ބައިސްކޯފުގެ އަސަރުން ފުރިފައިވާ ލަވަ، "ހުއްޓިފައި" ފަލަސްތީނަށް ހާއްސަ

ބައިސްކޯފުގެ "ހުއްޓިފައި" ލަވައިގެ ޕޯސްޓަރެއް--

"ފެންނަމުންދާ މަންޒަރުތަކުން އަހަރުން މިތިބީ ހުއްޓިފައޭ"

"ހިތް މަގޭ ފުނޑުފުނޑު ވަނީ"

މިއީ ބައިސްކޯފުގެ "ހުއްޓިފައި" ލަވައިގެ ދެ ކަޑިއެވެ. މި ލަވައަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ޚާއްސަކޮށް އުފައްދާފައިވާ ބައިސްކޯފުގެ ޕްރޮޑަކްޝަނެކެވެ.

މި ލަވައިގެ ކޮންމެ ކަޑިއަކުން ވެސް ސިފަ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ މި ވަގުތުގެ ދަތި ހާލަތެވެ. އެތައް އާއިލާތަކެއް ދިރިއުޅެމުންދާ އިމާރާތްތައް ވެއްޓެމުންދާ މަންޒަރުތަކާއި، އެތައް މަޔަކު ދަރިންގެ ސަލާމަތަށްޓަކައި އަޅާ ކަރުނައާއި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް މީހުން އުޅޭ ހާލެވެ.

ލަވައާ ގުޅޭ ގޮތުން 'ސަން'އަށް ބައިސްކޯފުން މައުލޫމާތު ދިން ގޮތުގައި މި ލަވައަކީ 'ފަލަސްތީނާ އެކު ފަންނާނުން' ކުރަމުންދާ މަސައްކަތުގެ ދަށުން ކުރި މަސައްކަތެކެވެ. އަދި، 18 ފަންނާނުން ކިޔާފައިވާ މި ލަވައަކީ ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ކިޔާފައިވާ ލަވައެކެވެ.

މި ލަވަ ކިޔާފައި ވަނީ:

  • ހައިޝަމް މުހައްމަދު ރާޝިދު
  • އަންދަލާ ހަލީމް (އަންޔާ)
  • އައިޝަތު އިނާޔާ
  • އިންޝާ އަހުމަދު
  • އަބްދުލް ރަޝީދު އަލީ (އަބްސީ)
  • ހައްވާ އަޝްރާ
  • އަހުމަދު ތާލިބު
  • މުހައްމަދު ޔާނީ މުއާދު
  • އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)
  • މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)
  • ރާފިޔަތު ރަމީޒާ
  • މުސާ އަލި މަނިކު (ކޭޖޭ)
  • އަލީ ނާއިލް
  • މުހައްމަދު ނަވީޒް ސަލީމް (އަކޫ)
  • އައިޝަތު އަޒަލް އަލީ ޒާހިރު
  • ވިޝާލް (ވިއްޓެ)
  • ޚަދީޖާ މުޙައްމަދު (ރިޒޫ)
  • ހަސަން މުހައްމަދު (މޭނާ ހަސަން)

މި ލަވަ ޑައިރެކްޓު ކޮށްފައިވަނީ ނާއިޝާ ނާޝިދެވެ. ޕްރޮޑަކްޝަން މެނޭޖަރަކީ، ބައިސްކޯފުގެ އާޓް ޑިރެކްޓާ ނޫރާ ރަޝީދުއެވެ. އެގްޒިކިއުޓިވް ޕްރޮޑިއުސަރުންނަކީ، މުހައްމަދު މިރުޝާން އަބްދުﷲ ހާފިޒް އަދި އަމީނާ މުހައްމަދެވެ.

މި ލަވައިގެ ލިރިކްސް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ މަގުބޫލު ބޭންޑެއް ކަމަށްވާ ހަންބަލް ބަކަރިންނެވެ. އަދި، ނާފިލް އަފީފް ލަވަ ކޮމްޕޯސް ކޮށްފައިވާއިރު ލަވަ ޕްރޮޑިއުސްކުރީ ކޭޖޭއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ބައިސްކޯފުން އިސްނަގައިގެން ރާއްޖޭގެ ފަންނާނުންނާ އެކު އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ފަންޑްރެއިޒިންސް ހަރަކާތްތަކާ، މިއުޒިކް ޝޯ ފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް