ޕީސީއޯއެސް: ދައްކަން ޖެހި، ނުދެކެވި އޮތް ވާހަކައެއް

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބޭއްވި ޕީސީއޯއެސް އެވެއާނެސް ސެމިނާ -- ފޮޓޯ/ ފާތިލިޓީ ސަޕޯޓް ކޮމިއުނިޓީ

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ނުވަތަ ޕީސީއޯއެސްއަކީ ދުނިޔޭގައި އަދި ރާއްޖޭގައި ވެސް އޭގެ ވޭން އެތައް އަންހެނުންނެއް ތަހަންމަލް ކުރާ ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލާއި މީހުންގެ ފާޑުކިޔުމާ ކުރިމަތިލުމާއި ޑޮކްޓަރުން ބުނާ ގޮތަށް އަމަލުކޮށް ނަތީޖާ ނުފެނުމުން ކުރިމަތިވާ ހިތާމައަކީ ވެސް ޕީސީއޯއެސް އާއެކު ގިނަ އަންހެނުން ކުރިމަތިލާ ކަމެކެވެ. މި ހުރިހާ ކަމެއްގެ ބަރު ބޯމައްޗަށް ލައިގެން ދިރިއުޅެންވުމުން ގިނަ ފަހަރަށް މީހާ ނަފްސާނީ ގޮތުން ވެސް އަސަރު ކުރަނީއެވެ.

ހަގީގަތަކީ އަދިވެސް މީހުން ޕީސީއޯއެސްއަށް ހޭލުންތެރިކަން ކުޑަކަމެވެ. ޕީސީއޯއެސް ހުންނަ ނަމަ ކެއުން ބައްޓަން ކުރާނެ ގޮތާ އަމިއްލަ މީހާއަށް ވަގުތު ހުސްކޮށް ކުރާނެ ކަންތަކާ، ވަކި ކަމެއް ވަކި ގޮތަކަށް ދާނަމަ ދައްކަންވީ ޑޮކްޓަރާ، ޕީސީއޯއެސްގެ އަލާމާތްތައް ފެންނާނީ އުމުރުން ކިތައް އަހަރުގައި ކަމާ މިފަދަ މައުލޫމާތު އަދިވެސް ގިނަ ދިވެހިންނަށް ނޭންގެއެވެ.

ހަމައެއާއެކު މުޖުތަމައުގެ ލޭބަލް ކުރުންތަކުން ފިލުމަށް މި ވާހަކަ ދައްކަން ވެސް ގިނަ މީހުން ބޭނުމެއް ނުވެއެވެ. ނަމަވެސް، މިއީ ދައްކަން ޖެހޭ ވާހަކައެކެވެ. މިކަމުގެ ހޭލުންތެރިކަން އަހަރެމެންގެ ތެރޭގައި އިތުރުކުރަން އެބަ ޖެހެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިސްނަގައިގެން ދާދި ފަހުން ވަނީ ޕީސީއޯއެސް އެވެއާނެސް ސެމިނާއެއް މިވަނީ ބާއްވާފައެވެ. މި ސެމިނާގައި ޕީސީއޯއެސްއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.

ބައްޔަށް ޑައިގްނޯސް ވުން

މި ސެމިނާގައި ވާހަކަ ދައްކަވަމުން ރިޕްރޮޑަކްޓިވް ސްޕެޝަލިސްޓް އަދި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ބޯޑް މެމްބަރު ޑރ. ޒާކިޔާ އަހްމަދު ވިދާޅުވީ، ޕީސީއޯއެސްއާ ގުޅިގެން އެންމެ ބޮޑަށް މީހުުންނަށް ހީވެފައިވާ ކުށްހީއަކީ ޕީސީއޯއެސް ހުންނަ ކޮންމެ މީހެއްގެ އޯވަރީގައި ސިސްޓު ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ކުށްހީ އުފެދެނީ ޕީސީއޯއެސް މި ނަމުން ކަމަށާއި މިއީ މުޅިން ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ.

"އޯވަރީ ސްކޭން ކުރާއިރު ފެންނަނީ ސިސްޓެއް ނޫން، އެއީ ފޮލިކަލްސް. ފޮލިކަލްސް ގަ ބިސް ހުންނާނީ. އެހެންވީމަ ފޮލިކަލްސް ހުރުމަކީ ހަމަ ވަރަށް ރަނގަޅު ކަމެއް." ޑރ. ޒަކިޔާ ވިދާޅުވިއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިސްނަގައިގެން ދާދި ފަހުން ވަނީ ޕީސީއޯއެސް އެވެއާނެސް ސެމިނާއެއް

ޕީސީއޯއެސްއަށް އެކި މީހުން ޑައިގްނޯސް ވަނީ އެކި ގޮތަށެވެ. ޕީސީއޯއެސް ހުންނަ މީހެއް ދެނެގަތުމަށްޓަކާ ތިން ކަމަކަށް ބަލައެވެ. ފުރަތަމަ ކަމަކީ، ސްކޭންއިން އޭނާގެ އޯވަރީ ޕޮލިސިސްޓިކް ކަމަށް ދެއްކުމެވެ.

ސްކޭން ކުރާއިރު، އޯވަރީ ޕޮލިސިސްޓިކްކޮށް ދެއްކި ނަމަވެސް އަދި ޕީސީއޯއެސްއަށް ޑައިގްނޯސްއެއް ނުކުރެވެއެވެ. ޕީސީއޯއެސްގެ އެހެން އަލާމާތެއް މީހާގެ ހަށިގަނޑުގައި ނެތް ނަމަ އެ މީހާ ވަނީ، ޕޮލިސިސްޓިކް އޯވަރީ މޯފޮލޮޖީ ނުވަތަ ޕީސީއޯއެމް ހުންނަ މީހެއް ކަމަށެވެ.

ދެވަނަ ކަމަކީ އޭނާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަވުމެވެ. ތިންވަނަ ކަމަކީ އޯވަރީ ޑިސްފަންކްޝަން ކުރުމެވެ.

"މީގެ ތެރޭގައި މި ހިމެނެނީ ޕީރިއަޑް މައްސަލަ ޖެހުން. ޕީރިއަޑް މައްސަލަ ޖެހުމޭ މި ބުނަނީ ގިނަ ފަހަރަށް ޕީރިއަޑް ޑިލޭ ވަނީ. ނޫނީ ޕީރިއަޑް ނުވެ ވަރަށް ގިނަ ދުވަސް ވަންދެން ހުންނާނީ. އަހަރަކު އަށް ފަހަރަށް ޕީރިއަޑް ނުވަންޏާ އެއީ މައްސަލައެއް. އޭރުން އޯވަރީ ޑިސްފަންޝަންގެ ކެޓަގަރީއަށް ދާނެ،" ޒާކިޔާ ވިދާޅުވިއެވެ.

ސްކޭންއިން ޕީސީއޯއެސްއަށް ޑައިގްނޯސް ކުރާނަމަ ޕީސީއޯއެސް ހުންނަ މީހެއްގެ ގޮތުގައި ބެލެވޭނީ އޯވަރީއެއްގައި 20 ފޮލިކަލް އިންނަ ނަމައެވެ. އަދި އޯވަރީގެ ވޮލިއުމް ވެސް ވަކި ވަރަކަށް ވުރެ މަތި ނަމަ ޕީސީއޯއެސް ހުންނަ މީހެއްގެ ގޮތުގައި ބެލެވޭނެއެވެ.

ސިއްހީ ޚިދުމަތްތެރިންނަށް އެނގެންވާ ވަރަށް ޕީސީއޯއެސްގެ މައުލޫމާތު އެނގޭބާ؟

ޕީސީއޯއެސް އަކީ ކުރީބައިގައި ދެނެގަނެވި އެދެވިގެންވާ ވަރަށް މައުލޫމާތު ލިބިއްޖެނަމަ މެނޭޖްކުރަން ވަރަށް ފަސޭހަ ބައްޔެކެވެ. ނަމަވެސް ޕީސީއޯއެސް ދެނެގަނެވުމުގައި ބައެއް މީހުންނަށް ލަސްތަކެއް ކުރިމަތި ވެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބޭއްވި ސެމިނާގައި ވާހަކަދައްކަވަމުން ސްކޫލް އޮފް ނާސިންގްގެ ސީނިއާ ލެކްޗަރާ، އައިމިނަތް ނަހުދާ ވިދާޅުވީ ވަރަށް ގިނަ ރިސާޗްތަކުން ދައްކާ ގޮތުގައި ޕީސީއޯއެސްގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާތާ ދެތިން އަހަރު ފަހުން ވަރަށް ގިނަ މީހުން ބައްޔަށް ޑައިގްނޯސްވެފައި ވާކަމަށެވެ. އެ އަހަރުތަކުގެ ތެރޭގައި ގިނަ މީހުން އެތައް ފަހަރެއްގެ މަތިން ޑޮކްޓަރުން ބަދަލު ވެސް ކުރެއެވެ.

މި ބައްޔާ ބެހޭގޮތުން ސިއްހީ އެހީތެރިންނަށް މައުލޫމަތު އެނގުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

"މިސާލަކަށް 12 އަހަރުގެ ކުއްޖެއް ސިމްޕްޓަމްސް ހުރެގެން އައިސްދާނެ ދެއްތޯ ޑޮކްޓަރައް ދައްކަން. ގިނަ ފަހަރަށް ދައްކާނީ ކުޑަކުދިންގެ ޑޮކްޓަރަކަށް 12 އަހަރުގެ ކުއްޖެއް ވީމަ. އެ ކުޑަކުދިންގެ ޑޮކްޓަރަށް ބަލާލާފަ އެއީ ޕީސީއޯއެސްގެ އަލަމާތައްކަން އެނގޭނަމަ ބަލާލާފަ ގައިޑްކުރަން ފަސޭހަ ވާނެ ދެއްތޯ،" ނަހުދާ ވިދާޅުވިއެވެ.

ޑައިގްނޯސްވެ ފަރުވާ ފަށާ ފަހުން ވެސް ބައެއް ފަހަރު ބަލިމީހާއަށް ބޭނުންވާ ވަރަށް މައުލޫމާތު ނުލިބުމުން ފުރިހަމަ ފަރުވާއެއް ނުލިބޭ ހާލަތްތައް ކުރިމަތިވެއެވެ. އެހެންކަމުން ބަލި ތަޖުރިބާ ކުރާ މީހާ ދައްކާ ހުރިހާ ވާހަކައެއް އަޑުއެހުމަކީ ސިއްހީ ފަރުވާދޭ މީހާ ކުރުން އެންމެ މުހިންމު ކަންތައް ކަމަށް ނަހުދާ ވިދާޅުވިއެވެ.

ޕީސީއޯއެސްއާއި ނަފްސާނީ ސިއްހަތު

ޕީސީއޯއެސް ތަހަންމަލް ކުރާ ގިނަ މީހުންނަކީ އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް ކޮންމެވެސް އަސަރެއް ކޮށްފައިވާ ބައެކެވެ. ސަބަބަކީ މީހާގެ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮ ކަމަކީ ގުޅިފައިވާ ކަމަކަށް ވުމެވެ. މީހާގެ ހަށިގަނޑު ބައްޔެއް ތަހަންމަލް ކުރާނަމަ އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ނަފްސާނީ ގޮތުން ވެސް މީހާއަށް ކުރެއެވެ.

މިކަންކަމާ ގުޅިގެން އެމްއެންޔޫގެ ސައިކޮލޮޖިސްޓް ލެކްޗަރާ މަރިޔަމް އިފްޝާން ވިދާޅުވީ، ޕީސީއޯއެސްގެ ސަބަބުން މީހުން ނަފްސާނީ ގޮތުން ބަލިކަށިވާ ވަރަށް ގިނަ ސަބަބުތަކެއް ހުންނަކަމަށެވެ.

އޭގެ ތެރެއިން އެއްކަމަކީ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ހޯމޯންތަކަށް އަންނަ ބަދަލުތަކެވެ.

"ހޯމޯންއަކީ އޭގެ ޒާތުގައި މެންޓަލް ހެލްތާ ގުޅޭކަމެއް. ހޯމޯން އިމްބެލެންސްގެ އަސަރު މެންޓަލް ހެލްތައް ކުރާނެ. އެއީ ވެސް އެއް ކަންތައް އޭނައަށް ނަފްސަނީ ގޮތުން އުނދަގޫ ވާނެ. އަނެއް ކަމަކީ އެންވަޔަރަމެންޓް އެރައުންޑް އަސް،" އިފްޝާން ވިދާޅުވިއެވެ.

މުޖުތަމައުގެ ތަސްވީރަށް ނުފެތޭ މީހަކަށް ނަމަ ސުވާލު ކުރެވޭކަން ފާހަގަކޮށް އިފްޝާން ވިދާޅުވީ، ވަކި ގޮތަކަށް ހަށިގަނޑު ހުންނަ ނަމަ ސުވާލު ކުރެވޭ ކަމަށެވެ. ވަކި އުމުރެއްގައި ވަކި ކަމެއް ހާސިލް ނުވާނަމަ ސުވާލު ކުރެވޭ ކަމަށެވެ. މި ސުވާލުތައް ގިނަ ފަހަރަށް ކުރެވެނީ އަނެކާގެ އިހުސާސްތަކަށް ބެލުމެއް ނެތިއެވެ. މިއީ ވެސް ވަރަށް ގިނަ މީހުން ނަފްސާނީ ގޮތުން ބަލިކޮށްލާ ކަންކަމެވެ.

"ބޭނުންވަނީ އަސްލު ބުނެލަން މެންޓަލް ހެލްތް އެ ސްޓްރަގްލް ކުރަނީ މީހާ ބަލިކަށިވީމަ އެއް ނޫނޭ. ނިތައް އަރަފާނެ ތިމަންނަ މާ ބަލިކަށީއޭ ތިމަންނައަށް އެކަންޏޭ މިކަލަ ކަންކަން މި ވަނީ،" އިފްޝާން ވިދާޅުވިއެވެ.

ނަމަވެސް، ހަގީގަތުގައި މިއީ ވަރަށް ގިނަ މީހުން ތަހަންމަލް ކުރާ ކަންކަމެވެ. އެހެންކަމުން ނަފްސާނީ އުނދަގޫތައް ކުރިމަތި ވާނަމަ އެކަންކަން ކުރިއާލާ ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިކަންކަން ކުރިއާލާ ދެނެގަނެވުމުން މީހަގެ ނަފްސާނީ ސިއްހަތަސް ދޭންޖެހޭ އަޅާލުން ދިނުމަށް ފަސޭހަވެއެވެ.

ކެއުމަށް ގެންނަންޖެހޭ ބަދަލުތައް

ޕީސީއޯއެސްއާ ގުޅިގެން ކުރިމަތިވާ އަނެއް ބޮޑު މައްސަލައަކީ ޑައިޓުގެ މައްސަލައެވެ. ގިނަފަހަރަށް ޕީސީއޯއެސްއަށް ޑައިގްނޯސްވުމަށް ފަހު ގިނަ މީހުން ކައިރީ ޑޮކްޓަރު އެދެނީ ބަރުދަން ލުއިކުރުމަށެވެ. ނުވަތަ ހިކުމަށެވެ. ނުވަތަ ޑައިޓަށް ބަދަލު ގެނައުމަށެވެ.

މިއާއެކު ގިނަ މީހުން ހިކުމުގެ މަސައްކަތް ފަށަނީ އެކި ގޮތްގޮތަށެވެ. އެއްބަޔަކު ނުކައި ހުރެ ހިކެން މަސައްކަތް ކުރާ އިރު އަނެއް ބަޔަކު "ޓަސް"ލަފައި މުޅި ޓައިޑް އެބަ ބަދަލުކޮށްލައެވެ. ނުވަތަ ޔޫޓިއުބުން ފެނުނު މޮޅު ޗެލެންޖެއް ޖައްސާ ހަފުތާއެއް ތެރޭ ވަކި މިންވަރަކަށް ހިކެން މަސައްކަތް ކުރެއެވެ.

މިކަމުގެ ނުރައްކާތެރިކަން ހާމަކޮށް ސެމިނާގައި ވާހަކަ ދައްކަމުން ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް ވިދާޅުވީ، މިފަދައިން ދިވެހިން ކުރާ ކަންކަމަކީ ވަރަށް ނުރައްކާތެރި ކަންކަން ކަމަށެވެ.

"އަސްލު ހަގީގަތުގައި ލުއި ކޮށްލަން ޖެހޭ މިންވަރު ވެސް އެކި މީހުންނަށް ތަފާތު ވާނެ. ސުވާލަކީ މިވަރަށް ލުއި ކުރެވިގެން ރަނގަޅު ހެއްޔޭ،" އާސިޔާ ވިދާޅުވިއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިސްނަގައިގެން ދާދި ފަހުން ވަނީ ޕީސީއޯއެސް އެވެއާނެސް ސެމިނާއެއް

ކުއްލިއަކަށް ޑައިޓަށް ބޮޑު ބަދަލެއް ގެނައުމުގެ ސަބަބުން ގޭހުގެ މައްސަލަތަކާއި ތަފާތު އެހެން މައްސަލަތައް ކުރިމަތިވެއެވެ. އެންމެ ސިއްހަތަށް ފައިދާ ހުރި ގޮތަކީ ކުރީގެ ޑައިޓަށް ކުޑަ ބަދަލެއް ގެނެސް މިންހެޔޮ ޑައިޓަކަށް އެމީހާގެ ޑައިޓު ބަދަލުކުރުމެވެ.

"މިންހެޔޮ ކެއުމަކީ ހުރިހާ ބާވަތެއް ހިމެނުން. ކީކޭތޯ މި ދެންނެވީ. ކިރު ނުބޯށޭ ބާ. ނޫން. ގްލުޓަން ނުކާށޭބާ. ނޫން. ލެކްޓޯސް ފްރީކުރާށޭ ބާ. ބަތް ނުކާށޭބާ. ނޫން،" އާސިޔާ ވިދާޅުވިއެވެ.

ނަމަވެސް މިންހެޔޮ ކެއުމެއްގައި ތަށިތައް ހުންނަންވާނީ އެހެންނޫނީ ކާ މިންވަރަށްވުރެ މަދުންކަން އާސިޔާ ފާހަގަ ކުރިއެވެ.

ޕީސީއޯއެސްއާއި ކަސްރަތު

ބަރުދަން ލުއިކުރުމަށް އެތައް ބަޔަކު މަސައްކަތް ކުރާ އިރު، ގިނަ މީހުންގެ ޕީސީއޯއެސް "ޖާނީ"އާ ގުޅިފައިވާ އެއް ކަމަކީ ކަސްރަތެވެ. ވަރަށް ހިއްވަރުލާ ދުވަން ނުވަތަ ކަސްރަތަށް ޖިމަށް ގޮސްގޮސްފައި ވެސް އެ ކުރާ މަސައްކަތުގެ ނަތީޖާ ކުޑަ ދުވަސްކޮޅެއްތެރޭ ކައްޓާއިން ނުފެނިއްޖެ ނަމަ ގިނަ ބަޔަކު މާޔޫސްވެއެވެ. އެ ހިސާބުން ކަރު އެލުވާލާ އަނެއްކާ ވެސް އެ ކުރި މަސައްކަތް ހުއްޓާލައެވެ.

ކަސްރަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވެލްނެސް ކްލަބްގެ ސީއީއޯ އައިޝަތު ޝިފާނާ ވަޖީހް ވިދާޅުވީ ޑޮކްޓަރު ބަރުދަން ލުއިކުރަން ބުނުމުން ބައެއް މީހުން ވަރަށް ގަދައަށް ކަސްރަތު ކުރަން ފަށާކަމަށެވެ. އަދި އެކަމުގެ ނަތީޖާ ކައްޓާއިން ފެންނަ ކަމަށާއި އުފެދޭ ސުވާލަކީ ބަރުދަން އެ ލުއިވަނީ ސިއްހީގޮތުން ރަނގަޅަށް ތޯ ނުވަތަ ނުބައިކޮށްތޯ ކަމަށެވެ.

"ރަނގަޅަށް ބަރުދަން ލުއި ކުރެވޭނީ އަޅުގަނޑުމެންގެ ގައިގައި ހުންނަ މަސްތައް ވޭސްޓް ވެ ނުދީ. އަދި ހަށިގަނޑުގައި ހުންނަ ސަރުބީ ވިރިގެން ހުންނަންވާ ވަރަށް ފެޓް ޕަސަންޓު ގެނެވިގެން،" ޝިފާނާ ވިދާޅުވިއެވެ.

ބަރުދަން ލުއިކުރަން ކަސްރަތު ކުރާއިރު ފެންނަ މަންޒަރަކީ ވަރުގަދަ ޑައިޓެއް ކުރަމުން ވަރަށް ގަދައަށް ކަސްރަތު ކުރާތަނެވެ. މިހެން މިކަން ކުރުމުގެ ސަބަބުން ހަށިގަނޑަށް ލިބެންވާ ނިއުޓްރިއެންޓްސް ނުލިބި ހަށިގަނޑު ޑެފިސިޓަކަށް ދެއެވެ. ޑެފިސިޓަކަށް ގޮސްފި ނަމަ ވަރަށް ބޮޑަށް ވެސް ބަރުދަން ލުއިވެެއެވެ. ނަމަވެސް މި ގެއްލެނީ މަސްތައްތޯ ނުވަތަ ސަރުބީތޯ ދެނެގަތުމަކީ މުހިންމު ކަމެކެވެ.

މީހެއްގެ މެޓަބޮލިޒަމް ވެސް ރަނގަޅުވަނީ މީހެއްގެ ގައިގައި ރަނގަޅު މަސްތައް ހުންނަ ނަމައެވެ. އެހެންކަމުން ރަނގަޅު މެޓަބޮލިޒަމެއް ބިނާކުރުމަކީ ކަސްރަތުގެ މުހިންމު ކަމެކެވެ.

ޝިފާނާ ވިދާޅުވީ، ކާޑިއޯ ކަސްރަތަކީ ޕީސީއޯއެސް ހުންނަ މީހުން ކުރުން ރަނގަޅު ކަސްރަތެއް ކަމަށެވެ. ކާޑިއޯގެ ސަބަބުން މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީސީއޯއެސްއާ ގުޅޭ ގިނަ މައުލޫމާތިތަކެއް މި ސެޝަންގައި ވަނީ ފޯރުކޮށްދީފައެވެ. އަދި ޕީސީއޯއެސްގެ ވާހަކަ ދައްކާ މިކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ވަނީ ހިތްވަރު ވެސް ދީފައެވެ.

comment ކޮމެންޓް