ފްލެޓް ދޭން ޕޮއިންޓު ދިން ގޮތް ނާއިންސާފު ކަމަށް ބުނެ ގިނަ ބަޔެއްގެ ޝަކުވާ

ސަރުކާރުން ފުރަތަމަ ދޫކުރާ 4،000 ފްލެޓުގެ ސާމްޕަލް ފްލެޓެއް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓާއެކު ދާއިމީ ލިސްޓު އާންމު ކުރުމާއެކު، ޕޮއިންޓު ދިން ގޮތް ނާއިންސާފު ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނުގައިވަނީ، ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުން ކަމަށެވެ.

އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނެފައިވާ ބާކީ މީހުންނަށް ވެސް ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދޭނެ ކަމަށް އިއުލާނުގައިވެއެވެ.

ގެދޮރުވެެރިޔާ ސްކީމްގެ ދަށުން އަޅާ ފްލެޓުތަކުގެ ސާމްޕަލް ފްލެޓެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ތޭރަހާހަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ އެ ލިސްޓު އާންމު ކުރުމާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރު ފާޅުކުރަން ފަށައިފައެވެ. އެގޮތުން ފޭސްބުކް ޕޯސްޓެއްގައި މީހަކު ވަނީ އޭނާގެ ފިރިމީހާ އާއި އާއިލާގެ އެހެން މީހަކަށް ލިބުނު ޕޮއިންޓުގެ ފަރަގު ހިއްސާކޮށްފައެވެ.

އޭނާ ކިޔައިދީފައިވާ ގޮތުގައި އޭނާގެ ފިރިމީހާއަށް 48 އަހަރުވެފައިވާއިރު، އުރުމުން 10 އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އަދި އެ ދެމަފިރިންގެ 18 އަހަރުން ދަށުގެ ތިން ކުދިން ތިބޭ ކަމަށާއި ފިރިމީހާއަށް ލިބުނީ 59 ޕޮއިންޓު ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެ އާއިލާގެ އެހެން މެންބަރެއްގެ އުމުރުން 30 އަހަރުނުވެ، ދަރިއެއް ވެސް ނެތީސް ފްލެޓަށް އެދިފައިވާ އިރު، އޭނާއަށް 58 ޕޮއިންޓު ލިބުނު ކަމަށް ބުނެ، އެއީ ކިހިނެއްވީ ކަމެއްތޯ އޭނާ ސުވާލު އުފައްދާފައިވެއެވެ.

ހަމައެއާއެކު، އެ އަންހެން މީހާގެ އެކުވެރިއަކަށް ވެސް 30 އަހަރު ނުވެ، އެއް ކުއްޖަކު ހުންނައިރު އޭނާއަށް ލިބުނީ 69 ޕޮއިންޓު ކަމަށް އެ ޕޯސްޓުގައިވެއެވެ. އެކަމަކު، އެ އެކުވެރިއާގެ އާއިލާގެ މެންބަރެއްގެ ތިން ކުދިން ތިބޭ އިރު އޭނާއަށް ލިބުނީ 50 ޕޮއިންޓު ކަމަށް އެ ޕޯސްޓުގައިވެއެވެ.

"ހުރިހާ ގެޔަކަށް ދިރިއުޅުމުގެ ހާލަތު ބަލަން ދިޔައީކިއެއް ނޫން. މި މާކްސް ދީފައި ވަނީ ކާކު، ކިހިނެއް؟ މިއީ މާކްސް ދިނުމުގެ ކޮން ކަހަލަ ނިޒާމެއް؟" އޭނާ ބުނެފައިވެއެވެ.

ފޭސްބުކްގައި އިތުރު މީހަކު ބުނެފައި ވަނީ ފްލެޓް ދިނުމަށް ޕޮއިންޓު ދޭ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ޕޮއިންޓު ދިނުމުގެ އުސޫލުގައި ހިމަނާފައިވާ ބައެއް ކަންތައްތަކާ ބެހޭ ގޮތުން އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

އޭގެ ތެރޭގައި ދެމަފިރިން އުޅޭ ތަނެއްގައި ފާޚާނާއެއް ހުންނަ ނަމަ ޕޮއިންޓެއް ނުދޭކަން އޭނާ ފާހަގަކުރިއެވެ. އަދި ބަދިގެއާއި ސިޓިންރޫމަށް ޕޮއިންޓު ދޭއިރު، 180 އަކަފޫޓަށް ވުރެ ބޮޑުނަމަ ވެސް ޕޮއިންޓެއް ނުދޭކަން އޭނާ ފާހަގަކުރިއެވެ.

"އަހަރެމެން މިއުޅެނީ ކުއްޔަށް، އެކަށީގެންވާ އަގެއްގައި ލިބޭ [ފްލެޓަށް] މި އެދެނީ އަހަރެމެންގެ އާމްދަނީ އެއްކޮށް ކުއްޔާއި ބިލަށް ޚަރަދު ކުރަން ޖެހޭތީ،" އެ ޕޯސްޓުގައިވެއެވެ.

ފްލެޓަށް މާކްސް ދިން ގޮތް ސާފުނުވާ ކަމަށް ބައެއް މީހުން ބުނެފައިވާއިރު، އެކްސްގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ވަނީ، ފްލެޓް ދޭނީ 76 ނުވަތަ 73އިން ފެށިގެން މަތިން ޕޮއިންޓު ލިބުނު މީހުންނަށް ކަން ކަނޑައެޅީ ކޮން ގޮތަކުންތޯ ސުވާލު އުފައްދާފައެވެ. އަދި ބައެއް މީހުން ވަނީ ފްލެޓް ދިނުމަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އާއިލާތަކަށް އިސްކަން ދީގެން ފްލެޓް ބަހާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިންގެ ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީނަށް ގުޅުމުން، ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

މީގެ ކުރިން ބައެއް މީޑިއާތަކާ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ، ފްލެޓަށް ހުޅުވާލިއިރު ގެޒެޓުގައި އާއި ޕޯޓަލްގައި ވެސް ޕޮއިންޓު ދޭނެ ގޮތް އާންމުކޮށްފައިވާނެ ކަމަށެވެ. އަދި ޕޮއިންޓު ދިނުމަށް ޓަކައި ދިރިއުޅުމުގެ ހާލަތު ބަލަން، ފްލެޓަށް އެދުނު އެންމެންގެ ގެތަކަށް ދާނެ ކަމަށް މިނިސްޓްރީން ބުނެފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އެކްސްގައި އަކްރަމް ހިއްސާކުރެއްވުމުން ކަންބޮޑުވުން ފާޅުކުރި މީހަކަށް ޖަވާބު ދެއްވައި އޭނާ ވިދާޅުވީ ޕޮއިންޓު ދީފައިވަނީ އެޕްލިކޭޝަން ފޯމުގައި ލިޔެފައިވާ މައުލޫމާތަށް ބަލާފައި ކަމަށެވެ.

ފްލެޓަށް އެދުނު މީހުންގެ އަދަދު 20،000އަށް ވުރެ ގިނައިރު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޕޮއިންޓު ދިން ގޮތް މިހާރަށް ވުރެ ތަފުސީލުކޮށް ދިނުމަށް އެދެމުންނެވެ.

comment ކޮމެންޓް