﷽
"ދަ އޮންލީ ވޭ ޓު ސްޓޮޕް ދަ ޕެއިން އިން ޔޯ ލައިފް އިޒް ޓު އެކްސެޕްޓް ދަ ފެކްޓް ދެޓް ނަތިން އިޒް ޔޯސް، ނަތިން ވޯޒް ޔޯސް، އެންޑް ނަތިން ވިލް އެވާ ބީ ޔޯސް، ދޭ އާ ވޯލްޑްލީ އެޓޭޗްމެންޓްސް ގިވެން ބައި ﷲ، ބިލޯންގިން ޓު ﷲ، އެންޑް ރިޓާނިން ބެކް ޓު ﷲ........." ފޯނުގެ ޑިސްޕްލޭގައި އިނގިރޭސިބަހުން އިން އިބާރާތްކޮޅު ފެނުމާއެކު އޭނަގެ ލޮލުގައި ގިނަވަމުން ދިޔަ ކަރުނައިގެ މުތީތައް އޮހިގަންނާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ސަހަރާގައި ހުރި މަހާނައަކާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު މަރަކީ ކިހާ ގާތުގައިވާ އެއްޗެއްކަން ވިސްނުމާއެކު މޭގައި ފިރުމައިލެވުނީ ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. "ޔާ ﷲ ފޮގިވް މީ.......ފޮގިވް މީ....އައިމް އެ ސިނާ..މިބޮޑު ފާފައިން އަރައިގަންނާނީ ކިހިނެއް؟ ދުވަހަކުވެސް ސަލާމަތްވާނެ ކަމެއް ނޭގޭ. އެއަށްވުރެ ބޮޑު ކުށެއް ކުރެވުނީ..ފާފައިގެ ސަޒާ ލިބުން ހައްގު...ދާއިމަށް އަޒާބުލިބޭނީ މިފަދަ ފާފަވެރިންނަށް........"
***
"ވެލްވެޓް މެންޝަން" ގެ ފުރިހަމަކަމާއި ހައިބަވަންތަކަން ވަށައިގެންވާ އެހެން އިމާރާތްތަކުގެ ރީތިކަން ފަނޑުކޮށްލާފައިވެއެވެ. ރީތިކޮށް ފަރުމާކޮށްފައިވާ ގަނޑުވަރެއްފަދަ ގެއާއި ވަރުގަދަ އުސް ދޮރާށިން އެތެރޭގައި ފައި އެޅުމާއެކު މަރުހަބާ ކިޔަނީ ގުދުރަތުގެ ރީތިކަމެވެ. ކުޅަދުންވަންތަކަމެވެ. ހިޔާދޭ ބޮޑެތި ގަސްތަކާއި ކުލަކުލައިގެ މާމެލާމެލިން ބަރާވެފައިވާ ނާދިރު ގަސްތަައް ވަޔާއެކު ނަށަމުން ދިޔައިރު ފަޒާގައި ހަރުލާފައިވީ ރޫހަށް ދިރުން ގެނެސްދޭފަދަ ލުއި ނާނާއެއްގެ އަޑެވެ. ފެހިކަން ގަދަ ވިނަގަނޑު ލޮލުކޮޅަށް އޮބާލާފައެވެ. ތަނަވަސް ފެންޑާގައިވާ މުށިތަކުގައިވެސް ގަސްތައް އިންދާފައިވާއިރު ތަބުތަކުގައި އޮޅާލައިގެން ތިބި ވެޔޮތަކުގައި މާތައް ފަރިވެ ފޮޅެނީއެވެ. ވާރޭގެ ދީލަތިކަމުން އަދި ގަސްތަކަށް އާ ދިރުމެއް ލިބި ތާޒާކަމާއިއެކު ފެހިކަން ގަދަވެ ޝަބްނަމްގެ ތިކިތަކުން ޗާލުވެފައިވާއިރު ހިތްގައިމުކަމުގެ ނަމޫނާއެކެވެ.
އެފުރިހަމަ ރީތި މަންޒަރުތަކުން އުފާ ލިބިގަންނަމުން އެގޭގެ ވެރިޔާ ފާތިމާ އައްޒަހްރާ ސޯފާގޮނޑިއެއްގައި އިށީދެލައިގެން އިނެވެ. ކުރިމަތީގައި ހުރި ފޮތްގޮނޑީގައި ހުޅުވާލާފައި އޮތީ ރަންކުލައިގެ ބަނޑޭރިގަޑެއްލާފައިވާ މުސްހަފެކެވެ. ގުރުއާން ކިޔެވުމަށް ހިތް ދޫކޮށްލައިގެން އިނަސް ދޭތެރެއަކުން ވާރެއަށާއި ގަސްތަކަށް ނަޒަރު ހުއްޓާލާގޮތުން ގަސްތަކާއި ވާރެއަށް ލޯބިކުރާވަރު ފެނެއެވެ. އައްޒަހްރާގެފޯނު ކެނޑިނޭޅި ރިންގުވާން ފެށުމުން ބަލައިލެވުނެވެ."އައްސަލާމް އަލައިކުމް މަންމާ....ވިއްސާރަ ނެގީމަ މިހިރީ ގެއަށް ނާދެވިފައި...ކޮބާ ބްރަދާސް.... އެކަކުވެސް އުޅެންޏާ ފޮނުވަދީބަލަ..." ހަނގު އަންހެން ދަރިފުޅު ޖޫރީގެ އަޑު ކަންފަތުގައި ޖެހުނެވެ.
"އަދިވެސް އަލްބާން ހޭލިކަމެއް ނޭގޭ..މިއީވެސް މީހުން ނިދާ ކަހަލަ ގަޑިއެއް ނޫނެއްނު........."
"ނޫން މަންމާ. މިކަހަލަ ރެއިނީ ޑޭސްގައި ހޫނު އެނދެއްގައިި ބްލެންކެޓްދަށުގައި އޮންނަން އެންމެން ބޭނުންވާނީ....މަންމާ. ތެމިގެން އަންނަންތަ؟"
"ނޫން. ވާރޭކޮޅެއް ޖެހިލާއިރަށް ޖޫރީ ބަލިވާނެ...."
"ޔެސް...އެސްތްމާ..."ޖޫރީ ފުން ނޭވާއެއް ދޫކޮށްލިއަޑު އިވުނެވެ."މަނާކަމެއް ދޯ......................."
އައްޒަހްރާ ގޮނޑިން ތެދުވެގެން ހިނގައިގަތީ މުސްހަފް މޭގައި ޖައްސާލައިގެން ހުރެއެވެ. ﷲގެ މަތިވެރި ކަލާމްފުޅަށް ގަދަރުކުރަން ކުޑައިރުއްސުރެ އޭނަގެ މަންމަ ދަސްކޮށްދީފައިވިއެވެ. ނަމަވެސް ހިތާމައަކީ ދަރިން ގެންގުޅެވުނު މާހައުލުގެ ސަބަބުން ދީނާއި ތަންކޮޅެއް ދުރުވުމެވެ. މައިން ދަރިންނަށް ކުރާ ދުޢާ އިޖާބަކުރައްވާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ. ކެނޑިނޭޅި ދުޢާކޮށް އެދެވެމުން ދިޔައީ ފިރިމީހާއާއި ދަރިންނާއެކު ޖަންނަތުގައި އެކީގައި ލެއްވުމަށެވެ. ދުނިޔެއަކީ ވަގުތީތަނެއްކަން އޭނަވެސް ދަންނަނީއެވެ. ފިރިމީހާގެ ޖަވާހިރާއި ގަހަނާގެ ވިޔަފާރީގައި އޭނަގެ ހިއްސާވެސް އޮތުމާއެކު އަދިވެސް އެކަންތައްތަކުގައި ބައިވެެރިވެ ވިޔަފާރީގެ ކަންތައްތަކާއި ގޭގެ ޚަރަދުތައް ބެލެހެއްޓުމަކީ އޭނަގެ ޒިންމާއެކެވެ.
ކޮރިޑޯތަކާއި ސިޑިތަކުންވެސް ފެންނަނީ ރަންކުލައިގެ ބޯޑަރު އަޅާފައިވާ ދޫލަތަކެވެ. ޒަމާނީކުލަތަކަށްވުރެ ބޮޑަށް ޝާހީކަމާއ ހައިބަތު އަދި އަގުބޮޑު ފަރުނީޗަރުތަކާއި ރީތި ބައްތިތަކުން ހުރިހާތަނެއް ފަޅުފިލުވާލާފައިވިއެވެ. އައްޒަހްރާ ކޮރިޑޯއިން ހިނގާލާފައި ދިޔައިރު ހިނގުމުގައި އުދަގޫ ލަސްކަމެއް ހުއްޓެވެ. އުނަގަނޑުގައި ރިއްސުމާއެކު ވަރުބަލިކަމެއް އިހުސާސްކުރެވުނެވެ. އޭނަގެ އުމުރުން މާ ބޮޑަށް ދުވަސްވީއެވެ. ނޫނީ "ސްޓްރެސް"ބޮޑުވާންފެށީއެވެ. އަލްބާންގެ ކޮޓަރިއާއި އަރާ ހަމަވުމުން މަޑުމަޑުން ދޮރުގެ ތަޅުގައި ހިފައިލެވުނެވެ. ނަސީބަކުން ދޮރު ހުރީ ތަޅުލާފައެއްނޫނެވެ.
"އަލްބާން....ފަތިސްނަމާދަށް ގޮވީމަވެސް ހޭނުލާ ހަމަ ދެފައި ދަމާފައި ނިދަނީތަ؟ މެންދުރު ނަމާދުގެ ބަންގިގޮވާފާނެ. އަވަހަށް ތެދުވޭ...." އައްޒަހްރާ އޭނަގެ ގައިމަތީ އަޅާފައި އޮތް ރަޖާނެގިއެވެ.
"މަންމާ..ޕްލީޒް......ލީވްމީ އެލޯން......"
"ޖޫރީ ވާރޭގައި ޖެހިގެން ގެއަށް ނާދެވިފައި.."
"އޭނައަށް ޓެކްސީއަކަށް އަރައިގެން އާދެވޭނެއްނު........"
"މަންމަ ހިލޭމީހުންނަށް އިތުބާރެއްނުކުރަން...ދޭ....." އައްޒަހްރާގެ އަޑު އޯގާތެރިކަމާއި ކުލުނުން ފުރިފައިވިއެވެ.
"މަންމައާއިހެދި ނިދޭކަމެއްވެސް ނުވޭ. ކިހާ ދެރަކަމެއް..."އަލްބާން އަނގަޔަށް ގޮތެއް ހަދާލާފައި ފޯނަށް ބަލާލައިފިއެވެ.
"ދަރިފުޅަށް ގަޑިން ވީއިރެއް އެނގޭތަ؟އެލާމް ޖައްސައިގެން އޮތިއްޔާ ގައިމު ހޭލެވެންވާނެ.."
"މަންމައަކީ އެލާމްގަޑި...އެހެންޏާ.."އަލްބާން ރަޖާއެއްލާލާފައި ތެދުވެ މޯޅިއަކަށް ދެމިލިއެވެ."ކޮފީއެއް.............ބްލެކެއް..ނޫން...ކަޕުޗިނޯއެއް.....އޮމްލެޓާއި ޕޭންކޭކު. އަދި ވެފްލްސް....."
"ކޮފީވެސް އެހެން އެއްޗެހިވެސް ލިބޭނެ، އެހެންނޫނަސް މެންދުރަށް ޕާސްތާ ހަދާފައި އެބަހުރި. ފުރަތަމަ މޫނު ދޮވެލައިގެން ޖޫރީ ގެއާއި ހަމަޔަށް ގެނެސްދީ........"
"ޕާސްތާވެސް ކާނީ.. ބަނޑުގައި ތަން އެބަހުރި.މަންމަ އެހާވަރަކުން ނޫޅުނަސް އޭނައަށް އަމިއްލައަށް އުޅެވެން އެނގޭވަރުވެފައި އެހެރީ. ޖޫރީއަކީ ބޭބީއެއްނޫން މަންމަ ޅަކުރާވަރުން ވަރަށް ކޫސަނި............."އަލްބާންގެ ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކުރަމުންގޮސް ފާޚާނާއަށްވަދެ ބަންލާފައި ދޮރުޖެހިއެވެ. ނުނިދިގެން ރުޅިގަދަވީއެވެ. އަލްބާން އެހާ ރުންކުރު ރުޅިގަދަ ޒުވާނަކަށްވާން ޖެހުނު ސަބަބެއް އައްޒަހްރާއަކަށް ނޭގުނެވެ. ދަރިފުޅުގެ އަމަލު ހުރިގޮތުން ހިތުގައި ޖެހި އިރުކޮޅެއްވާންދެން ހުއްޓުން އަރާފައި ހުރުމަށްފަހު އޭނަ ހިނގައިގަތީ ކޮފީއެއް ގެނެސްދޭން ޚާދިމާއަކަށް އެންގުމަށެވެ.
އޭރު ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮށްލައިފިއެވެ. ކާކޮޓަރިއާއި ހަމަޔަށް އައްޒަހްރާ ފޯރިއިރު ބިއްލޫރިދޮރުތަކަށް އެޅިގެން ދިޔަ އަލިން ލޯ ތަރަތަރަޖަހައިގެންދާވާރުވިއެވެ. ގޭގައި ގެންގުޅޭ ކުއްޖެއްކަމަށްވާ ބާބިލް ސިހިފައި ކަންފަތުގައި އަތް އަޅައިލިއެވެ. ގުގުރިއާއި ވިދުވަރުން އެކުއްޖާގެ ހިތަށް ބިރުވެރިކަން ވަދެ އަތްވެސް ތުރުތުރުލާންފެށިއެވެ.
"ބިރުނުގަނޭ. ވާރެއަކީ ރަހުމަތެއް..ﷲ ތައާލާއާއިމެދު އަޅާ ދެކޭގޮތަށް އެފަރާތުންވެސް ތިބާއާއިމެދު ދެކެވޮޑިގެންވާނީ. އަޒާބެއްކަމަށް ހީނުކޮށް ރަހުމަތަށް އުއްމީދުކުރަންވާނީ...އާސާ ބިރުން ކަންފަތުގައި އަޅާގޮތަށް ޖޫރީވެސް ކުޑައިރުއްސުރެ އެ އާދަ ގެންގުޅެނީ....ކޮފީ ޖަގެއް ތައްޔާރުކޮށްފައި ފޮތް ކޮޓަރިއަށް ގެންގޮސްލާ.........."އައްޒަަހްރާ ފްރިޖުން އައިސްޕެކެއް ނަގައިގެން ހިނގައިތީ އައިސްޕެކް ކަދުރާގައި ޖައްސައިލަމުންނެވެ. ތަންކޮޅަކަށް ގޮސްފައި އޭނަ އެނބުރިއައިސް ވޮލެޓުން ސަތޭކަ ރުފިޔާ ނަގާފައި ބާބިލްގެއަތަށް ދިއްކޮށްލިއެވެ. ދޭތެރެއަކުން ސަދަގާތެއްގެ ގޮތުގައި ފައިސާގެ ނޫޓުތައް ދިއްކޮށްލުމަކީ އޭނަގެ އާދައެކެވެ.
"ލޮލުކޮޅުން ތޫނު އައްޔެއް...ހީވީ ހަމަ ބޮކި ދިއްލުނުހެން.."
"އެއީ ވިދުވަރު..." ބާބިލް ބުނެދިނެވެ.
މައިގްރެއިން އަންނަން އުޅޭކަމުގެ އަލާމާތްތައް ފެންނާންފެށުމުން އޭގެ ކުރިން ގަނޑުފެން އެޅުމުން ބައެއްފަހަރު ރަގަޅު ބަދަލުތަކެއް އާދެއެވެ.
އައްޒަހްރާ ލައިބްރަރީކޮޓަރިއަށް ވަނެވެ. އެއީވެސް ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އަރާމު ސޯފާސެޓްތައް ބަހައްޓާފައިވާއިރު ވަށައިގެން ޖަހާފައިވާ ހަރުގަނޑުތަކުގައި ތަފާތު ވައްތަރުގެ ފޮތްތައް ތަރުތީބުން ބަހައްޓާފައެވެ. ކުޑައިރުއްސުރެ އޭނަ މަޝްހޫރުވީ "ބުކްވޯމް"ގެ ގޮތުގައެވެ. އެހެންނުކިޔާވަރެއް ނޫނެވެ.އޭނަ ހުންނަނީ ފޮތްތަކަށް ދެވިހިފާފައެވެ. ތާރީޚީ ދީނީ ފަލްސަފާ ނުޖޫމީ އަދި ވާހަކަފޮތްތަކުން ފެށިގެންގޮސް އޭނަ ނުކިޔާކަށް ފޮތެއްނެތެވެ. ވާހަކަފޮތްތައް ކިޔަސް ބަރާބަރަށް ނަމާދުކޮށް އަޅުކަމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކޮށް ގުރުއާން ގިނަގިނައިން ކިޔެވުމަށްވެސް އޭނަ ލޯބިކުރެއެވެ. ދަރިންގެ ކަންތައްތަކުގައި ދުޢާކޮށްފައި އެވަރުން ފުއްދައިލެވެނީއެވެ. ޒަމާނީކުދިންނަށް ދީނަށް އުޅުން ފަސޭހަނުވާނެކަން އެނގުނަސް އޭނަ ހިތްވަރުކުރަނީ އެކުދިން ރަގަޅު މަގަށް ގެނައުމަށެވެ. އައްޒަހްރާގެ ތިން ފިރިހެންދަރިންގެ ތެރެއިން ޒަވިއާރުްއަކީ ޑޮކްޓަރެކެވެ. މުރުތަސިމް ޕައިލެޓް ކޯސް ނިންމުމަށްފަހު އުދުހުމުގައެވެ. ހަނގު ފިރިހެންދަރި އަލްބާން ގެ މަސައްކަތަކީ ދުވާލު ހަތަރުދަމު ނިދާލާފައި ދެން އޮންނަ ވަގުތު އެކުވެރިންނާއެކު މަޖާކުރުމާއި ކުޅިވަރުކުޅުމެވެ. ދުނިޔެއަށް ފޮނުއްވި މަގުސަދާއިމެދު އޭނަ ފިކުރެއް ނެތެވެ. އަންހެންދަރިން މީހުންނާއި އިނދެގެން ފިރިންނާއިއެކު ގޮސް ގޭތެރެ ފަޅުވީއެވެ. އެއޮތް ބޮޑުގޭގައި މިހާރު ދިރިއުޅެނީ ފިރިހެންދަރިންނެވެ.
ޒަވިއާރު ކާކޮޓަރިއަށް ވަންއިރު މަންމައާއި މުރުތަސިމްއަދި ކޮއްކޮ ޖޫރީ ކާން ފަށައިފިއެވެ. ޖޫރީވެސް ޔުނިފޯމް ބަދަލުކޮށްލާފައި ސްވެޓަރު ފޮތީގެ ހެދުމަކާއި ޖިންސެއްލައިގެންއިނީ މޫސުމާއިއެކު އޭސީގެ ފިނިކަމުން ހީފިލުވާންކަން ނޭގެއެވެ. މަންމަގެ ތަށީގައި ހުރި ތެލުލީ ކުކުޅުފަޔާއި ޕާޕަރު ފެނުމުން ޒަވިއާރު މައްސަލަޖެއްސިއެވެ.
"މަންމަގެ ޕްރެޝާ މައްޗަށް ދާއިރު މިކަހަލަ ފްރައިޑް އައިޓަމްސްތައް އޯކޭއެއްނޫން. ތަރުކާރީއާއި މޭވާ މަންމަ ކެއީމަ ފައިދާކުރާނީ..މިރޭވެސް ސަތޭކަ ހަތްދިހައިގާ އިނީ..........."
"ފޮނި އެއްޗަކަށް މިހިރީ ބިސްކަޓް ޕުޑިން..."ޖޫރީ ތަށީގެ މަތި ހިއްލާލާފައި ސަމުސަލުން ރަހަ ބަލައިލިއެވެ.
"ތިއީ މަންމައަށް ވަރަށް މީރު ކެއުމެއް...ފޮނި އެއްޗެހި ކެޔަސް ރަގަޅުވާނެތަ ދަރިފުޅާ؟"އައްޒަހްރާ ސުވާލުކޮށްލީ ހިނިތުންވެލަމުންނެވެ.
"ނޫން މަންމާ...ފޮނި އެއްޗެހިން އެންމެ ގެއްލުންވާނީ.."
ޒަވިއާރުވެސް މަންމަދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމަ ސިއްހަތަށް ގެއްލުން ހުރި ކާއެއްޗެހި ބޭނުންކުރާތީއާއި ކަސްރަތާއި ދުރުކަމުން އެވާހަކަދައްކަ ދައްކާ އޭނަ ވަރުބަލިވެއްޖެއެވެ. މަންމަ އެއްވެސް ވަރަކަށް ސިއްހަތަށް ސަމާލުކަން ނުދެނީއެވެ. މަންމަ ބުނާގޮތުން އެއްޗެއް ކައިގެން މީހަކު މަރެއްނުވާނެއެވެ. ޒަވިއާރުގެ އަވަދިނެތް ތާވަލުގެ ތެރެއިން މަންމަމެންނާއެކު ހޭދަކުރަން ލިބޭ ވަގުތުތަކުގައި އެކަން ހަދާންކޮށްލަދިނަސް މަންމަ ގަބޫލުކުރާހެން ހިޔެއްނުވެއެވެ. ނަމަވެސް ތަކުރާރުކޮށް ހަނދާންކޮށްދެވެނީއެވެ. ބަރުދަން އިތުރުވުމާއި ލޭއަދި ކޮލެސްޓްރޯލް މައްޗަށް ދިޔުމަކީ ލޭހޮޅިތައްބެދި އެތައް މައްސަލަތަކެއް ޖެހިދާނެކަމެކެވެ.
***
"އަލް.. މަންމަ ދެރަވާނެ ވޭޕްކުރީމަ. ސިއްރުން ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް............"މުރުތަސިމް ކޮޓަރިއަށް ވަންއިރު ކޮޓަރީގައި ހިފާފައި ހުރީ މެޓާއެއްގެ ވަހެކެވެ. އަލްބާން މުރުތަސިމްގެ މޫނަށް ކުޑަވިލާކޮޅެއްހެން ދުންތައް ދުއްވާލުމުން އޭނަ އުކުޅުގައި އަތް ވިއްދައިލިއެވެ.
"އަލް ރިގްރެޓްކުރާނެ އިގޭ..."
"ކޮންކަމަކާއިތަ؟"
"ސަބަބަކީ ސިގްރެޓަށްވުރެ ވޭޕްކުރުމުގެ ގެއްލުން ބޮޑު. ބައެއްކުދިންގެ ލަންގްސް ފަޅައިގެންދާކަން އެނގޭތަ؟ މަންމައަށް ތިކަން އެނގިއްޖެއްޔާ މިގެއިން ބޭރަށްލާނެ........"
"ކީޕް ދިސް އެ ސިކްރެޓް..އަހަރެންވެސް ނުބުނާނަން ސޭމްގެ ގާލްފްރެންޑެއް ހުންނަވާހަކަ.......އެވެސް ލަވަކިޔާކުއްޖެއް.."
"ތީ ކޮންވާހަކައެއް؟"
"އެލީސާއާއި ވާހަކަދައްކަން ހުއްޓާ ލޮލުން ދުށިން. ޑޯންޓް ޑިނައި އޯކޭ؟"
މުރުތަސިމްގެ އަނގަ ބަންދުވިއެވެ.
***
ދަންވިހެން ވިއްސާރަ ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. އައްޒަހްރާއާއި އޭނަގެ ދަރިންތައް ސިޓިން ރޫމްގެ ސޯފާތަކުގައި އިށިދެލައިގެން ތިބީ މަޝްވަރާއެއްގައެވެ
"މަންމާ.މަންމަގެ ފްރެންޑެއްތަ މިގެއަށް ގެންނަނީ؟" ޒަވިޔާރު އެހިއެވެ.
"މާމަގެ އެކުވެރިއެއް...މާމަ ދަރިވެސް ގޮވައިގެން އަންނަނީ. މާމަގެ ފްރެންޑް މިއުޓް....އެމީހުން ތިބޭނީ ޖެހިގެން މިހިރަ އެޕާޓްމެންޓްގައި...................."
"އޯ.......ސޭޑް..އެވެސް އިމްތިހާނެއްތަ މަންމާ؟"ޖޫރީ ކުޝަން މޭގައި ޖައްސާބާރުކޮށްލައިގެން އިނެވެ.
ޒަވިޔާރު އޭނަގެ މަންމައަށް ޑާކް ޗޮކްލެޓެއްދިނުމުން އެތިކޮޅެއްކާލާފައި އަނގަޔަށް ހަދައިލިގޮތުން ހިތި ބޭހެއް ބޮވުނުފަދައެވެ."ހާދަ ނުބައޭ....."
"ވަރަށް ފައިދާހުރި އެއްޗެއް.."
"މަންމައަށް މީރީ ސްނީކާ އަދި ބަރުބަރީ ޗޮކްލެޓް............."
"އަދި އަހަރެމެން އަޑުވެސް ނާހާ ޒާތުގެ ނަމެއް މަންމާ.."އަލްބާން ހިނިގަނޑެއްޖަހައިލިއެވެ.
"މަންމަ ނަން ހަދާންނެތުނީ. އެކަހަލަ ނަމެއް ކިޔާއުޅެނީ..މަންމަ ހިތަށް އަރާ ދޮންބެހެން އަލްބާންވެސް ޑޮކްޓަރަކަށްވާނެ ނަމައޭ..މުރުތަސިމްވެސް ޑޮކްޓަރަކަށްވިނަމަ މަންމަގެ ފިކުރުތައް ލުއިވާނެ..."
"އޭނައަކަށްނުވާނެ. ކަންނޭލުގައި ބައްދާލައިގެން ނިދުން ނޫންކަމެއްނެތް..."މުރުތަސިމް ދިމާކޮށްލުމުގެ ރާގަކަށް ބުނެލިއެވެ.
"ހޮސްޕިޓަލަށްވުރެ ގަބުރުސްތާންވެސް މަށަށް ލެސް ބޯރިން.."އަލްބާން މޯޅިއަކަށް ދެމިލިއެވެ.
"ވަރަށް ދަންވެއްޖެ، ނިދަން ދަނީ އިނގޭ މަންމާ. ގުޑްނައިޓް.."ޒަވިއާރު ތެދުވެގެން ދާން ހިނގައިގަތެވެ.
"ހީޒް ޕިސްޑް.."
"ކޮންކަމަކާއިތަ؟"
"ދޮންބެގެ ވޯކްޕްލެސްއަށް ޖޯކްޖެހީމަ. ވަރަށް ޑެޑިކޭޓެޑް ޑޮކްއެކޭ....."
ވަޓްއެވާ..އައި ހޭޓް ދެޓް ޕްލޭސް.."އަލްބާންއާއެކު މުރުތަސިމްވެސް ތެދުވެގެން ކޮޓަރިތަކާއި ދިމާލަށް ހިނގައިގަތެވެ. އައްޒަހްރާގެ ބޮލުގެ ރިހުން ގަދަވާންފެށިއެވެ. މިފަހަކަށް އައިސް ބޮލުރިހުން އާއްމުކަމަކަށްވެއްޖެއެވެ.
***
އައްޒަހްރާ އޭނަގެ އަންހެންދަރި މާހްޒަބީންއަށް ގުޅިއެވެ."މާދަން ނާދެވޭނެތަ؟ މަންމަގެ ހިތް ނުތަނަވަސްވަނީ. ކުރެވުނު ފާފައިގެ ސަބަބުން ކަން ނޭގޭ، މިއީ ރަގަޅުކަމެއްނޫން................................."
"މަންމާ ހެޔޮނުވާނެ.."މާހްޒަބީން ތަންކޮޅެއް ނުރުހިފައި ކިޔާލިއެވެ.
ނުނިމޭ