އަޒުމު ކަނޑައަޅަންވީ ކޮންމެ ކަމެއްގައި ވެސް ފުރަތަމަ ގައުމު އިސްކުރަން: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ---

ނަސްރުގެ ދުވަސް މިއަދު ފާހަގަކުރާއިރު ކޮންމެ ރައްޔިތަކު ވެސް މިއަދު ކަނޑައަޅަންވީ އަޒުމަކީ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ގައުމު އިސްކުރުން ކަމަށް އެމްޑީއޭގެ ރައީސް އަދި، މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ނެރުއްވި ޚިޠާބުގައި އެ މަނިކުފާނުވަނީ، ގައުމުގެ މިނިވަންކަމާއި، ސުލްހައަށް ގެއްލުމެއް ވެދާނެ އެންމެހައި ހަމަލާތަކުން ގައުމު ދިފާއުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ވެސް ތައްޔާރަށް ތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ހަމައެއާއެކު، ގައުމަށް ވަފާތެރި، ކޮންމެ ކަމެއްގައިވެސް ގައުމު އިސްކުރާ މުވާޠިނަކަށް ވުމަށް ހުރިހާ ރައްޔިތުންވެސް އަޒުމު ކަނޑައެޅުމަށް އަޅުގަނޑު ގޮވައިލަމެވެ،" ސިޔާމްގެ ޚިޠާބުގައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ 1988ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާއަކީ ގިނަ ކަންތައްތަކެއް ދިވެހީންނަށް ދަސްކޮށްދިން ހާދިސާއެއްކަމަށެވެ. އެ ހަމަލާގެ ފަހަތުގައި ދިވެހީންގެ ބަޔަކު ތިބިކަން ހާމަވާއިރު، ހާމަވާ އެންމެ ބޮޑު ކަމަކީ ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ކަމެއް ކުރުމަށް ފަސްނުޖެހޭ ޚާއިނުން ގައުމުގައި ތިބިކަން ކަމަށެވެ.

އެހެންކަމުން އެ ފަދަ ކޮންމެ ހާލަތަކަށް ވެސް ގައުމުގެ ސަލާމަތީ ބާރުތަކުން އަބަދުވެސް ތައްޔާރަށް ތިބުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"އެ ނުރައްކާތެރި ދަނޑިވަޅު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި އެންމެހައި ބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ،" އެ ޚިޠާބުގައިވެއެވެ.

ސިޔާމް ވިދާޅުވީ އެ އުދުވާނީ ހަމަލާ ދިން ދުވަހުގެ ހަނދާންތައް ދުވަހަކު ވެސް ހިތުން ނުފިލާނެކަމަށެވެ.

comment ކޮމެންޓް