވެ.
"އަހަރެން ގޮތް ކުޑަ ވިއްޔާ ރާދިން ތީ މާ މާތް މީހެއްތަ؟ ހަމަ ގައިމުވެސް އަހަންނަށް ވުރެ ގޮތް ކުޑައީ ރާދިން. ހަލާލު އަނބިމީހާ ހުއްޓާ އަހަރެން ކައިރިއަށް ދާނީ ހަމަގައިމުވެސް ވަރަށް ގޮތްކުޑަ ވީމަތާ ދޯ." ސަޖާ ރާދިންއަށް މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެކަމުން ރާދިންގެ ރުޅިގަނޑު ކެކި އަރަން ފެށިއެވެ. އޭނާ އެ ދިޔަ ބާރުމިނުގައި ގޮސް ސަޖާގެ ދެ އަތުގައި ހިފެއްޓީ ސަޖާއަށް ތަދުވާވަރަށެވެ.
"އެރޭ ވީ އެއްވެސް ކަމެއް އަހަންނަކަށް ނޭނގެ. އެރޭ އަހަރެމެން ދެމެދުގަ ކަމެއް ނުހިނގާ. މީ ހަމަ ކަލޭގެ ރޭވުން. އަހަރެމެން ދެމެދުގައި އެފަދަ ގުޅުމެއް ނުހިނގާތާ އެތައް ދުވަހެއް. " ރާދިން ހަޅޭއްލަވައިގަތެވެ.
"މައާލް ނުދެއްކާތަ އަހަރެންގެ ޕްރެގްނެންސީ ރިޕޯޓެއް؟ އޭގަ އެ އޮތީ ދޮގެއް ނޫން. އެއީ ކަލޭގެ ދަރިއެއް. މަގޭ ބަނޑުގައި މި ވަނީ ހަމަ ކަލޭގެ ދަރިއެއް." ސަޖާވެސް ދުލެއް ނުދިނެވެ.
"ނުވާނެ އެހެނެއް، ތީ ދޮގެއް. އެރޭގެ އެއްވެސް ކަމެއް ހަނދާންނެތްއިރު، އަހަރެން ކިހިނެއް ތިކަން ގަބޫލުކުރާނީ…" ރާދިންއަށް އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވެއެވެ.
"ޒިންމާތަކުންވެސް ރެކެނީތަ؟ ރާދިން ޖެހޭނީ މަގޭ ބަނޑުގައިމިވާ ދަރިއަށް ޒިންމާވާން." ސަޖާ ވެސް ރުޅިވެރިކަމާއެކު ބުނެލިއެވެ.
"ތީ އަހަރެންގެ ދަރިއެއްކަމަށް ކޮބާ ހެއްކަކީ؟" ރާދިން އަނެއްކާވެސް ބުންޏެވެ.
"އެރޭ އަހަރެމެން ދެމެދުގަ ހިނދި ކަންތައް ހެއްކަކަށް ނުފުދޭތަ؟" ސަޖާ ރާދިންއާ ނަޒަރު ސީދާކޮށްލިއެވެ.
"ތީ ކަލޭގެ ރޭވުމެއް. އެެހެންނޫނީ ކީއްވެ އަހަރެން ރަށުގަ ނެތް ތަންވަޅު ބަލާފަ އައިސް މައާލްއަށް ހަޤީގަތް ކިޔައިދޭންވީ؟" ރާދިންގެ އަޑުން ރުޅިވެރިކަން ފިލާ ނުދެއެވެ.
"އެވަރު ކަމެއްތަ އެއީ؟ އަހަރެންގެ ބަނޑުގަ ރާދިންގެ ދަރިއެއް ވާކަން އޭނައަށްވެސް އެނގެންޖެހޭނެ. އުމުރަށް މިކަން ސިއްރުކުރެވޭތަ؟ މައާލް ދިޔައީތަ، ނޫނީ ވަރިއަށް އެދުނީތަ އަހަރެންދެކެ ތިހާ ރުޅިއެއް ތި އަންނަނީ؟" ސަޖާ ރާދިންގެ މޭމަތީގައި ފިރުމާލިއެވެ.
"ދުރުގަ ހުރޭ…" ސަޖާ ކޮށްޕާލަމުން ރާދިންއަށް ބުނެވުނެވެ.
އަހަންނެއް ނޫނޭ ދެންމެވެސް ރާދިންގެ ގައިގަ އަތްލީ. ރާދިންއޭ ކައިރިވީ…" ސަޖާ ވަގުތުން ރައްދުދިނެވެ.
"ވަޓް ޑޫ ޔޫ ވޯންޓް؟" ރާދިން މުށްކަވާލި އަތް ޖީބަށް ޖަހާލިއެވެ.
"ޔޫ…" ރާދިންގެ ޖުމްލަ ނިމުމާއެކު އެއްވެސް ޖެހިލުމެއްނެތިި ސަޖާ ބުންޏެވެ.
"ލަދެއް ނުގަނޭތަ؟" ރާދިންއަށް ބުނެވުނެވެ.
"ލަދުގަންނަން ޖެހޭނީ ރާދިން. ހަލާލު އަނބިމީހާ ހުއްޓާ އަހަރެން ރާދިންގެ ދަރިއަކަށް ބަލިވެ އިނީމަ." ސަޖާ ބުނެލިއެވެ.
"ސަޖާ… އިތުރަށް އެންމެ އެއްޗެއްވެސް ބުނެގެން ނުވާނެ. ހަމަމިހާރު މިގެއިން ނުކުމޭ…" ރާދިންއަށް އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވޭހެން ހީވުމާއެކު ބޭނުންވީ ސަޖާ އެތަނުން ފޮނުވާލާށެވެ. އިތުރަށް ސަޖާ އޭނާގެ ކުރިމަތީގައި ހުރެއްޖެނަމަ އޭނާގެ އަތުން ސަޖާއަށް އަނިޔާއެއް ވާނެއެވެ.
"ރާދިން ކީއްވެތަ އެހާ ފިނޑީ؟ އެންމެ ފުރަތަމަ ބައްޕަ ކައިރީ ކައިވެންޏަށް ނޫނެކޭ ބުނާކަށް ނުކެރުނު. އަނބިމީހާ ހުއްޓަ ހިލާ އަންހެނަކާ ގުޅުން ބާއްވާފަ އެކަމަށް އެއްބަސްވާކަށް ނުކެރުނު. މިހާރު ތިބުނަނީ މަގޭ ބަނޑުގައި މިވަނީ ރާދިންގެ ދަރިއެއް ނޫނޭ…" ސަޖާގެ އަޑުން ރާދިންއަށް މަލާމާތުގެ އަސަރުތައް ފާޅުވެއެވެ "އެ ސުންޕާ އަންހެނާ…"
"މައާލްއަށް ނިސްބަތްކޮށް އެންމެ ލަފުޒެއްވެސް ބުނެގެން ނުވާނެ. އެއީ މަގޭ އަންހެނުންނޭ." ރާދިން ސަޖާގެ ޖުމްލަ މެދުކަނޑާލިއެވެ.
"އަންހެނުން ކޮބާތަ؟ ގޭގަ އެބައުޅޭތަ؟" ސަޖާގެ އެ ސުވާލާއެކު ރާދިންގެ ބަސް ހުއްޓުނެވެ.
"ގެއިން ނުކުމެގެން ދިޔައީތަ؟ ނޫނީ ވަރިއަށް އެދުނީތަ؟" ރާދިންގެ ހިމޭންކަމުގެ ފައިދާ ނަގަމުން ތަކުރާރުކޮށް އެއް ސުވާލެއް ކުރަމުން ސަޖާ ގެންދިޔައެވެ. ރާދިންއަށް އައި ބަދަލުތަކުން މައާލް ގެއިން ނުކުމެގެން ދިޔައީކަން އޭނާއަށް ޔަޤީންކުރެވުނެވެ.
"ސަޖާ އާ ބެހޭކަމެއް ނޫން އެއީ…" ހިނދުކޮޅަކަށްފަހު ރާދިން ރައްދު ދިނެވެ.
"ބުނަންތަ ރަނގަޅު ވާހަކައެއް. ރާދިންއަށް ވެސް އެންމެ ރަނގަޅުވާނީ މިކަމަށްއެއްބަސްވިއްޔާ. ދެން މައާލްއެއް ރާދިންގެ ދިރިއުޅުމަކަށް ނާންނާނެ. އަހަރެންގެ ބަނޑުގައިވާ ދަރީގެ ބައްޕައަކީ ތީކަމަށް ގަބޫލުކޮށް ރަނގަޅަށް އުޅުނިއްޔާ މާ ރަނގަޅުވާނެ." ސަޖާ ބުނެލިއެވެ. އޭނާގެ ކޮންމެ ލަފުޒެއްވެސް ރާދިންއަށް އަމާޒުކުރަމުން ދިޔައީ ވިހަގަދަ ތީރުތަކެއްގެ ސިފައިގައެވެ.
"ހަމަ މިހާރު ނުކުމޭ…" ދޮރާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ރާދިން ބުނެލުމާއެކު، ސަޖާ ދެއަތް ނަގާ ދައްކާލަމުން އޭނާ އެއްވެސް ކަމެއް ނުކުރާކަމަށް ބުންޏެވެ.
"އަހަރެން މިއަދު މިއައީ މިކަން ރާދިންއަށް ވެސް އަންގަންވެގެން. މިކަމުގެ ޒިންމާ ރާދިން ނުނަގާނަމަ ދެން ކަންތައް ކުރަންވީ ގޮތްވެސް އަހަންނަށް އެނގޭ." އެހެން ބުނެލާފައި ސަޖާ ނުކުމެގެން ދިޔައީ ރާދިންއަށް ވަރުގަދަ އިންޒާރެއް ދެމުންނެވެ.
ސަޖާ ގޮސް ގެއިން ނުކުތްތަން ބަލަން ހުރި ރާދިން ސޯފާގައި އިށީނެވެ. ސަޖާގެ އިންޒާރު އޭނާ ހާސްކުރުވިއެވެ. ކެނެޑާގައި ހުއްޓާ ސަޖާ އޭނާއަށް ފޮނުވި ފޮޓޯތައް މަތިން ހަނދާންވެ އިތުރަށް ކަންބޮޑުވާގޮތްވިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނުހެން ރާދިންއަށް ހީވިއެވެ. ކުރެވޭނޭ އިތުރު އެއްވެސް ކަމެއް ނެތެވެ. އެރޭގެ އެއްވެސް ހަނދާނެއް އޭނާއަކަށް ނާދެއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ސަޖާގެ ޕްރެގްނޭންސީ ރިޕޯޓް އޭނާއަށް ފެނުނެވެ. އޭގައިވަނީ ސަޖާ ބަނޑުބޮޑުކަމަށެވެ. މައާލްވެސް އެކަން ގަބޫލު ކުރެއެވެ. މައާލް ބޭނުންވަނީ ވަރިވާށެވެ. ސަޖާ ބުނިހެން މައާލް ދެން ދުވަހަކުވެސް އޭނާގެ ކައިރިއަކަށް ނާންނާނެ ހެއްޔެވެ؟ ދުވަހަކުވެސް އޭނާއަށް މާފުނުކުރާނީ ހެއްޔެވެ؟ ޙަޔާތުގައި މި ޖެހުނި ލަށްގަނޑުން ސަލާމަތް ވާނީ ކިހިނެއްހެއްޔެވެ؟ އެ ހަޤީގަތް ދުނިޔެއަށް ފަޅާއަރާ ދުވަހު އޭނާ ބައްޕައަށް ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ ރާދިންއަށް ބޮލުގައި ހިފައްޓާލެވުނެވެ. ވެރިވަމުން ދިޔަ ޚިޔާލުތަކުން އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ.
ސޯފާއިން ތެދުވުމާއެކު އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި މައާލް އިން ގޮތް އޭނާއަށް ސިފަވުމާއެކު، މޫނުގައި އަތް ކާތާލެވުނެވެ. މަޑުމަޑުން ގޮސް އޭނާ ހުއްޓުނީ މައާލްގެ ކުރިމައްޗަށް ހުއްޓުނު ގޮތަށެވެ. އެހެން ހުރެފައި މަޑުމަޑުން އެނދުގައި އިށީނނެވެ. ބޮލުގައި ރިއްސަން ފެށުމުން ނިތަށް ދެ އިނގިލި ކުރިން ފިއްތާލެވުނެވެ. އެ ހިނދު މައާލް އޭނާގެ ބޯ މަސާޖް ކޮށްދޭ މަތިން ހަނދާންވެ އިތުރަށް ހިތްދަތިވާގޮތްވިއެވެ. ނިދި ތާއްޔާ ޖެހޭޙާލުވެސް މައާލް އޭނާގެ އުފާތަކަށް އިންކަންދިން މިންވަރު ރާދިންއަށް ވަޒަންކޮށްލެވުނެވެ. އެނދާ ދިމާ ވެއްޓިފައި އޮތް ރިޕޯޓް ފެނުމާއެކު ރާދިން އެ ނެގިއެވެ. އަދިވެސް އެއްފަހަރު އޭނާ އޭގައި ލިޔެފައިވާ އެއްޗެއް ކިޔެވެ. ރިޕޯޓް އެނދުގެ އެއްފަރާތުގައި ބާއްވަމުން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ.
*****
ރޭގަނޑުވެސް، ރާދިން، ކާން ޚިޔާލެއް ނުކުރިއެވެ. ހަމަ އެކަނި ކޮފީއަކުން ފުއްދާލައިގެން ގޮސް ކޮޓަރިއަށް ވަދެފައި ސޯފާގައި އިށީންނަމުން އޭނާ މުނީރަށް ގުޅާލީ މައާލްގެ ޙާލު ބަލާލާށެވެ. ފޯނު ނުނެގުމުން ރާދިން ގަސްތުކުރީ ހޮސްޕިޓަލަށް ދާށެވެ. މައާލްއަށް ވާނުވާ ނުބަލާ އޭނާއަށް ކެތެއް ނުވާނެއެވެ. ފަސްޖެހެވެނީ މައާލްގެ ބަސްތައް ހިތަށް އަރާފައެވެ. ސޯފާއިން ތެދުވަމުން ރާދިން ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކުން ގޮސް އެނދުގައި އިށީނެވެ. ސަޖާގެ ރިޕޯޓް ނަގާފައި އެ އެއްލާލަން އުލެފައިވެސް ރާދިން ފަސްޖެހުނެވެ. އޭނާ އެނދުގެ ސައިޑް ކަބަޑުގެ ޑްރޯވަރ ހުޅުވާލާފައި ސަޖާގެ ރިޕޯޓް ލާން ވެެގެން އުޅުނު ވަގުތު އޭގެ ތެރޭގައި އޮތް ހޮސްޕިޓަލް ފައިލެއް ލޮލުގައި އަޅައިގަތެވެ. އޭގައި މައާލްގެ ނަން ޖަހާފައި އޮތުމުން އޭނާ އެ ނަގާ ހުޅުވާލިއެވެ. އޭގައި ހުރި ލިޔެ ކިޔުންތަކަށް ބަލާލުމާއެކު ރާދިންއަށް ޝޮކެއް ލިބުނެވެ.
"މައާލް… މައާލް ބަނޑުބޮޑު…" ރާދިންއަށް ވައި އަޑުން ބުނެވުނެވެ.
(ނުނިމޭ)