ފަލަސްތީނުގައި ޝަހީދުވާ ކުޑަކުދިންގެ ހައްގުގައި "ފަަލަސްތީނާ އެކު ކަނބަލުން" ހިނގާލުން މިއަދު ހަވީރު ބާއްވައިފިއެވެ.
މި ހިނގާލުން މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން 17:45 އާ ދެމެދުއެވެ. ރަސްފަންނު ސަރަޙައްދުން ފެށި މި ހިނގާލުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗަށެވެ. އެއަށް ފަހު އެ ސަރަޙައްދަށް ހިނގާލުމުގެ އެންމެހައި ކަނބަލުން އެއްވުމަށް ފަހު ވަނީ ޚާއްސަ ދުޢާއެއް ވެސް ކޮށްފައެވެ.
ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މީގެ ކުރިން ވެސް ހިނގާލުންތައް ބާއްވާފައިވެއެވެ. ނަމަވެސް މިއަދުގެ ހިނގާލުމުގައި ހަމައެކަނި އަންހެނުން ބައިވެރިވި އިރު މި ހިނގާލުމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެތައް ސަތޭކަ ކަނބަލުންނެެއް މި ހިނގާލުމުގައި ބައިވެރިވިއެވެ.
އެހެން ހިނގާލުންތަކާ މި ހިނގާލުމުގެ އެންމެ ތަފާތަކީ، ހިނގާލުމުގައި ބައިވެރިވި ކަނބަލުންގެ އަތްތަކުގައި ފަލަސްތީނުގެ މަރުވާ ކުޑަކުދިން ރަމްޒުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ފޮތިތަކެއް ހިފައިގެން ތިބި ކަމެވެ. ޔަހޫދީންގެ ލާއިންސާނީ އަނިޔާގައި މަރުވާ ކުޑަކުދިންގެ ހައްގުގައި އެ ކަނބަލުން ވަނީ އަޑު އުފުލާފައެވެ.
"އަޅުގަނޑުމެންނަށް ފެނިގެން އެ ދަނީ މާބަނޑު އަންހެނުން ވެސް ބަނޑަށް ދަރިފުޅު މަރުވެގެންދާ މަންޒަރު. އެތައް މައެއްގެ ދަރިން އެ މައިންގެ ކުރިމަތީ މަރަމުން އެ ދަނީ. އެއީ ބަލަން ފަސޭހަވާނެ މަންޒަރެއް ނޫން،" ހިނގާލުމުގައި ބައިވެރިވި ކަނބަލަކު ބުންޏެވެ.
"އެހެންވީމަ އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އެ މީހުންނާ އެކު އަޅުގަނޑުމެން ވެސް އެބަ ތިބިކަން ދައްކާލުމަށްޓަކައި،"
މީގެ އިތުރުން ޕޯސްޓަރުތަކާ ބެނާތައް ވެސް މި ހިނގާލުމުގައި ބޭނުންކޮށްފައިވެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށް ރަށުގައި ވެސް ފަލަސްތީނުގެ ހާލުގައި ޖެހިފަ ތިބި ރައްޔިތުންނަށް އަޑުއުފުލައި އެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމަށް އަޑުއުފުލުމުގެ ގޮތުން ވަނީ ހިނގާލުންތައް ބާއްވާފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގައި ފޯނާއި އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފަ -- ފޮޓޯ/ ގެޓީ
އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު 9000 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އަނިޔާވެފައިވާ މީހުންގެ އަދަދު ވަނީ 20،000 އިން މައްޗަށް އަރައިފައެވެ.
އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެ، ނުވަތަ އެ ނޫން ވެސް ގޮތްގޮތުން 2030 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.